ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި މެންބަރުންނަށް ސަރުކާރު ބިރުދައްކާކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި މެންބަރުންނަށް ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި، ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބިރުދައްކަމުންގެންދާކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވިއިރު ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ.

ހަސަން ލަތީފް ހުށައެޅުއްވި މައްސަލަގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ މީހަކައްވެސް ލިބިގެންވާކަމަށެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތްކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައިވަނީ 24 މެއި 2023 ގައިކަން ފާހަގަކޮށް ބުނެފައިވަނީ، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ އަދަދުގެ މީހުންގެ ސޮޔާއިއެކު ހަފްތާއެއްގެ ތެރޭގައި 1 ޖޫން 2023 ގައި ވާނީ އީސީއަށް ސައްހަ 3650 ފޯމު ހުށައަޅާފައިކަމަށެވެ. އެއީ ރާއްޖޭގެ ރެކޯޑެއްކަމަށާއި، އެއީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި ހަމަކޮށް އެންމެ ކުރު މުދައްތަކެއްގެ ތެރޭގައި އީސީއަށް ފޯމު ހުށައެޅުމުގެ ރިކޯޑެއްކަމަށް ބުނެފައިވެއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް 1 ޖޫން 2023 ގައި އީސީއަށް ހުށަހެޅި ފޯމްތަކުގައި ހުރި މައުލޫމާތު ވަނީ ސަރުކާރުން ވަގަށް ހޯދައި، އެ މައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީސް މީހުންނަށް ގުޅައި ބިރުދައްކަން ފަށާފައިކަމަށް ހަސަން ލަތީފް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ. އަދި ސަރުކާރުން އެކަން ވަރަށް ފުޅާ ދާއިރާއެއްގައި ހިންގަމުންދާކަމަށް ސިފަކޮށް ބުނެފައިވަނީ، ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި، ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަޑައިގަންނަވަނީ އެ އަމަލު ހިންގަމުންކަމަށްވެސް ބުނެފައިވެއެވެ. އަދި އެއީ މުޑުދާރު އަމަލެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

އެގޮތުން ގުޅުއްވާ ފަރާތްތަކުގެ އަރިހުން ސާފުކުރަމުން ގެންދަނީ، ގޯއްޗަށް ނުވަތަ ފްލެޓަށް އެދު ފޯމު ހުށަހަޅާފައިވޭތޯ ނުވަތަ ދަރިފުޅު ސްޑޫޑެންޓު ލޯނަށް ހުށައަޅާފައިވޭތޯފަދަ ކަންކަންކަމަށް މައްސަލައިގައި ބުނެފައިވެއެވެ، ސަރުކާރުން ގުޅުއްވާ ބޭފުޅުން ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައިވާ ބޭފުޅުންނަށް އަންގަމުންދަނީ ސަރުކާރުގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނީގައި އޮތް ދަރިފުޅުގެ ވަޒީފާގައި ބަހައްޓަން ބޭނުންވާނަމަ، ޑިމޮކްރެޓްސްއަށް ކޮށްފައިވާ ސޮއި އަނބުރާ ނެގުމަށްކަމަށާއި، އަދި ޑިމޮކްރެޓްސްއަށް ކޮށްފައި އޮތް ސޮއި އެއީ ކޮށްފައި އޮތް ސޮއެއް ނޫންކަމަށް އީސީގައި ބުނުމަށްވެސް އަންގަމުންދާކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

ޑިމޮކްރެޓްސްއިން ބުނެފައިވާ ގޮތުގައި މިކަމުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގަމުން ގެންދާ ހުތުރު އަމަލުތަކަކީ އެމްޑީޕީ އުފެއްދި މަގްސަދުތަކާއި، އެ ޕާޓީއިން ވަކާލާތު ކުރަމުން ދިޔަ ހަމަތަކާއި އުސޫލުތަކާއި ދިމާ އިދިކޮޅު އަމަލުތަކެކެވެ. އަދި އެއީ އެމްޑީޕީ އުފެއްދުމަށް މަސައްކަތްކުރިއިރު، އެމްޑީޕީ އުފެދުނަ ނުދިނުމަށް އޭރު އޮތް ސަރުކާރުން އެ ޕާޓީ އުފެއްދުމުގެ މަސައކްަތްކުރެއްވި ބޭފުޅުންނާއި ކުރިމަތިކުރުވި ކަންކަންކަމަށް މައްސަލައިގައި ބުނެފައިވެއެވެ، މިއީ ހަމަ އެމްޑީޕީއަށް ސޮއިކުރި އާންމު މެންބަރުންނަށް ދެއްކި ބިރުކަމަށާއި، އެ މެންބަރުންނަށް ބޯހިޔާވަހިކަމާއި، ވަޒީފާއާއި، މަތީ ތައުލީމުގެ ފުރުސަތު ފަދަ ހައްގުތައް ހިފެއްހެއްޓުމަށް މަސައްކަތްކުރި ކުރުންކަމަށް ބުނެފައިވެއެވެ. މިކަމުގައި އެންމެ ލަދުވެތި އަދި އެންމެ ހިތާމަވެރިކަމުގެ ގޮތުގައި ޑިމޮކްރެޓްސްއިން ބުނެފައިވަނީ އެ އަނިޔާވެރި ނާތަހުޒީބީ އަމަލުތަކާއި، ބިރުދެއްކުމުގެ މަސައްކަތް މިއަދު ހިންގަވަމުން ގެންދަވަނީ އެމްޑީޕީގެ އެތައް ހާސް މައުސޫމް މެންބަރުންގެ ނަމުގައި އުފެދިފައި އޮތް ސަރުކާރެއްގައި ހުންނެވި އެމްޑީޕީގެ ރައީސްއަށްވުމެވެ.

ހަސަން ލަތީފްގެ މައްސަލައިގައި ދަ ޑިމޮކްރެޓްސް އުފެއްދުމަށް ސޮއިކުރެއްވި ބޭފުޅުންގެ ކިބައިން ސާބިތުކަމާއިއެކު ދެމިތިއްބެވުމަށް ވަނީ އެދިފައެވެ. އަދި އަކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބި ބިރު ފަހަނައަޅާ ދިއުމަށް އެދިފައިވާއިރު، މިނިސްޓަރުންގެ ފޯނު ކޯލުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ ފޯނު ކޯލުތަކަށް ނުސިހުމަށާއި، ބިރުދައްކަން ގުޅާ ކޮންމެ މީހެއްގެ މައުލޫމާތު ސޯޝަލް މީޑިޔާގައި ހާމަކުރަމުން ގެންދިއުމަށްވެސް އެދިފައެވެ.

ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން ސިޔާސީ ޕާޓީ އުފެއްދުމުގެ ހައްގަކީ އަސާސީ ހައްގަކަށްވީއިރު، ދަ ޑިމޮކްރެޓްސް އުފެއްދުމަށް ސޮއިކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން އެއްވެސް މިންވަރަކަށް ބިރު ނުދެއްކުމަށް ވަނީ ގޮވާލާފައެވެ.

މި މައްސަލައާއި ގުޅިގެން ދަ ޑިމޮކްރެޓްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި

އެމްޑީޕީގެ ނައިބު ރައީސްކަމުގައި ކުރިން ހުންނެވި މުހައްމަދު ޝިފާޒް ވިދާޅުވީ ޕާޓީ އުފެއްދުމަށް ބޭނުންވާ މެންބަރުން ހަމަކުރުމަށް ދިން ފުރުސަތުގެ ތެރޭގައި 3،560 ފޯމް ހުށައަޅާފައިކަމަށާއި، ނަމަވެސް ވެރިފިކޭޝަން ޕްރޮސެސް ހިންގަން އޮތް މުއްދަތުގެ ތެރޭގައި، އެ ފޯމުތަކުގައި ހުރި މައުލޫމާތު އާންމުވެފައިވާކަމަށެވެ. މިކަން ހިނގާފައި ވަނީ ގާނޫނުގެ ދަށުން އޮންނަ އުސޫލުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެބްސައިޓަށް އާންމުކުރުމުގެ ކުރިންކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި އީސީއިންވެސް އެ ލިސްޓު ވެބްސައިޓުގައި އާންމުކޮށްފައިނުވާނެކަމަށް ބުނިކަމަށް ޝިފާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: