ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެސީގެ ދަތުރު ކުރަމުންދާ އޮޑީގެ މިސްރާބު އޮޅުނީތަ؟

އެމްޑީ÷ީގެ އިސް ލީޑަރު ރައީސް ސާލިހާއި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ވެއްޓެއް ގާއިމު ކުރުމަށްޓަކައި، ގިނަ އަދަދެއްގެ ރައްޔިތުންތަކެއްވަނީ އެތައް ގުރުބާނީތަކެއްވެފައެވެ. ފޮޓޯ އާއީ ވީޑިއޯތައް ދައުރުވެ، މަޝްހޫރުވެގެންދިޔައީ އަދި އެކަމުގެ ފޮނި މީރުކަން ތަޖުރިބާ ކުރީ މަދު ބައެއް ނަމަވެސް، ހަމަ އެ ބަޔެކޭ އެއް ފަދައިން ޖަލުގައި އަދި އަނިޔާވެރިންގެ އަތް ދަށުގައި އެތައް ބަޔަކު ވާނީ އެތައް ޒުލުމުތަކުގައި އެތައް ކަމެއް ތަހައްމަލުކޮށްފައިކަމީ ޝައްކެއްވެސް ނެތް ކަމެކެވެ.

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ކާމިޔާބު އެއް ސިޔާސީ ޕާޓީ ވުޖޫދުވެގެން އައި، މި ދެންނެވި ފަދަ ހާލަތެއްގެ ތެރެއިންނެވެ. ސަގަރޭ ޕާކުގައި އިޝީނީ ހަމައެކަނި މިހާރުގެ މަޖިލީހުގެ ރައީސް އަދި އެމަނިކުފާނަށް ތާއިދު ކުރާ ބޭފުޅުން އެކަންޏެއް ނޫނެވެ. މުގުރާއި ކަރުނަ ގޭހުގެ ވޭންދެނިވިކަން ހަނދުމައިން ކައްސާ ނުލާނެ މިންވަރަށް ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނަށް އިހުސާސް ކުރެވިފައިވާނެއެވެ.

ރާއްޖޭގައި އޭރު އޮތް ވެރިކަމާއި ވެރި ފަރާތެއްގެ ގޮތުގައި ހުންނެވި މީހެއްގެ ކިބައިން ސަލާމަތްވެ، ޑިމޮކްރެސީ އާއި ދިމާލަށް ފެށި ދަތުރު، ކުރެވިގެން ދިޔައީ، ދިވެހި ރައްޔިތުން އެކަމަށް ބޭނުންވާ ނުފެތޭނެކަމަށް ބުނި އޮޑި ބަނުމުންނެވެ. އަދި އޭގައި އިންޖީނެއް އެޅިނަމަވެސް، އެޔެއްވެސް އެޅީ އާންމުންކަމަށްވާއިރު، ކުރަމުން ދިޔަ ބުރަ މަސައްކަތްތަކާއި ހޭދަ ކުރިހާ ފައިސާއެއް އެއީ ދަތުރަށް ބޭނުންވި ތެޔޮކަމަށް ބަލައިފިނަމަ، އެއީވެސް ދިވެހި ރައްޔިތުން ކުރި ހޭދައެކެވެ. ވަރަށްވެސް ގިނަ އުންމީދުތަކާއިވެސް އެކުއެވެ.

އެހެންކަމުން މިއަދު ވެރިކަން ކުރާ މައި ޕާޓީގެ ގޮތުގައި އެމްޑީޕީ އޮތް އިރު، ރާއްޖޭގައި ޑިމޮކްރެސީ އާއި ހިލާފު އެތައް ކަމެއް ފެންނަމުން ދިއުމަކީ މި ދެންނެވި ފަރާތްތަށް ކެތްކުރަން ދަތި އަޑާއި މަންޒަރުތަކަކަށް ވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި، އިން ވަކި ކުރުމުގެ މައްސަލަ އަދި ޖީއެސްޓީ ބޮޑު ކުރުމާއި ކޮތަޅަކަށް ދެ ރުފިޔާ ނަގަން ނިންމުމަކީ މިފަދަ ކަންކަމުގެ މިސާލުތަކެވެ.

ކިޔަނީ ރައްޔިތުންގެ މަޖިލީހެވެ. އެހެންނަމަވެސް މިހާރު އެތަނަށް އެ ލަގަބު ދިނުން ހެޔޮވެސް ނުވާނެ ފަދައެވެ. ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑެއް އިއްވާލަދެއްވަނީ މަދު މަންދޫބުންތަކެކެވެ. ގިނަ އަދަދެއްގެ ބޭފުޅުން ތިއްބަވަނީ އެޅިހާ ބަތަކަށް ރިހަ ކިޔައިން، މެޖޯރިޓީ ވިޕަށް ތަބާވުމަށްކަމަށްވާއިރު، މަޖިލީހުގެ ތަޅުމުގައި ކުރެވޭ ބަހުސްއެއްގައި ވެސް ބައިވެރިވާ މަންޒަރު ފެނިގެންދަނީ މަދު ފަހަރެއްގައެވެ. ތަމްސީލު ކުރަމުންދާ ދާއިރާތަކަށް ބެލުމުން އެތަނެއްގައި މެމްބަރެއް ނެތް ފަދައެވެ.

މަޖިލީހުގައި ތިއްބަވާ ރުއް ގިނަ އަަޑުގަދަ މެމްބަރުން ތަމްސީލުކުރަމުންދަނީ ރައްޔިތުންނެއް ނޫނެވެ. ރައްޔިތުންގެ މެމްބަރުންގެ ގޮތުގައި މަޖިލީހުގެ ގޮނޑިއާއި އެ އަރާމާއި ފައިސާ އާއި ހިސާބަށް ވާސިލުވުމަށްފަހު، ތަމްސީލުކުރައްވަމުންދަނީ ރައީސް އޮފީހެވެ. މިއީ މިއަދު ރައްޔިތުންގެ ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށްވާއިރު، އެމްޑީޕީއިން ވަކިވެ، ސަރުކާރުގެ ފެކްޝަނެއް އޮތްކަމަށް ބައެއް މެމްބަރުންދަނީ ފާހަގަކުރައްވަމުންނެވެ. ހުދު ރައީސްވެސް ވަނީ އެމަނިކުފާނުގެ އަތުގައި މަޖިލީހުގެ ކޮންޓްރޯލް އޮތްކަމަށް ބުނެފައެވެ.

މިއަދު މަޖިލީހަށް ހުށައެޅޭ ބިލަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބިލެއް ނުވަތަ ގަރާރެއްނަމަވެސް، ރައީސް އޮފީހުގެ މެމްބަރުންނަށް އެ ބިލާއި މެދު އަމަލުކުރެވެނީ ރައްޔިތުން އެދޭ ގޮތުގެ މަތިންކަމަކަށް ނުފެނެއެވެ.

މިކަން އެންމެ ރަނގަޅަށް ފެނިގެންދިޔަ އެއް މައްސަލައަކީ ރާއްޖޭގެ ރައްޔިތުން އަތުން ނަގަމުންދިޔަ ޖީއެސްޓީގެ އަދަދުތައް ބޮޑުކުރުމަށް ފާސްކުރި ކުރުމުންނެވެ. ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން، މުޅި ގައުމު އިނދަޖެހި، ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ ހާލަތު އިންތިހާއަށް ދައްވެގެންދިޔައެވެ. އެހެންކަމުން އިތުރު އެންމެ ފައިސާ ފޮއްޗެއްވެސް ދިނުން ވެގެންދާނީ ބޮޑު ކަމަކަށެވެ. ހާއްސަ ގޮތެއްގައި ދިވެހިރާއްޖެއަކީ އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ގައުމެއްކަމަށް ބުނާއިރު، އެކަމުން ރައްޔިތުންނަށް ކުރާ މަންފާއެއް ނެތްކަމަށްވުމުންނެވެ. ސަރުކާރަށްވެސް ލިބޭ ހެން ހީނުވެއެވެ. ލިބެމުންދާނަމަ، ރައްޔިތުންގެ ޖީބަށް އަތް ބާނަން ނުޖެހުނީސްއެވެ.

މި މައްސަލައިގައި އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަން ކަމަށް ބުނާ މެމްބަރުން ވަނީ ރައްޔިތުން އެކަމާއި ދެކޮޅަށް ތިއްބެވިކަމަށް އެކި ފުރުސަތުތަކުގައި ފާހަގަކޮށްފައެވެ. އެހެންކަމުން ވޯޓާއި ހިސާބަށް ދިއުމުން ޓެކްސް ބޮޑު ކުރުމަށް ވޯޓެއް ނުދިނެވެ. އެ ބޭފުޅުން ބުނާގޮތުން، ވޯޓު ނުދެއްވީ ޖީއެސްޓީ ބޮޑު ކުރުމަށް ރައްޔިތުން ނޭދޭތީއެވެ. ނަތީޖާ މިއަދު އޮތީ ފެންނަންށެވެ. އެ ބޭފުޅުން ޕާޓީގެ ނިންނުމާއި ހިލާފަށް މަޖިލީހުގައި ވޯޓުދިނުމުން ފިޔަވަޅު އެޅިއެވެ.

ދެން އޮތީ އިމުގެ މައްސަލައެވެ. އިންޓަރނެޓަށް ފަރިތަ ދިވެހި ރައްޔިތުންނަށް މޮރިޝަސް ކިޔާ އަވައްޓެރި ގައުމެއް ބުޑުގައި އޮތް ކަމެއް ފެންނާކަށް ނެތެވެ. އޮތީ ހާހެއް ހާ މޭލު ދުރުގައި އޮތް ގައުމެކެވެ. އެހެންނަމަވެސް ދިވެހި ރައްޔިތުންނަށް އެނގުމެއް އެންގުމެއް ނެތި، މިއަދު އެވަނީ މޮރިޝަސް އާއި ރާއްޖެއާއި ދެމެދު އިން ވަކިކޮށްފައެވެ. އިން ވަކި ކުރަންޖެހުނީ ރާއްޖެއިން ޗާގޮސްއަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ބަލައިގަތުމުންނެވެ. އެހެންނަމަވެސް ސަރަހައްދުން ބައެއް ގެއްލިގެން ގޮސްފައިވާކަމަށް އަގުލަބިއްޔަތު އަދަދެއްގެ ރައްޔިތުން ބުނަމުންދާއިރު، މިކަމުގައި ސަރުކާރު ފެކްޝަނުން ބުނަނީ ދެން އެތަން ހޯދޭނީ ހަނގުރާމައިން ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުން ކަމަށް ފެނިގެންދާ މި މައްސަލައިގައި ރައްޔިތުންގެ ވޯޓެއް ނެތެވެ. ރައްޔިތުންނަށް އެނގުނީ މައްސަލަ ނިމުމުންނެވެ. މިއަދު އެއްކަލަ ނުފެތޭ އޮޑި ދުއްވަމުންދަނީ މުޅިންހެން ޑިމޮކްރެސީ އާއި ދުރު މަންޒިލަކަށެވެ. ދިގު ދަތުރެއްކަމަށްވުމުން، އޮޅެނީ ކަމަށްވެސް ވުމީ އެކަށީގެންވާކެމެކެވެ.

އެހެންނަމަވެސް މިއަދު އޮތް ސަރުކާރުގެ ވިސްނުމުގެ ކިލަނބު މިންވަރުގެ އެންމެ ފުރިހަމަ މިސާލަކީ ކޮތަޅު މައްސަލައެވެ. ވިސްނަވާށެވެ. ރައްޔިތުން ގަންނަ ޕްލާސްޓިކު ފުޅިތައް ވަކި ކޮތަޅަކަށް އަޅަން މަޖުބޫރު ކުރުވައިގެން، އެއްކަލަ ފުޅިތައް ހިފައިގެން ގޮސް ކޮތަޅު އުފައްދަނީއެވެ. އުފެއްދަނީ ރައްޔިތުންގެ ޓެކްސް ފައިސާގެ ބާރުގައި ހިންގާ ކުންފުންޏާއި ވަސީލަތްތައް މެދުވެރިކޮށެވެ. އެހެންނަމަވެސް ރައްޔިތުން ޖެހެނީ އެއްކަލަ ފުޅިން އުފައްދާ ކޮތަޅުގަނޑު ދެ ރުފިޔާ ދިނުމަށްފަހު ގަންނާށެވެ.

ޕްލާސްޓިކު މައްސަލައަށް ހައްލެއް ގެންނަން ބޭނުންވެގެން ކަމަށް ބުނި ނަމަވެސް، ގަބޫލުކުރަން ދައްޗެވެ. އެ މައްސަލަ އަށް ހައްލުތަކެއް ގެނެވެނީ ކޮތަޅު އުފައްދައިގެން ފައިސާ ނެގުމުންތޯއެވެ؟ ޔަގީނުންވެސް އެ މައްސަލައަށް އެހެނިހެން ހައްލުތައް އޮންނާނެއެވެ. އަދި ކޮތަޅު އުފައްދާނެ ވަސީލަތްތައް ގާއިމުކޮށްގެން ތިބޭނީ އެކަން ކުރުމަށް ބޭނުންވުމުން ކަމީ އެއްވެސް ޝައްކެއް ނެތްކަމެކެވެ. ކޮތަޅަކުން ދެ ރުފިޔާ ނަގަން ފެށީވެސް ގިނަ އަދަދެއްގެ ރައްޔިތުން އެކަމާއި ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށެވެ. މައްސަލަތައް ހޫނުވެ، މިއަދު އެހެން އެއްވެސް ސަރުކާރަކަށް އަމާޒުނުވާ ފާޑުކިޔުން މިހާރުގެ އެމްޑީޕީގެ ސަރުކާރަށް އަމާޒުވެއްޖެއެވެ. “ކޮތަޅު ސަރުކާރު” ކިޔާއިރު “ކަނޑުފޭރޭ” ސަރުކާރުގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން ނިސްބަތް އެބަކުރެއެވެ.

މިއީ ދިވެހިރާއްޖޭގެ ޑިމޮކްރެސީގެ ދަތުރު ކުރަމުންދާ އޮޑީގެ ހުންގާނުގައި ހިފަހައްޓައިގެން ތިއްބެވި ފަރާތްތަކަށް އަމާޒުވަމުންދާ ތުހުމަތުތައް ކަމަށްވުމުން، މިއީ ރާއްޖޭގައި އިސްލާހީ މަސައްކަތްތައް ކުރައްވަމުންދާ އެންމެހާ ފަރާތްތަކަށް ހިތާމަވެރި އަދި ލަދުވެތި ދުވަހެކެވެ. ގަސްތުގައި އެއްވެސް ފަރާތަކުން މިފަދަ މުހިންމު ދަތުރެއްގެ މިސްރާބު އޮޅުވާލާނެކަމަށް ގަބޫލުކުރަން ދައްޗެވެ. އެހެންނަމަވެސް އެ ތުހުމަތުވެސް ކުރަމުންދަނީ އަރިހުގައި ތިއްބެވުމަށްފަހު، މިއަދު އިދިކޮޅުގައި ތިއްބެވި ފަރާތްތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: