ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމެޓީތަކަށް ޕީޖީ ގުރޫޕުން ބޭނުންވާ ބަދަލު ޖެހޭނީ ގެންނަން، މަޖިލީހަކީ ނަޝީދުގެ އަމިއްލަ ގެދޮރެއް ނޫން: އަސްލަމް

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އަދި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ދާއިިމީ ކޮމިޓީތަކަށް އެމްޑީޕީން އައްޔަންކޮށްފައިވާ މެމްބަރުންނަށް ބަދަލުތަކެއް ގެނެސްދިނުން އެދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ހުށަހަޅާފައިވާ ގޮތަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެކަން ކުރައްވަން ޖެހޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ހުށަހަޅާފައިވާ ބަދަލުތައް ކޮމެޓީތަކަށް ނުގެންނަވާނެ ކަމަށް ވިދާޅުވެ މަޖިލީޙުގެ މެމްބަރުން ތިއްބަވާ ވަޓަސްއަޕް ގުރޫޕަށް ރައީސް ނަޝީދު ވަނީ މެސެޖު ކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ  މެމްބަރުން އަމިއްލައަށް އެދި، ހުށަހަޅައިގެން ނޫންގޮތަކަށް މެމްބަރުން ކޮމިޓީތަކުން ވަކި ނުކުރެވޭނެކަމަށާއި ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތަށް އެ އެންގުންތަކަށް އަމަލު ކުރަން ޖެހޭތަނެއް ނޫންކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުން މުގައްރިރުން ވަކި ކުރާ އުސޫލެއް ކަނޑައެޅިފައި ވަނިކޮށް އުސޫލާއި ހިލާފު ނުވެވޭނެ ކަމަށެވެ. މަޖިލީހުގެ ހުރިހާ މެމްބަރުންނާއި، އިދާރީ މުވައްޒަފުން ތިބި ގުރޫޕަށް ފޮނުވި މެސެޖުގައި އެމަނިކުފާނު ވިދާޅުވީ 2019 ގައި ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން އެމްޑީޕީގެ ދައިރާ ރައީސުން ނިކުމެ ޕާޓީގެ ކެނޑިޑޭޓު ކަޓުވާލައި “އެކި މީސް މީހުން” މަޖިލީހަށް ހޮވި މައްސަލަ ވެސް ނުބެލުނު ކަމަށެވެ. އެހެންކަމުން އެ މައްސަލަ ދޫކޮށް، ފިޔަވަޅު އަޅާ ކޮމިޓީން މިހާރު ބަލާ މައްސަލަތައް ބެލުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

ކޮމެޓީތަކަށް ބަދަލު ނުގެންނަވާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި މެސެޖާއި ގުޅިގެން “ސަންގު” އަށް މައުލޫމާތު ދެމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ފަރާތުން ހުށަހެޅީ ކޮމެޓީތަކުގެ މުގައްރިރުން ބަދަލު ކުރަން ނޫން ކަމަށާއި ހުށަހެޅީ އެމްޑީޕީގެ ސްލޮޓްތަކުގައި އެކިއެކި ކޮމެޓީތަކުގައި ތިއްބެވި މެމްބަރުން ބަދަލު ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ ކޮމެޓީތަކުގެ މުގައްރިރުން ބަދަލު ކުރާނެ ގޮތް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ކަމަށާއި އަދި ޕާޓީގެ މަޖިލިސް މެމްބަރުން ކޮމެޓީތަކަށް އައްޔަން ކުރާނެ ގޮތް ނިންމާނީ ޕީޖީ ގުރޫޕުން ކަމަށެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީގެ ސްލޮޓްތަކުގައި ކޮމެޓީތަކުގައި ތިއްބެވި މެމްބަރުން ބަދަލުކުރުމަށް އެދި ޕީޖީ ގުރޫޕުން ހުށަހަޅާފައިވާ ގޮތަށް އެކަން މަޖިލީހުގެ ރައީސް ރައީސް ނަޝީދު ކުރައްވަން ޖެހޭނެ ކަމަށާއި މަޖިލީހަކީ ރައީސް ނަޝީދުގެ އަމިއްލަފުޅު ގެދޮރު ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އަމިއްލަ ގޭގައި ވެސް އުޅެން ޖެހޭނީ އެ ގޭގައި އުޅޭ އެހެން މީހުންނަށް އަނދަގޫ ނުވާނެ ގޮތަށް ވަކި ހަމަތަކެއްގެ ތެރެއިން ކަމަށާއި އެގޮތުގެ މަތިން މަޖިލީހުގައި ވެސް ރައީސް ނަޝީދު އުޅުއްވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ގަވާއިދުގެ ތެރޭގައި ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގައި ރައީސް ނަޝީދު ބޭނުންފުޅުވާހާ ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށެވެ.

މީގެއިތުރުން އަސްލަމް ވިދާޅުވީ އެމްޑީޕީން ހުށަހަޅާފައިވާ ގޮތަށް ކޮމެޓީތަކުގައި ޕާޓީ ތަމްސީލް ކުރައްވާ މެމްބަރުން ކޮމެޓީން ބަދަލުވާން އިއުތިރާޒް ކުރާނަމަ މަޖިލީހުގެ ސެކްޓްރީއޭޓުން ޕީޖީ ގުރޫޕަށް އަންގަން ޖެހޭނެ ކަމަށާއި އޭގެ ފަހުން ކޮމެޓީތަކުގައި ޕާޓީ ތަމްސީލް ކުރާ މެމްބަރުން ބަދަލު ކުރުމަށް ޕީޖީ ގުރޫޕްގެ ބައްދަލުވުމެއްގައި ވޯޓު ނަގާ ޕީޖީ ގުރޫޕުން ފާސް ކުރާ ގޮތެއްގެ މަތިން މަޖިލީހުގެ ރައީސް އެކަން ކުރަން ޖެހޭނެކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
88%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: