ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ޕާޓީތަކަށް ބިން ދޫނުކުރަނީ ކީއްވެ؟

ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުން އެ ޕާޓީ ތަކުގެ އެއްވުންތަކުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ މިއަދާއި ހަމައަށް ވެސް ސިޔާސީ ޕާޓީތަކުން ކުރާ އެއް ޝަކުވާއެއް އޮވެއެވެ. އެއީ ޕާޓީތަކުގެ ހަރަކާތްތައް ހިންގަން ބިން ނެތް ވާހަކައެވެ. ނުވަތަ ބިން ނުލިބޭ ވާހަކައެވެ. ނުވަތަ ބިން ދޫނުކުރާ ވާހަކައެވެ.

މި ދެންނެވި ޝަކުވާތައް ސިޔާސީ ޕާޓީތަކުން ކުރާ ނަމަވެސް މިކަމަށް ހައްލެއް ލިބިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގަނީ ހެޔޮ އެދޭ ފަރާތްތަކުން ދީފައި ހުންނަ އިމާރާތެއް ނުވަތަ ބިމެއްގައެވެ. ބައެއް ފަހަރު ކުއްޔަށެވެ. އަނެއްބައިފަހަރު ހިލޭ އެއްވެސް އަގެއް ދައްކަން ނުޖެހޭ ގޮތަށެވެ.

ކޮންމެއަކަސް ސުވާލަކީ ސިޔާސީ ޕާޓީތައް ރާއްޖޭގައި އުފެދި ހަރަކާތްތެރިވަމުން އަންނަތާ ގާތް ގަޑަކަށް 15 އަހަރު ވެގެން ދިޔައިރު ސިޔާސީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ބިން ދޫކުރާނެ ގާނޫނީ ނިޒާމެއް ނެތީތޯއެވެ.؟ ހަގީގަތަކީ ސިޔާސީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ބިން ދޫކުރާނެ އުސޫލުތައް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 20,000 (ވިހި ހާސް) މެންބަރުން ހަމަވާ ޕާޓީތަކުގެ އިދާރީ އޮފީހާއި އެ ޕާޓީގެ ހަރަކާތްތައް ހިންގުމަށް މާލޭން 1,000 (އެއް ހާސް) އަކަފޫޓުގެ ބިމެއް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިދޭން ޖެހޭނެއެވެ. އަދި ހަމަޖައްސައިދޭ ބިމަކީ، ކުލި ދައްކާ އުސޫލުން ހަވާލުކުރެވޭ، އަދި ޕާޓީގެ މެންބަރުންގެ އަދަދު،  20،000 މެމްމަބަރުންނަށް ވުރެ  މަދުވާ ހިނދު، އެ ޕާޓީގެ ކިބައިން ވަކިކުރެވޭ ބިމަކަށް ވާންވާނެ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ހަރަކާތްތެރިވާން ފެށިތާ 15 އަހަރު ފުރުނު ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނެއް ވުޖޫދު ވެގެން އައީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އެހެން ކަމުން ގާނޫނު ވުޖޫދު ވެގެން އައިތާ އަށް އަހަރު ވެގެން ދިޔައިރު ވެސް ގާނޫނުގައި ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް ކަނޑައަޅާފައިވާ މާއްދާ ތަންފީޒް ނުކުރެވޭ ސަބަބު ހޯދުމަށް “ސަންގު” އިން ކުރި މަސައްކަތުން ސާފު ވެގެން ދިޔަ ކަމަކީ އެކަން ކުރުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެއްބާރުލުން ލިބެމުން ނުދާ ކަމެވެ.

“ސަންގު” އާއި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ބިން ދޫކުރުމަށް ގާނޫނުން ލާޒިމް ކުރަނީ 20،000 މެމްބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ކަމަށާއި އެ އަދަދަށް މެމްބަރުން ހަމަވާ އޮތީ ދެ ޕާޓީ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެއީ މިހާރު ސަރުކާރު ހިންގާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްއެވެ.

ޝަރީފް ވިދާޅުވީ އެތައް ފަހަރެއްގެ މަތިން ގާނޫނުގައި ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް ކަނޑައަޅާފައިވާ މާއްދާ ތަންފީޒް ކުރުމަށް ކޮމިޝަނުން މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް އެކަން ކުރެވޭ ގޮތް ވެފައި ނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ސަބަބެއް ކަމަށް ޝަރީފް ވިދާޅުވީ ސަރުކާރުގެ އިމާރާތްތަކުގެ ހާލަތު ހުރި ގޮތުންނާއި އަދި މާލޭގައި ބިމުގެ ދަތިކަން އިންތިހާއަށް އޮތް އިރު އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓްރީއާއި ސިޓީ ކައުންސިލުން ބުނެފައި ވާތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އޭނާ ކޮމިޝަންގެ ރައީސް ކަމަށް އައުމުގެ ކުރިން ވެސް އަދި އޭނާ ކޮމިޝަންގެ ރައީސް ކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު ވެސް ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނެ  މަގެއް ނެތުމުން ގާނޫނުގައި ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް ބަޔާން ކޮށްފައިވާ މާއްދާ އުވާލުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެކަމަށް ސިޔާސީ ޕާޓީތަކުން އިންކާރު ނުކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މަޖިލީހުގެ ފެށޭ ދައުރަށް ކޮމިޝަންގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ބިން ދޫކުރާ ގޮތަށް ކަނޑައަޅާފައިވާ މާއްދާ އުވާލަން ހުށަހަޅާނެ ކަމަށެވެ. އަދި ގާނޫނު އިސްލާހު ވެގެން އަންނަ އިރު މިފަދަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެހެން ވެސް ގޮތް ގޮތުން ކޮމިޝަނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ ފުރިހަމަ އަށް އަދާ ކުރުމަށް ކަމަށާއި ގާނޫނެއްގައި ވަކި ގޮތަކަށް ވަކި ކަމެއް ކުރުމަށް ބުނެފައިވާނަމަ އެކަމެއް ތަންފީޒް ކުރުމަށް ކޮމިޝަނަށް ކުރެވެން ހުރި ހުރިހައި މަސައްކަތްތަކެއް ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: