ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާގެ އިތުބާރުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ގޮޅޮޅު އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ 50 މެމްބަރުންގެ ސޮޔާއިއެކުގައެވެ. އަދި ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ދިން 14 ދުވަހުގެ ނޯޓިސް މިއަދަށް ވަނީ ހަމަވެފައެވެ.

އިވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިން 14 ދުވަހުގެ ނޯޓިސްގެ މުއްދަތު މިއަދަށް ހަމަވިއިރު މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ނުކުރުމުން ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ވަނީ މަޖިލީހުގެ ޖަލްސާގައި އަޑުގަދަ ކުރައްވާ ނިޒާމީ ނުކުތާ ނަންގަވާފައެވެ. އަދި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވުމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އިންނެނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވާފައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ހަމަނުޖެހުމަށް ފަހު އީވާ އެމްޑީޕީން ވަކިވެ ވަޑައިގެން ރައީސް މުހައްމަދު ނަޝީދު ހިންގަވަމުން ގެންދެވި ސިޔާސީ ހަރަކާތް ފިކުރެއްގެ ދިރުންއިން “ދަ ޑިމޮކްރެޓްސް” ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަން ފެއްޓެވުމުންނެވެ.

އީވާގެ އިތުރުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 54 މެމްބަރުންގެ ސޮޔާއިއެކުގައެވެ.

ރައީސް ނަޝީދު އަދި އޭނާވެސް މަގާމުން ދުރުކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޝާރާތްކުރައްވާ އީވާ ވިދާޅުވީ، ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅިފައިވާ އިރު، އެމަނިކުފާނަށް ރިޔާސަތުގައި ނީންދެވޭނެކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާކަމަށެވެ. އަދި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށައެޅިފައިވާއިރު، އެ މައްސަލަ ނުބަލާ އެހެން މައްސަލަތައްވެސް ކުރިއަށް ނުގެންދެވޭނެކަމަށް އަސްލަމް ވިދާޅުވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީވާ ވިދާޅުވީ، ސަރުކާރުންވަނީ މަޖިލީހުގައި މަރުތަޅު އަޅުވާފައިކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހަކީ، ދިވެހިރާއްޖޭގެ ކަންކަން ބަލަހައްޓައި ނެގެހެއްޓުމުގެ ޒިންމާ އެޅިފައިވާ އެންމެ މަތީ މުއައްސަަސާކަމަށެވެ. އެހެންކަމުން މަޖިލީހުގައި މަރުތަޅު އެޅިގެން ދިއުމަކީ ސަރުކާރަށް ލިބިގެންދާ ބޮޑު ފައިދާއެއްކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. އީވާ ވިދާޅުވީ، ބާރުތަކާއި، މުދަލުގެ އިތުރުން މާލިއްޔާތުންވެސް ނާޖާއިޒް ބޭނުންތަކެއް ކުރަމުންދާ ސަރުކާރަކަށް މަޖިލީސް ހުއްޓިފައި އޮތުމުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، ވޯޓު ލުމަށް ބާކީ އޮތީ ތިން މަސް ދުވަސްކަމަށެވެ.

ޕީޖީ ގުރޫޕުން ރައީސް ސާލިހާއިއެކު މަޝްވަރާތައް ކުރައްވާކަމަށާއި، އެމަނިކުފާނު ވަޑައިގަންނަވާނީ މެޖޯރިޓީ އާއިއެކުކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެފައިވާކަމަށްވެސް އީވާ އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، މަޖިލީހުގައި ބޭނުންކުރެއްވިދާނެ ސިޔާސީ އުކުޅުތަކަށް ރައީސް ސާލިހު އަދި ޕީޖީ ގުރޫޕުގެ ލީޑަރަށްވުރެ ފުންނާބު އުސް ބަޔަކު ނެތްކަމަށެވެ. އެހެންކަމުން މަޖިލީހުގެ މަރުތަޅު އެޅިގެންދިއުމަކީ އޮޅިގެންވެފައިވާކަމެއް ނޫންކަމަށް އީވާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: