ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބަދު ސިއްހީ ސަލާމުގައި! މިވަނީ ކިހިނެއް؟

އޭޑީކޭ ހޮސްޕިޓަލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 ގެ ބަލިމަޑުކަމުން ސަލާމަތްވެއްޖެއެވެ. އެހެންނަމަވެސް ދިވެހިން ތިބީ ސިއްހީ ކާރިސާއެއްގެ ތެރޭގައި ނޫންކަމާއިމެދު އަދިވެސް ސުވާލު އުފެދެއެވެ. އެ ދުވަސްތައް ފަހަނަ އަޅާ ގޮސްފައިވާއިރު، މިހާރަކަށް އައިސް ގިނަ މީހުން ބަލިތައް ތަހައްމަލުކުރަމުންދާކަން ފާހަގަކުރެވެއެވެ.

އާންމު ރޯގާ ފަދަ ބަލިތަކުގެ ސަބަބުން، ގާތްގަނޑަކަށް ކޮންމެ ގެއެއް އޮފީހެއް އަދި ސުކޫލަކަށް ބެލިނަމަަވެސް، އަބަދުވެސް ކޮންމެވެސް އެކަކު ނުވަތަ އެއަށްވުރެ ގިނައިން މިފަހަކަށް އައިސް ސިއްހީ ހާލަތު ހުރި ގޮތުން ނުވަތަ އާއިލީ ޒިންމާގެ ސަބަބުން ސަލާމުގައި ހުންނަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ. މިއީ އިންތިހާއަށް ކަންބޮޑުވާކަމެކެވެ. ރިޔާސީ ކެމްޕެއިން ދުވަސްވަރު ގިނަ މީހުން ބޮޑުކަމު ދިއުން ފަދަ ކަންކަން ދިމާވެ، ގައުމު ސުވާލު މާކެއްގެ ތެރެއަށް ވެއްޓުނެވެ. އެހެންނަމަވެސް ކޮވިޑް ފަދަ ބިރުވެރިކަމެއް އަނެއްކާ އައިސްފައިވާކަަމަށް ހީވެފައިވަނިކޮށް ޑޮކްޓަރުން ވަނީ އެއީ ނޮރޯ ވައިރަސް ކިޔާ އެއްޗެއްގެ ސަބަބުން ކުރިމަތިވި ދަތިތަކެއްކަން ހާމަކޮށްފައެވެ. ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އެކަންކުރިމަތިވި ސަބަބެއް މިހާތަނަށްވެސް އެނގިފައިނުވެއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ސިއްހީ ކަންކަން ކަށަވަރުކުރުމަށް މިހާރަށްވުރެ ރަނގަޅު ފިޔަވަޅުތަކެއް އެޅުން ކޮންމެހެންވެސް ބޭނުންތެރިކަން ޔަގީނެވެ.

އަލަށް އިންތިހާބުވެފައިވާ ރައީސް ޑރ މުހައްމަދު މުއިއްޒު އެ ވިދާޅުވާގޮތަށް ޕްރިވެންޓެޓިވް ނުވަތަ އެކަމެއް ދިމާވުމުގެ ކުރިން ސަމާލުވެ ފިޔަވަޅު އެޅުން މުހިންމެވެ. އެއް ކާރިސާ ނިމިދިޔަ އިރު މާލިއްޔާތުގައި ގައުމު ކޮޅަށް ޖަހާނެ ބާރު ނެތުމުން ރާއްޖެއަކީ ބޭރުގެ މާލީ ވުޒާރާތަކާއި އަވަށްޓެރި ގައުމުތަކުގެ ގާތު ސަލާން ޖަހާ ގައުމެއްގެ ގޮތުގައިވެސް މިފަހުން ސިފަކުރިކަން ފާހަގަކުރެއެވެ. އަދި ގައުމެއް ކުރިއެރުވުމުގައި އެގައުމެއްގެ ރައްޔިތުންނަކީ އެންމެ މުހިންމު ރޯލު އަދާކުރާ މީހުންކަމުން، ދިވެހި ރައްޔިތުން ދުޅަ ހެޔޮ ސިއްހަތެއްގައި ތިބުމަކީ ރާއްޖޭގެ ތަރައްގީގެ ދުވެލި ދެމެހެއްޓިފައި އޮންނަކަން ކަށަވަރު ކުރުމަށް އެޅޭ ފިޔަވަޅެކެވެ.

މަދު މީސްކޮޅަކުން އެކުލެވިފައިވާ ރާއްޖޭގެ ސިއްހީ ހާލަތު ގޯސްވެފައިވާ މިންވަރު ފެނިގެންދަނީ ރާއްޖޭގެ ކުރިމަގު ނުވަތަ ޒުވާން ޖީލުތަކަށް ކުރިމަތިވެފައިވާ ސިއްހީ ދަތިތަކުންނެވެ. މަޝްހޫރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްކަމަށްވާ ޑރ އަހުމަދު ފައިސަލްވަނީ ރާއްޖޭގެ ކުޑަކުދިންނަށް ކެންސަރު ބަލި ޖެހެމުންދާ މިންވަރު އިތުރުވުމުގެ ސަބަބުން އެކަމަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ. މިއީ ފިއްކަނޑައިގެން ދާ އިންޒާރެއް ނޫންނަމަ ދިވެހިންނަށް ހޭވެރިކަންވާނީ ބޮއްސުންލައިގެންދާފަހުންނެވެ. މިހާރުވެސް އެތަކެއް ތުއްތު ކުދިންނެއް ދަނީ މި ހިތާމަތަކާއި ކުރިމަތިލަމުންނެވެ.

މައްސަލަ އުފެދިގެން އަންނަ ގޮތަށް ބަލާއިރު، ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވުމަކީ މިކަމުގެ މުލުގައިވާ ސަބަބެވެ. ރާއްޖޭގައި ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރު ކުރެވިފައިވާނަމަ ކުރެވިފައިވަނީ އިންތިހާ ކުޑަ މިންވަރަކަށެވެ. ހުރިހާ ތަކެތި ކުރަނީ އިމްޕޯޓެވެ. ކޮވިޑްގެ ކުރިންވެސް ރާއްޖޭގެ މާކެޓުގައި މަޝްހޫރު ނުވަތަ މީހުން ގަޔާވާ ފަދަ އެތައް ތަކެއްޗެއް ހުރިއިރު، ބައެއް ތަކެތި ލިބެން ހުންނަނީ ސީދާ އެތަކެއްޗެއް އުފައްދާ ފެކްޓަރީ އަދި ގައުމުތަކަށްވުރެވެސް ހެޔޮ އަގުގައިކަން ފާހަގަކުރެވެއެވެ. ހައިރާން ނުވޭތޯއެވެ. ޔަގީނުންވެސް ފެކްޓަރީއިން ގަނެ އެތަކެތި އިމްޕޯޓުކުރަން އެތަކެއް ހަރަދެއް ކުރުމުން އުފައްދާ މީހުންނަށްވުރެ އަގު ހެޔޮކޮށް ރާއްޖޭގެ ވިޔަފާރިތަކަށް ދެވޭނެ ގޮތެއް ނޯންނާނެއެވެ.

އެހެންކަމުން ބޭރު ބައެއް ގައުމުތަކުން ފޭކް ޕްރޮޑަކްޓްސް ނުވަތަ ނަކަލު މުދާ ގެނެސް ވިއްކަނީބާއޭ ހިތަށް އަރައެވެ. މިއީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ބޮޑުވެ ހުއްޓުމަކަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރާ މައްސަލައެއް ކަމަށްވުމުން ދިވެހިރާއްޖޭގެ މިފަދަ ކަމެއް ނުހިނގާނެކަމަށް ބަލައިގެން ތިބެވޭކަށް ނެތެވެ. ހާއްސަ ގޮތެއްގައި އެ ތަކެއްޗަކީ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ވިއްކާ ތަކެއްޗަށްވާނަމަ އެއީ މިނިސްޓްރީ އޮފް ހެލްތުން ޓެސްޓުކުރެވި ހުއްދައަކާއިއެކު ވިއްކޭ އެއްޗަކަށް ވާންޖެހެއެވެ.

މިކަމަކީ ރާއްޖޭގައި ހިނގާފާނެކަމެއް ކަަމަށް ބެލެވޭ ސަބަބުތައްވެސް އެބަހުއްޓެވެ. އެގޮތުން ފޫޑް އެންޑް ޑްރަގް އޮތޯރިޓީއިން މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައިވެސް އެތަކެއް އިންޒާރެއް ދީފައިވެއެވެ.  ކުޑަކުދިންނަށް ހާއްސަ ބޭހެއްގައި ނުރައްކާތެރި މާއްދާއެއް ހުރިކަން ފާހަގަކުރެވިގެން ސަމާލުވުމަށް އެދިފައިވާއިރު، މުއްދަތު ހަމަވެފައިވާ ކާޑުގެ ބާވަތްތައް ތާރީހު ބަދަލުކޮށްގެން އަލުން ވިއްކުމުގެ މައްސަލަ އަދި ހުއްދަނެތި ތުއްތުކުދިންގެ ތައްޔާރީ ކާނާ ވިއްކުމުގެ މައްސަލަތައްވެސް ފެންމަތިވެފައިވެއެވެ. ބައެއް ބޮޑެތި ވިޔަފާރިތަކުންވެސް އެފަދަ އަމަލުތައް ހިންގާކަމަށް ބުނެ ސޯޝަލްމީޑިއާގައި ވީޑިއޯ އާންމުކޮށް މައްސަލަ ހޫނުވެފައިވާކަންވެސް ފާހަގަކުރެވެއެވެ.

އެ ނޫންވެސް އެތަކެއް މައްސަލަތައް ހުރިއިރު، ބޮޑެތި ނުވަތަ ފުރާ އުމުރުގެ މީހުންގެ ތެރޭގައިވެސް ބަލިމަޑުކަމެއް އޮތް ފަދައެވެ. އެއްވެސް މީހަކީ އެމީހަކު ދިރިއުޅުމަށާއި އާމްދަނީ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ގަސްތުގައި އެއް ފަރާތް ކުރާނެ މީހެއް ނޫނެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ މީހުން ބަލިވަމުންދާ ސަބަބު ސީދާ ސާފު ނޫނަސް އެކަމުގެ ފަހަތުގައި އެކުލެވިދާނެކަމަށް ބެލޭވެ ބައެއް ސަބަބުތަކަށް ބަލާއިރު، ރީތިވުމަށް ބޭނުންކުރާ ސާމާނުގެ ތެރޭގައި ގިނަ އަދަދެއްގެ ފޭކު މުދާ ހުރިކަން ފާހަގަކުރެވެއެވެ. ބޮލުގައި ލާ ޖެލް ނުވަތަ ކްރީމުން ފެށިގެން ދަތް އުނގުޅުމަށް ބޭނުންކުރާ ބޭހާއި ވަސްމީރު ކުރުމަށް ޖަހާ ސެންޓު ފުޅިއަަށް ދަންދެން ރާއްޖޭގެ ގިނަ ފިހާރަތަކުގައި ވިއްކަމުންދާ ގިނަ މުދަލަކީ ފޭކު މުދަލެވެ. ވިޔަފާރިވެރިންނަށް އެ މުދަލަކީ އަސްލު ނޫންކަން އެނގޭކަން ނުވަތަ ނޫންކަމެއް ދަންނަވާކަށް ނޭނގެއެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް ވިއްކަން ހުންނަނީ އެތަކެތި އުފައްދާ މީހުން ވިއްކާވަރަށްވުރެވެސް ހެޔޮ އަގެއްގައެވެ. މިހެން ބުނުމުން ވިޔަފާރި ކުރާ އެތައް ބައެއްގެ ނުރުހުން އަމާޒުވާނެކަން އެނގެއެވެ. އެހެންނަމަވެސް މިއީ މިއަދު ނުދައްކާ ހުންނަ ވަރުގެ ވާހަކައެއް ނޫނެވެ. މަދު ބައެއްގެ މާލީ މަންފާއަށް މުޅި ގައުމުގެ ސިއްހަތު ނުރައްކަލެއްގެ ތެރެއަށް ހުށައެޅިގެންދާ މަންޒަރު ބަލަހައްޓައިގެން ހުރުމާއި އެކަން އަމަލީ ގޮތުން ކުރުމާއި މާ ބޮޑު ތަފާތެއް ނެތެވެ.

ރާއްޖޭގެ މީހުން ދިރިއުޅެމުންދާ ތަންތަނުގައި އަބަދާއި އަބަދު ކޮންސްޓްރަކްޝަން މަަސައްކަތްކުރުމަކީވެސް ސިއްހަތަށް އަސަރުކުރާނެކަމެއް ކަމާއިމެދު ޝައްކެއްވެސް ނެތެވެ. އިމާރާތްކުރުމާއި ޒީނަތްތެރި ކުރުމުގެ ތެރޭގައިވެސް ބޭނުންކުރާ ކެމިކަލް ބާވަަތްތަކުގެ ކޮތަޅު ދަޅު ނުވަތަ ފުޅީގެ ބޭރުގައި އެތަކެތީގެ ސަބަބުން ސިއްހަތަކަށް ލިބިދާނެ އަދި ލިބޭ ގެއްލުންތައް ބަޔާންކޮށްފައިވާނެއެވެ. ގެއްލުން ލިބޭ ތަކެތީގެ ތެރޭގައި ގޭ ފާރުގައި ލާ ކުލައިގެ ބާވަތްތަކާއި ތިނަރާއި ކެމިކަލް ސިމެންތިވެސް ހިމެނޭނެއެވެ. އެހެންކަމުން ހުޅުމާލެ ފޭސް ދެއެއްގައި ދިރިއުޅޭ ރައްޔިތުންގެ ތެރޭގައި ސިއްހީ ހާލަތު ދެނެގަތުމަށާއި ކެމިކަލް ކުނޑީގެ ވިލާގަނޑެއް ދަށުގައި އުޅުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް ދިރާސާއެއްކުރުމަކީ ވަރަށްވެސް މުހިންމުކަމެކެވެ. ޔަގީނުންވެސް އަސަރުތަކެއް ނުކޮށެއް ނުހުންނާނެއެވެ.

ބޭރު ގައުމުތަކުގައި ފޭކު މުދާ ވިއްކައިގެން ލިބޭ ގެއްލުމަށް ބަދަލުވެސް ހޯދެއެވެ. ދިވެހިރާއްޖޭގައިވެސް އެފަދަ މަގެއް ކޮށިފައި އޮންނަން ވާނެއެވެ. މި މައްސަލަ ހައްލުކުރެވޭނީ މުދާ ގަންނަ ފަރާތްތަކަށް ފުރިހަމަ ރައްކައުތެރިކަން ލިބިދީގެންނެވެ. ފޭކު މުދަލެއް ވިއްކައިފި ނަމަ ފައިން ކުރުމަކުން ނުނިމޭނެއެވެ. ހަމަ އެކަމުގެ ސަބަބުން ލިބިދިއުމުގެ ފުރުސަތު އޮތް ގެއްލުމަށްވެސް ބަދަލު ހޯދައިދިނުމުގެ އާދަ ރާއްޖޭގައި އަށަގަންނުވަންވީއެވެ. އެ ހިސާބުން ރާއްޖެއަށް އެތެރެ ކުރާނީ ރަނގަޅު މުދާކަން ޔަގީނެވެ.

ވަރަށް ގަދަ
89%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: