ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިޔާތާ ދެ މަސްދުވަސް، އަދިވެސް ސިފައިން ނުފައިބާ ތިބީ ކީއްވެ؟

އިންޑިއާގެ ޑިފެންސް މިނިސްޓަރު ޝްރީ ރާޖްނާތު އަދި ދިވެހި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ / ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކުރިމަތީގައި ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ އަގުވެއްޓިފައިވާކަމަކީ މިއަދު ފެންނަން އޮތް ހަގީގަތެވެ. ރާއްޖޭގައި ހަތިޔާރު އެޅި ސިފައިން ތިބި އިރު، ހުސްއަތާ ތިބަކަމަށް ބުނާ ބޭރު ގައުމެއްގެ ސިފައިން ބޭލުމަށް އެ ގައުމުގައި ރަސްމީ ސިފައެއްގައި އެދެމުންދާތާ އެތައް މަހެއް ވެފައިވާއިރު، އަދި އަމަލީގޮތުން ހިރިލި މަންޒަރުވެސް ނުފެނެއެވެ. ދެކެެވެމުންދަނީ ވާހަކައެވެ. ސިފައިން އަދިވެސް ތިބީ ދިވެހި ފަސްގަނޑުގައި އެތިބި ތަނެއްގައެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރެއްވީ އިންޑިއާ ސިފައިން ބޭލުން މައި ވައުދެއްގެ ގޮތުގައި ހިމަނުއްވައިގެންކަމަށްވުމުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެމަނިކުފާނަށް ދިވެހިރާއްޖޭގެ ރައީސްކަމުގެ މަގާމު ކަށަވަރުވެގެންދިއުމުންވެސް އެ މަސައްކަތްތައް ކުރިއަށް ގެންދާނެކަން އެ ގައުމަށް ސާފުވެގެންދާނެއިރު، އެމަނިކުފާނުވަނީ މަގާމު ކަށަވަރުވީ ދުވަހުން ފެށިގެންވެސް އެ މަސައްކަތްތައް ފައްޓަވާފައެވެ. އެހެންކަމުން ދިއުމަށް ވަގުތު ޖެހިފައިވާކަން އޮޅުމަށް ފުރުސަތެއް ނޯންނާނެއެވެ.

އިންތިގާލީ މަރުހަލާގެ ތެރޭގައި އެމަނިކުފާނުވަނީ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރާއި ދިވެހި ރައްޔިތުންގެ ޝުއޫރުތައް ހިއްސާކުރައްވައި ސިފައިން ބޭލުމަށް އެދިވަޑައިގެންފައެވެ. އެއަށްފަހު ބައިނަލްއަގުވާމީ މީޑިއާތަކަށް ދެއްވި އިންޓަރވިއުތައްވެސް ހިމެނޭހެން ލިބިވަޑައިގެންނެވި ފުރުސަތުތަކުގައި އެ މައުޟޫއަށް އަލިއަޅުއްވައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްތައް ސަމާލުކަން ހޯއްދެވިއިރު، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހުވާކުރެއްވުމާއިއެކު އެމަނިކުފާނުވަނީ އެ ގައުމުގެ ފަރާތުން އެ ރަސްމިއްޔާތަށް ހާޒިރުވެ ހުންނެވި އާތް ސައިންސް މިނިސްޓަރ ކިރަން ރިޖީޖޫ އާއި ރައްޔިތުންގެ އެދުންތައް އައު ރައީސުލްޖުމުހޫރިއްޔާގެ ހައިސިއްޔަތުން ހިއްސާކުރައްވާފައެވެ. އެއަށްފަހު އިންޑިއާ ސަރުކާރުގައި ސިފައިން ބޭލުމަށް ރަސްމީގޮތުން އެދިފައިވާކަން ރައީސް އޮފީހުން އިއުލާނުކުރިއެވެ.

އެއަށްފަހު މިހާރު ދެ މަސްދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އަދިވެސް މި މަސައްކަތްތައް ނިމުމަކަށް އައިސްފައިނުވެއެވެ. އަދި ރައީސް ޑރ މުއިއްޒު މި މަސައްކަތްތައް ނިމުމަކަށް ގެނައުމަށް އެ ގައުމަށް ރަސްމީގޮތުން ތާރީހެއް ހުށައަޅުއްވާފައިވާއިރު، ސިފައިން ބޭލުމުގެ މަސައްކަތްތައް އަމަލީގޮތުން ކުރަން ފެށުމުގެ ބަދަލުގައި އެ ގައުމުންދަނީ ސިފައިން ރާއްޖޭގައި ބައިތިއްބައިގެން މަޝްވަރާކުރުމުގެ މަސައްކަތްތައް ކުރަމުންކަންވެސް ފާހަގަކުރެވެއެވެ. އެހެންނަމަވެސް މަޝްވަރާތަކުގެ ތެރެއިން ކޮންމެ ވާހަކައެއް ދެކެވުނު އާހިރުގައި ދިވެހިރާއްޖެއިން ބޭނުންވަނީ ސިފައިން ފޭބުމަށްކަމަށްވުމުން ދެ ގައުމުގެ ދެމެދުގެ މައްސަަލަ މިހާރަށްވުރެ ބޮޑުވާނެ ހާލަތެއް ނެތްނަމަ ސިފައިން ނުބާލާ ތިބޭ ސަބަބެއް ސީދާ ސާފެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޙަލީލް އާއި ސުވާލުކުރުމުން ވިދާޅުވީ، އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ތިބީ ޑިޕްލޮމެޓިކް އުސޫލުން ކުރެވިފައިވާ މަސައްކަތްތަކެއްގެ ދަށުންކަމަށާއި، އެހެންކަމުން މިހާރު އެ އުސޫލުގެ މަތިން ކުރެވެމުންދާ މަޝްވަރާތައް ނިމި އެ މަސައްކަތްތައް ނިމިގެންދާއިރު ސިފައިންވެސް ނުތިބޭނެކަމަށެވެ.

ގައުމަކުން ރަސްމީގޮތުން އެދެމުންދާއިރު އެ ގައުމުގައި ތިބި ބޭރު ގައުމެއްގެ ސިފައިން ނުފައިބާ ތިބުމަކީ ދެ ގައުމުގެ ދެމެދު އަސްކަރީ މައްސަލަތައް އުފެދުމަށް ދިމާވާކަމެކެވެ. އާންމު ހާލަތެއްގައި ބޭލުމަށް އެދުމުން ގައުމުތަކުގައި މަޑުކޮށްގެން ތިބެނީ އެ ގައުމެއްގެއް ކިބައިގައި އެ މީހުން ބޭލުމުގެ ގާބިލުކަން ނެތްކަން ސާފުވުމުން ސަލާމަތީ ކަންކަން ބަލަހައްޓައިދިނުން ފަދަ ބަހަނާތައް މެދުވެރިކޮށެވެ. ޓެރަރިޒަމް ފަދަ މައްސަލަތައް ހައްލުކޮށްދިނުމުގެ ނަމުގައި ގޮސް ގައުމުތައް ހިފައި ބާރުގެ ދަށަށް ގެންނަކަމަކީ ތާރީހުން ފެންނަން އޮތް ކަންކަމެވެ.

އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ދައުރުގައި ދިވެހިރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި ނެތްކަމަށް އިންޑިއާ ސިފަކޮށްދީފައި އޮތުން މިއަދު ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް އެދުމުން ވަގުތުން އިޖާބަނުދިނުމުގައި ބޮޑު ރޯލެއް އަދާކުރާނެކަން ޔަގީނެވެ.

ރައީސް ސާލިހުގެ ސަރުކާރުގެ ވެރިކަމުގެ ދައުރުގައި އިންޑިއާއަށް ހާއްސަ ހައިސިއްޔަތެއް ދީފައިވެއެވެ. އެ ސަރުކާރުން ގެންގުޅުނީ އިންޑިއާ ފަސްޓު ކިޔާ ސިޔާސަތެކެވެ. އެ ގައުމަށް ދިން އަހައްމިއްޔަތު ފެނިގެންދިޔައީ ރާއްޖޭގެ މައްޗަށް އިންޑިއާގެ ނުފޫޒު ގަދަަވަމުންދާކަމުގެ ކަންބޮޑުވުންތަކާއިއެކު ނުކުތް އާންމު ރައްޔިތުންނާއި އެކަމުގައި ޝާމިލުވި އިދިިކޮޅު ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދުލުގައި ހިފެހެއްޓުމަށްޓަކައި، ރައީސް ސާލިހު ސޮއިކުރައްވާ ނެރުއްވި ގަރާރުންނެވެ.

އެ ގަރާރުގެ ދަށުން އިންޑިއާ އާއި ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދިޔަ މީހުންގެ ދޫބަންދުކުރެވިގެންދިޔައިރު، މިނިސްޓަރު މާރިޔާގެ ބެއްލެވުމުގެ ދަށުން އެމްއެންޑީއެފްގެ ސިފައިން މަގުތައެް މައްޗަށް ނެރި މި ހަރަކާތްތަކުގައި ބައިވެރިވާ މީހުން ހުއްޓުވުމުގެ މަސައްކަތްތައްވެސް ކުރުވާފައިވެއެވެ. އޭރު އެމްއެންޑީއެފް މެދުވެރިކޮށް ކުރަމުން އައީ އިންޑިއާގެ އޯޑަރަށް ކުރި މަސައްކަތްތަކެއްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުންދިޔައެވެ.

އެހެންނަމަވެސް އެ ދައުރުގައި ދިވެހި ސަލާމަތީ ކަންކަން ހުރި ހިސާބާއި އިންޑިއާ އަށް ގޮސް ހުސްވެފައިހުރި މިންވަރު ފެނިގެންދަނީ އެ ގައުމުގެ މީޑިއާއަކަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދެއްވި އިންޓަރވިއުއެއްގައި ދެއްކެވި ވާހަކައަކުންނެވެ.  އެކަމަަނާ ވިދާޅުވީ، އެ ގައުމުން ދިވެހިރާއްޖެ ހިފަން ބޭނުންވެއްޖެ ހާލަތެއްގައި ހިފޭނެކަމަށާއި ދިވެހިންނަށް އެކަން ހުއްޓުވުމަށް ކުރެވިދާނެ ކަމެއް ފަހުމްވެވަޑައިނުގްނަނަވާކަމަށެވެ. އެއީ ދިވެހި ފަސްގަނޑުގެ ދިފާއުގައި ޝަހީދުވެވަޑައިގެންނެވި ބަތޮލުނަށް މިނިސްޓަރު ކުރެއްވި ހުތުރު މަލާމާތެކެވެ. ދިވެހިންނަކީ ޒަމާނުއްސުރެވެސް ދިވެހިވަންތަކަމާއި ދިވެހި ފަސްގަނޑުގެ ދިފާއުގައި ނުކުންނަ ބައެއްކަން ތާރީހީ ފަތްފުއްތަކުގައި ފާހަގަކުރެވިފައިވާ އެކި ޒަމާންތަކުގެ ވަރުގަދަ ޝަހުސިއްޔަތުތަކުގެ ވާހަކަތަކުން ސާފުވެއެވެ.

އެ ދައުރުގައި އިންޑިއާ ސިފައިންނާއި އެ ގައުމަށް ރާއްޖޭގެ ދިފާއީ ބާރުގެ އިސްވެރިޔގެ ފަރާތުން ތައުރީފުތައް ރައްދުވަމުންދިޔައިރު، ރާއްޖޭގެ ސިފައިންންގެ އަގެއް ނެތް ފަދަ ގޮތަކަށާް ސިފަކޮށް ވާހަކަތައް ދެއްކެވި ފަަހަރުތައްވެސް އައިސްފައިވާކަން ފާހަގަކުރެވެއެވެ. މިނިސްޓަރު ޖޯކު ޖެއްސެވީ ސިފައިންގޭގައި ހިދުމަތްކޮށްދެއްވައި ޝަރަފުވެރިކަމާއިއެކު ރިޓަޔާރ ކުރައްވާފައިވާ ޕީޕީއެމް ޕީއެންސީގެ އެކްޓިވިސްޓަކަށް އިންޑިއާގައި ދަތިތަކެއް ކުރިމަތިވެގެންދިޔަ ހާދިސާ އާއި ގުޅުވައިކަމަށްވުމުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެންދިޔެއެވެ. އެ ދުވަހު ދެއްކެވި ވާހަކަތަކުން މިނިސްޓަރު މާރިޔާގެ ބެއްލެވުމުގެ ދަށަށް އެމްއެންޑީއެފް އައުމުގެ ކުރިން ތިބި ސިފައިންނަކީ ފިނޑިބައެއްކަމަށް ދޭހަވެގެންދިޔައެވެ.

ރައީސް ޑރ މުއިއްޒުގެ ސަރުކާރުން އުވާލުމަށް ނިންމާފައިވާ ހައިޑްރޮގްރަފީ އެއްބަސްވުމުގެ ދަށުން ވަރުގަދައަށް މަސައްކަތްތައް ފެށިގެންދިޔައީވެސް ރައީސް ސާލިހުގެ ސަރުކާރުގައެވެ. މި އެއްބަސްވުމުގެ ދަށުން އެ ގައުމުންވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓުތައް އެކުލަވާލާފައިކަމަށްވާއިރު، ބޭރު ގައުމުތަކަށް ރާއްޖޭގެ ޗާޓުތައް ވިއްކައިގެން ލިބޭ މަންފާގެ ބޮޑު ބައެއް އިންޑިއާއަށް ލިބިގެންދާގޮތަށްވެފައިވާ މި އެއްބަސްވުން މިހާރު އުވާލުމަށް ނިންމާފައިވަނީ އެ އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ސިއްރުކޮށްފައިވާ ރާއްޖޭގެ ކަނޑުފަޅާއި އަޑީގައި އެކުލެވިގެންވާ ތަކެތީގެ މައުލޫމާތުގެ ހަމާވެގެންދާތީކަމަށް ބުނެކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: