ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހާއި، އެމަނިކުފާނުގެ އަހުވާނުން ދިގު މުއްދަތަކަށް ޖަލަށް ލާން ޖެހޭ: އަދުރޭ

ޕީޕީއެމް/ޕީއެންސީ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ "ޗަ ގޯސް" ޖަލްސާގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެމަނިކުފާނުގެ އަހުވާނުން ދިގު މުއްދަތަކަށް ޖަލަށް ލާންޖެހޭކަމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މައްސަލަ ނިމުނު ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރުމަށް އިދިކޮޅުން އިންތިޒާމުކޮށްގެން ބޭއްވި “ޗަ ގޯސް” ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިއީ އަނިޔާވެރި ވެރިކަމެއްގެ ގޮތުގައި ސިފަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ މި ސަރުކާރުގެ އަނިޔާވެރިކަމުން ދިވެހި ގައުމާއި ދިވެހި ރައްޔިތުން ސަލާމަތްކޮށްދިނުމަށް ނިކުމެވަޑައިގަތީ ހަމައެކަނި އިދިކޮޅުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަމަށެވެ.

ދިވެހި ގައުމުގެ ހާލުގެ ދުލުން ގޮވަނީ ބޮޑުތަކުރުފާނަށް، ދިވެހި ރައްޔިތުން އެދި އާދޭސް ދަންނަވަނީ ދޮން ބަންޑާރައިންނަށް. ދިވެހި ގައުމުގެ އޭރާއި މިހާރުގެ ދަރިން ހަދާން އައު ކުރަމުން ދަނީ ޝަހީދު ހުސަައިން އާދަމްގެ ހަދާން. މިއަދުގެ ތުއްތު ކުދިން ގޮވަނީ ރައީސް ޔާމީން އަށް.

އަބްދުލްރަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމާއި ގައުމީ ސަލާމަތް ދެމެހެއްޓެވުމަށް މަސައްކަތްކުރެއްވި ބޮޑުތަކުރުފާނާއި، ޝަހީދު ހުސައިން އާދަމްފަދަ ބޭފުޅުންގެ ނަންތައް ފާހަގަކުރައްވާ، ރައީސް ޔާމީން ކުރައްވަނީ އެފަދަ މަސައްކަތްތަކެއްކަން ދޭހަކޮށްދެއްވާފައެވެ.

އަބްދުލްރަހީމް ވިދާޅުވީ ތުއްތު ކުދިން ގޮވަމުންދަނީ އެކުދިންގެ މުސްތަގުބަލު އުޖާލާކޮށްދިނުމަށްޓަކައި ރައީސް ޔާމީން ވަޑައިގެންނެވުމަށްކަމަށާއި، ޒުވާނުންގެ އުއްމީދު ގުޅިފައި އޮތީ ރައީސް ޔާމީންއަށްކަމަށެވެ. އަދި ވިދާޅުވީ މި ގައުމުގެ މިނިވަންކަމާއި އަމާންކަން ގުޅިފައި އޮތީ ރައީސް ޔާމީންއާއިކަމަށެވެ. ގައުމުގެ އިސްތިގުލާލާ ސިޔާދަތުވެސް ގުޅިފައި އޮތީ ރައީސް ޔާމީންއާއިކަމަށާއި، މިއީ ދެ ބަސް ނުވެވޭނެ ހަގީގަތެއްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

މިހާރު ރާއްޖެ އޮތީ ގައުމަށް ކުރިމަތިވާނެ އެންމެ ނުރައްކާތެރި ހާލަތުގައިކަމަށް ވިދާޅުވެ އަބްދުލްރަހީމް ވަނީ ދިވެހި ރައްޔިތުންގެ ބޭނުންވި ގޮތަށް ޗާގޯސްގެ މައްސަލަ ނިމިއްޖެކަމަށް ބުނާ ފަރާތްތަކަށް ރައްދުދެއްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ މައްސަލަ ނިމުނީ ދިވެހި ރައްޔިތުން ބޭނުންވި ގޮތަކަށް ނޫންކަމަށާއި، މައްސަލަ ނިމުނީ ޢައްދާރުން ބޭނުންވި ގޮތަށްކަމަށެވެ. މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބެންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، އިނގިރޭސި އިސްތިއުމާރުގެ ދަށުގައި ދުނިޔެ އޮތްއިރު ޗާގޯސްގެ އިދާރީ ކަންކަން ބަލަހައްޓަމުން ގެންދިޔައީ މޮރިޝަސް މެދުވެރިކޮށްކަން ނޫން އިތުރު ހުއްޖަތެއް ނުދެއްކޭކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

މާދަމާ އަންނަ އޮތް ޖީލުތަކަށްވެސް މި އިބްރާހީމް ޢައްދާރުވެއްޖެއޭ. މީނަ ބާލަން އެބަޖެހެޔޭ. މީނަ ވެރިކަމުން އަޒުލުކުރަންޖެހެޔޭ. މީނަ ޖަލުގެ ކުޑަގޮޅިއަށް ލާންޖެހެޔޭ. މީނަގެ ނޮހޮރުންޕާނުން ސަލާމަތްވާން އެބަޖެހެޔޭ. މީނަގެ އަހުޥާނުން ދިގު މުއްދަތަކަށް ޖަލަށް ލާން އެބަޖެހޭ.

އޭރު ދިވެހިރާއްޖޭގެ އިދާރީ ކަންކަން ބަލަހައްޓަމުން ގެންދިޔައީ ސިލޯނުންކަމަށް ވިދާޅުވެ، އަބްދުލްރަހީމް ސުވާލުއުފެއްދެވީ ސިލޯނުން ނިކުމެ ރާއްޖޭގެ ސިޔާދަތީ ބާރު އޮންނާނީ ސިލޯނަށްކަމަށް ބުނުމުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ މި ސަރުކާރުން އެއްބަސްނުވާނެކަމާއިމެދު އެއްވެސް ޔަގީންކަމެއް އެބައޮތްތޯއެވެ.

އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ރައީސް ސާލިހުގެ މި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ވިއްކާލީ 500 މިލިއަން ޑޮލަރަށްކަމަށް ބުނަމުންދާކަމަށާއި، މިއީ ތަހުގީގުކުރަންޖެހޭ މައްސަލައެއްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އަބްދުލްރަހީމް ކަންބޮޑުވުންފާޅުކުރެއްވީ ގައުމުގެ މިނިވަންކަމާއި، ސަލާމަތަށް ގުޅުން ހުރި ކަންކަން ވެގެންދާއިރު، އެކަމުގެ ޒިންމާއާއި މަސްއޫލިއްޔަތުތަކާއި ހަވާލުވެގެން ތިބި މީހުން ކޮބައިތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: