ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން މަޖިލީހުގައި ތިބޭނެ ތަރުތީބުގެ މަޝްވަރާ: އެމްޑީޕީއިން ބޭނުންވަނީ ޕާޓީތައް ވަކި ވަކިން ތިބެން!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: މަޖިލީހުގެ އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަޅުމުގައި ތިބޭ ތަރުތީބަށް ބަދަލު ގެނައުމުގެ މަޝްވަރާގެ ކޮމިޓީ ބައްދަލުވުންތައް ފަށައިފިއެވެ.

މަޖިލީހުގެ ތަޅުމުގައި މިހާރު މެމްބަރުން ތިއްބަވަނީ މާލެއަށް ނިސްބަތްވާ ދާއިރާތަކުގެ މެމްބަރުން އެންމެ ކުރީގައެވެ. ފުރަތަމަ ބަރިއަށްފަހު ދެން މެމްބަރުން ތިއްބަނީ އަތޮޅު ތަރުތީބުންނެވެ. މަޖިލީހުގައި މެމްބަރުން ތިއްބަވާ ތަރުތީބަށް ބަދަލު ގެނައުމުގެ ހިޔާލު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައިސް، ރައީސް މުހައްމަދު ނަޝީދެވެ. އެގޮތުން ރައީސް ނަޝީދު ވަނީ މަޖިލީހުގެ އާއްމު ކޮމިޓީއިން މެމްބަރުން އިޝީންނާނއެ ތަރުތީބާއި މެދު މެމްބަރުންގެ މެދުގައި މަޝްވަރާކޮށް ރިޕޯޓެއް ތައްޔާރުކުރުމަށް އެދިވަޑައިގެންފައެވެ. އަދި ރައީސް ނަޝީދުގެ ހުށަހެޅުމާއި އެއްގޮތަށް މަޖިލީހގެ ސެކްރެޓޭރިއޭޓުން ވަނީ އެ ކޮމިޓީއަށް ސިޓީ ފޮނުވާފައެވެ.

މި ހުށަހެޅުމަށް މިއަދު ކޮމިޓީ ބައްދަލުވުމެއް ބޭއްވިއެވެ. ގިނަ މެމްބަރުންގެ ހިޔާލަކަށްވީ އެކި އެހެން ގައުމުތަކުގެ ޕާލިމެންޓުގައި އަމަލު ކުރާ އުސޫލަށް ރިއާޔަތް ކުރުމަށެވެ. އެގޮތުން ރިޔާސީ ނިޒާމު ހިންގަމުން އަންނަ ގައުމުތަކުގައި މެމްބަރުން މަޖިލީހުގައި ތިއްބަވާ ގޮތަށް ބަލައި އެއަށް އަމަލު ކުރުމަށް ބައެއް މެމްބަރުން ހުށަހެޅުއްވިއެވެ. މީގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ މެމްބަރުން ވަކިން ތިއްބެވުން ނުވަތަ، ހށ ގެ ތަރުތީބުން މެމްބަރުން ތިއްބެވުމެވެ.

ކަރަންޓީނުގައި ހުންނެވުމުން ކޮމިޓީގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަންލަތީފް ވިދާޅުވީ މަޖިލީހުގައި މެމްބަރުން މަސައްކަތް ކުރަނީ އަތޮޅުތަކަށް ބަލާ ނޫން ކަމަށެވެ. އަދި އެ މެމްބަރުންގެ މަސައްކަތް ހުންނަނީ ސިޔާސީ ޕާޓީތަކުން އަމަލު ކުރާ އުސޫލާއި އެއްގޮތަށް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މަޖިލީހުގައި ގޮތް ނިންމަނީ ވެސް ޕާލީމެންޓްރީ ގްރޫޕްތަކުގެ މެދުގައި މަޝްވަރާތަކެއް ކުރެވިގެން ކަމަށާއި، މަޖިލީހުގައި ނަގާ ކޮންމެ ވޯޓެއް އެއީ ޕާޓީގެ ވިސްނުންކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފްގެ ހުށަހެޅުމަށް ތާއީދުކޮށް، މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވީ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ ބޭފުޅުންނަށް ތަޅުމުގެ ދެ ފަރާތް ބަހާލުމެވެ. އަދި އެތަނުގައި ހށ ތަރުތީބުން މެމްބަރުން ތިއްބަވާއިރު މަޖިލީހުގެ ފަހަތު ބަރި އަމިއްލަ މެމްބަރުންނަށް ކަނޑައެޅުމަށެވެ.

އެހެން ނަމަވެސް މެމްބަރުންގެ އިދިކޮޅާއި ތަފާތު ހިޔާލެއް ހުށަހަޅުއްވާ ށ. ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ މަޖިލީހުގައި މިހާރު ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ މެމްބަރުން ތިއްބެވި ގޮތުން އެގޮތަށް އަމަލު ކުރަން އުނދަގޫވާނެ ކަމަށެވެ. އެހެން ކަމުން އެންމެ ރަނގަޅުގޮތަކީ ދެކުނުގެ ރަށްތަކުން ފެށިގެން އުތުރުގެ ރަށްތަކަށް، ނުވަތަ އުތުރުން ދެކުނަށް ވާ ގޮތަށް މެމްބަރުންގެ ގޮނޑީގެ ތަރުތީބަށް ބަދަލު ގެނައުން ކަމަށެވެ.

ޝާހިދުގެ ހިޔާލަށް ރައްދު ދެއްވައި ހަސަން ލަތީފް ވިދާޅުވީ އޭގެ ސަބަބުން ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އެންމެ ފަހަތު ބަރީގައި ހުންނަން ޖެހިދާނެ ކަމަށެވެ. އެހެން ކަމުން މިއީ ވެސް ވިސްނަން ޖެހޭ މައްސަލައެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.

އެއާއި އެކު އިތުރު މެމްބަރަކު ވަނީ ޕާޓީތަކުގެ ލީޑަރުން ކުރީގައި ތިއްބަވާ ގޮތަށް ބަދަލު ކުރުމަށެވެ. އެހެން ނަމަވެސް ކޮމިޓީ ނިންމާލީ ސީދާ ވަކިގޮތެއް ކަނޑަނާޅައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާއިރު ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވަނީ ތިންވަނަ ދައުރު ފެށުމުގެ ކުރިން މާލަމުގައި ގޮނޑި ޖަހާފައިވާ ތަރުތީބު ބަދަލު ކުރުމަށް ކޮމިޓީއަށް ފެންނަ ގޮތެއްގެ މައްޗަށް  ރިޕޯޓު ތައްޔާރު ކުރުމަށެވެ. އެހެން ކަމުން ދެ ގޮތް ވެސް ހިމަނައިގެން ރިޕޯޓު ޑްރާފްޓު ކުރުމަށް އިތުރު ކޮމިޓީ ބައްދަލުވުމެއް މާދަމާ ބެއްވުމަށް މެމްބަރުން ވަނީ އިއްތިފާގުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: