ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓް ނުނިމި އޮތިއްޔާ ގޮންޖެހުމާއި ކުރިމަތާލާން ޖެހޭނީ އަންނަ ސަރުކާރަށާއި، ރައްޔިތުންނަށް: އީވާ

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި ސްޕްލިމެންޓްރީ ބަޖެޓު ހުށަހެޅުން ލަސްވާނަމަ ގޮންޖެހުމާއި ކުރިމަތާލާން ޖެހޭނީ އަންނަ ސަރުކާރަށާއި، ތަރައްގީގެ މަސައްކަތާއި، ރައްޔިތުންގެ ވިޔަފާރިތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިފައިފައިން ވިދާޅުވެފައިވާއިރު ޑރ، މުހައްމަދު މުއިއްޒުގެ އާ ސަރުކާރުފެށެން ބާކީ އޮތީ 3 ދުވަހެވެ. އެގޮތުން ޑރ. މުއިއްޒު ހުވާ ކުރުން އޮތީ އަންނަ ހުކުރު ދުވަހުގައެވެ.

އިވާ މިއަދު މަޖިލީހުގެ ރިޔާސަތުގައި ވާހަކަަފުޅު ދައްކަވަމުން ވިދާޅުވީ، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާއި އަދި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމުގައި މަޖިލީހުން މަސައްކަތް ކޮށ،ް އެ މަސައްކަތަށް ކުރިއެރުން ނުލިބި ލަސްވާނަމަ އޭގެ ގޮންޖެހުންތައް ކުރިމަތިލާން ޖެހޭނީ ހަމައެކަނި ސަރުކާރަށް ނޫން ކަމަށާއި، ތަރައްގީގެ ހުރިހާ މަޝްރޫއަކަށާއި، އާންމު ރައްޔިތުންގެ ވިޔަފާރިއާއި، ހުރިހާ މަސައްކަތަށް ކަމަށެވެ. އަދި ސްޕްރީމްކޯޓުން ނިންމި ހުކުމުގައިވެސް ރައްޔިތުންގެ މަޖުލީހުން ކޮންމެހެން ވެސް ކުރަންޖެހޭ މަސައްކަތްތައް ކުރަން އަންގާފައިވާ ކަމަށާއި، ނަމަވެސް މިއަދު މަޖިލީހުން ފެށުނީ ބަޖެޓް މަސައްކަތް ކުރެވޭ ގޮތަކަށް ނޫންކަމަށެވެ.

އީވާ މަޖިލީހުގައި މިފަދައިން ވިދާޅުވެފައިވާއިރު، މިއަދުގެ މަޖިލީސް ވަނީ ކޯރަމް ހަމަ ނުވެގެން ޖަލްސާ ކުރިއަށް ނުގެންދެވި މެދު ކަނޑާލަންވެސް ޖެހިފައެވެ. މިއަދުގެ މަޖިލީހުގައި ކުރިއަށްދާން އޮތީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައިވާ ގޮތުގެމަތިނ،ް 2023 ވަނަ އަހަރަށް ލަފާ ކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިނ،ް 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމެވެ. ނަމަވެސް މިއަދުވެސް މަޖިލިސް ނުފެށި މެދު ކަނޑާލާފައިވާއިރު މަޖިލީހުގެ މެމްބަރުން ތިއްބެވީ މަޖިލީހުގެ ކުޑަ ދަށުގައެވެ.

މަޖިލިސް ޖަލްސާ މެދު ކަނޑާލަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ސަޕްލަމެންޓްރީ ބަޖެޓަކީ ރައްޔިތުންނާއި ގުޅުން ހުރި ބަޖެޓަކަށްވާތީ ޖަލްސާ ކުރިއަށް ގެންދެވޭތޯ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށައެޅުމަށް ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރަށް ގާނޫނު ބުނާ މުއްދަތުގައި މަޖިލީހުން ހުށައެޅި ކަމަށާއި، ނަމަވެސް ބަންޑާރަ ނައިބުގެ ލަފަޔަކާއި އެކު މާލީ ވަޒީރު މަޖިލީހަށް ހާޒިރުވެފައިނުވާ ކަމަށެވެ، ނަމަވެސް މަޖިލީހުގައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލައާއި ގުޅޭގޮތުން މި ދިޔަ ހަފްތާގައި ސްޕްރީމް ކޯޓުން ކުރި ހުކުމާއިއެކުވެސް ވަރަށް ސާފްކޮށް ބަންޑާރަ ނައިބު ދެއްވާފައިވާ ލަފަޔަކީ ގޯސް ލަފަޔެއްކަަމަށް އެނގިވަޑައިގަންނަވާ ކަމަށް އިވާ ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގައި ހިނގަންޖެހޭނީ ސްޕްރީމް ކޯޓުން އެންގި ގޮތަށް ބަޖެޓް ގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: