ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު، މައުމޫނަށް: “ތިއީ ފެށުނީސުރެ ވޯޓުން ވައްކަންކުރާ ބޭފުޅެއް!”

ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަކީ، ހަޔާތުގައި އައި ކޮންމެ ވޯޓެއް ވެސް އޮޅުވާލާފައިވާ ބޭފުޅެއް ކަމަށާއި އޮޅުވާނުލެވުނު ހަމައެކަނި ވޯޓަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާޢްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރާ ގޮތަށް ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހަޅުއްވަމުން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ވޯޓުން ކަނޑައެޅާފައި އޮތް ނަމަވެސް ގާނޫނުގައި ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ސާފުކޮށް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި ރިޔާސީ ނިޒާމަކަށް ރައްޔިތުން ވޯޓު ދީފައިވީ ނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުތަކަށްފަހު ވެރިކަން ހިންގަމުން އައިސްފައިވަނީ ބަރުމަލާނީ ނިޒާމެއްގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ޖާބިރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅިއިރު، ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ފެށުނީއްސުރެ ފާޅުކަން ބޮޑު ގޮތެއްގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އަދި ފަހަކަށް އައިސް އެމަނިކުފާނު ވަނީ މި މައުޟޫއަށް ތަކުރާރުކޮށް ވާހަކަ ދައްކަވާފައެވެ.

ގާނޫނު އަސާސީއަށް 12 އަހަރުން ފުރުމާއި ދިމާކޮށް ދެއްވި އިންޓަވިއުއެއްގައި ވެސް ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ބާރުތަކެއް ލިބިފައިވާ މި ގާނޫނު ރަނގަޅު ގޮތުގައި ތަންފީޒު ނުކުރެވެނީ މިއީ ރިޔާސީ ނިޒާމަކަށް ތައްޔާރު ކުރެވުނު ގާނޫނު އަސާސީއަކަށް ނުވާތީ ކަމަށެވެ. ގާނޫނު އަސާސީގެ މަސައްކަތްތައް ނިމުނުއިރު މީގައި ވަނީ ބަރުލަމާނީ ނިޒާމެއްގެ ސިފަތަކެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އޭރު ވެސް ވަނީ ރައީސް މައުމޫނަށް ފާޑު ވިދާޅުވެފައެވެ. މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ރައީސް މައުމޫން މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ރާއްޖެއަށް އެންމެ ކަމުދާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި އެކަން ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

“ދިވެހިރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު. 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަގުލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެން” ރައީސް މައުމޫން

ރައީސް މައުމޫނަށް ރައްދު ދެއްވާ ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވީ ރައީސް މައުމޫނަކީ އަބަދުވެސް ވޯޓު އޮޅުވާލާ ބޭފުޅެއް ކަމަށެވެ. އަދި 2007 ވަނަ އަހަރު ނިޒާމާއި ބެހޭ ގޮތުން ނެގި ވޯޓު ވެސް އޮޅުވާލި ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫނަށް އޮޅުވާނުލެވުނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު އެކަނި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންފިނަމަ، އިންތިހާބު ކުރާނީ އިންތިގާލީ ވެރިކަމެއްކަމަށް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވާހަކަ ދެކެވެނުވެ. އަދި އެއަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރާނެކަމުގެ އަޑުތަކެއް ވެސް ގަދަވިއެވެ. ނަމަވެސް އޭގެ ފަހުން ރައީސް ނަޝީދު ފިޔަވާ އިތުރު ބޭފުޅަކު، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ވާހަކަ ނުދައްކަވައެވެ.

މި މަހުގެ ކުރީކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް އެއްގޮތަކަށް ވެސް ރިޔާސީ ނިޒާމު ކަމު ނުދާ ކަމަށެވެ. އަދި އެމަނިކުފާނަކީ އެއް އިރެއްގައި ވެސް ރިޔާސީ ނިޒާމަކަށް ތާއީދު ކުރި މީހެއް ނޫން ކަމަށާއި، މުޖްތަމައުއަށް ހަމަޖެހުން ގެނެސް، ގައުމެއް ހިންގުމުގައި ރިޔާސީ ނިޒާމެއް ބޭނުން ކުރެވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: