އަތޮޅު ތެރޭގެ ސަރުކާރު ސްކޫލްތަކުގެ ފައުންޑޭޝަލް ލެވެލްގެ ދަރިވަރުންގެ ކިޔެވުމާއި ޕްރީ ސްކޫލްތައް ފެށުމުގެ ހުއްދަ ދީފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް، އެޗްޕީއޭގެ ލަފާގެ މަތިން, މި މަހުގެ 15 އިން ފެށިގެން އަތޮޅުތެރޭގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކަށް ކުދިން ގެންގޮސްގެން އުމުރާ ގުޅޭ ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
ކޮވިޑް-19 ގެ ލޮކްޑައުނަށް ފަހު ޖުލައި އެއް ވަނަ ދުވަހުން ފެށިގެން އަތޮޅު ތެރޭގެ ސްކޫލްތަކުގައި ކިޔަވައިދެމުން އަންނަނީ ގްރޭޑް އެކަކުން 12 އަށެވެ. އަދި ފުރަތަމަ ހަފްތާއަކު ހަތަރު ދުވަހު ހަތަރު ގަޑިއިރު ކިޔަވައިދިނުމަށް ފަހު މިހާރު ވަނީ ހަފްތާއަކު ހަތަރު ދުވަހު ކޮންމެ ދުވަހަކު ކިޔަވައިދޭ ވަގުތު ފަސް ގަޑިއިރަށް އިތުރުކޮށްފައި އެވެ.
މާލެ ސަރަހައްދުގައި މިހާރު ކިޔަވައި ދެނީ، ހަމަ އެކަނި ގްރޭޑް ހަތަކުން މަތީގެ ދަރިވަރުންނަށެވެ.