ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީގައި ރޭޕް ވިކްޓިމްއެއްގެ މައުލޫމާތު ހާމަ ކުރެވުނީ އެއީ މަޖިލީހުން ލައިވް ކުރާ ކޮމިޓީއެއްކަން ނޭނގި: ޝަމީމް

ޖިންސީ ގޯނާއާއި، ރޭޕްގެ ތުހުމަތުވާ މީހުން ހައްޔަރު ކުރުމަށް ގޮވާލާ މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ލައިވް ކުރި ކޮމިޓީއެއްގައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީސް (ޕީޖީ) އިން ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ ބައެއް މައުލޫމާތު ހާމަކުރި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މައާފަށް އެދިވަޑައިގެންފިއެވެ.

ރޭޕްގެ ޝިކާރައަކަށް ވީ ކުޑަ ކުއްޖެއްގެ ނަން ހާމަކޮށް، ޕީޖީއިން ވަނީ އެ ކޮމިޓީގައި ކޭސްގެ މައުލޫމާތުތަކެއް ހާމަކޮށްފައެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ ކުއްޖެއްގެ މައުލޫމާތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވަނީ އިއްޔެ ކުރިޔަށް ގެންދިޔަ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީގައެވެ. މި ކޮމިޓީ މަޖިލީހުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަނީ ލައިވްކޮށްފައެވެ. ގާތްގަނޑަކަށް ދޮޅު ގަނޑިއިރުގެ އެ ކޮމިޓީއަކީ ޖިންސީ ގޯނާގެ މައްސަލަތަކާއި، ރޭޕްގެ މައްސަލަތަކުގައި ސާމްޕަލް ނަގާއިރު ރޭޕްގެ އެވިޑެންސް ކިޓު ބޭނުންކޮށްގެން ވިކްޓިމްގެ ހަށިގަނޑުން ސާމްޕަލް ނަގައި ތަހުލީލު ކުރުމާއި ގުޅޭގޮތުން ޖިންސީ ކުށުގެ ގާނޫނަށް ގެންނަ އިސްލާހު ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީއެކެވެ.

މި ކޮމިޓީއަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހާޒިރުވެ މައުލޫމާތު ހިއްސާ ކުރައްވާފައިވަނީ، އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާރ އައިޝަތު ނަބާހާއެވެ.

ކޮމިޓީގައި ހިނގައިދިޔަ ކަންތަކަށް ޕީޖީ އޮފީހަށް ފާޑުކިއުންތަކެއް އަމާޒުވަމުން ދަނިކޮށް، ޝަމީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކޮމެޓީގައި ޕީޖީ އޮފީހުގެ ސްޓާފަކަށް އެފަދަ މައުލޫމާތެއް ހާމަކުރެވުނީ އޮޅިގެން ކަމަށެވެ. މިއީ ނޭނގި ހެދުނު ގޯހެއް ކަމަށާއި، އެ މައުލޫމާތު އާއްމު ކުރެވުނީ ކޮމިޓީ މަޖިލީސް ޔޫޓިއުބް ޗެނަލްއިން ލައިވް ކުރަމުންދާކަން ނޭނގިކަމަށް ޝަމީމް ވިދާޅުވިއެވެ.

ކުއްޖާގެ ނަން ޕީޖީއިން ހާމަ ކުރީ، ކޮންސެންޓް އާއި ގުޅޭގޮތުން ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހިންނަވަރު ދާއިރާ މެމްބަރު ޖީހާން މަހުމޫދު ސުވާލު ކުރުމުންނެވެ. ޕީޖީއިން ބުނެފައިވަނީ، ލިޔުމުން ރުހުން ދިނުން މުހިންމުކަމަށް ދެކޭ ކަމަށެވެ. އަދި އޭގެ ސަބަބަކީ ގިނަ ޖިނާއީ މައްސަލަތަކުގައި ޝަރީއަތާއި ހަމައަށް ދާއިރު ވިކްޓިމް ހެކި ބަސް ދޭން ބޭނުން ނުވުން ކަމަށެވެ. މިބާވަތުގެ މައްސަލަތަކުން، މިއީ ދިމާވާ މައްސަލައެއްގެ ގޮތުގައި ޕީޖީއިން ފާހަގަ ކުރިއެވެ. އެހެން ކަމުން ލިޔުމުން ރުހުން އޮތުމުން އޭގެ އެޑްމިސިބިލިޓީ ނުވަތަ ސައްހަކަން އެއްބަސްވުމަކުން ކަށަވަރު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އޭގެ ފަހުން މިސާލެއްގެ ގޮތުން ރޭޕްގެ ވިކްޓިމްއެއްގެ ނަން ހާމަކޮށް އެ ކޭސްގެ ތަފްސީލުތައް ކިޔައިދިނެވެ.

ޕީޖީއިން ވަނީ އެ ކުއްޖާގެ ހާލަތާއި، އެ ކުއްޖާއާއި މެދު ކަން ހިނގައިދިޔަ ގޮތް އަދި އޭގެ ފަހުން ޖެންޑާރ މިނިސްޓްރީ އާއި ދައުލަތުން އެ ކޭސް ހޭންޑްލް ކުރި ގޮތް ވެސް ކިޔާ ދީފައެވެ. އަދި އެ ކުއްޖާ މިވަގުތު ކޮބައިކަން ވެސް ހާމަ ކުރިއެވެ.

ބެލެވޭ ގޮތުން ޕީޖީއަށް މި މައުލޫމާތު ހާމަ ކުރެވުނުކަން އެނގުނީ ވެސް މީޑިއާތަކުން އެ ހަބަރު ގެނެސް ދިނުމުންނެވެ. އަދި އިއްޔެ ކުރިޔަށް ގެންދިޔަ އެ ކޮމިޓީގެ ޔޫޓިއުބްގެ ވީޑިއޯ ނަގާފައިވަނީ މިއަދުގެ އިރުއޮއްސުނު ފަހުންނެވެ.

ދިވެހި ރައްޖޭގެ ގާނޫނު އަސާސީގެ، ޖިންސީ ކުށުގެ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ޖިންސީ ކުށުގެ ޝިކާރައަކަށް ވާ މީހެއްގެ ތަފްސީލެއް ހާމަކޮށްގެން ނުވާނެއެވެ. އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ “ރޭޕްކުރުމުގެ ކުށުގެ ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ ނުވަތަ ޖިންސީ ގޯނާގެ ކުށުގެ ތަހްގީގެއްގެ ނުވަތަ ޝަރީއަތެއްގެ ވާހަކަ މީޑިއާގެ އެއްވެސް ވަސީލަތެއްގައި ބަޔާންކުރުމުގައި ނުވަތަ ށާއިއުކުރުމުގައި، އެ ކުށުގެ ށިކާރައަށްވީ މީހަކީ ކާކުކަން ދެނެގަނެވިދާނެ އެއްވެސް މައުލޫމާތެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ހާމަކުރުމަކީ، މި ގާނޫނު ހުއްދަކުރާ ކަމެއް ނޫން” ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: