ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުތަކުގެ ހިންގުން ފަނޑިޔާރަކާއި ހަވާލު ކުރަނީ އުސޫލުތަކާއި އެއްގޮތަށް: ޖޭއެސްސީ

ޖޭއެސްސީގެ ބައްދަލުވުމެއްގެތެރެއިން. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަގުތީ ގޮތުން ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާއި ހަވާލު ކުރަމުންދަނީ، ކޯޓުގައި ނުވަތަ ދާއިރާގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ ވެސް ވަނަވަރު އަދި ރިކޯޑު ފައިލްގައި ހުރި ލިޔެކިއުންތަކަށް ބެލުމަށްފަހުކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.

ބައެއް ކޯޓުތަކަށް އިސް ފަނޑިޔާރުން ކަނޑައެޅުމުގައި ޖޭއެސްސީއިން އަމަލު ކުރަނީ އެ ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލްތަކާއި ހިލާފަށްކަމަށް ބުނެ ކޮމިޝަނަށް ވަނީ ފާޑުކިއުންތަކެއް އަމާޒުވެފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ކްރިމިނަލް ކޯޓް ހިންގުން އެ ކޯޓްގެ ގާޒީ އާދަމް މުހައްމަދު އާއި ހަވާލު ކުރަން ޖޭއެސްސީން ނިންމި ނިންމުމަށް ފާޑުކިޔާފައެވެ. އާދަމް މުހައްމަދާއި ކްރިމިނަލް ކޯޓް ހިންގުން ހަވާލުކޮށްފައި ވަނީ އެ ކޯޓް ހިންގަވަމުން ގެންދެވި ގާޒީ އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.

ހައިލަމް ވިދާޅުވެފައިވަނީ ޤާޟީ އާދަމް މުޙައްމަދަކީ ކްރިމިނަލް ކޯޓުގައި މިވަގުތު ހުންނެވި އެންމެ ޤާބިލު ޤާޒީ ކަމަށާއި ނަމަވެސް ޖޭއެސްސީއިން ކްރިމިނަލް ކޯޓު ހިންގުން ޤާޒީ ޢަލީ ރަޝީދާއި ޤާޒީ އާދަމް މުޙައްމަދާ ވެސް ޙަވާލުކޮށްފައިވަނީ ޖޭއެސްސީން ގެޒެޓްކުރައްވާފައިވާ އުޞޫލާ ހިލާފަށް ކަމަށެވެ.
ކޯޓުތަކުގެ ގާނޫނުގެ 54 ވަނަ މާއްދާގެ (ވ) ގައި ބުނެފައި ވަނީ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ހަތަރު ސުޕީރިއަރ ކޯޓުގެ ތެރެއިން ކޮންމެ ކޯޓެއްގައިވެސް އިސް ގާޒީއަކު ހުންނަންވާނެ ކަމަށެވެ. އަދި އެއިން ކޮންމެ ކޯޓެއްގެވެސް އެންމެ އިސް ފަރާތަކީ އެ ކޯޓެއްގެ އިސް ގާޒީ ކަމަށާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުގެ އިސް ފަނޑިޔާރުގެ މަގާމު ފުރާނެ ފަނޑިޔާރަކު އައްޔަންކުރާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

މައްސަލައިގައި ޖޭއެސްސީން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓު ވަގުތީގޮތުން ހިންގުން ފަނޑިޔާރަކާއި ހަވާލުކޮށްފައިވަނީ އުސޫލާއި ހިލާފަށްކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ހައިކޯޓުގެ އިސްފަނޑިޔާރުކަން ހަމަޖެއްސުމާއި، ސުޕީރިއާރ ކޯޓުތަކުގެ އިސް ގާޒީން ހަމަޖެއްސުމާއި އަދި ޖުޑިޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން ހަމަޖެއްސުމަކީ ޖުޑިޝަލް ސާވިސްގެ ގާނޫނާއި، ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ޖޭއެސްސީގެ ޒިންމާއެއްކަން ކޮމިޝަންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ކޯޓު ހިންގުމާއި ހަވާލުވެ ހުންނަ ފަނޑިޔާރަކު ޗުއްޓީއަކަށް ދާނަމަ އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާއި ހަވާލު ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް އޮކްޓޯބަރު 28 ގައި ކޮމިޝަނުން ގެޒެޓުކޮށްފައިވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ކޯޓެއްގެ އިސް ފަނޑިޔާރަކު ވަޒީފާ އާއި ބެހޭ ގާނޫނުގައި ބަޔާން ކުރާ ޗުއްޓީއެއްގައި ހުރެއްޖެނަމަ ނުވަތަ އިސްފަނޑިޔާރަކު ސަލާމުގައި ހުރެއްޖެނަމަ އެ ކޯޓެއް ވަގުތީގޮތުން ހިންގުމާއި ހަވާލުވާނީ އެ ކޯޓެއްގައި ތިބި ފަނޑިޔާރުންގެ ތެރެއިން އެތަނެއްގައި ހިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުންގެ ތަރުތީބުންކަމަށް އުސޫލުގައި ބަޔާންކޮށްފައިވާއިރު ކޯޓުގެ އިސްފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ ހާލަތެއްގައި އެ އުސޫލަށް އަމަލު ކުރުމުން އިސްތިސްނާވެގެން ވާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީން ބުނެފައިވަނީ ކޯޓުގެ އިސް ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ ހާލަތުގައި އިސްފަނޑިޔާރުކަން ދާއިމަށް ހުސްވާ ހާލަތުގައި ވަގުތީ ގޮތުން މީހަކާއި އެ މަސްއޫލިއްޔަތު ހަވާލު ކުރުމުގައި ކޮމިޝަނުން އަމަލު ކުރަނީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށެވެ. އަދި ކޮމިޝަނުން ވަގުތީ ގޮތުން ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާއި ހަވާލު ކުރަމުންދަނީ، ކޯޓުގައި ނުވަތަ ދާއިރާގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ ވެސް ވަނަވަރު އަދި ރިކޯޑު ފައިލްގައި ހުރި ލިޔެކިއުންތަކަށް ބެލުމަށްފަހު އެ ކޯޓެއްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ތައުލީމާއި، ތަޖުރިބާ، އަހުލާގާއި ގާބިލްކަމަށް ބަލައި އިސްފަނޑިޔަރުކަމަށް އެންމެ އެކަށޭނެ ފަރާތެއް ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުންގެ އަގުލަބިއްޔަތުން ކަނޑައަޅައިގެން ކަމަށެވެ.

މީގެ އިތުރުން އެކި ސުލޫކީ މައްސަލަތައް ސާބިތުވެގެން ފަނޑިޔާރުކަމުން ވަކި ކުރުމަށް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ލަފާ ދިނުމުން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދިނުމަށްފަހު ކޮމިޝަނުން ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި ކުރާ މަސައްކަތާއި ބެހޭ ގޮތުން އާއްމުންނަށް ކަން ހިނގާދިޔަ ގޮތް އޮޅުވާލުމަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ދައްކާ ވާހަކަތައް ކޮމިޝަނުން ކުށްވެރި ކުރާ ކަމަށެވެ. އަދި ކޮމިޝަންގެ މަސްއޫލިއްޔަތު އަދާ ކުރަމުން ދާނީ ގާނޫނާއި ގަވާއިދުގައު ކަނޑައަޅާފައިވާ އުސޫލުތަކާއި ވެސް އެއްގޮތަށް ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޖޭއެސްސީން ވަނީ ދާއިމީ ފަނޑިޔާރުން ހަމަޖެހިފައިނުވާ ކޯޓުތަކުގެ ހިންގުން ހަވާލުކުރުމުގައްޔާއި، ކޯޓު ހިންގުމާ ހަވާލުވެހުންނަ ފަނޑިޔާރު ޗުއްޓީއަށް ދާނަމަ އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއް ވެސް އާންމުކޮށްފައެވެ. އުސޫލުގައި ބުނެފައި ވަނީ ކޯޓުގެ ހިންގުން ހަވާލު ކުރާނީ އެ ވަގުތު އެ ކޯޓުގައި ނުވަތަ އެ ދާއިރާއެއްގައި ތިބި ފަނޑިޔާރުންގެ ތެރެއިން އެ ތަނެއްގެ ހިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުންގެ ތަރުތީބުން ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: