ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހު ބަލިވާނެކަން ޔަގީން، ރިޔާސީ އިންތިހާބަށް ކޮންމެ ރަށެއްގައި ދަބަހެއްދީ ޅިޔަނެއް ނުބެހެއްޓޭނެ: ވައްޑެ

"ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި ވައްޑެ ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ދަބަހެއް ދީފައި ޅިޔަން ބޭފުޅެއް ނުބެހެއްޓޭނެކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ހަރުގޭގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ވަހީދު ވަނީ ރައީސް ސާލިހުގެ ސަބަބުން އެމްޑީޕީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އިޝާރާތްކުރައްވާ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަން ނިމުމަކަށް އައިސްފައިވާކަން އެންމެ ފުރަތަމަ ފަހަރަށް އިއުލާނު ކުރެއްވީ އެމަނިކުފާނު އަމިއްލަފުޅަށްކަމަށެވެ. އެގޮތުން، އިއުލާނުކުރެއްވީ 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބަށް ފަހު އެމަނިކުފާނު ނޫސްވެރިންނާއި ދެއްކެވި ވާހަކަތަކުގެ ތެރެއިންކަމަށް ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންނަކީ ވަކި އުސޫލުތަކެއް ގަބޫލުކުރައްވާ ބައެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިކަމަށެވެ. އަދި އިންތިހާބުގައި ނާކާމިޔާބުވެގެންދިޔައީ އެމަނިކުފާނު ވިދާޅުވި އުސޫލުތަކާއި ދުރަށް ދެވުމުންކަމަށް ރައީސް ވިދާޅުވިކަމަށާއި އެހެންނަމަވެސް އޭގެ ފަހުން ވޭތުވެދިޔަ ދެ އަހަރުވެސް ދަމުންދިޔައީ އެ ދެންނެވި އުސޫލުތަކާއި އެއަށްވުރެވެސް ދުރަކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، އެ ވާހަކަތައް ދެއްކެވުމަށްފަހުވެސް އުސޫލުތަކަށް އަނބުރާ ރުޖޫއަވެވަޑައިގަތުމުގެ ބަދަލުގައި ވަޑައިގަތީ ދުރަށް ކަމަށްވުމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ލަދުވެތި ނާކާމިޔާބީއަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު އިންތިހާބުން ބަލިވެވަޑައިގަންނަވާނީ ބޮޑު ތަފާތަކުންކަމަށެވެ.

އޭނާ ވިދާޅުވީ، އުސޫލުތަކުގެ ވާހަކަތައް ދެއްކެވި ފަހުން ރާއްޖޭގައި ބައްތިރީސް ބައި އިލެކްޝަން ބާއްވައިފިކަަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއަށް މާލެ ގެއްލިގެންދިޔަކަމަށެވެ. އޭނާ ވިދާޅުވީ، އައްޑޫ ސިޓީ ލިބުނީވެސް ކިރިޔާކަމަށެވެ. އަދި ތިނަދޫވެސް އެމްޑީޕީއަށް ގެއްލިގެންދިޔަކަމަށާއި އެއީ ފާރިސްކަރައިގެ އަލިފާންގަނޑު ނިވިގެންދިއުމާއި އެއްފަދަ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދެންނެވި ގޮތަށް ކަންކަން ހުރި އިރު، ފަހުން ބޭއްވުނު ދެ ބައި އިލެކްޝަނެއްގެ ވާހަކަތައް ދައްކަވަމުންދާކަމަށެވެ. ވަހީދު ވިދާޅުވީ، އެ އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ރައީސް ވަނީ އެ ރަށްތަކުގައި އާއިލީ ބޭފުޅުން ތިބުމުގެ އިންތިޒާމުތައް ކުރައްވާފައިކަމަށެވެ. އަދި ނުފޫޒު ފޯރުވުމަށްޓަކައި އެމަނިކުފާނު ހުންނެވީ “މުޅި ދައުލަތް އަރިކޮށްލައިގެން” ކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، އެފަދަ ގޮތަކަށް އަމަލުކުރައްވައިގެން ދެ ބައި އިލެކްޝަން ކާމިޔާބު ކުރެވުނު ނަމަވެސް އެކަމުގެ ނަތީޖާއާއިމެދު ވިސްނާލުން މުހިންމުކަމަށެވެ. އޭނާ ވިދާޅުވީ، ދައުލަތުގެ މާލީ ބާރުތައް ބޭނުންކުރައްވައިގެންވެސް ރައީސް ސާލިހަށް އެ ބައި އިލެކްޝަންތަކުން ސާފު މެޖޯރިޓީއެއް ނުނެންގެވުނުކަމަށެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޮންމެ ރަށެއްގައި ޅިޔަން ބޭފުޅެއް ބެހެއްޓުމަކީ ރައީސް ސާލިހަށްވެސް ނުކުރެއްވޭނެކަމެއްކަމަށެވެ. އޭނާ ވިދާޅުވީ ދަބަސް ދީފައި ކޮންމެ ރަށެއްގައި “ބޮޑު ޅިޔަނެއް” ނުބެހެއްޓޭނެކަމަށެވެ.

އޭނާ ވިދާޅުވީ، ބައްތިރީސް އިންތިހާބު ނިމިގެންދިޔައިރު، ސަރުކާރުގައި ތިބެ އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ އެގާރަ ގޮނޑިކަމަށެވެ. އޭނާ ވިދާޅުވީ، ކުދި ރަށްތަކުގައި ތާއީދު އޮތް ވާހަކަތައް ދައްކަވާއިރު، ކާމިޔާބު ކުރެވިފައިވަނީ ބައްތިރީހުން އެގާރަ ގޮނޑިކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެކަން ޔަގީންކުރައްވާކަމަށް ވަހީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: