ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރަހައްދީ އިމުގެ ތެރޭގައިވެސް މިވަގުތު ސަލާމަތެއް ނެތް!

ބޯޓުގައި ތިބިކަމަށް ބުނާ ސިފައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސަރުކާރަށް ދިވެހި ފަސްގަނޑުގައި ހަރަކާތްތެރިވަމުންދާ ބޭރު ގައުމެއްގެ ސިފައިން ތިބި ކަށަވަރު އަދަދެއް ބުނެދޭން ނޭނގުމަކީ ނުރައްކާތެރި ހާލަތެކެވެ. އިންޑިއާގެ ސިފައިން ތިބި އަދަދު ނޭނގޭ ސަބަބެއް ސާފުނުވާއިރު، ދިވެހި ރައްޔިތުން އެދުނު ގޮތަށް ކަން ނުވެދާނެކަމަށް ބެލެވޭ ބައެއް އިންޒާރުގެ ރަނގަބީލުތައް އެބަ އިވެއެވެ.

އިންޑިއާ ސިފައިން ބޭލުމަށް ދިވެހިން ގޮވާލަން ފެށީ މި ފަހުންނެއް ނޫނެވެ. ރާއްޖޭގެ ފަސްގަނޑުގައި ތިބި ސިފަައިން ބޭލުމަށް ގޮވާލާ ހިންގި ގިނަ ގުނަ ހަރަކާތްތަަކުގެ ތެރެއިން އެތައް ބަޔަކަށް އެ ހަރަކާތްތައް ހުއްޓުވުމަށް ނުކުތް ސިފައިންނާއި ފުލުހުންގެ ފަރާތުން އަނިޔާތައް ލިބިފައިވެއެވެ. އަދި މި މައްސަލައިގައި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ރާއްޖޭގައި ހުންނެވި އިންޑިއާގެ ސަފީރު މުނޫ މަހާވަރަށްވެސް މި ހަރަކާތްތައް ހިންގަމުންދާކަން ސާފުކޮށް އެނގިވަޑައިގަންނަވާނެއެވެ.

މިއަދު ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލިކަމަށް ބުނާ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ރައްޔިތުން ނުކުމެ ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ނިމުމަކަށް ގެނެސްފައިވާނަމަވެސް ބޭލުމަށް ގޮވާލަމުންދިޔަ ސިފައިން ތިބީ ތިބި ތަނެއްގައެވެ. ވަކި ތަނެއްގައި ކަމަށް ދެންނެވެން ނެތީ މިހާރުގެ ސަރުކާރުން އެ މައުލޫމާތު ހާމަކޮށްފައިނުވާތީކަމަށްވާއިރު އިނގިލި ބިންދާ ގުނާލެވޭހާ މަދު ސިފައިންތަކެއްގެ އަދަދު ކަށަވަރުކޮށް ބުނުމުގައި ސަރުކާރަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ތިބި އަދަދު ކަށަވަރުނުވާ ބަޔަކު ފައިބައިގެން ގޮސްފައިވާކަން ސަރުކާރުން ކަށަވަރުކުރަނީ ކޮން ގޮތަކުން ތޯ ހިތަށް އަރައެވެ.

އިވެމުންދާ އަޑުތަކާއި ފެންނަމުންދާ މަންޒަރުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ މި މުހިންމު ވައުދު އެންމެ ފުރިހަމަ މާނައިގައި ފުއްދަވައިދެއްވޭނެތޯވެސް ހިތަށް އަރައެވެ. މީގެ ދުވަސްތަކެއް ކުރިން ސަރުކާރުންވަނީ އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުން ބޭލުމަށް އެ ގައުމަށް ރަސްމީ ތާރީހެއް ހުށައަޅާފައިކަމަށްވާނަމަވެސް އިންޑިއާއިން ސިފައިން ބޭލުމަށް މިހާތަނަށްވެސް އެއްވެސް މިންވަރަކަށް އަމަލީގޮތުން ހަރަކާތްތެރިވެފައިނުވެއެވެ. އެ ގައުމުން މައުލޫމާތު ދެމުންދިޔައީ ރާއްޖޭގައި ހިންގަމުންދާ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

ރާއްޖޭގެ ސަރުކާރުން އިންޑިއާގެ ސިފައިން ފައިބާނެކަމުގެ ޔަގީކަން ދެމުންދިޔަނަމަވެސް އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން މީޑިއާތަކަށް ދެމުންދިޔަ މައުލޫމާތުތަކުން ކުރިއެރުމެއް އަންނަމުންދާކަމަށް ފެނިގެންނެއް ނުދެއެވެ. މުޅި ރާއްޖެ އިންޑިއާ ސިފައިން ފައިބައިގެންދާ މަންޒަރު ބެލުމަށް ސަމާލުކަން ދީގެންތިބިއިރު، އިންޑިއާގެ ނޭވީ ޗީފެއްވަނީ އެ ގައުމުގެ ސަރުކާރުން ސިފައިން ބޭލުމަށް އެއްވެސް އޯޑަރެއް ދީފައިނުވާކަން ހާމަކޮށްފައެވެ.

މިހާރު ދެ ގައުމުގެ ދެމެދު މި މައްސަލައިގައި ހައިލެވެލް ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސް ސިފައިން ބޭލުމަށް އެއްބަސްވުމަކަށް އައިފައިވާނަމަވެސް އޭޝިއާގެ ޑިމޮކްރެސީގެ ޗެމްޕިއަނުންކަމަށް ދައުވާކުރާ އިންޑިއާއިން ދިވެހިރާއްޖޭގެ ރައްޔިތުންންގެ ޝުއޫރުތަކާއި ސާފުކޮށް އިވެމުންދާ އަޑުތަކަށް އިހުތިރާމް ކޮށްފައިނުވެއެވެ. ރާއްޖެއިން އެދުނީ މާޗު 15 ވަނަ ދުވަހުގެ ނިޔަލަށް ސިފައިން ބޭލުމަށް ކަމަށްވާއިރު، މި މައްސަލައިގައި ކުރިއަށް ގެންދިޔަ ދެވަނަ ރަސްމީ ބައްދަލުވުމުގައި މި މުއްދަތުވަނީ އިތުރުވެފައެވެ. އެގޮތުން މިހާރު އެ މަސައްކަތްތައް ރަސްމީގޮތުން ނިންމާލުމަށް މޭ މަހުގެ 10 ވަނަ ދުވަސް ކަނޑައެޅިފައިވާކަން ފާހަގަކުރެވެއެވެ.

މީގެ ކުރިންވެސް ދިވެހި ސަރުކާރަކުން ރާއްޖޭގެ ފަސްގަނޑުގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުން އިންޑިއާގެ ވަސީލަތްތައްވެސް އަނބުރާ ގެންދިއުމަށް އެދުނެވެ. އެހެންނަމަވެސް ނުފޭބުމުން ރައީސް ސާލިހު ވަޑައިގެން ހޫނުވެފައިވާ އެ މައްސަލައަށް ފިނިކުރީ ގާނޫނީ އިމުގެ ތެރެއިން އެ މީހުންނަށް ތިބެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވައިގެންކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު 2023 ވަނަ އަހަރު ސަންގުޓީވީއިން ގެނެސްދިން ރިޔާސީ ބަހުސްގައި ދެއްކެވި ވާހަތަކުން ހާމަވެގެންދެއެވެ. އެހެންކަމުން މިއީ އިންޑިއާއިން މި ގައުމުގައި ބަގުޑިބައްދައިން ދޫނުކުރި ފުރަތަމަ ފަހަރެއް ނޫންކަން ޔަގީނެވެ.

އެންމެ ފަހުން އުފެދިފައިވަނީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ރާއްޖޭގެ ރައްޔިތުންނަށް ސަރަހައްދީ އިމުގެ ތެރޭގައި ރައްކައުތެރިކަން ކަަށަވަރުކޮށްނުދެވޭ މައްސަލައެވެ. ހަމަ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެ ވިދާޅުވި ގޮތަށެވެ. މިހާރު ފެންނަ ގޮތުން ނަމަ އިންޑިއާއިން އައިސް ރާއްޖެ ހިފަންވީއެވެ. ކުރެވޭނެ ކަމެއްވެސް ނޯންނާނެއެވެ.

ސަލާމަތީ ބާރުތަކަށް ޒިންމާތައް ފުރިހަމައަށް އަދާނުކުރެވޭކަމަށް ދެންނެވެނީ ބަރުހަތިޔާރު އެޅި އިންޑިއާގެ ސިފައިންތަކެއް ރާއްޖެގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކާއިވެސް ސީދާ ހިލާފަށް ދިވެހި ސަރަހައްދީ އިމުގެ ތެރެއަށްވަދެ ދިވެހިންތަކަކަށް ހަތިޔާރުން ބިރުދައްކައި މަރުގެ އިންޒާރު ދިނުމުން އެކަން ހުއްޓުވައި އެ އަމަލު ހިންގި މީހުން ހިފަހައްޓައި ދިވެހި ދިފާއީ ބާރުތަކުގެ ބެލުމުގެ ދަށުން މައްސަލައިގެ ތަހުގީގުތައް ކުރެވެމުން ނުދާކަމަށްވުމުންނެވެ.

ހަނގުރާމައެއް ފެށިދާނެކަމުގެ ބިރަށް އެ ފިޔަވަޅު ނޭޅިނަމަވެސް ދިވެހި ފަސްގަނޑުގައި ދިވެހި ރައްޔިތުންގެ ރައްކައުތެރިކަން ކަށަވަރުކުރުމަކީ ދިވެހި ސަރުކާރުގެ މައްޗަށް އެޅިފައިވާ މުހިންމު ޒިންމާއެއް ކަން ހަނދާނުގައި ބެހެއްޓުންވެސް މުހިންމެވެ. މިކަމުގެ ސަބަބުން އެ ޒިންމާ އަދާކުރުމުގެ ގާބިލުކަން ނެތްކަމަށް ފެނިގެންދާއިރު، ރާއްޖޭގެ ރައްޔިތުންނަށް ނަފްސު ދިފާއުކުރުމުގެ ހައްގުތައްވެސް ދިވެހި ސަލާމަތީ ބާރުތަކުން ކަށަވަރުކޮށްދީފައިނުވެއެވެ.

މިއަދު މިފަދަ މައްސަލަތަކުގައި އެތައް ގައުމެއް ދެމެދު ހަނގުރާމަ ކުރެވެމުންދާއިރު، އާންމުނަށް ހަތިޔާރު ބޭނުންކުރުމުގެ ހުއްދަތަކާއި ހައްގު ލިބިދީފައިވާނުވާ ގައުމުތަކުގެ ރައްޔިތުންނަށްވުރެ އެކަންކަން ކަށަވަރުވެފައިވާ ގައުމުތަކުގެ ރައްޔިތުންނަށް އެފަދަ ހާލަތަކުން އަރައިގަތުމުގެ ފުރުސަތު ބޮޑުވާނެކަން ޔަގީނެވެ.

ދިވެހި ސިފައިން ގޮސް އިންޑިއާގައި އޮތް މަސްދޯންޏަކަށް އަރާ ހަތިޔާރުން ބިރުދެއްކި ނަމަ ޔަގީނުންވެސް ކަން ހިނގާނީ ވަރަށްވެސް ތަފާތުކޮށެވެ. މައްސަލަ ނިމެންދެން އުޅަނދާއި ސިފައިންވެސް ހިފެހެއްޓުން އެކަށީގެންވާއިރު، ހުއްދަނެތި ވަދެ އެ ގައުމުގެ ރައްޔިތުންތަކަކަށް ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކަމުންދާ ނަމަ އެ ކަން ހުއްޓުވުމަށް ހަތިޔާރުގެ ބޭނުންކުރުމަކީ ހަމައެކަނި ބަލާ ފާސްކޮލުމަށް ހަތިޔާރުގެ ބޭނުންކުރާ ބައެއްގެ ކިބައިން ފެނިގެންދިއުން އިންތިހާ އެކަށީގެންވާކަމެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދީ މައްސަލަތައްވެސް އުފެދުމުގެ ފުރުސަތު އޮވެއެވެ.ަ

ސިޔާސީ މައިދާނަށް ދުރަށް ޖެހިވަޑައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މައްސަލައިގައި އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އެގޮތުން މިހާރު އަރަމުންދަނީ ރާއްޖޭގެ ދޯނިފަހަރުތަކަށްކަމަށްވާއިރު މާދަން އަރާ ވެރި ރަށުގައި ތިބޭ މަންޒަރުވެެސް ފެނުން ގާތްކަމަށް އެމަނިކުފާނު ކުރެއްވި މެސެޖެއްގައިވެއެވެ.

އެހެންކަމުން އެންމެ ކުޑަމިނުން މިކަމުގެ އިންޑިއާގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށް ޖަވާބެއް ހޯދައިދެވެންޖެހޭނެކަމަށްވާއިރު ބައިނަލްއަގުވާމީ މުޖުތަމައުގައި ކަންކުރެވެމުންދާ ގޮތަށް ބަލާއިރު ބަރު ހަތިޔާރުގެ ބޭނުންކުރުމަށް ތައްޔާރަށް ތިބިކަމަށް ބުނެ މަރުގެ އިންޒާރުދީ އިންޑިއާގެ އަސްކަރިއްޔާއިން ހިންގާފައިވާ މި ނުރައްކާތެރި އަމަލުގެ ޝިކާރައަކަށް ވުމުގެ ސަބަބުން ދިވެހި ރައްޔިތުންތަކަކަށް ލިބިގެންދާނެ ނަފްސާނީ ގެއްލުންތަކަށް ބަދަލު ހޯދުމަށް މަސައްކަތްކޮށްދިނުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ސަރުކާރުތަކުން ކުރާކަމެއްކަންވެސް ފާހަގަކުރެވެއެވެ.

ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ކުރެވެމުންދާ މަޝްވަރާތަކުގައި ބޭނުންކުރާނެ ރަނގަޅު ސިޔާސީ ކާޑެއް ލިބިފައިވާއިރު، އާންމުންކަމަށް ބުނެ ކުލަ ހެދުމުގައި ތިބި ސިފައިންނަށް ހަމަ ކުރިންވެސް ކުރަމުންދިޔަ މައުލޫމާތު އެއްކުރުމުގެ މަސައްކަތްތަކަށް ޖާގަ ނުދިނުންވެސް ރަނގަޅެވެ. މިހާރު އެ ފުރުސަތު ދީފި ނަމަ ކުރިއަށް އޮތް ތާނގައި ސިފައިންތައް ބޭލުމަކީ މިއަށްވުރެވެސް ދަތިކަމަކަށް ނުވަތަ ވާން ނެތްކަމަކަށް ވެގެންދިއުމުގެށް ފުރުސަތު އޮތުމުން އެކަމަށް ޖާގަދިނުން އެކަށީގެންވާކަމަށް ފެނިގެން ނުދެއެވެ. ހާއްސަ ގޮތެއްގައި މިއަދު ދިވެހި ރައްޔިތުން އެއީ ސިފައިން ބޭލުންކަމަށްވެސް ގަބޫލުނުކުރާނެކަމަށް ވުމުން ސަރުކާރަށް އިތުބާރު ގެއްލިގެންދާނެއެވެ.

އެ ގައުމުން ރާއްޖެއަށް ބިރުދައްކަމުންދަނީ ރާއްޖެއަކީ އަސްކަރީ ގޮތުން ބާރު ދެރަ ގައުމެއްކަމަށްވުންވެސް އެކަށީގެންވާއިރު ހިފާނެ ބަޔަކު އައިސް ހިފަންދެން ނުވަތަ އަލިފާންގަނޑު ރަނގަަޅަށް ރޯވާންދެން މަޑުކުރުމަކީވެސް ބުއްދިވެރި ހިޔާލެއް ނޫންކަން ދުނިޔެމަތީގައި ހިނގަމުންދާ ކަންކަމަށް ބެލުމުން ސާފެވެ. އެހެންކަމުން މިއަދު މިއީ ރާއްޖޭގެ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް ދިވެހިރާއްޖެއާއި އެކުވެރި ގައުމުތަކުގައި އެދޭ ނަމަ އެދެންވީ ދުވަސްކަން ޔަގީނެވެ. ކަން ހިނގައިދިއުމުން ލިބޭ ގެއްލުންތައް އިޔާދަނުކުރެވޭނެއެެވެ.

ދިވެހިރާއްޖޭގެ އަސްކަރިއްޔާ ބިނާކުރުމާއި ދިވެހިރާއްޖޭގެ އާބާދީއަށް ބޮޑުވެވޭނެ މަގުފަހިކުރުންވެސް މުހިންމު ވަރު މިއަދު ޖެހިފައިވާ މައްސަލަތަކުން ފެނެއެވެ. ރާއްޖޭގައި އަސްކަރިއްޔާގައި ބާރެއް ނެތްކަމަށް ފެނިގެންދާ މައިގަނޑު ސަބަބަކީ މީހުން މަދުވުމެވެ. އަސްކަރިއްޔާ ނުވަތަ ސަލާމަތީ ދާއިރާގައި މީހުން މަދުވުމަށް ދިމާވަނީ ރާއްޖެއަކީވެސް މީހުން މަދު ގައުމެއްކަމަށްވުމުންނެވެ.

އެހެންކަމުން މިއަދު ރާއްޖޭގެ ނިސްބަތުން ސިފައިން ތިބި އަދަދު އެކަށީގެންވާކަމަށްވީނަމަވެސް ބައިބޯ ގައުމުތަކުގައި ސިފައިން ތިބޭނެ އަދަދާއި ގާތްވެސް ނުކުރާނެކަމަށްވުމުންނާއި އާބާދީ ކުޑަވުމުގެ މައްސަލައަކީ ވަގުތުން ހައްލުތަކެއް ގެނެވޭނެ މައްސަލައެއް ނޫންކަމަށްވުމުން، ރާއްޖެއަށް އަސްކަރީ ވަސީލަތްތައް ގެނެސް ތަމްރީނުތައް ކޮށް ދިވެހިރާއްޖޭގެ ސަލާމަތީ ކަންކަން ބެެލެހެއްޓުމުގައި އެހީތެރިކަން ހޯދުމަށް އެކުވެރި ގައުމުތަކާއިއެކުވެސް އެއްބަސްވުންތައް ގާއިމުކުރުން މުހިންމުކަން ޔަގީނެވެ. އެންމެ ކުޑަމިނުން ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގެ ސަރަހައްދީ އިމުގެ ތެރޭގައި ރައްކައުތެރިކަން ކަށަވަރުވާންޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: