ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮސްޓާ އެމްޑީޕީއަށް؛ މެޖޯރިޓީގެ ބިރެއް ނުދެއްކޭނެ، ރާއްޖޭގައި އިންޑިއާގެ ސިފައިން ނެތްކަމަކަށް ވެސް ނުވާނެ!

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުން ދޮގު ވާހަކަ ދެއްކިކަމަށް ބުނެ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނީ ހިޔާ ފްލެޓާއި ގުޅޭގޮތުން ސަރުކާރުން ނިންމި ނިންމުމުގެ އަޑު ކަނޑުވާލައި މެޖޯރިޓީގެ ބިރު ދެއްކުމުގެ ނިޔަތުގައިކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުން ފަތުރާފައި ވަނީ ދޮގު ވާހަކަތަކެއްކަމަށާއި، ވެރިކަމަށް އައުމަށް ފަހު ފެންނަނީ އެކަމުން ރެކެން އުޅޭ މަންޒަރުކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި އެ މައްސަލައިގައި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވީ ދޮގު ވާހަކަތަކެއްކަމަށް ބުނެ، އެ މައްސަލައިގައި ޖަވާބުދާރީވާން ޖެހޭކަމަށް ވިދާޅުވެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން މިކަމަށް ފާރަވެރިވުމަށް ވެސް މެމްބަރުން ގޮވާލި އެވެ.

އަހުމަދުގެ މައްސަލައިގައި ވަނީ ތުރުކީވިލާތާއި ކޮޕް ސަމިޓުގެ ދަތުރު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ރައީސް ބޭއްވި ޕްރެސް ބްރީފިންގައި ދެއްކެވި ވާހަތަކުގެ އެއްބަސްވުން ހާމަކުރުމަށެވެ. އެ ޕްރެސްގައި ރައީސް ވިދާޅުވެފައި ވަނީ، އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެހެންވެ އެކަމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ބަހުސްކޮށް، ސުވާލު އުފެއްދި އެވެ.

އެމްޑީޕީގެ މެމްބަރުންނަށް ރައްދު ދެއްވައި، ތަޅުމުގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވެސް ވަނީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާއި މެދު ސުވާލާއި ޝައްކު އުފެދޭ މޭރުމަކުން ވާހަކަ ދެއްކުން ހުއްޓާލަން ގޮވާލާފަ އެވެ. އަދި އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލު ދެމެހެއްޓުމަށްކަމަށާއި އެއްވެސް ގައުމެއްގެ ނުފޫޒެއް ރާއްޖެއަށް ނުފޯރުވޭނެ ކަމަށެވެ.

އެއަށް ފަހު މެމްބަރު ނަޝީދު ވެސް ވިދާޅުވީ ސަރުކާރާއި މެދު ނަފްރަތު އުފެއްދުމަކީ އެމްޑީޕީން އަބަދުވެސް ކަން ކުރާ އުސޫލު ކަމަށެވެ.

ނަޝީދު ވިދާޅުވީ މިއަދު ކުއްލި ގޮތަކަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން އިންޑިއާގެ ސިފައިންގެ އަދަދާއި ގުޅޭގޮތުންކަމަށް ބުނެ މައްސަލައެއް ހުށަހެޅީ ސަރުކާރުން އިއްޔެ ނިންމި ނިންމުންތައް ހިންދާލައި އަޑު ކަނޑުވާލަން ކަމަށެވެ. ކެބިނެޓު ބައްދަލުވުމުގައި ނިންމި ނިންމުންތަކުގެ ތެރޭގައި ރައްޔިތުންނަށް ފައިދާ ހުރި އެތައްކަމެއް ހިމެނޭއިރު ނަޝީދު ސިފަ ކުރި ގޮތުން އެމްޑީޕީން ބޭނުން ވަނީ ހިޔާގެ ކުއްޔަށް ގެނައި ބަދަލުގެ އަޑު ކަނޑުވާލަން ކަމަށެވެ.

ސަރުކާރު ވެރިކަމަށް އައިތާ ވިހި ދުވަސް ވެސް ނުވަނީ، މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފުން އެއީ ނަފްރަތު އުފެއްދުމުގެ ސިފައެއްކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީޕީން ބޭނުން ވަނީ ސަރުކާރަށް ބިރު ދައްކައި މަޖިލީހުގެ އެ މެޖޯރިޓީން ބޭނުންކަމެއް ކުރެވިދާނެކަމަށް ދައްކަން އުޅުންކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެމްޑީޕީން އައު ސަރުކާރުގެ އޮފް ކަނޑުވާލުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެ އެވެ.

ތިމަންނާމެންނަށް ބާރެއް ލިބިފައި އޮތީތީވެ، އެ ބާރުގެ ބޭނުންކޮށްގެން.. ކިތަންމެ ވަރަކަށް އޮފް ކަނޑުވަން އުޅުނަސް ނުކެނޑުވޭނެ… ހިޔާ ފްލެޓުގެ އަގު ކުޑަ ނުކުރާކަމަކަށް ވެސް ނުވާނެ.. އެކަން ކޮށްދެއްވައިފި.. މީޑިއާތަކުން އެ ހަބަރު ރިޕޯޓު ކުރުމުން އެ އަޑުކަނޑުވާލަން.. އިންޑިއާގެ ސިފައިންނޭ.. އެއްޗެކޭ، މީއްޗެކޭ މި ކިޔަނީ.. އިންޑިއާގެ ސިފައިން ނެތްކަމަކަށް ހަމަނުވާނެ

މުޅި ދުވަހު ކުރިޔަށް ގެންދެވި ކެބިނެޓު ބައްދަލުވުމަކަށް ފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާތަކުގެ ގިނަ ސުވާލުތައް އަމާޒުވީ އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުންނެވެ. އެކަމަށް ރައީސް ވިދާޅުވީ އެކި ރަސްމީ އިދާރާތަކުން ލިބޭ އަދަދުތަކުގައި ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރުމާއި އެކު ލިޔެކިއުންތައް ދިރާސާ ކުރަމުން ދާކަމަށެވެ. އެކަމަކު މިވަގުތަށް ޔަގީންވެފައިވާ އެއްކަމަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި، 100 އަށް ވުރެ ގިނަ ބައިލެޓްރަލް އެގްރިމެންޓުތައް އިންޑިއާއި އެކު ހަދާފައިވުންކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބައެއް އިދާރާތަކުން ލިބޭ މައުލޫމާތުތަކުގައި 77 ނުވަތަ، 89 ގެ އަދަދުތައް ވެސް އެބަހުރި ކަމަށެވެ. އެހެންކަމުން އެކަން ސާފުކުރާނެކަމަށާއި، ރައްޔިތުންނަށް ފުރިހަމަ މައުލޫމާތުތައް ދޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: