ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯގެ ސީއީއޯއަށް ޕީސީބީއިން ދިން އިންޒާރު: ހަގީގަތަކީ ކޮބާ؟

މިފްކޯ: ފޮޓޯ/ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހު މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި، ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް މިފްކޯއިން ކަންކަން ކޮށްފައި ވާކަން ފާހަގަކޮށް ޝަމާހުއަށް އިންޒާރު ދިން މައްސަލައިގައި، އެ ކުންފުނީގެ އިސްވެރިންތަކެއް، ކަން ހިނގާފައިވާގޮތުގެ އަސްލު ޕީސީބީއަށް އޮޅުވާލައި، ގޯސްތަކެއް ހަދާފައިވާކަން ހާމަވެއްޖެއެވެ.

މައްސަލައިގެ ފެށުން:

ސީއީއޯ ޝަމާހުގެ މައްޗަށް ޕީސީބީން ފާހަގަކުރާ 12 މައްސަލައިގެ ފެށުން، ނަން ނުޖެހުމަށް ޝަރުތުކޮށް އެކުންފުނީގެ މުވައްޒަފުންތަކެއް ވަނީ ކިޔައިދީފައެވެ. އެގޮތުން އެ މައްސަލައިގައި ޝަމާހު އާ ދެކޮޅަށް ޕީސީބީއަށް މައްސަލަ ހުށަހެޅުމުގައި އެންމެ އިސްކޮށް އުޅެ އަދި އެ މައްސަލަ ހުށަހެޅީވެސް އެކުންފުނީގެ ޖެނެރަލް މެނޭޖަރު ޝަފްނާ މޫސާ ކަމަށް އެމީހުން ތުހުމަތު ކުރެއެވެ. ޝަފްނާ އެކަމުގައި އުޅޭ ކަމަށް އެމީހުން ތުހުމަތު ކުރަނީ ޝަމާހު އެ ކުންފުނީގެ ސީއީއޯ ކަމާ ހަވާލުވިފަހުން ޝަފްނާ ހުރި ޑިޕާޓުމަންޓުން އެހެން ޑިޕާޓްމެންޓަކަށް ބަދަލުކޮށްފައިވުމުންނެވެ. އެކަމުގެ ސަބަބެއް ކަމަށް ބުނަނީ ޝަފްނާ އަކީ އެމަގާމަށް ނާގާބިލް އަދި ސިޔާސީ ނުފޫޒެއްގެ ތެރެއިން ވަޒީފާ ހޯދި ފަރާތެއް ކަމުގައިވާތީއެވެ.

“އޭނަ އައްޔަން ކުރީ ރައީސް އިބޫގެ ވެރިކަމުގަ. އެމްޑީޕީއާ ގާތްގުޅުމެއް އޮންނަ މީހަކު ތްރޫކޮށް. އަސްލު ނާގާބިލުވެގެން ފިޔަވަޅު އެޅީމަ ހަޖަމު ނުވީ” މައްސަލައިގެ ފެށުން އެނގޭ މީހުން ބުންޏެވެ.

ޝަމާހުއާ ދެކޮޅަށް ދޮގު މައުލޫމާތުތައް ތައްޔާރުކުރުމާއި، ކަން ހިނގާފައިވާގޮތުގެ ނިޔަތާއި އަސްލު އޮޅުވާލުމުގައި އޭނާއަށް ދެން އެންމެ ބޮޑަށް އެހީތެރިވިކަމަށް މުވައްޒަފުން ތުހުމަތު ކުރަނީ މިފްކޯގެ ޗީފް އޮޑިޓަރ ޝައުން ޝަރީފަށެވެ. ސަބަބެއް ކަމުގައި އެމީހުން ބުނަނީ ޝައުން އާއި ޝަފްނާގެ ހާއްސަ ގުޅުމެވެ. އެކަމަކު އެ ދެމީހުން އެކަން ދޮގު ކުރާކަމަށް ބުނެއެވެ.

ޕީސީބީން ޝަމާހުއަށް ފޮނުވި ސިޓީގައި ޝައުންގެ އީމެއިލްގެ ކޮންޓެންޓް؟

ޝަމާހުގެ މައްސަލަ ޕިސީބީއަށް ޖެއްސުމުގެ ފެށުމަކީ ޝައުން ކަމާއި، ޕީސީބީގެ ސިޓީގައި ބަޔާންކޮށްފައިވާ 12 ނުކުތާގެ އިބާރާތްތަކަކީ ޝައުންގެ ފަރާތުން އެތަނަށް ލިބުނު ނުކުތާތަކެއް ކަން ވަނީ އެނގިފައެވެ. އެގޮތުން ޕީސީބީން ޝަމާހުއަށް ފޮނުވި ސިޓީގައި ޝައުންގެ އީމެއިލްގައި ބަޔާންކޮށްފައިވާ ނުކުތާތަކުގެ އިބާރާތްކުރުން ހުރީ އެއް ގޮތަކަށެވެ. އެހެން ކަމުން މިއީ ވަކިގޮތަކަށް ނަތީޖާ ހާސިލްކުރަން ކުރިޔާލާ ރޭވިގެން ހިނގާފައިވާކަމެއްގެ ގޮތުގައި ބެލެވޭކަމަށް އެ މައުލޫމާތު ހިއްސާ ކުރި ފަރާތުން ބުނެފައިވެއެވެ.

އެގޮތުން ޝައުން ޕީސީބީއަށް ފޮނުވި އީމެއިލް ނޫސްވެރިންނަށް ވަނީ ފެނިފައެވެ. އަދި ޝައުން ބޭނުންވާކަހަލަ އެންގުމެއް ޕީސީބީގެ ފަރާތުން ޝަމާހުއަށް އެންގުމަށް އިތުރަށް އެމައްސަލައަށް ބާރުއަޅައި، އެމަގަމަށް ކަންކަން މަގުފަހިކޮށްދިނުމުގައި ޝައުން ޕީސީބީގެ މުވައްޒަފެއްގެ އެހީތެރިކަން ހޯދިކަން އެނގިފައިވެއެވެ.

“ޕީސީބީގެ ސީނިއާ ފައިނޭންޝަލް ބޭފުޅަކު މިކަމުގައި ޖާމިނުކޮށްފައިވާކަމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބެލެވޭ.” ޝައުން އާއި ޕީސީބީގެ އިސް މުވައްޒަފަކާއި އޮންނަ ގުޅުން ދަންނަ މީހަކު ބުންޏެވެ.

އެއީ ޕީސީބީގެ ކޮން މުވައްޒަފެއްކަން ބެލިއިރު އެކަމުގައި ޝައުން ކޮންޓެކްޓް ކޮށްފައިވަނީ އޭނާގެ އަންހެނުން ފާތިމަތު ސަނާކަން ވަނީ އެނގިފައެވެ.

ޝަފްނާ އާއި މުވައްޒަފުންގެ ކޯޅުން:

މިފްކޯގެ ގާބިލް އެތައް މުވައްޒަފުންގެ ވަޒީފާ އަދާ ކުރާ ތަން ބަދަލުކުރުމާއި، ޑިމޯޓިވްވާގޮތަށް ކަންކަން ރޭވުމާއި، އޮފީހުގައި އުޅޭ އަންހެން މުވައްޒަފުންނާ ޒާތީވުން ފަދަ އެތަކެއް ކަމެއް ޝަފްނާގެ ފަރާތުން ފެންނަ ކަމަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ބުނާއިރު، ޝަމާހު އާއި މުވައްޒަފުންނާއި ދެމެދު އޮތް ކަމަށް ބުނާ ކޯޅުންގަނޑަށްވުރެ ޝަފްނާގެ ފަރާތުން އުސޫލުތަކާ ހިލާފް އެތައް ކަމެއް ފެންނަކަންވެސް އެމީހުން ފާހަގަކުރެއެވެ.

“އަލަށް ސީއީއޯއެއް އައިފަހުން ގިނަ ކަންކަން ހަރުދަނާ ކޮށްފި. ފެންނަނީ ކުންފުނި ކޮޅަށް ޖެއްސެއްވުމަށްޓަކައި ކުރައްވާ މަސައްކަތް. ދެން އެކަން މައްސަލަޔަކަށް ވަނީ. އެކަމަކު ގަބޫލުކުރަންޖެހޭނެ އަލަށް އަންނަ މީހާ ބޭނުންވާގޮތަށްވެސް ކުންފުނި ބައްޓަންކުރަން ސަޕޯޓުދެންޖެހޭނެކަން. ދެން އުސޫލުން ބޭރުން ކަމެއް ކުރިއްޔާ އެކަމެއް ބަލަންވީ. އެކަމަކު މީގަ ބޮޑު ގޯހެއް އުޅޭކަން އެނގިހުރެ ޝަހުސު ކަތިލުން ބަލައެއް ނުގަނެވޭ.” އޭނާ ބުންޏެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުގެ ކުރިން މިފްކޯގެ އެތައް ސީރިއަސް މައްސަލަތަކެއް، އެކުންފުނީގެ ބެލެންސް ޝީޓާއި ޕްރޮފިޓް އެންޑް ލޮސް އިން ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އޮތް އިރު އޭރުވެސް އެކުންފުނީގެ އޮޑިޓް ބަލަހައްޓަމުން އައީ ޝައުން އެވެ. އަދި އެމައްސަލަތައް ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ފާހަގަވެފައެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ސްޓޭޓަސްގައި އޮތް 3 ބޯޓު މިފްކޯއަށް ގެނައި މައްސަލައިގައި ކޮރަޕްޝަންގެ އެތައް ކަމެއް ފާހަގަވިއިރު، އެކަމުގައިވެސް ޝައުން އިހުމާލުވެފައިވާކަމަށް ކުންފުނީގެ މުވައްޒަފުން ބުންޏެވެ. އޮޑިޓުގައި ބޮޑެތި ގޯސްތަކެއް ހަދައި އޮޅުވާލައިވާކަން ފާހަގަވާ ކަމަށާއި، ފަރުވާކުޑަވުމުގެ ސަބަބުން އަޅާނުލެވި ހުރި މާލީ ގިނަ ކަންކަން ކުންފުނީގައި އެބަހުރިކަމުގައެވެ.

“މިތަން ބޮއްސުންލާފަ މިއޮތީ ވަރަށް ގިނަ ދުވަހުން. ކުންފުނީގެ މާލީ ކަންކަން މެނޭޖު ކުރެވިފައެއް ނެތް.” މާލީ މަސައްކަތުގައި އުޅޭ މުވައްޒަފަކު ބުންޏެވެ.

ޝަފްނާ އާއި ޝައުންގެ ކަންކަން ފާހަގަވާއިރު ފިޔަވަޅު ނާޅަނީ ކިއްވެތޯ ސުވާލު ކުރުމުން އެމީހުން ބުނީ، ކުންފުނީގެ އެކި ލެވެލްގެ މުވައްޒަފުންނަށް އެކަން ފާހަގަވެގެން މެނޭޖުމެންޓު އެކި ބޭފުޅުންނަށް މީގެ ކުރިން މައްސަލަ ޖެއްސި ނަމަވެސް އެދެމީހުންނަކީވެސް ވެރިންކަމުގައިވާތީ ފިޔަވަޅު ނާޅައި، ދޫކޮށްލާފައި އޮންނަ ކަމުގައެވެ.

“މިހާރު އެކަން ބަދަލުކުރަން އުޅެން ހަދައިގެން މިއޮތީ ސީއީއޯ ގާތް މީހުނަށް ވަޒީފާ ދޭ ވާހަކަ. ކުންފުނީގެ ކަރާމާތާއި އިއްޒަތް މުހިންމުވާނެ. އުސޫލަށް ނުފެތެންޏާ ނުފެތޭ ކިތަންމެ ކަމެއް މިތާ އެބަހުރި. ސީއީއޯއާ ބަޔަކާ ގާތަސް ދުރަސް އެބުނާ އުސޫލުން ވަޒީފާ ދެންޏާ ކޮބާތަ މައްސަލައަކީ.؟” ޝަމާހު އަށް ތާއީދުކުރާ މުވައްޒަފަކު ބުންޏެވެ.

ބެލި ބެލުމުން އެނގުން ގޮތުގައި ޝަމާހުއާ އާއިލީ އެއްވެސް ގާތްތިމާގެ މީހަކަށް ވަޒީފާ ދީފައިވާ ކަން ޓްރެކް ރެކޯޑުން ފެންނާކަށް ނެތެވެ. އެކަމަކު ކުރީގެ ސީއޯގެ 17 އާއީލީ މެންބަރުން މިވަގުތުވެސް މިފްކޯގައި ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ސީއީއޯގެ އެއެއްބަނޑު އެއްބަފާ ކޮއްކޮއެއް ހިމެނެއެވެ. އެކަމަކު މިހާރުގެ ސީއޯ ޝަމާހު އަދި މިހާތަނަށް އެއިން އެއްވެސް މުވައްޒަފަކާ މެދު ތަފާތުކުރުންތައް ގެންގުޅެފައެއް ނުވާކަން މުވައްޒަފުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ޝައުން އާއި ޝަފްނާގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތަކުގެ ތެރެއިން އެންމެ ސީރިއަސް ތުހުމަތަކީ ލޯބީގެ ގޮތުން އެ ދެމީހުން ގުޅިގެން އުޅޭކަމަށް ދެކެވޭ ވާހަކަތަކެވެ.

އެހެން ނަމަވެސް އެއަށްވުރެ ބޮޑަށް މުވައްޒަފުން ޖައްސާ މައްސަލައަކީ އޭގެ ނާޖައިޒް ނުފޫޒު މިފްކޯގެ މައި އޮފީހާއި މުވައްޒަފުންނަށް ކުރުމެވެ. އަދި ވަކިން ހާއްސަކޮށް ޝަމާހުގެ މައްޗަށް ޕީސީބީން ފާހަގަކޮށްފައިވާ ކަންކަމާގުޅިގެން އޭނާ މަގާމުން ވަކި ކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވި ކަމަށް ދައްކާ ވާހަކަތަކަކީ އެމީހުން ބޭނުންވާގޮތަށް ކަންކުރާނެ ސީއީއޯއެއް ހޯދުމަށް ދެއްކި ފްލޯކު ވާހަކަތަކެއްކަން އެނގޭކަމަށް އެމީހުން ބުންޏެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ މަސްލަހަތު އޮންނަ ގެސްޓްހައުސެއްގެ ތެރެއިން ޝައުން އާއި ޝަފްނާ ފެނިފައިވެއެވެ. އަދި ސަލާން ބުނުމާއި ޗުއްޓީ ނެގުމާއި، ކެންޓީނަށް އެކުގައި ސަޔަށް ދިއުމާއި، ގިނަ ވަގުތު ދެމީހުން އޮފީސް މާހައުލުގެ ތެރޭގަައި ގައިގޯޅިވެ އުޅުން ފަދަ އަމަލުތައްވެސް ފާހަގަކުރެވިފައިވާއިރު، ދައުލަތުގެ އެކިފަންތީގެ ވެރިންނާ ހާއްސަ ގުޅުމެއް ޝަފްނާ އުފައްދައި، އެ ގުޅުމުގެ ތެރެއިން މަންފާ ހޯދާފައިވާކަމަށް ތުހުމަމަތު ކުރެއެވެ.

ޝައުންގެ އަންހެނުންނަށް އޮޅުވާލައިގެން އޮފީސް ދަތުރުގެ ނަމުގައި އެއްކޮށް ޗުއްޓީ ނެގުމަށްފަހު ޝަފްނާ ގޮވައިގެން ބޯޓުފަހަރު ބެލުމަށާއި، ރިޖެކްޓް މަހުގެ ތަފްސީލް ހޯދުމުގެ ނަމުގައި ދުބާއީ އާއި ތައިލެންޑު ފަދަ ގައުމުތަކަށް އެކުގައި ދަތުރު ކޮށްފައިވާ ކަމަށް މުވައްޒަފުން ބުނެއެވެ.  އެހެން ނަމަވެސް އެދެމީހުން ތަކުރާރުކޮށް އެ ގުޅުމާއި އަދި އެދެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރެއެވެ. އަދި އެއީ ހަސަދަވެރިކަމުގެ އަމަލެއްގެ ގޮތުގައި އެދެމީހުން ސިފަކުރެއެވެ

ޖުމްލަގޮތެއްގައި މެޖޯރިޓީ މުވައްޒަފުން ފާހަގަކޮށްފައިވަނީ ސީއޯ ޝަމާހު އާ މިފްކޯގެ މުޅި ޓީމު ރައީސް މުއިއްޒުގެ ވިސްނުންފުޅާއި ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި ގަދައަޅައި ކުރާ މަސައްކަތުގެ ނަތީޖާ ފެންނަ ކަމުގެ ވާހަކައެވެ. އަދި ޕީސީބީން ފާހަގަކުރާ ކަންކަމުގެ އިދިކޮޅެވެ.

އެގޮތުން ޝަމާހު ސީއީއޯ ކަމުގެ މަަގާމާ ހަވާލުވެވެޑައިގަތް ފަހުން ރިޖެކްޓް މަހުގެ ހިޔާނަތްތައް ހުއްޓުވައި ކޮރަޕްޝަނަށް އޮތް ދޮރު ބަންދުކޮށް، ޔޫރަޕްގެ އެކި ގައުމުތަކާއި ޖަޕާނާއި، ކޮރެއާ، ރަޝިއާ އަދި މެދުއިރުމަތީގެ ގައުމުތަކާ ވަނީ ކާމިޔާބު މުއާމަލާތްތެއް ކުރެވިފައެވެ. ނަތީޖާއެއްގެ ގޮތުން މިފްކޯގެ ދިގު މާޒީގައި ނުކުރެވޭ އެތައް ކަމެއް ވަނީ ކުރަން ފަށާފައެވެ. އެގޮތުން ކުންފުނިން މިހާރުވެސް ދަނީ ޔޫރަޕްގެ 4000 މެޓްރިކް ޓަނުގެ ބޯޓަކަށް މަސް ކިރަމުންނެވެ. އަދި ބޯޓަށް މަސް ގަންނަނީ، މަހުގެ ކޮލެޓީ ޗެކް ކުރުމަށްފަހުގައިކަން ފާހަގަކޮށްލެވެއެވެ.

“ކުރިއާ ހިލާފަށް އަޅުގަނޑުމެން ބޯޓު ފުރުވާލުމުގެ ކުރިން އެބަ ނަގަން އިންވޮއިސްގެ 95 އިން ސައްތަ. ފައިސާ ހުންނަނީ ޖަމާވެފަ. މިއީ ސީއީއޯ ޝަމާހު ގެނެސްދެއްވި ހެޔޮބަދަލެއް. ހަޔާތުގައިވެސް މިގޮތަށް ފައިސާއެއް ނުހޯދޭ” ކުންފުނީގެ އޮޕަރޭޝަންސްގައި ހަރަކާތްތެރިވާ މުވައްޒަފަކު ބުންޏެވެ.

މީގެ އިތުރުން މިފްކޯގެ ޕްރޮޑަކްޝަން ލައިނަށް އައު 3 ޕްރޮޑަކްޓެއް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ 4،000 ޑޮލަރު ލިބޭ ފިޝް އޮއިލް އާއި، 11،000 ޑޮލަރު ލިބޭ ކަޓްސޯބިޝީއާއި އިތުރު ޕްރޮޑަކްޓެއް ހިމެނެއެވެ.

ސިޓީގެ ދަރަޖައާއި ބޮޑެތި އާބާދީ އޮންނަ ރަށްތަކުގައި މިފްކޯގެ ފަސްމީރު ފިހާރަތައް ގާއިމްކޮށް، އެއްވެސް އުމުރުފުރައެއް ތަފާތުކުރުމެއް ނެތި ވަޒީފާގެ ފުރުސަތު މިއަހަރުގެ ތެރޭގައި ފަހިކޮށްދިނުމަކީ އެކުންފުނީގެ އައު ސީއީއޯ އަމާޒެވެ. އަދި މެދުއިރުމައްޗަށް މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ރޭންޖު ފުޅާކުރުމަށް ދުބާއީގަައި މިފްކޯގެ އައުޓްލެޓެއް ހެދުމަކީވެސް ޝަމާހުގެ އަމާޒެކެވެ.

“ހުރަސް އަޅަނީ އެކަމަށް. މަސްވެރިންނާ ގުޅޭ އެތައް ކަމެއް ހަރުދަނާކުރަން ކުރާ މަސައްކަތް ބަޔަކު ހަރާބު ކުރަނީ.” ކުންފުނީގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކޮށްފައިވާ އިސް ބޭފުޅަކު ވިދާޅުވިއެވެ.

ޝަމާހުއަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސުވާލު ކުރުމުން އޭނާގެ މުޅި ޖަވާބު ބައްޓަން ކުރެއްވީ މިފްކޯގެ މަސައްކަތުގެ ތެރެއަށެވެ. އޭނާ ވިދާޅުވީ ބޭކާރު ކަންކަމަށް ވަގުތު ހުސްކުރުމަށްވުރެ ރައީސް މުއިއްޒުގެ އިރުޝާދުފުގެ ދަށުން މިފްކޯގެ ހާލަތު ބަދަލު ކުރުން މާ މުހިންމު ކަމުގައެވެ.

“ތައިލެންޑު މާކެޓުގަ މަހުގެ އަގު ހުރި ވަރެއް އަޅުގަނޑަށް މުހިންމެއް ނޫން. މިފްކޯއިން އެކްސްޕޯޓް ކުރާ މަހުގެ އަގު ކަނޑައަޅާނީ އަޅުގަނޑު. އެއީ އެޑްވާންސަށް 90 ނުވަތަ 95 ޕަސެންޓް ދިނުން. މިހާރު މަސްގަންނަ ފަރާތްތަކުންވެސް އިތުރަށް މަސްގަންނަކަމަށްވާނަމަ، ޖެހޭނީ މި ޝަރުތުތަކަށް ތަބާވާން. އޭރުން މިފްކޯއިން އިރުއިރުކޮޅާ ރިޖެކްޓޭ ނުކިޔާނެ. އަޅުގަނޑުމެންގެ ކުންފުނި އޭރުން ހިނގާނީ ފައިދާގަ. ޝަމާހު ވިދާޅުވިއެވެ.

ޝަމާހު ވިދާޅުވިގޮތުގައި ރިޖެކްޓް މަހުން ފައިދާ ނަގަމުންދާ ނުފޫޒުގަދަ އެތަކެއް ފަރާތްތަކެއް އެބަތިއްބެވެ. އެގޮތުން އެފަދަ ފަރާތްތަކުން ކެނޑިނޭޅި އެ ސަގަފާތް ދިރުވުމަށްޓަކައި އޭނާއަށް ދެކޮޅަށް ނުބައި ރޭވުންތަކެއް ރޭވި ކަމުގެ ހެކި ހުރިކަން ފާހަގަކުރެއްވިއެވެ.

“މިފްކޯ އަކީ ސަރުކާރު ހިއްސާވާ ރާއްޖޭގެ އެންމެ އަރަނިވެރި ކުންފުންޏަށް އަޅުގަނޑު ހަދާނަން. މާޒީގައި ދަރަނީގައި އޮތް މިކުންފުނި އަރަނީގައި ހިނގާ ކުންފުންޏަކަށް ހަދާނަން.” ޝަމާހު ވިދާޅުވިއެވެ.

ޝަމާހު އާ ދެކޮޅަށް ޕީސީބީން ހުށަހެޅި ނުކުތާތަކަކީ އޭގެ ފަހަތުގައި ޝައުން އާއި ޝަފްނާ ހުރެގެން ރޭވިގެން ހިނގާފައިވާ ކަމެއްގެ ގޮތުގައި އެކުންފުނީގެ ބައެއް މުވައްޒަފުން ބުނަމުންދާއިރު، އެކަމަށް ޝައުން އާއި ޝަފްނާގެ ފަރާތުން ދެނީ ބީރު ކަންފަތެއްކަންވެސް އެމީހުން ފާހަގަކުރެއެވެ. އެކަމަކު އަދި މިހާތަނަށް އެ މައްސަލަައިގައި އެ ދެމީހުންގެ މައްޗަށް ފިޔަވަޅެއް އަޅާފައި ނުވެއެވެ.

ވަރަށް ގަދަ
52%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 21%ބޮޑު ޖޯކެއް 12%ހައިރާންވެއްޖެ 0%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: