ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ދިވެހި ސަރުކާރާއި ޝަރުއީ ނިޒާމުވެސް “ސްލޯ”: އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓު

ރައީސް ސާލިހު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ދިވެހި ސަރުކާރާއި ޝަރުއީ ނިޒާމުވެސް “ސްލޯ” ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުން ބުނެފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުން ދިވެހިރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކުރެވޭ ކަންކަމަށް އަލިއަޅުވައި ނެރިފައިވާ އަހަރީ ރިޕޯޓެއްގައި ބުނެފައިވާގޮތުން، ކޮރަޕްޝަން ފަދަ އަމަލުތައް ހިންގާ ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅޭނެ ގޮތްތައް ގާނޫނުގެ ތެރޭގައި އިންތިޒާމުވެފައިވެއެވެ. އެހެންނަމަވެސް ދިވެހި ސަރުކާރާއި ޝަރުއީ ނިޒާމުގެ ތެރޭގައިވެސް ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައާއި ދައުވާ ކުރުން އަދި އަދަބު ދިނުމުގައިވެސް އަމަލުކުރަމުންދަނީ ލަސްކޮށްކަމަށް ފާހަގަކޮށްފައިވެއެވެ.

ސްޓޭޓު ޑިޕާޓުމެންޓުން ޝާއިއުކޮށްފައިވާ މި ރިޕޯޓަކީ 2022 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޖުމުލަ މަސްރަހު ހުރި ގޮތް ބަޔާންކޮށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. ލިޔުމުގައިވާގޮތުން، ދިވެހި ސަރުކާރުގެ އޮފިޝަލުން ބައެއް ހާލަތްތަކުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދަނީ އެކަމެއް ހިންގުމުގެ ސަބަބުން އެއްވެސް އަދަބެއް ލިބިގެން ނުދާނެކަމަށް ދެކިގެން ފަދަ ގޮތަކަށް ކަން ފާހަގަކުރެވޭކަމަށެވެ. 2022 ވަނަ އަހަރުގެ ޖަނަވަރީ އިން ނޮވެމްބަރުގެ ނިޔަލަށް ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކޮރަޕްޝަންގެ 159 މައްސަލައެއް ހުށައެޅިފައިވާކަމަށް ބުނެފައިވެއެވެ.

އެންޓި ކޮރަޕްޝަނުން އެ 159 މައްސަލައިގެ ތަހުގީގުތައް ފަށާފައިކަމަށާއި ރިޕޯޓު ޝާއިއުކުރެވުނު އިރު ދައުވާ ކުރުމަށް ފޮނުވިފައިވަނީ އެންމެ ދެ މައްސަލަކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޖުޑިޝަރީ ނިޒާމުގެ ތެރޭގައި ކޮރަޕްޝަން އޮތްކަމަށް ކުރެވިފައިވާ ތުހުމަތުތަކުގެ ސަބަބުން އެފަދަ މައްސަލަތައް ބެލުމުގައި ދަތިތައް ދިމާވާކަމެއްކަމަށްވެސް ބުނެފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަނެއްކަމަށްވާ “ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަން”ގެ ކަންކަން ހިގައިދިޔަގޮތަށްވެސް ރިޕޯޓުގައި އަލިއަޅުވާފައިވެއެވެ. އެގޮތުން، 2012 އިން 2018 ވަނަ އަހަރާއި ދެމެދުގެ މައްސަލަތައް ބެލުމަށް ހެދި އެ ކޮމިޝަން އުވާލުމަށްފަހު، ކަމާއި ބެހޭ އެހެން މުއައްސަސާއަކުން މައްސަލަތައް ބަލާނެކަމަށް ރައީސް އިއުލާނުކުރެއްވިކަމަށް ފާހަގަކޮށްފައިވާއިރު، ކޮމިޝަނުން ކުރި މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރެވުނު ކަންކަމުގެ ތަފްސީލުތައް އާންމުކޮށް ހިއްސާކޮށްފައިނުވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އޭސީސީ އިން ވަނީ އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ 36 މައްސަލައަކާއި ހަވާލުވެފައިކަމަށާއި، ފުލުހުންގެ މުއައްސަސާއިން އެއް މައްސަލައަކާއި ހަވާލުވިކަމަށްވެސް ރިޕޯޓުގައިވެއެވެ. އެހެންނަމަވެސް ސަރުކާރުން ނޫން ޖަމިއްޔާތަކުގެ ކަންބޮޑުވުންތައް ހުރިކަމަށް ފާހަގަކޮށް ބުނެފައިވާގޮތުން، މިހާރު އުވާލެވިފައިވާ އެ ކޮމިޝަނަށް އެއްވެސް މައްސަލައެއް ނިމުމަކާއި ހިސާބަށް ގެނެވިފައިނުވުމަކީ އެ ޖަމިއްޔާތަކުގެ ކަންބޮޑުވުމެކެވެ. އަދި އޭސީސީ އިން މައްސަލަތަކާއި ހަވާލުވުމުގެ ސަބަބުން، އިތުރު ދަތިތަކާއި ކުރިމަތިލާންޖެހި އެފަދަ މައްސަލަތައް ބެލުމުގައި މިހާރުވެފައިވާ ލަސްތައްވެސް އިތުރުވުމުގެ ފުރުސަތު އޮތްކަމުގެ ކަންބޮޑުވުންތައް ހުރިކަމަށް ބުނެފައިވެއެވެ.

2021 ވަނަ އަހަރުގެ ތެރޭގައި އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދިން މައްސަލަވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެ ކަން ހިގައިދިޔައީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން އެ މެމްބަރުން މަގާމުން ދުރުކުރުމަށް ނިންމުމުންކަމަށާއި، އެހެންނަމަވެސް ސަރުކާރުން ނޫން ޖަމާއަތްތަކާއި އެހެނިހެން އޮބްޒާވަރުންވެސް ވަނީ މަޖިލީހުގެ ނިންމުމާއިމެދު ކަންބޮޑުވުން ފާޅުކޮށްފައިކަމަށް ބުނެފައިވެއެވެ. ކަންބޮޑުވުންތައް ފާޅުކުރާ ސަބަބަކީ، މެމްބަރުންތައް މަގާމުން ދުރުކުރުމުގެ ގޮތުން ބޭނުންކުރި ޕާފޯމެންސް އޮޑިޓަކީ ވޭތުވެދިޔަ ތިން އަހަރުގެ މަސައްކަތްތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެއްކަމަށްވީއިރު، ދުރުކުރުމަށް ކަނޑައެޅި އޭސީސީގެ އެއް މެމްބަރަކަށް އޭރު ވަޒީފާގައި ހުރެފައިވަނީ 10 މަސް ދުވަސްކަމަށްވުމުން ކަމަށް ޝާއިއުކޮށްފައިވެއެވެ. އަދި މައްސަލައިގައި ޖަވާބުދާރީ ވުމަށް އެ ފަރާތްތަކަށް އެކަށީގެންވާ ފުރުސަތެއް ދީފައިނުވާކަމުގެ ކަންބޮޑުވުންތައްވެސް ފާހަގަކުރެވޭކަމަށް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން އޭސީސީއަށް މެމްބަރުން އައްޔަނުކުރުުމަށް ކަނޑައެޅިފައިވާ ގާނޫނީ މުއްދަތު ހަަމަވިއިރުވެސް އެކަން ކުރެވިފައިނުވާކަން ފާހަގަކޮށްފައިވާއިރު، އެކަމުގެ ސަބަބުން އެ މުއައްސަސާގެ މަސައްކަތްތައް ހުއްޓިދިޔަކަމަށާއި، އެފަދަ ގޮތަކަށް ސަރުކާރުން އަމަލުކުރީ ބޭނުންވާ ވަކި މެމްބަރުންތަކެއް މަގާމުތަކަށް ލުމުގެ މަގުސަދުގައިކަމަށް ބައެއް ސަރުކާރު ނޫން ޖަމިއްޔާތަކުން ދެކޭކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: