ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ނޫސްތަކުން ދިވެހިރާއްޖެ ޖިހާދިސްޓު ގައުމެއްގޮތުގައި ސިފަކުރަން ފަށައިފި!

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ، އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސިފައިން ދިވެހިރާއްޖޭގެ ފަސްގަނޑުން ބޭލުމަށް ދިވެހިރާއްޖެއިން ބޭނުންވާ ސަބަބުތަކުގެ ތެރޭގައި ދީނީ ބައެއް މަގުސަދުތައްވެސް ހިމެނޭކަމަށް އިންޑިއާގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރަށް އިހުތިރާމްކުޑަކޮށް ސޯޝަލްމީޑިއާގައި ސަރުކާރަށް ނިސްބަތްވާ ބަޔަކު ޕޯސްޓުތަކެއް ކުރިމައްސަލައިގައި ސޯޝަލްމީޑިއާގައި އުޅޭ އިންޑިއާގެ އާންމުންދަނީ ދިވެހިރާއްޖެ ބޮއިކޮޓުކުރުމަށް ގޮވާލަމުންނެވެ. އަދި އެ ގައުމުގެ ހެކަރުން ދިވެހިރާއްޖޭގެ ބައެއް ރަސްމީ ވެބްސައިޓުތައްވެސް ހެކުކޮށްފައިވާއިރު، އިންޑިއާގެ ނޫސްތަކުންވެސް ދަނީ ދިވެހިރާއްޖޭގެ މޫނުމަތި ހަޑިކުރުމުގެ ގޮތުން މީޑިއާ ކެމްޕެއިންތައްވެސް ކުރިއަށް ގެންދަމުންނެވެ.

އެގޮތުން އިންޑިއާގެ ނޫހެއްކަމަށްވާ ދަ ޕްރިންޓްއިންވަނީ ދިވެހިރާއްޖޭގައި ހަރުކަށި ފިކުރުގެ މައްސަލަ ބޮޑުވެފައިވާކަމަށް ސިފަކޮށް ރިޕޯޓެއް ޝާއިއުކޮށްފައެވެ. އެ ރިޕޯޓުގައި ސަރުކާރަށްވެސް ބައެއް ތުހުމަތުތައް އަމާޒުކޮށްފައިވާއިރު، ދިވެހިރާއްޖޭގައި ހިނގާފައިވާ ބައެއް ކަންކަމާއި ފެންމަތިވެފައިވާ ބައެއް މައުލޫމާތުތަކަށްވެސް އަލިއަޅުވާފައިވެއެވެ.

އެ ނޫހުންވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ދައުރުގައި ދީނީ އިލްމުވެރިޔާ ޝައިހު އިބްރާހިމް ފަރީދުގެ ތުނބުޅި ޗިލީ ސޯސް ޖަހައި ބޭލި ވާހަކަ އަދި އޭނާ ހިމަންދޫ އަށް އަރުވާލި ވާހަކައާއި އެއަށްފަހު އެ ރަށުގައި ދީނީ އިލްމު އުނގަންނަައިދިނުމުގައިވެސް ޝައިހު ކުރައްވާފައިވާ މަސައްކަތްތައްވެސް ނޭދެވޭ ކަންކަމުގެ ގޮތުގައި ސިފަކޮށްފައެވެ.

ދަ ޕްރިންޓުން ބުނެފައިވާގޮތުން، ރައީސް މުއިއްޒުގެ ސަރުކާރަކީ ޕްރޯ އިސްލާމިސްޓު ސަރުކާރެއްކަމަށްވާއިރު، ބޮޑުވަޒީރު މޯދީއަށް ފާޑުކިއުމާއިއެކު ޑެޕިއުޓީ މިނިސްޓަރުންތަކެއްވެސް ސަސްޕެންޑުކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ދީނީ ރައިޓް ވިންގުން އިންޑިއާ އަށް ނަފްރަތުކުރާ ވަރުވެސް ފެނިގެންދާކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ހިދުމަތުގައި ބޭނުންކުރާ ޑޯނިއާތައްވެސް ހިމެނޭޙެން އިންޑިއާގެ އަސްކަރިއްޔާ އަދި ވަސީލަތްތައް ބޭލުމުގެ މަސައްކަތްތައް ރައީސް މުއިއްޒު ފެއްޓެވުމުގެ ކުރިންވެސް ރާއްޖޭގައި މައްސަލަތައް ފެންމަތިވެފައިވާކަމަށް ބުނެފައިވާއިރު، ޔޯގާ ޑޭގެ ހަރަކާތުގެ ތެރެއިން އުފެދިގެންދިޔަ މައްސަލައާއިވެސް ހަރުކަށި ފިކުރާއި ގުޅުވާފައިވެއެވެ. ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަކީވެސް ޖިހާދިސްޓުންތަކެއް އެމަނިކުފާނަކީ ދީނުގެ އަދުއްވެއްކަމަށް ބަލައި ހިންގި އަމަލެއްކަމަށާއި ހަރުކަށި އަދަބުތަކާއި ދެކޮޅަށް އަޑުއުފުލާ މީހުންނާއި ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގާނެކަމުގެ އިންޒާރުތައް ލިބޭކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އިންޑިއާ ރާއްޖެއިން ބޭރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ ދީނީ ވިސްނުމެއްގެ މަތިން ހިންގޭ ބޮޑު ކެމްޕެއިންއަކުން ބައެއްކަމަށާއި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އާންމުންނަށް ކްރިސްމަސް ސެލެބްރޭޓު ކުރުން މަނާކޮށް އެކަން ތަންފީޒުވެސް ކުރަމުންދާކަމަށް ބުނެފައިވެއެވެ. އަދި ރައީސް މުއިއްޒުވަނީ އެމަނިކުފާނުގެ ސަރުކާރު ހިންގެވުމުގެ ތެރޭގައި އިސްލާމީ އަސާސްތައް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހިފެހެއްޓުމަށް  ވައުދުވެވަޑައިގެންފައިކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

އިބްނު ބަތޫތާގެ ޒަމާނުގައި ދިވެހިންގެ ތެރޭގައި ބައެއް ޖާހިލު އަމަލުތައް ހިންގަމުންދިޔަކަމުގެ ވާހަކަވެސް މި ރިޕޯޓުގައި ހިމަނާފައިވާއިރު، ދިވެހިރާއްޖޭގައި ގޭންގު މައްސަލަ އަދި އެ މައްސަލައިގެ ތެރެއަށް ހަރުކަށި ފިކުރުވެސް ވަދެފައިވާކަމަށް ސިފަކޮށްފައިވެއެވެ.

ރިޕޯޓުގައި ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށްވެސް ފާޑުކިޔާފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގައި ހަރުކަށި ފިކުރުގެ މައްސަލަ އުފެދިގެން އަންނަނީ ދެމުންދާ ތައުލީމުގެ ސަބަބުންކަމަށް ބުނެފައިވެއެވެ. އެ ނޫހުން ބުނެފައިވާގޮތުން ދިވެހިރާއްޖޭގެ ގްރޭޑު 9 ގެ އިސްލާމް ޓެކްސްޓު ފޮތުގައި ޖިހާދުކުރުމަށް ބާރު އަޅައެވެ. އެގޮތުން ދީނާއި ދެކޮޅަށް އަަމަލުކުރާ މީހުންނާއި ދެކޮޅަށް ޖިހާދުކުރުމަކީ ވާޖިބެއްގެ ގޮތުގައި ބަޔާންކޮށްފައިކަމަށް ރިޕޯޓުގައިވެއެވެ.

އެ ނޫހުން ބުނެފައިވާގޮތުން ހަރުކަށި ފިކުރުގެ ތެރެއަށް ގެއްލިދިއުމުގެ މައްސަލަ އިންޑިއާގައިވެސް އުފެދިގެންދަނީ އެންޓި އިސްލާމް ޕޮލިޓިކްސްގެ ސަބަބުންކަމަށާއި މިހާރު ރާއްޖޭގައި ފެންމަތިވަމުންދާ މައްސަލަތަކުގެ ސަބަބުން ސަރުކާރަށް ބައެއް ދަތިތައް ކުރިމަތިވެގެންދާނެއިރު، އިންޑިއާއަކީ ދީނުގެ އަދުއްވެއްކަމަށް ސިފަކުރީ ރާއްޖޭގެ ރައިޓް ވިންގް ޕޮލިޓީޝަނުންކަމަށްެވސް ނޫހުން ބުނެފައިވެއެވެ.

ނޫހުން ބުނެފައިވާގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ފަހު ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސާލިހުވެސްވަނީ ދިވެހިރާއްޖޭގައި ހުރި މައްސަލަތަކާއިމެދު އެއްބަސްވެވަޑައިގެންފައެވެ. އެހެންނަމަވެސް އެ އިސްލާމިސްޓު އޮއެވަރާއި ދުރަށް ނުދެވުނުކަމަށާއި ޑިމޮކްރެސީގެ އުސޫލުތަކުގެ ތެރެއިން އިސްލާމިސްޓުންނަށް ބާރުވެރިކަން ލިބުމަކީ އިންޑިއާއަށް ބައެއް ހުރަސްތައް ކުރިމަތިވެގެންދާނެ ކަމެއްކަމަށްވާއިރު ރާއްޖެއަށްވެސް އެކަމުގެ ސަބަބުން ނުރައްކާތައް ހުރިކަމަށް އެ ނޫހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
5%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 5%ވަރަށް ދެރަ 81%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: