ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުބައި މީހަކަށް ވެރިކަން ދީފިއްޔާ ދިވެހިންގެ މިނިވަންކަމަށް އެކަމުގެ އަސަރުކުރާނެ: ޑރ ވަހީދު

ޑރ ވަހީދު ގާސިމްގެ ކެމްޕެއިން ޖަލްސާއެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ފަހަރު ނުބައި މީހަކާ ވެރިކަން ހަވާލު ކުރެވިއްޖެ ހާލަތެއްގައި ދިވެހިންގެ މިނިވަންކަމަށް އެކަމުގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތައް ކުރާނެކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއިން ނ އަތޮޅު މަގޫދޫގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ވާހަދައްކަވަމުން ޑރ ވަހީދުވަނީ ކުރިއަށް އޮތް އިންތިހާބުގެ ނަތީޖާ އާއި ދިވެހިންގެ މިނިވަންކަމާއި ގުޅިފައިވާކަމަށް ފާހަގަކުރައްވާ އިންޒާރުތަކެއް ދެއްވާފައެވެ. އެގޮތުން ނުބައި މީހަކު އިންތިހާބު ކުރެވިއްޖެ ހާލަތެއްގައި އެކަމުގެ ސަބަބުން ދިވެހިންގެ މިނިވަންމަކަށް ބޮޑެތި ގެއްލުންތައް ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ، ދިވެހިރާއްޖެ އޮތީ ދަރަނިވެރިވެފައިވާ ހާލަތުގައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިން އަވައްޓެރި ގައުމަކަށް ތިން ބިލިއަން ޑޮލަރު ދަރާފައިވާކަމަށެވެ. އެމަނިކުފާނުވަނީ އެ ފައިސާ އަނބުރާ ދައްކާނީ ކޮން ގޮތަކުންތޯ ސުވާލު އުފައްދަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެ ފައިސާގެ ބާރުގައި ބިނާކުރަމުންދާ ތަނެއް ދިވެހިން ބޭނުންވެގެން ދޭން ބުނުމުން އެދޭނީ 100 މިލިއަން ދެއްކުމަށް ނޫންކަމަށާއި އެދޭނީ ބިލިއަނުން އަނބުރާ ދެއްކުމަށް ކަމަށްވުމުން އަތުލާނެ ގޮތެއް އޮތްތޯ ސުވާލު ކުރެއްވިއެވެ.

ރައީސް ވަހީދު ވިދާޅުވީ، ރާއްޖެ ދަރަނިވެރި ހާލަތަށް ވައްޓާލީ އިންތިހާބުކޮށްފައިތިބި ވެރިންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހި ރައްޔިތުން އެބަޔަކާއި ގެދޮރާއި ގައުމު ހަވާލުކޮށް އަމާނާތްތެރިކަމާއިއެކު ބަލަހައްޓައިދިނުމަށް އެދުނުކަމަށާއި އެހެންނަމަވެސް އޭގެ ބަދަލުގައި “ތަނުން ބައެއް” ވިއްކާލިކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވަހީދު ވިދާޅުވީ، ސިޓީއެއްގައި ސޮއިކުރުމަށްފަހު ރާއްޖޭގެ ކަނޑުގެ ބޮޑު ސަރަހައްދެއް އެފްރިކާގެ ގައުމަކަށް ދޫކޮށްލާފައިވާކަަަމަށާއި އެމަނިކުފާނު ދައްކަވަމުންދަނީ މިހާރު ކަންވެފައިވާ ގޮތުގެ ހަގީގަތުގެ ވާހަކަކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެފަދަ އަމަލުތައް ހިންގާނީ ތަންދޮރު ނޭނގޭ މީހުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއިން ބައެއް ދޫކޮށްލުން ނުވަތަ ވިއްކާލުން ފަދަ އަމަލެއް ހިންގާނީ ދުނިޔޭގެ ވަޔާއި އޮއެގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސިޔާސީ އޮއެވަރު ނޭނގޭ ބައެއްކަމަށެވެ. ރައީސް ވަހީދު ވިދާޅުވީ، ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިރާއްޖެ މިނިވަންކަންމަތީ ދެމެހެއްޓީ އިސްވެ ދެންނެވި ފަދަ އޮއެވަރުތަކުގައި ނުޖެހިކަމަށެވެ. އެހެންނަމަވެސް މިހާރު ނާގާބިލު މީހުންނާއި ވެރިކަން ހަވާލުކުރުމުން ގައުމު އޮތީ ހިތާމަވެރި ހިސާބަކަށް އައިސްފައިކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވަހީދު ވިދާޅުވީ، އެ ގޮތަށް ކަންވެއްޖެ ހާލަތެއްގައި ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި ދިވެހިންނަށް ބަނޑުހައި ހޫނުކަން ތަހައްމަލުކުރަންޖެހުމަކީވެސް ގާތުގައި އޮތްކަމެއްކަމަށެވެ. އަދި އަވައްޓެރި ސްރީލަންކާއިން އެފަދަ މަންޒަރުތަކެއް މިހާރުވެސް ފެންނަމުންދާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބަކީ އެކަންކަން ވެގެން ނުދާނެކަން ކަށަވަރުކުރުމަށް ލިބޭ ފުރުސަތެއްކަމަށާއި، ދިދަތައް ނަގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންދަނީ އަމާނާތްތެރިކަމާއި އެކު ރާއްޖޭގެ ވެރިކަން ކުރައްވާނެ މީހަކު ހޯދުމަށްކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސް ވަހީދު ވިދާޅުވީ، އެންމެހާ ކެންޑިޑޭޓުންވެސް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެކަމަށާއި އެހެންކަމުން ރާއްޖޭގެ ދަރަނި ދެއްކުމުގެ ކަންކަން ކުރައްވާނެ ގޮތަކާއިމެދު ކެންޑިޑޭޓުންގެ އަރިހުން އެއްސެވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. ރައީސް ވަހީދު ވިދާޅުވީ، ދިވެހިރާއްޖޭގެ އާމްދަނީ އިތުރުކުރުމަށް ރާވާފައިވާ މަސައްކަތްތަކާއިމެދު ސުވާލުކުރެއްވުމަށްވެސް އިލްތިމާސް ކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: