މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ އެސްޓީއޯއަށް 100 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަށް އެކުންފުނީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެސްޓީއޯގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާ ގޮތުގައި މި ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު ސާފު ފައިދާ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު ފަސް މިލިއަން ރުފިޔާ ވަނީ ދަށްވެފައެވެ. އެގޮތުން މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 105 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މާލީ ރިޕޯޓުގައިވާ ގޮތުން ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް 119 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ފައިދާގެ ގޮތުގައި 120 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ތިން ވަނަ ކުއާޓަރުގައި 235 މިލިއަން ރުފިޔާ ކުންފުނީގެ ހަރަދުތަކަށް ވަނީ ހޭދަކޮށްފައެވެ.
އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ތެލުގެ ވިޔަފާރިން، ތިން ވަނަ ކުއާޓާރުގައި އެކަނި ވެސް އެކުންފުންޏަށް ވަނީ 818 މިލިއަން ރުފިޔާ ލިބިފައެވެ. ތެޔޮ ނޫން އެހެން ދާއިރާތަކުން ލިބުނީ 727 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.