ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއްގިރި ކުއްޔަށް ދިނީ ރަށުގެ އަގު ކުޑަކޮށް ޔާމީންއަށް ބޮޑު ކޮމިޝަނެއް ލިބޭ ގޮތަށް: އަދީބް

ކުރީގެ ރައީސް ޔާމީން އާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު
ޝެއާރކޮށްލާ ކަހަލަދޯ؟

ރ، ފުއްގިރި ކުއްޔަށް ދިނުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕްރޭޝަން (އެމްއެމްޕީއާރުސީ) އިން ކަނޑައަޅާފައިވާ އަގު ކުޑަކޮށް އެ ރަށް ކުއްޔަށް ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ބޮޑު މަންފާއެއް ލިބޭ ގޮތަށް ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ.

އަދީބު މިފަދައިން ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި އަހްމަދު ކްރިކް ރިޒާ ލައްވައި ރިޝްވަތުގެ ގޮތުގައި 1.3 މިލިއަން ޑޮލަރު ގަބޫލުކޮށް އޭގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކުންފުނީގެ ދެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެެ އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާގައި ހެކިބަސް ދެއްވަމުންނެވެ.

ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ހިންގި އެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނުގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގައި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑައިރެކްޓަރ އަބްދުﷲ ޒިޔާތުއާއި އޭރުގެ ނައިބް ރައީސް އަހުމަދު އަދީބުގެ ހެކިބަސް ވަނީ ނަގާފައެވެ.

ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބް ދެއްވަމުން އަދީބް ވިދާޅުވީ ފުއްގިރި ކުއްޔަށް ދިނުމަށް ރައީސް ޔާމީން ވިދާޅުވެގެން ދުބާއީގެ ކުންފުންޏެއް ހިންގުމުގައި އުޅޭ އިންޑިއާގެ ބަޔަކާއި ބައްދަލު ކުރި ކަމަށެވެ. އެގޮތުން ދުބާއީގެ ކުންފުންޏާއިއެކު ބޭއްވި ފުރަތަމަ ބައްދަކުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑާ) ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އަދީބް ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ދުބާއީގެ އެ ކުންފުންޏަށް ފުއްގި ކުއްޔަށް ދިނުމަށް ރައީސް ޔާމީން ނިންމަވާފައި އޮތީ 2.5 މިލިއަން ޑޮލަރަށް ކަމަށެވެ. އަދި އޭގެ ފަހުން އިންޑިއާ ކުންފުނިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅި ކަމަށާއި އޭގައި އޮތީ އެ އަގަށް ފައިސާ ދައްކަން އެއްބަސްވެފައި ކަމަށް އަދީބް ވިދާޅުވިއެވެ.

އަދީބް ވިދާޅުވީ 2.5 މިލިއަން ޑޮލަރަށް ފުއްގިރި ކުއްޔަށް ދިނުމަށް ނިންމާފައި ވަނިކޮށް ރައީސް އަބްދިﷲ ޔާމީން ވިދާޅުވެގެން ކްރިކް ރިޒާ އެ އަގު ކުޑަކުރަން ބުނި ކަމަށެވެ. އެގޮތުން 4000،000 ޑޮލަރަށް އަގު ކުޑަކުރިން ބުނި ކަމަށާއި އަދި އެޑުވާސްގެ ގޮތުގައި 150،000 ޑޮލަރު ނެގުމަށް ރައީސް ޔާމީން އެންގެވި ކަމަށް ކްރިކް ރިޒާ ބުނި ކަމަށް އަދީބް ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ފުއްގިރި ކުއްޔަށް ދިނުމުގެ އަގު ކުޑަކުރަން ރައީސް ޔާމީން އެންގެވި ކަމަށް ކްރިކް ރިޒާ މެސެޖު ކުރެއްވީ ޒިޔަތަށް ކަމަށެވެ. ނަމަވެސް ރ އަތޮޅުގެ އެހެން ރަށްތައް ކުއްޔށް ދީފައިވާ އަގަށް ބަލާއިރު ފުއްގި 400،000 ޑޮލަރަށް ކުއްޔަށް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި ކަމަށާއި އަދި އެއީ މާ ކުޑައަގެއް ކަމަށް ވާތީ އެ ރަށް ކުއްޔަށް ދިނުން މަޑުޖައްސާލި ކަމަށް އަދީބް ވިދާޅުވިއެވެ.

އަދީބް ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން ރައީސް ޔާމީންއާއި ވާހަކަ ދެއްކެވި ކަމަށާއި އަދި އަގު ކުޑަ ކަމަށް ދެންނެވި ކަމަށެވެ. ނަމަވެސް ފުއްގިރި ކުޑަ އަގުގައި ކުއްޔަށް ދިނުމަށް ރައީސް ޔާމީން އެންގެވި ކަމަށާއި އަދި ބޮޑު އެއްޗެއް ލިބޭނީ ރަށް ކުޑަ އަގުގައި ކުއްޔަށް ދީގެން ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް އަދީބް ވިދާޅުވިއެވެ.

އަދީބް ވިދާޅުވީ ފުއްގިރި ކުއްޔަށް ދިނުމުގެ އެއްބަސްުމުގައި ސޮއި ކުރީ ވެސް ރައީސް ޔާމީން އެންގެވި ދުވަހު ކަމަށެވެ. ނަމަވެސް ސޮއި ކުރަން ކަނޑައެޅި ވަގުތު ރައީސް ޔާމީން ވިދާޅުވެގެން ފަސްކުރި ކަމަށާއި ލަސްކުރީ ކްރިކް ރިޒާގެ ފަރާތުން ލިބެން ޖެހޭ ކޮންފޮމޭޝަން ނުލިބިގެން ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އޭގެ ފަހުން ރައީސް ޔާމީން އަށް ލިބިވަޑައިގަންނަވަން ޖެހޭ ބައި ކޮންފޯމް ވުމުން ސޮއިކުރީ ކަނޑައެޅިފައިވާ ދުވަހުގެ ހަވީރު ކަމަށް އަދީބް ވިދާޅުވިއެވެ.

އަދީބް ވިދާޅުވީ ރަށްތައް ދޫކުރާ އުސޫލެއް އޮތަސް އިންވެސްޓަރުން ރައީސަށް ނުވަތަ ރައީސްގެ އަރިސް ބޭފުޅުންނަށް ގުޅައިގެން އުސޫލުގެ ބޭރުން ކަންކަން ކުރަމުން ދިޔަ ކަމަށެވެ. މި ކަންކަން ހިނގަމުން ދިޔައީ ރައީސްގެ ރުހުމާއި ބައިވެރިވުމާ އެކުގައި ކަމަށް ވެސް އަދީބް ވިދާޅުވިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 82%ބޮޑު ޖޯކެއް 12%ހައިރާންވެއްޖެ 0%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: