ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ކަމެއް ސިޔާސީ ކުރުން ހުއްޓާލުން މުހިންމު!

ބަލި މީހަކު ގޮވައިގެން މާލެ އައި ހެލިކޮޕްޓަރުން އިންޑިއާ ސިފައިންގެ މީހަކު ފައިބަނީ/ ފޮޓޯ: ހުސެއިން ވަހީދު - މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިގެން އައީ ދިވެހިރާއްޖެ ބޮޑު ސިޔާސީ ކޮޅިގަނޑެއްގެ ތެރޭގައި އޮއްވައެވެ. ސިޔާސީ މަސްރަހު ހަލަބޮލިވެ ދިރިގެން އައީ ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕެއިންނުގެ ކުލަވަރުތައް ފެނި އެ ކެމްޕެއިންގެ ތެރެއިން ދެއްކެވި ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކުރުމުގެ ފޮނިމީރު ވާހަކަތައް އިވުނު ރައްޔިތުންގެ ޝުއޫރުތަކާއިއެކުކަމަށްވުމުން އެމަނިކުފާނުގެ ސަރުކާރު އޮތީ މި ކޮޅިގަނޑުގެ މެދުގައެވެ.

މި ވެރިކަމުގެ ދައުރު ފެށިގެން އައިއިރު ދިވެހިރާއްޖޭގައި ސޯޝަލްމީޑިއާ މެދުވެރިކޮށް ކުރެވޭ ސިޔާސީ މަސައްކަތްތައް މިވަނީ ފައްކާވެފައެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކަށް ބަލާއިރު، އެކްސްގައި ކުރުސީގެ ނަމުގައި ހިންގާ އެކައުންޓާއި ދިޔަވަރުގެ ނަމުގައި ހިންގާ ނޫހުން އެމަނިކުފާނާއި ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ތުރުކީއަށް ކުރެއްވި ދަތުރުން ފެށިގެން ޗައިނާއަށް ކުރެއްވި ދަތުރާއި ތުރުކުރައްވާ އަންނައުނާއި ގުޅޭގޮތުންވެސް މިއަދު ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު، އިންޑިއާ ސިފައިން ބޭލުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ އެމަނިކުފާނާއި އިދިކޮޅު އެންމެހާ ފަރާތްތަކުންވެސް އެންމެ ގަދައަށް ބަލިކަށިކޮށްލުމަށް ބޭނުންވާ ސިޔާސަތު ނުވަތަ ހުއްޓުމަކަށް ގެނައުމަށް ބޭނުންވާ މަސައްކަތްކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިއަދު އެ މީހުންނަށް މިވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ.

އައްޑޫގެ ގަމު ސަރަހައްދުގެ ހުޅަނގުން އިހި ނެގުމަށްޓަކައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު 18 އަހަރުގެ ކުއްޖަކު ހޯދުމަށްޓަކައި ހިންގި އޮޕަރޭޝަނުގައި އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފުލައިޓު ބޭނުންނުކުރި މައްސަލައިގައި ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ކުއްލި ފަރުވާއަށް ބޭނުންވި ގއ ވިލިނގިއްޔަށް ނިސްބަތްވާ 13 އަހަރުގެ ކުއްޖަކު ގެނައުމަށްވެސް އިންޑިއާގެ ވަސީލަތްތައް ބޭނުން ނުކުރުމަށް ސަރުކާރުން ނިންމިކަމަށް ބުނެވެސް ފާޑުކިޔުންތައް އަމާޒުކުރަމުން އެބަދެއެވެ.

އިންޑިއާއިން މި މައްސަލަގަނޑުގެ ތެރެއިން ރާއްޖޭގެ މަސްލަހަތު ދެމެހެއްޓުމަށް ޔަގީނުންވެސް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން ކުރަމުންދާ މަޝްވަރާތަކާއި ގުޅޭގޮތުން އެ ގައުމުން ދެމުންދާ މައުލޫމާތާއި ރާއްޖޭގެ ރައީސް އޮފީހުން ދެމުންދާ މައުލޫމާތާއި ދިމާނުވުމުގެ ސަބަބުންވެސް އޮޅުން ބޮޅުން އަރަމުންދާކަން ފާހަގަކުރެވެއެވެ. މިކަމުގެ ތެރޭގައި ރައީސް އޮފީހުގެ ބައެއް އޮފިޝަލުންނަށް މީޑިއާތަކަށް އެކަށީގެންވާ މިންވަރަށް އެކަށީގެންވާ ގޮތަށް މައުލޫމާތު ނުދެވޭކަމަށްވުމުންވެސް ރޯވަމުންދާ ހުޅުގަނޑު އިތުރަށް ހިފުމަށް ދިމާވަމުންދާކަންވެސަް ފާހަގަކުރެވެއެވެ.

އެހެންނަމަވެސް ސަރުކާރުގެ ސިޔާސީ ލަނޑުދަނޑިތައް ހާސިލުކުރުމުގެ އަގަކީ ދިވެހި ރައްޔިތުން ފުރާނަކަމަށްވެގެން ނުވާނެކަމަށްވުމުން އިންޑިއާ ނޫން ކޮންމެ ގައުމަކުން ދިން ނަަމަވެސް ދިވެހި ރައްޔިތުންނަަށް ލިބެމުންދިޔަ ޒަރޫރީ ހިދުމަތެއް ހުއްޓިގެން ނުވާނެކަން ސާފެވެ. އިންޑިއާގެ ސިފައިންނަށް އެ މަސައްކަތްތައް ކުރުމަށް ޖާގަ ނުދިން ނަމަވެސް މަސައްކަތްތައް ކުރިއަށް ދާންޖެހޭނެއެވެ. އިންޑިއާ އިން ދެމުންދިޔަ ހިދުމަތްތައް ހުއްޓުމަކަށް ގެނެވިފައިވާނަމަ އެކަން ކުރެވިފައިވާންޖެހޭނީ ދިވެހިރާއްޖޭގެ ކަމާއި ބެހޭ މުއަައްސަސާތަކަށް އެ މަސައްކަތްތައް ފުރިހަަމައަށް ކުރެވޭކަން ކަށަވަރުކުރެވެ ހިދުމަތަށް މެދު ނުކެނޑޭނެގޮތަކަށެވެ. އެ ނޫނީ އެއީ ރައްޔިތުން އިސްކުރަންޖެހޭ ތަނުގައި ސިޔާސީ މަގުސަދުތައް އިސްކުރުންކަމަށް ބުނުމުގެ ފުރުސަތު އޮވެއެވެ.

ސަރުކާރުން ދިވެހި ރައްޔިތުންގެ ފުރާނައާއި ދެމެހެއްޓެނެވިކަން ސިޔާސީ ކޮށްގެން ނުވާނެ ގޮތަށް އިދިކޮޅު ފަރާތްތަކުންވެސް އެކަން ކޮށްގެން ނުވާނެއެވެ. ނާޒުކު ދަނޑިވަޅެއްގައި ރާއްޖޭގެ އެއްބަޔަކު އިންޑިއާގެ ދިފާއުގައި ނުކުމެ ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން ކަންކަމުގެ ހަގީގަތް ދެނެގަތުންވެސް މިއަދު ދައްތިއެވެ. އިދިކޮޅު ބައެއް ފަރާތްތަކުންދަނީ ރޯވެފައި ހުރި ހުޅުގަނޑެއް ނިއްވާލުމުގެ ނިޔަތުގައިކަމަށް ހެދިގެންގޮސް ޕެޓްރޯލް އަޅައި ހުޅުގަނޑު ބޮޑުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުންދަނީ ދާދި ފަހުން ގެއްލިގެންދިޔަ ދެ ފުރާނައިގެ ޒިންމާ ސަރުކާރުގެ ބޮލުގައި އަޅުވަމުންކަމަށްވާއިރު، އެއީ ސީދާ ސަރުކާރުގެ އިހުމާލުގެ ސަބަބުން ދިމާވި ކަމެއްކަމަށް ފެނިގެންދާ އެއްވެސް ހެއްކެއް ހުށަނާޅާ ހުސްއަނގަ ތަޅަމުންދާކަން ފާހަަގަކުރެވެއެވެ. ސަރުކާރު އިސް މަގާމުތަކުގައި ތިއްބެވި ބައެއް މީހުންވެސް ޑިފެންސްއަށް ފައިބައި ތިބެ ސޯޝަލްމީޑިއާގައި ދައްކަމުންދާ ވާހާކަތަކުން ކަންގޯސްވުން ނޫންކަމެއް ވާ މަންޒަރު އަދި ފެނިގެން ނުދެއެވެ.

އިދިކޮޅެކޭ އެއްގޮތަށް ސަރުކާރުގެ ދިފާއުގައި ނުކުމެ ތިބި މީހުންވެސް ދައްކަމުންދާ ވާހަކައެއް ދައްކަމުންދަނީ ލިޔެކިއުމުން ނުވަތަ އެހެން ގޮތަކުން ނަމަވެސް ހެއްކެއް ދެއްކުމެއް ނެތިއެވެ. އިހުމާލެއް އޮތްކަން ނުވަަތަ ނެތްކަމެއްވެސް އެއް ފަރާތަކަށްވެސް ކަށަވަރުނުކޮށްދެވެއެވެ. އެހެންނަމަވެސް ރައްޔިތުންގެ ކަމެއްގައި ދޫދިނުމުގެ ބަދަލުގައި ސިޔާސީ ލަނޑުދަނޑިއެއް އިސްކޮށް ގަދަފައި ވިއްދާފައި ހުރެގެން ނުވާނެއެވެ. ސިފައިން ބޭލުމުގެ މަޝްވަރާތައް ކުރަމުންދަނީ އަވައްޓެރި ގައުމަކާއިއެކު ކަމަށްވާއިރު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ގައުމުތަކުން ޓެރަރިސްޓުންނާއިވެސް ނެގޯޝިއޭޓުކުރި ފަހަރުތައްވެސް އައިސްފައިވާކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ.

އެހެންނަމަވެސް އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުން ބޭލުން ފަސްކޮށްފިނަމަ މިއަދު ދިވެހިންނަށް ދައްކަންޖެހިފައިވާ އަގަށްވުރެ ބޮޑު އަގެއް ދައްކަންޖެހުން އެކަށީގެންވާކަމަށްވުމުން، ލަސްތަކެއް ކުރުމުގެ ބަދަލުގައި ވީހާވެސް އަވަހަކަށް އިންޑިއާގެ ސިފައިން ބާލަންޖެހޭކަން ކަށަވަރެވެ. ދުނިޔެމަތީގައި ހިނގަމުންދާ ހަނގުރާމަތަކާއި އެ ހަނގުރާމަތައް ފެށިގެން އައިސްފައިވާ ގޮތްތަކަށް ބެލުމުން ދިވެހިންގެ ކިބައިގައި ނަފްސު ދިފާއުކުރުމުގެ ގާބިލުކަން ގާއިމުކުރުން މުހިންމު ވަރުވެސް ފެނިގެންދެެއެވެ. އަދި މައްސަލަަތަކެއް ފެންމަތިވާނެ ނަމަވެސް އެހެން ގައުމުތަކެކޭވެސް އެއްގޮތަށް ރާއްޖޭގެ އާންމުންނަށްވެސް ހަތިޔާރު ގެންގުޅުމަށް ޖާގަދިނުމަކީވެސް މިއަދު ދުނިޔެމަތިން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ނުރަނގަޅު ދުރުތާ ވިސްނުމެއް ނޫނެވެ.

ދިވެހިރާއްޖޭގެ ސަލާމަތީކަންކަން ބެލެެހެއްޓުން ދިވެހިންގެ އަތްމައްޗަށް އައިސް ދިވެހިން އެ ޒިންމާ ނެގުމަކީ ލިބިގެންދާ ބޮޑު ކުރިއެރުމަކާއި ކާމިޔާބީއެއްކަމަށްވާއިރު، ދިވެހިންނަށް ފެށިފައިވާ މި ބިރުވެރި ދަތުރަކީ އަންނަނިވި ޖީލުތަކުގެ ހައްގުގުގައި އަދުގެ ޖީލުތަކުން އަދާކުރަންޖެހޭ މުހިންމު ޒިންމާއެކަމާއިމެދު ޝައްކެއްވެސް ނެތެވެ. އެހެންކަމުން މިއީ ސިޔާސީ ނުކޮށް ގައުމީ ވިސްނުމެއްގެ މަތިން ކުރެވެން ޖެހޭ މަސައްކަތްތަކެއްކަންވެސް ޔަގީންވެއެވެ.

އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ކުރިއަށް އޮތްތާނގައި ޖެހިގެންދިއުމުގެ ފުރުސަތު އޮތް މައްސަލަތައް ފަހުމްވެގެންދާއިރު މި މައްސަލައެކޭ އެއްގޮތަށް ކުރިއަށް އޮތް ތާނގައި އުފެދޭނެ މައްސަލަތަކުގައިވެސް ހައްލެއް ލިބިގެންދާނީ އިންޑިއާ ފަސްޓާއި އައުޓްގެ ދެމެދުގައި ބައިބައިވުމުގެ މަޅީގައި ޖެހުމުގެ ބަދަލުގައި މޯލްޑިވްސް ފަސްޓުގެ ދަށުން ރައްޔިތުން އެއްބައިވެގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: