ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޔަކު ނުރުހިގެން ބަނޑަޖެހިދާނެކަމުގެ ބިރު ފަހަނައަޅައި ގޮސްފި!

ރައީސް މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި ގައުމެއް ނުރުހިއްޖެ ނަމަ ދިވެހިން ބަނޑަށް ތިބެން ޖެހިދާނެކަމަށް ބިރުން އުޅެންޖެހުނު ޒަމާނެއް އޮތްނަމަ އެ ދުވަސްތައް ފަހަނަ އަޅައި ގޮސްފިއެވެ. މިއަދު ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ މައިދާނުގައި މަގުބޫލު، އެކުވެރިން ގިނަ ގައުމެކެވެ. އެހެންކަމުން އެ ވިސްނުމަކީ ގަދީމީ ވިސްނުމެކެވެ.

ބިސް ނުލިބޭނެކަމަށް އަލުވި ނުލިބިދާނެކަމަށް ނުވަތަ ފިޔާ ނުލިބިދާނެކަމަށް ބިރުން އުޅެންޖެހޭނީ އެތަކެތި އަމިއްލައަށް ހައްދާނެ ގޮތެއް ފަހުމް ނުކުރެވޭ ވަރުގެ މީހުންނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެ މަގެއް ނުވަތަ ދިއްކޮށްލާނެ އަތެއް ނުވާނެ މީހުންނެވެ. އެހެންކަމުން އެފަދަ ވާހަކައެއް ގަބޫލުކުރާނީ ތަންދޮރު ނުދަންނަ މީހުންނެވެ. އެހެންނަމަވެސް ގިނަ ދިވެހިންނަކީ އިންތިހާ ހޭލުންތެރިކަމާއި ބުއްދީގެ ނަސީބުވެސް ދެއްވާފައިވާ މީހުންކަމަށްވުމުން މި ޒަމާނުގައި ޔަގީނުންވެސް ފިޔަލާއި ބިހުގެ ބިރު މަސައްކަތެއް ނުކުރާނެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކިބައިން ފެނިގެންދަނީ އެ މަންޒަރެވެ. އެމަނިކުފާނުވަނީ ވެރިކަމަށް ވަޑައިގެން ދިވެހިރާއްޖޭގެ ވެރިކަން އޮތީ އިންޑިއާގައިކަމަށް ފެނިގެންދާ ސަގާފަތެއް މުގުރާލާފައެވެ. ރައީސް މުހައްމަދު ނަޝީދަށްފަހު ވަޑައިގެންނެވި ހުރިހާ ރައީސުންނެކޭ އެއްފަދައިން ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާއަށް ކުރެއްވުމުގެ ބަދަލުގައި އެމަނިކުފާނު ވަޑައިގަތީ ތުރުކީއަށެވެ. އެ ގައުމަށް ވަޑައިގެން ދިވެހިރާއްޖެއާއި ދެމެދު ގިނަ އަދަދެއްގެ އެއްބަސްވުންތައް ގާއިމުކޮށް ދެ ގައުމުގެ ދެމެދު ގިނަ މަސައްކަތްތަކެއް ކުރުމަށް ކަނޑައެޅިފައިވެއެވެ.

އެހެންކަމުން މިއަދު ދިވެހިރާއްޖޭގެ މިސްރާބު ހުރީ ޔަގީނުންވެސް ދިވެހިން ނިމުމަކަށް ގެނައުމަށް ބޭނުންވި ސަރުކާރުން ދަތުރުކުރަމުންދިޔަ މަންޒިލާއި ވަރަށްވެސް ތަފާތު މިސްރާބަކަށްކަން ޔަގީނެވެ. އިންޑިއާގެ ރައްޔިތުންގެ ތެރޭގައިވެސް ބޮޑުވަޒީރު ނަރޭންދްރަ މޯދީއަށް ކުޑައިމީސްކޮށް ހަދައެވެ. ޖޯކުވެސް ޖަހައެވެ. ހަމަ ސޯޝަލްމީޑިއާގައި ޓެގުކޮށްވެސް އެއްޗެސް ކިޔާ ހަދައެވެ. އެހެންކަމުން މިއަދު ދިވެހިންގެ ބަޔަކު ސޯޝަލްމީޑިއާގައި މޯދީއަށް ޖޯކެއް ޖެހުމުން އެކަން ބޮޑުކޮށްގެން ވިހަކުރާނީ ރާއްޖެއިން ކުރަމުންދާ ކަމަކަކާއިމެދު ވަރަށްވެސް ހިތްހަމަނުޖެހިފައިތިބި ވަގުތެއްގައި ފުރުސަތު ލިބުމުންކަމަށް ބެލެވެއެވެ.

އިންޑިއާއިން ދިވެހިރާއްޖޭގެ މައްޗަށް ބާރުވެރިވެގަތުމަށް ބޭނުންވާ ވާހަކައާއި ދިވެހިން ދަރަނީގެ ދަންތުރައެއްގައި ޖައްސަމުންދާ ވާހަކަ މިހާރުގެ ސަރުކާރުގެ އިސްވެރިން ވެރިކަން ހޯދުމަށް ކުރެއްވި ކެމްޕެއިންތަކުގައި ދެއްކެވިއެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޗައިނާއިން ނަގަމުންދިޔަ ލޯނުތަކާއި ގުޅޭގޮތުންވެސް ހަމަ އެގޮތުގެ މަތިން ވާހަކަތައް ދެކެވުނެވެ. އެހެންނަމަވެސް އެ ގައުމުން ލޯނު މެނޭޖުކުރުމުގައި ރާއްޖެއަށް ދެމުންދާ ލުއިތަކާއި ބޮޑެތި އަދަދުތަކުން ދެމުންދާ ހިލޭ އެހީއިން އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ފެނިގެންދާއިރު، މިއަދު އިންޑިއާގެ ފަރާތުން ފެންނަމުންދާ މަންޒަރުތަކުން ދިވެހިން ރަނގަޅަށް ދަރުވާލަން ހިތުލައިގެން ތިބިކަމަށް ފެނިގެންދެއެވެ.

ދިވެހިރާއްޖެ މިއަދު އޮތީ ދަރަނިވެރި ހާލަތެއްގައިކަން އެންމެ ރަނގަޅަށް އެނގޭނީ އިންޑިއާއަށެވެ. އަދި މިދިޔަ ދައުރުގައި އިންޑިއާއިން ރާއްޖޭގެ ސަރުކާރާއި ވަރަށް ގިނަ މާލީ މުއާމަލާތްތަކެއް ހިންގާފައިވާކަމަށްވުމުން ދިވެހިރާއްޖޭގެ މާލީ ހާލަތުގެ ނާޒުކުކަންވެސަް އެ ގައުމުގެ ސަރުކާރަށް ދިވެހި ރައްޔިތުންނާއި ސަރުކާރުގައި ތިބި ގިނަ މީހުންނަށްވުރެވެސް ބޮޑަށް ސާފުވާނެއެވެ. އެހެންކަމުން މިއަދު އެ ގައުމުގެ މީޑިއާތަކަށް ކޯޑިނޭޓުވެގެން ދިވެހިރާއްޖެއަށް ފައިސާ ލިބޭ މައި މަގުކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތު ފުނޑާލުމަށް މަސައްކަތްކުރުމަށް ފުރުސަތު ދީގެން ނުހުއްޓުވާ އެތިބީ ދިވެހިންގެ މައްޗަށް މާލީ ގޮތުން އަތްގަދަކުރުމަށް ފުރުސަތެއް އުފެއްދުމަށް އެ ގައުމުގެ ސަރުކާރުންވެސް ބޭނުންވާތީކަމަށް ދެކުމުގެ ފުރުސަތު އޮވެއެވެ.

އިންޑިއާއިން ސަރަހައްދީ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މައުލޫމާތު އެއްކުރުން މުހިންމު ކަމެއްގެ ގޮތުގައި ހިމެނޭއިރު، ދިވެހިރާއްޖޭގައި އެގައުމުގެ އަސްކަރީ މުއައްޒަފުންތަކެއް ދުއްވާ ވައިގެ އުޅަނދުތަކަކީ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އިތުރުން އެފަދަ މަސަައްކަތްތައްވެސް ކުރުމަށް ބޭނުންކުރާ ތަކެއްޗިކަން ފާހަަގަކުރެވެއެވެ. ރާޑަރު ހަރުކުރީވެސް އެ ކަމުގައި އެ ގައުމުގެ ޝައުގުވެރިކަމާއި މަސްލަހަތު ހިމެނޭކަމަށްވުމުންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުން އުވާލުމަށް ނިންމާފައިވާ ހައިޑްރޮގްރަފީ އެއްބަސްވުމުގެ ދަށުންވެސް ކުރެވެނީ އެފަދަ މަސައްކަތެކެވެ. އެހެންކަމުން ރައީސް މުއިއްޒު ވަޑައިގެން އެ ގައުމުން ދިވެހިރާއްޖެއާއި ގުޅޭގޮތުން ދިވެހިންނަށް ނޭނގޭ މިންވަރަށް މައުލޫމާތު ހޯދުން ހުއްޓުވުންވެސް ވެގެންދިޔައީ ރައީސް މުއިއްޒު ޖެއްސެވި ވަރުގަދަ އެތިފަހަރަކަށްކަން ޔަގީނެވެ.

ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގގެ ދައުވަތަކަށް ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ދިވެހިރާއްޖެއިންވަނީ ހާރިޖީ މިނިވަންކަން ކަށަވަރުކުރުމުގެ ގޮތުން އިތުރު ފިޔަވަޅެއް އަޅާފައެވެ. ސަރުކާރުންވަނީ ޗައިނާގެ ސަރުކާރާއިއެކު 20 އެއްބަސްވުމެއް ގާއިމުކޮށްފައިކަމަށްވާއިރު، މި އެއްބަސްވުންތައް އެކުލަވާލެވިގެންދިޔައީ ދިވެހިރާއްޖޭގައި ތަރައްގީ ބޭނުންވެފައިވާ އެކި ދާއިރާތަކަށް ރިއާޔަތްކޮށެވެ. ޗައިނާގައި ހުންނެވިއިރު، ހޫނުވެގެންދިޔަ މައްސަލައާއި ގުޅޭގޮތުން ރައީސް މުއިއްޒުވަނީ ދަތުރުފުޅު ނިންމަވާލައްވައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަަދައްކަވާފައެވެ.

އެމަނިކުފާނުވަނީ އިންޑިއާ ކަނޑުގެ ސަރަހައްދަކީ ވަކި ގައުމުގެ އެކަނި ތަނެއްގެ ގޮތުގައި ދެކޭ ދެކުމަކީ ރަނގަޅު ނަޒަރިއްޔާއެއް ނޫންކަކަމަށް ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަކީ އެއްވެސް ގައުމެއްގެ ކުޅިވަރު ކުޅޭ މައިދާނެއް ނޫންކަންވެސް ހިއްސާކުރެއްވިއެވެ. އެމަނިކުފާނު ވަކާލާތު ކުރެއްވީ ހާރިޖީ މިނިވަމަން ގާއިމުކުރުގެ މައްޗަށް ކަމަށްވާއިރު، ޗައިނާއާއިއެކު ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖެއަށް ބޭނުންވާ ކާބޯތަކެތި އުފައްދައި ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރެވިގެންދާނެކަމުގެ އުންމީދުކުރައްވަމުންދާކަންވެސް އެ މަނިކުފާނުވަނީ ހިއްސާކުރައްވާފައެވެ.

އެހެންކަމުން 1200 އަށްވުރެ ގިނަ ކުދި ޖަޒީރާ ރަށްތަކަކުން އެކުލެވިފައިވާ މި ގައުމުގައި ގެރި ބަކަރި އަދި ކުކުޅު އާލާކޮށް ނުގެންގުޅެވޭނެކަމަށް އަދި ރައްޔިތުންނަށް ބޭނުންވާ މިންގަނޑަށް އެފަދަ މަަސައްކަތްތަކެއް ނުކުރެވޭނެކަމަށް ދެކުނު ޒަމާން ބަދަލުވި ވެރިކަމުގެ ބާރުތަކާއިއެކު ހަގީގަތުގައި ފަހަނަ އަޅައިފިކަން ޔަގީނެވެ. އަދި ފަސްގަނޑުގައި ބޭނުންވާ މާއްދާތައް އެކުލެވިފައި ނެތްކަމަށް ބަލައި ދަނޑުގޮވާން ނުކޮށް ތިބޭ ވަރަށްވުރެވެސް މިއަދު ދުނިޔެ ކުރިއަރައިފައިވާކަން ގަބޫލުކުރާ ބަަޔަކާއި ބާރުތައް ހަވާލުވެފައިވާކަންވެސް ކަށަރެވެ.

މީގެ ކުރިން ދިވެހިރާއްޖޭގައި ގައުމުގެ މިނިވަންކަން ހުރިހާ ނަޒަރިއްޔާއަކުން ކަށަވަރުކުރުމަށް މަސައްކަތްކުރަންޖެހޭކަން ފަހުމްވެސް ވެފައިނުވާ ފަދައެވެ. ދިވެހިރާއްޖޭގައި ޑިމޮކްރެސީ ގާއިމުކުރެވި ރައްޔިތުންގެ ވެރިކަންތައް ކުރެވެމުންދާތާ އަހަރުތަކެއް ވެފައިވާއިރު، ރައްޔިތުންނަށް ބޭނުންވާ މިންގަނޑަށް ބޭނުންވާ ކާބޯތަކެތި އުފެއްދޭނެ ގާބިލުކަމާއި އެ މިނިވަންކަން ހާސިލުވެފައިނުވުމަކީ ހައިރާން ކުރުވަނިވި ކަމެކެވެ. ދިވެހިރާއްޖޭގެ އެންމެ ޒަމާންވީ ސީދާ މުޖުތަމައަށް އެކަމުގެ މަންފާވަނިވި އިގްތިސާދުކަމަށްވާ މަސްވެރިކަމުގެ ސިނާއަތު ބަނޑު ޖަހާލުމަށް ދޫކޮށްލާފައިވުމުންނާއި މާ ފަހުން އުފެދުނު މުއްސަނދިނަށް އެކަނި އެކަމުގެ ފައިދާތައް ލިބިގެންދާ ފަތުރުވެރިކަމުގެ ސިނާއަތު އާސުމާނުގައި ޖެއްސުމަށް ގިނަ މަސައްކަތްތަކަކާއި ހަރަދުތަކެއް ރައްޔިތުންގެ ޓެކްސް ފައިސާއިން ކޮށްފައިވުމުން ވޭތުވެދިޔަ ވެރިކަންތަކުގެ ހިތި ހަގީގަތް ކިޔައިދެއެވެ.

ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ބަޔަކު މީހުން ކައިރީ ބުނުމެއް ނެތި ކައިބޮއެ އުޅަމަށެވެ. ދިވެހި ރައްޔިތުން ބޭނުންވަނީ ސަލާން ޖަހާ ގައުމެއްގެ ގޮތުގައި އެޅިފައިވާ ލޭބަލް ނެއްޓި އިގްތިސާދު މެދުވެރިކޮށް މާލީ މިނިވަންކަން ހާސިލުކުރުމަށެވެ. ދިވެހިން ބޭނުންވަނީ ދިވެހި ވަންތަކަންމަތީ ދެމި ތިބުމަށެވެ. އަދި އެހެން ބަޔަކުގެ ކަމަކާއިމެދު ރާއްޖެއިން ބަސްނުބުނާ ގޮތަށް ދިވެހިން ބޭނުންވަނީ ދިވެހިރާއްޖޭގެ އެއްވެސް ނިންމުމެއްގައި ދިވެހިން ނޫން ބައެއްގެ ބަސް ނުހިމެނުމަށްކަމަަށްވުމުން މިއަދު ކުރަމުންދާ ދަތުރާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ގިނަ ބިރުވެރި ހިޔާލީ ވާހަކަތަކެއް ދެއްކިނަމަވެސް ދިވެހީންނަށް ދިވެހީންގެ ރާއްޖެ ލިބޭނީ މި ދަތުރުކޮށްގެންކަން ކަށަވަރެވެ.

ވަރަށް ގަދަ
47%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: