ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަންވެވޭނީ މި ޝަރުތުތައް ހަމަވެގެން!

ރައީސް ޑރ މުހައްމަދު މުއިއްޒު:
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސިފައިން ބޭލުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކޮށް ކަށަވަރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކެކެވެ. މި މަސައްކަތްތައް އަދި ނިމުމަކަށް އައިސްފައިނުވާއިރު ކުރެވެމުންދާ މަސައްކަތްތަކާއި ގުޅިގެން ދިވެހިރާއްޖެއަށް އިންޑިއާގެ ނުރުހުން އަމާޒުވަމުންދާކަންވެސް ފާހަގަކުރެވެއެވެ.

އެހެންނަމަވެސް، ފެންމަތިވަމުންދާ މައްސަލަތަކުގެ ސަބަބުން އިންޑިއާ ސިފައިން ދިވެހިރާއްޖެއިން ބޭލުމުން އެ މަސައްކަތްތަކާއިއެކު ހަގީގަތުގައިވެސް ރާއްޖޭގެ މިނިވަންކަން ކަށަވަރުވެގެންދޭތޯ ސުވާލު އުފެއްދުން މުހިންމެވެ. މިއަދު ދެމުންދަނީ ދިވެހިރާއްޖޭގެ އިގްތިސާދު ފުނޑާލައި މާލީ ގޮތުން ދަތިތައް ކުރިމަތިކުރުވަފާނެކަމުގެ އިންޒާރުތައް ކަމަށްވާއިރު، މާދަމާ އެހެން ގޮތަކުން އަސްލުވެސް ފިއްތުންތަކެއް ކުރިމަތިކުރުމުގެ ފުރުސަތުވެސް އޮވެއެވެ.

ރާއްޖެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް ބަލާއިރު، ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމާއި ދިވެހި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އަމިއްލަ ގައުމުގައި ކާނާ އުފެއްދުމުގެ މަސައްކަތްތަކަކީ ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތްކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ ރައްޔިތުން ކައިބޮއެ ހެދުމަށް ބޭނުންކުރާ ތަކެތީގެ މައިގަނޑަކީ އިމްޕޯޓުކުރެވިފައިވާ ތަކެއްޗެވެ. ރާއްޖޭގައި ހައްދާ ލިބޭ ތަކެތިވެސް އިމްޕޯޓުކުރުމަކީ ވިޔަފާރިވެރިންގެ ކިބައިގައިވެސް އަށަގަނެފައިވާ ނުރަނގަޅު އާދައެކެވެ. މި މައްސަލަ ހައްލުކޮށް މި ގޮތުން ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަން ހާސިލުކޮށްދިނުން މުހިންމުވަނީ މިކަމާއި ދިވެހިރާއްޖޭގެ މާލީ ހާލަތާއި ރައްޔިތުންގެ ސިއްހީ ދުޅަ ހެޔޮކަމުގެ އިތުރުން ޖުމުލަކޮށް ގައުމުގެ ދެމެހެއްޓިނިކަމާއިވެސް ގުޅިލާމެހިފައިވާކަމަށްވުމުންނެވެ.

ގައުމެއްގެ މާލީ ހާލަތު ގޯސްވެގެންދިއުމުގެ ސަބަބުން އެ ގައުމެއްގެ މިނިވަންކަމަށް އަސަރުތައް ކުރުމުގެ ފުރުސަތު އޮވެއެވެ. ބަނގުރޫޓުވުމުން އެ ހާލަތުގައި އަތް ގާތްކޮށްދޭ މާލީ މުއައްސަސާތަކާއި ބޭރުގެ އަވައްޓެރި ގައުމުތަކުންވެސް ދިއްކުރާ އެހީގެ އަތަކީ އިންތިހާ އަގުބޮޑު އެއްޗަކަށް ވެގެންދެއެވެ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ ގޮތުން ބޭނުންވާ ތެޔޮ ގަތުމަށް ރިޒާވުގައި އެކަށީގެންވާ މިންވަރަށް ފައިސާ ނެތުމުން އަރިމަތީ ގައުމެއްގެ ސެންޓްރަލް ބެންކުން ލޯނެއް ނަގަން ޖެހުމުން އެ ލޯނެއް ލިބޭނީ ލޯނު އެއްބަސްވުމުން ބޭރުންވެސް ބައެއް ޝަރުތުތައްވުމަށްފަހު ކަމަށްވުންވެސް އެކަށީގެންވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ މާލީ މިނިވަންކަން ހާސިލުކުރެވޭނީ އިގްތިސާދީ ގޮތުން އެ މިނިވަންކަން ހާސިލުވެގެންކަން ޔަގީނެވެ.

މިއަދު ސުވާލު އުފެދިފައިވެސްވަނީ މި ގޮތުން ރާއްޖެ މިނިވަންކަމާއިމެދުއެވެ. ސަބަބަކީ ރާއްޖެ މިވަގުތު ފަތުރުވެރިކަމުގެ ސިނާއަތުގެ މައްޗަށް އެކަނި ބަރޯސާވެ އޮތުމުގެ އިތުރުން ވޭތުވެދިޔަ ވެރިކަމުގެ ދައުރުގައި އެ ސިނާއަތުގެ ތެރެއިންވެސް ވަކި ގައުމަކަށް ނޭދޭވޭ ކަމަކަށް ވެގެންއަސްފައިވާ މިންވަރަށް އަހައްމިއްޔަތު ދީފައި އޮތުމުންނެވެ.  އެހެންކަމުން މިކަމުން އިބުރަތް ހާސިލުކުރަންޖެހެއެެވެ.

ބޮއިކޮޓުކުރިޔަސް އާހިރުގައި ވެގެންދާކަމަކީ މީހުން ނައުންކަމަށްވުމުން ކޮވިޑް19 ފަދަ ކަމެއްގެ ސަބަބުން ގައުމެއްގެ ބޯޑަރު ބަންދުވެ ގައުމަކުން ފަތުރުވެރިން ނައިސްދާނެ ހާލަތަށްވެސް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތު އޮންނަން ޖެހޭނީ ތައްޔާރުކުރެވިފައެވެ. ކޮވިޑް އިން އިބުރަތް ލިބި މިހާރު ސިނާއަތު އޮންނަންވެސްވާނީ އެއް ގައުމަކަށް ބަރޯސާ ނުވުމުގެ ވިސްނުމުގެ މައްޗަށް ބިނާކުރެވިފައެވެ. މާދަމާވެސް ކޮންމެވެސް ސަބަބަކާއި ގުޅިގެން ގައުމެއް ލޮކްޑައުންއަށް ދިއުން އެކަށީގެންވާއިރު، ރާއްޖެވެސް ހަމަ އެފަދަ ހާލަތަށް ނުދާނެކަމަށް ނުދެންނެވޭނެއެވެ.

އެހެންކަމުން ރާއްޖޭގައިވެސް މިއަދު އިންޑަސްޓްރިއަލް ފެންވަރުގައި މަސައްކަތްތައް ކުރެވެންޖެހޭކަން ސާފުއިރު، ރާއްޖޭގެ އެންމެ މުހިންމު އެންމެ ބޮޑު ވަސީލަތްކަމަށްވާ ކަނޑުތަކާއިމެދު އިތުރު ވިސްނުންތަކެއް ގެންގުޅެން ވަގުތު ޖެހިއްޖެކަންވެސް ކަށަވަރެވެ. ރާއްޖޭގެ ސަރަހައްދީ އިމުގެ ކަނޑުއަޑީގައިވެސް މައުދަންތައް ފަދަ ގުދުރަތީ ވަސީލަތްތައް އެކުލެވިގެންވާނެކަމަށްވުމުން އެ ތަކެތީގެ ބޭނުން ހިފައި އެހެން ގައުމުތަކާއިދެމެދު މުއާމަލާތްތައް ކުރުމާއި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށްވެސް މަސައްކަތްތައް ފެށުމަށް ވަގުތު ޖެހިއްޖެއެވެ. ގައުމުގެ މިނިވަންކަން ކަށަވަރުކުރެވޭނީ ދިވެހި އިގްތިސާދު އެހެން ބަޔަކަށް ބަރޯސާ ނުވާ ހާލަތަށް ގެނެވިގެންނެވެ.

ދުނިޔޭގެ މަސްރަހު ހޫނުވަމުންދާއިރު ކާބޯތަކެތީގެ ރައްކައުތެރިކަމާއި މާލީ އަދި އިގްތިސާދީ މިނިވަންކަން ހާސިލުކުރުމުގެ އިތުރުން ރާއްޖެއަށް ބޭނުންވާ ހަކަތަ އުފެއްދުމުގައި ދަތިތައް ކުރިމަތިވެގެން ނުދާނެ ހާލަަތަށް ތަރައްގީތައް ގެނައުންވެސް މުހިންމެވެ. މިއަދުވެސް ތެޔޮ ލިބުމުގައި ކުޑަ ހުއްޓުމެއް އައި ނަަމަވެސް ރާއްޖެއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެންދާނެއެވެ.

އެހެންކަމުން ރާއްޖޭގެ އެންމެ މުހިންމު އެންމެ ބޮޑު ވަސީލަތްކަމަށްވާ ކަނޑުގެ ބޭނުން މިކަމުގެ ތެރޭގައިވެސް ކުރުން މުހިންމެވެ. ކަނޑުގެ ލޮނުގަނޑުގެ އޮއެވަރާއި ރާޅުންވެސް ހަކަތަ އުފެއްދޭކަމާއި ވައިގެ އިތުރުން އެހެނިހެން ގޮތް ގޮތުންވެސް އިޔާދަކުރަނިވި ހަކަތަ އުފެއްދޭނެކަން ދިވެހި ރައްޔިތުން ދަންނާނެއެވެ. މި ގޮތުގެމަތިން ރާއްޖެއަކީ ހަކަތައިގެ ގޮތުން މިނިވަން ގައުމެއްގެ ގޮތުގައި ވެއްޖެ ހާލަތެއްގައި ދިގުރާސްތާގައި ދިވެހިރާއްޖެއަށް މާލީ ގޮތުންވެސް ބޮޑެތި ލުއިތައް ލިބިގެންދާނެއެވެ.

ބައިނަލްއަގުވާމީ މައިދާނުގައި މިނިވަން ގައުމެއްގެ ގޮތުގައި ފެނިގެންދިއުމަށްޓަކައި ދިވެހި ރައްޔިތުން ސިއްހީ ހިދުމަތްތައް ބޭނުންވުމުން އަރިމަތިން ގައުމުތަކުގައި ގޮސް އެކަމަށް އެދި ސަލާން ޖަހައި އުޅެން ނުޖެހޭކަންވެސް ކަށަވަރުކުރުން މުހިންމެވެ. އަހަރަކުން އަހަރަކަށް ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރަމުންދާ ހަރަދުތައް އިތުރުވެފައިވާއިރު، އަހަރަކުން އަހަރަކަށް ބޭސްފަރުވާ ހޯދުމަށް ބޭރު ގައުމުތަކަށް ފުރާ ދިވެހިންގެ އަދަަދުތައް ގިނަވަމުންދިއުމަކީ މައްސަލައެކެވެ. އެކަށީގެންވާ ހިދުމަތެއް ލިބޭ ނަމަ ފުރައިގެންދާން މަޖުބޫރެއް ނުވާނެއެވެ.

ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމަށް ދިވެހިރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަކުރުމަކީވެސް އިންތިހާ މުހިންމު ކަމެކެވެ. ހާއްސަ ގޮތެއްގައި ދިވެހިރާއްޖޭގައި ތިބި ބޭރު ގައުމެއް ސިފައިންނަށް ފޭބުމަށް އެނގުމުން އެކަން ނުކޮށް ތިބޭ މަންޒަރު ފެންނަކަމަށްވުމުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް މިހާރަށްވުރެވެސް ރަނގަޅު މަސައްކަތްތަކެއް ކުރަންޖެހޭކަން ޔަގީންވެއެވެ. ރާއްޖޭގެ އަސްކަރިއްޔާއަކީ މަގު ދިޔަ ހިއްކުމަށް އެކަނި ބޭނުންކުރެވޭ ބައެއްގެ ގޮތުގައި ތިބޭ ތިބުން ނިމުމަކަށް ގެންނަންޖެހެއެވެ.

ދިވެހިރާއްޖެއަށް މިނިވަންކަން ހާސިލުރެވޭނީ ދިވެހިރާއްޖޭގެ ސަރަހައްދީ ސަލާމަތީ ކަންކަން ދިވެހިން އަމިއްލައަށް ކޮށްގެންނެވެ.  ދިވެހިރާއްޖޭގެ އިމުގެ ތެރޭގައި ޖެހޭ މައްސަަލަތައް ހައްލުކުރަނީ އަދި ދިމާވާ ކަންކަމުގައި ބަސް ކިޔަނީ އެހެން ބައެއްނަމަ ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް ނުބުނެވޭނެއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: