ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އިންޑިއާގެ ސިފައިންނަށް ނުތިބެވޭނެ، އަދަދު ސާފުނުވަނީ ކުރީ ސަރުކާރުގެ ސަބަބުން: ސިރާޖު

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ރައްޔިތުންގެ މަޖިލީސް)
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި މެދު ޝައްކު އުފެދޭ ގޮތަށް ވާހަކަތައް ދައްކައި، ފަތުރާ ދޮގު މައުލޫމާތުތަކަށް ޖާގައެއް ނުދޭނެކަމަށް ލ. ފޮނަދޫ ދައިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުން ސަރުކާރުން ވެރިކަމަށް އައުމަށް ދެއްކީ ދޮގު ވާހަކަތަކެއްކަމަށް ބުނެ، އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި މެމްބަރުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެފަ އެވެ. ސަރުކާރާއި މެދު ސުވާލު އުފައްދައި ދެއްކެވި ވާހަކަތަކުގެ ރައްދުގައި ސިރާޖު ވިދާޅުވީ، ވެރިކަމަށް މާ ގިނަ ދުވަހެއް ނުވެ ރައްޔިތުންގެ ނިންމުމާއި ދެކޮޅަށް އެމްޑީޕީން ނިކުތުމުން ކަންބޮޑުވާ ކަމަށެވެ.

ސިރާޖު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު ގެނައުމަށް ރާއްޖޭގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ވޯޓު ދިން ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ފަސް އަހަރަށް ގެނައި މި ވެރިކަމާއި އެކު، ރައްތިޔިތުންގެ ނިންމުމަށް އިހުތިރާމު ކުރަން ޖެހޭކަމަށް ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ މިއީ ދެފުށް ފެންނަ ރައްޔިތުންނަށް ޖަވާބުދާރީވާނެ ސަރުކާރެއްކަމަށާއި، އެއްވެސް ކަމެއް ފޮރުވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ދިވެހިން ބޭނުން ވަނީ، އެއްވެސް ގައުމެއްގެ ނުފޫޒަކާއި ބާރު ފޯރުވުމެއް ނެތި ދިރިއުޅެންކަމަށާއި އެއީ އެއްވެސް ގައުމަކާއި މެދު ޒާތީވެ ނެތް މައްސަލައެއް އުފެއްދުން ނޫންކަމަށް ސިރާޖު ވިދާޅުވި އެވެ. އެހެންކަމުން އެއްވެސް ގޮތެއްގެ މަތީން ރާއްޖޭގައި އިންޑިއާގެ ސިފައިންގެ އެންމެ މީހެއް ވެސް ހުރުމަށް ދިވެހިން ނޭދޭކަމަށާއި ރިޔާސީ އިންތިހާބުގެ ނަތީޖާއިން ބުނެދޭ ހަގީގަތަކީ އެއީކަމަށް ސިރާޖު ވިދާޅުވި އެވެ.

އެންމެ އިންޑިއާގެ ސިފައިންގެ މީހެއް، ހުރުމަށް ވެސް ރައްޔިތުން ބޭނުން ނުވާކަން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ސާފުކޮށް ނިންމައިފި

ރައްޔިތުން ބޭނުންވާ ގޮތަށް، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ޖެހޭނީ މި ގައުމު ދޫކޮށް ދާންކަމަށާއި އެ ނޫން އެއްވެސް ގޮތެއް ނޯންނާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކަނޑުގެ މައްސަލައިގައި ވެސް ދޫދޭން ބޭނުން ނުވާކަމަށާއި ރާއްޖެއަށް ގެއްލުނު ސަރަހައްދު އަނބުރާ ހޯދަން ޖެހޭކަމަށް ސިރާޖު ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރާއި މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކައި، ވެރިކަން ވައްޓާލަން ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެކަމަށް ސިރާޖު ވިދަޅުވި އެވެ.

ސިރާޖު ވިދާޅުވީ އިންޑިއާގެ ސިފައިންގެ އަދަދު ސާފު ނުވެގެން އުޅެން ޖެހެނީ، އެކަން ފޮރުވުމަށް މިދިޔަ ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. އެކަމަކު އިންޑިއާ ސިފައިންގެ ޖުމްލަ އަދަދު ހޯދައި، ރާއްޖޭގެ ގެއްލިފައިވާ މިނިވަންކަން އިޔާދަ ކުރެވި ނުފޫޒުން އެއްކިބާ ވެވޭނެކަމަށް ސިރާޖު ވިދާޅުވި އެވެ.

މުޅި ދުވަހު ކުރިޔަށް ގެންދެވި ކެބިނެޓު ބައްދަލުވުމަކަށް ފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާތަކުގެ ގިނަ ސުވާލުތައް އަމާޒުވީ އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުންނެވެ. އެކަމަށް ރައީސް ވިދާޅުވީ އެކި ރަސްމީ އިދާރާތަކުން ލިބޭ އަދަދުތަކުގައި ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރުމާއި އެކު ލިޔެކިއުންތައް ދިރާސާ ކުރަމުން ދާކަމަށެވެ. އެކަމަކު މިވަގުތަށް ޔަގީންވެފައިވާ އެއްކަމަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި، 100 އަށް ވުރެ ގިނަ ބައިލެޓްރަލް އެގްރިމެންޓުތައް އިންޑިއާއި އެކު ހަދާފައިވުންކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ތުރުކީވިލާތާއި ކޮޕް ސަމިޓުގެ ދަތުރު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވި ދުވަހު ވެސް މީޑިއާތަކާއި ބައްދަލުކޮށް ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަަސްވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: