ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ވުރެ ބޮޑަށް މިއީ ގާސިމާއި މައުމޫނުގެ ސަރުކާރެއް: ދޮންބިލެތް

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ހިންގުމުގެ ތެރެއަށް ކޯލިޝަންގެ އެހެން ޕާޓީތަކުގެ ނުފޫޒުތައް ވަދެ މިހާރު ފެންނަން އޮތީ އެމްޑީޕީއަށް ވުރެ ބޮޑަށް އެބޭފުޅުންގެ ވެރިކަމެއްގެ ގޮތުގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ސިފަ ކުރައްވައިފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި އެކު ޕާޓީގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް ޖެހި ސަރުކާރާއި އެއްކޮޅު އަދި ސަރުކާރާއި ދެކޮޅު ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އެމްޑީޕީގެ އަސްލު އަސާސްތަކާއި ދުރަށް މި ސަރުކާރުންދާކަމަށް ބުނެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަ ދައްކަވާފައިވާއިރު އެންމެ ފަހުން އެމަނިކުފާނު ވަނީ މިއީ ފެތެމުންދާ ސަރުކާރެއްގެ ގޮތުގައި ސިފަކޮށް އެމްޑީޕީ އެގޮތަށް ދެމި އޮންނަން ބޭނުން ނުވާކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ މެމްބަރުންނާއި، ވަޒީރުން އަދި ގައުމީ މަޖިލީހުގެ މެމްބަރުން އެއްބޭފުޅަކު އަނެއްބޭފުޅަށް ބަހުގެ ހަމަލާތައް ދެއްވަމުން ގެންދާތީ އެކަމަށް އިޝާރާތްކޮށް ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ހަލީމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަަމަށް ކުރިމަތިލީ އެމްޑީޕީގެ ރިޔާސީ ޓިކެޓުގައިކަމަށާއި އެހެންވެ ގިނަ ރައްޔިތުން ދެކެނީ މިއީ އެމްޑީޕީގެ ސަރުކާރެއްގެ ގޮތުގައިކަމަށެވެ.

ސަރުކާރު ފެތެމުންދާކަމަށް ބުނެ ރައީސް ނަޝީދު އެ ދެއްކެވި ވާހަކައަކީ ކޯލިޝަންގެ އެހެން ޕާޓީތަކުގެ މެމްބަރުންގެ އަމަލުތައްކަން ފާހަގަކޮށް ހަލީމް ވިދާޅުވީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އެހެން ޕާޓީތަކުގެ ވަޒީރުންނަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭކަމަށެވެ. އަދި އޭގެ ސަބަބުން ހުރިހާ “ބަދުނާމެއް” އެޅެނީ ރައީސް ސޯލިހާއި އެމްޑީޕީގެ ބޮލުގައިކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ވައުދެއް ކަމުގައިވާ “ގޭދޮށު މަސްފެކްޓަރީ” މިސާލެއްގެ ގޮތުގައި ނަންގަވާ ހަލީމް ވިދާޅުވީ މަސްވެރިންނަށް ވީ ވައުދުތަކަކީ އެޕާޓީގެ އެންމެ މުހިއްމު އެއް ރިޔާސީ ވައުދުކަމަށެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީ ވެސް ހިންގަވަމުން ދަނީ އެމްޑީޕީން ނޫން ކަމަށެވެ. އެ މިނިސްޓްރީގައި އިސްވެރިއެއްގެ ގޮތުގައި ހުންނަވަނީ ޖުމުހޫރީ ޕާޓީގެ މެމްބަރެއްކަށް ވާތީ ވިސްނުމުގެ ތަފާތުތަކުގެ ސަބަބުން އެ ވައުދުތައް ފުއްދަން ދަތިވެފައިވާކަން ފާހަގަކޮށް އެނާ ވިދާޅުވީ ރައީސް ނަޝީދު ދެންނެވި “ނުފެން” ގެ މާނައަކީ ކޯލިޝަން ސަރުކާރެއްގައި ތިއްބަވާ އެހެން ޕާޓީތަކުގެ އިހުމާލުތަކުން ސަރުކާރުގެ ހިންގުންތެރިކަން ދަށަށް ގޮސް އެމްޑީޕީގެ ބޮލުގައި އެޅެމުންދާ ބަދުނާމުތަކުން އެ ޕާޓީ “ނެއްޓެން” ޖެހޭ ކަމަށާއި އޭގެ މާނައަކީ ސަރުކާރު ފައްތާލުން ނޫން ކަމަށެވެ.

މީގެ އިތުރުން ހަލީމް ވިދާޅުވީ އެމްޑީޕީއަކީ ވަމުންދާ ވައުދުތައް އަަބަދުވެސް ފުއްދަމުންދާ ޕާޓީއެއްކަމަށެވެ. އަދި 2008 ވަނަ އަހަރު މަހަށް ހެޔޮ އަގު ހޯދައިދިން ކަން ފާހަގަކުރަމުން އެނާ ވިދާޅުވީ މިފަދަ މުހިއްމު ވައުދުތަކެއް ވެ އެފުއްދައި ނުދެވޭ ނަމަ ރައްޔިތުން ޕާޓީއަށް ކުރަމުންދާ އިތުބާރު ގެއްލި ކުރިއަށް އޮތް މުސްތަގުބަލުގައި ކުރިމަތިލާ އިންތިހާބުތައް ކާމިޔާބު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެ ކަމަށެވެ.

ހަލީމް މިހެން ވިދާޅުވިއިރު އެމްޑީޕީގެ ޗެއަޕާސަން ހޮވުމަށް މޭ 14 ވަނަ ދުވަހު ބާއްވާ އެތެރޭގެ އިންތިހާބާއި ގުޅިގެން އެޕާޓީ ތެރޭގައިވަނީ ބޮޑެތި ބައިބައިވުންތައް އުފެދި ހޫނު ކޯޅުންގަނޑު ތަކަަކަށް ބަދަލުވެފައިއެވެ. އަދި މި ދަނޑިވަޅުގައި މެމްބަރުންގެ ތެރޭގައި އެކި ވަރުވަރުގެ ބަހުގެ ހަމަލާތައް ރައްދުކޮށް އެކަކު އަނެކާގެ ބޮލުގައި ވައްކަންކުރުން، ޒިނޭކުރުން، ރާބުއިން ފަދަ ކުށްތަކުގެ ތުހުމަތުތައް އަޅުވަމުންދާކަން ފާހަގަ ކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: