ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ މުސާރައެއް ނުދޭ، ދާނެ ތަނެއް ނެތް! ޒިންމާ ވާނީ ކާކު؟

ހުޅުމާލޭގައި ބިދޭސީން ކުރި މުޒާހަރާގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ދުވަސްތަކެއް ކުރިން މީޑިއާތަކާއި، ސޯޝަލް މީޑިއާގެ ފަލަ ސުރުހީތަކުން އެންމެ ބޮޑަށް ފެނުނު ހަބަރަކީ ކޮވިޑުގެ ބަލިމަޑުކަމާއި އެކު ބިދޭސީންތަކުގެ ވަޒީފާތަކަށް ކުރި އަސަރުތަކުގެ ވާހަކައެކެވެ. މުސާރަ ނުދޭތާ އެތައް މަހެއް ވި ބިދޭސީންތައް މާލޭގެ މަގުތަކުގައި އާއި، އެ މީހުން މަސައްކަތް ކުރަމުން ދިޔަ ރިސޯޓުތަކުގައި މުޒާހަރާ ކުރިއެވެ.

ބިދޭސީންގެ މައްސަލައަށް ކިރިޔާވެސް ހައްލެއް ގެނައުމަށް މަސައްކަތް ކުރީ މި ސަރުކާރުގެ އިކޮނިމިކް މިނިސްޓްރީއިންނެވެ. އެއްވެސް ލިޔެކިއުމެއް، އަދި ކާކުކަން އަންގައިދޭ ކާޑެއް ވެސް ނެތި އެތައް ބިދޭސީންނެއް ރާއްޖޭގައި ތިބިއިރު އެ މީހުން ރީ ރެޖިސްޓްރީ ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔައެވެ. މި ޕްރޮގްރާމުން އެންމެ ބޮޑަށް ސާފުވެގެން ދިޔަ އެއް ކަމަކީ، ރާއްޖޭގައި “ހިއުމަން ޓްރެފިކިން” އޮތް މިންވަރެވެ. ހާއްސަކޮށް ވެރިކަން ކުރާ މާލެ ސިޓީގައި ތިބި ބިދޭސީންގެ އަދަދު ކިރިޔާވެސް އަންދާޒާކޮށްލަން އެނގުނީ އެ ޕްރޮގްރާމުގެ ސަބަބުންނެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިސްނެންގެވުމުގެ ދަށުން، ބިދޭސީން އެނބުރި ގައުމަށް ފޮނުވާލުމުގެ ޕްރޮގްރާމެއް ދަނީ ކުރިޔަށެވެ. އަދި މިހާތަނަށް ވެސް އެތައް ހާސް ބިދޭސީންނެއް އެމީހުންގެ ގައުމަށް ފޮނުވާލަމުން ދާއިރު، އެންމެ ބޮޑު ދަތިކަމަކަށް ވެފައިވަނީ އެ މީހުންނަކީ ކޮން ބައެއްކަން ވެރިފައި ކުރުމަށް ނަގާ ވަގުތުތަކުގެ ސަބަބުންނެވެ. އެހެން ނަމަވެސް ސަރުކާރުގެ މި ޕްރޮގްރާމަކީ ކާމިޔާބު ނޫން ޕްރޮގްރާމެއްކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

މައްސަލައަށް ހައްލެއް އަންނާނީ، ހާލުގައި ޖެހިފައި ތިބި ބިދޭސީން އެނބުރި ގައުމަށް ފޮނުވުމުން އެކަންޏެއް ނޫނެވެ. ނުވަތަ އެނބުރި ގައުމަށް ދާން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ހަމަޖައްސައިދިނުމުން ވެސް ނޫނެވެ. ޒަމާނުއްސުރެން ރާއްޖެއަށް ބިދޭސީން ގެނައުން ވެފައި އޮންނަނީ ވިޔަފާރީއެއްގެ ގޮތުގައެވެ. ކުރު ގޮތަކަށް އެހެން ނޫނީ އާއްމު ބަހުން ބުނާނަމަ މިއީ “ކޯޓާ ވިޔަފާރި” އެކެވެ.

މާލޭގައި ބިދޭސީން އުޅެމުން އަންނަ ހާލާއި މެދު ކަންބޮޑުވުން ފާޅުކޮށް މޯލްޑިވިއަން ރެޑް ކްރެސެންޓުން ބުނެފައިވަނީ ބިދޭސީން ދިރިއުޅެމުން ދާ ގެތައް އެއީ ދިރިއުޅެން ވެސް ހެޔޮވާވަރުގެ ގެތައް ނޫން ކަމަށެވެ. ރާއްޖޭގައި ބިދޭސީންގެ ހާލަތު ވަރަށް ބޮޑުތަނުން ދަށްވެފައިވާއިރު، މާލޭގައި އަދި ވަކީން އެ މީހުންގެ ހާލަތު ދަށެވެ. ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބިދޭސީން، ހަދަމުން އަންނަ އިމާރާތްތަކުގައި ދިރިއުޅެން މަޖުބޫރުވެފައި ވާއިރު ހަމަ ގަވައިދުން މުސާރަ ނުލިބުމުގެ މައްސަލަތައް ދިމާވެއެވެ. އެއް ކޮޓަރިއެއްގައި 50 އާއި ގާތް ކުރާ އަދަދަކަށް ވެސް ބިދޭސީން ދިރިއުޅެއެވެ. މި ކޮޓަރިތަކަކީ އެއްވެސް ސާފުތާހިރުކަމެއް ނެތް، ދިރިއުޅެން އެކަށިގެންނުވާ ހާލަތުގައި ހުންނަ ތަންތަނެވެ.

ދުވަސްތަކަކަށް ފަހު ކުއްލިއަކަށް މިއަދު މިވާހަކަ ދައްކަން މި ޖެހުނީ ކީއްވެގެންތޯ ބައެއް ބޭފުޅުންގެ ހިތަށް އަރާފާނެއެވެ. އެހެން ނަމަވެސް މި ވާހަކަ އަލުން ދައްކަން ބޭނުންވީ މަގުމަތީން މިވީ ދުވަސްތަކެއްގެ ތެރޭގައި އެތައް ބިދޭސީއަކާއި ބައްދަލުވެ އެ މީހުން ހިއްސާކުރި ވާހަކަތަކުގެ ސަބަބުންނެވެ.

އިގްތިސޯދު ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި، މާލޭގެ މަގުތަކުގައި ކުރާނެ މަސައްކަތެއް ނެތި ތިބި ބިދޭސީން އިތުރުވެއްޖެއެވެ. ކާނެ އެއްޗެއް ނުވަތަ ކުރާނެ މަސައްކަތެއް ހޯދުމަށް އެހީތެރިކަމަށް އެދޭ ބިދޭސީން އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ގިނަ ވަމުންނެވެ. މީގެ ތެރެއިން ގިނަ ބިދޭސީން މިއީ، ރާއްޖޭގެ ކޮންމެވެސް ރަށެއްގައި މަސައްކަތް ކުރަމުން އައި، ނުވަތަ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އައި ރަށެއްގައި މަސައްކަތް ކުރަނިކޮށް މާލެ ގެނެސް މަގުތަކަށް ދޫކޮށްލާފައިވާ މީހުންނެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އައި ބޮޑުފިނޮޅު މަތީން ކޮންމެ މީހަކު ވެސް ހަނދާން ހުންނާނެއެވެ. އަދި ހުޅުމާލޭގައި އެތައް ބިދޭސީއެއް ނިކުމެ ކުރި މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެގެން ވެސް ދިޔައެވެ. އޭގެ ފަހުން މާލޭގައި ދޭތެއަކުން ބިދޭސީންގެ މުޒާހަރާތަކެއް ވެސް ދިޔައެވެ.

މި މައްސަލަ ބައެއް ބޭފުޅުންނަށް ފާހަގަކުރެވިގެން ދިޔައީ، ގައުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިދިޔަ ޖުލައި މަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ  ވިދާޅުވީ ބިދޭސީންގެ މައްސަލަތައް ފަހަކަށް އައިސް މީޑިއާތަކުން ގެނެސްދެނީ އެކި ގޮތްގޮތަށް ކަމަށެވެ. ބޮޑު ފިނޮޅުގެ ހަމަނުޖެހުންތައް މިސާލެއްގެ ގޮތުގައި ނަންގަވާ މާރިޔާ ވިދާޅުވީ އެ ރަށުގައި ތިބި ބިދޭސީން މީހުން ރަހީނު ކުރިކަމަށެވެ. އަދި މުދަލަށް އެތައް ގެއްލުންތަކެއް ދިން ކަމަށެވެ. މުސާރަ ނުދީ އެތައް މަސް ދުވަހެއް ވަންދެން، މަސައްކަތް ކުރުވާފައިވާތީ އެކަމާއި ދެކޮޅަށް ބިދޭސީން އަޑުއުފުލި މައްސަލައިގައި މާރިޔާ ވިދާޅުވީ ބައެއް ހާދިސާތަކަށް ބަލާއިރު އެ އުޅެނީ މުސާރައިގެ މައްސަލައެއް ނޫން ކަމަށެވެ. އަދި “ބިދޭސީން އެ އުޅެނީ ކޮންމެހެން މުސާރަ ނުލިބިގެން، މުސާރައިގެ ހައްގުގައި ނޫންކަން ސާބިތުވާ” ކަމަށެވެ.

ގިނަ ބަޔަކު، ބިދޭސީންނަށް ވަޒީފާ ދޭނެކަމަށް ބުނެ އޮޅުވާލައިގެން ރާއްޖެއަށް ގެނެސް ވަޒީފާ ދިނުމެއްނެތި، އަދި ލިޔެކިޔުންތައް ވެސް އަތުލުމަށްފަހު މަގުމައްޗަށް އެމީހުން ދޫކޮށްލުމަކީ އިންސާނީ ވަގުފާރީގެ އަމަލުތައްކަމަށް ގިނަ އާންމުން ދެކޭއިރު، މިނިސްޓަރ މާރިޔާ ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެކަމަށްވެސް ދެކޮޅު ހައްދަވާފައެވެ. އެގޮތުން، ހިއުމަން ޓްރެފިކިންގެ ގާނޫނެއް ރާއްޖޭގައި އޮންނަކަމަށް ވިދާޅުވެ، މާރިޔާ ވަނީ އެއީ ރާއްޖޭގައި ނުހިނގާކަމެއްގެ ގޮތުގައި ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އަދި ހެއްކެއްގެ ގޮތުގައި ރާއްޖޭގެ ގާނޫނު އަސާސީގައި ހިޔުމަން ޓްރެފިކިން މާނަ ކުރާ ގޮތާއި، ބައެއް މާއްދާތަކާއި ނުކުތާތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

ހުޅުމާލެ މުޒާހަރާގައި ބައިވެރިވީ ބިދޭސީން/ ފޮޓޯ: ސަންގު

މާރިޔާ ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލީހުން ހައްދަވާފައިވާ ގާނޫނެއް ކަމަށާއި، އެ ގާނޫނުގެ 06 ވަނަ މާއްދާގައި ބުނެފައިވާގޮތުން “މީހުން ޓެރެފިކް ކުރުން” ކަމަށް ބުނެފައިވަނީ، މީހުން ޓްރެފިކް ކުރުމުގެ އަމަލެއްކަމަށް ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކުރާ އަމަލުގެ ތެރެއިން އަމަލެއް ކުރުމުން ކަމަށެވެ. ނުވަތަ އެކްސްޕްލޮއިޓޭޝަން ހިމެނޭގިތުން މީހުން ޓްރެފިކް ކުރުމިގެ އަމަލެއް ކަމަށް އެ ގާނޫނުގެ  13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމަލުގެ ތެރެއިން އަމަލެއް ކުރުމުން ކަމަށެވެ.

އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި މީހުން ޓްރެފިކް ކުރާ މީހެއްކަމަށް ބެލެވޭނީ ގާނޫނާއި ހިލާފަށް މަޖުބޫރު ކުރުވައިގެން، މީހަކު އެއްގައުމުން އަނެއް ގައުމަށް ގެންދިއުމަށް ނުވަތަ ބަދަލުކުރުމަށް ގަސްދުގައި ރޭވުން ނުވަތަ މަގުފަހިކުރުން ކަމަށް ވެއެވެ. އަދި އެފަދަ ގާނޫނާއި ހިލާފު މަޖުބޫރުކުރުވުމުގައި، އެ މީހަކު އެހެން ގައުމަކަށް ގެންދެވުން ނުވަތަ ބަދަލު ކުރުން ނުވަތަ ބެލުމުގެ ދަށުގައި ބެހެއްޓުން ނުވަތަ އެފަދަ މީހަކާއި ހަވާލުވުން ކަމަށެވެ.

އައިލެންޑް އެކްސްޕާޓުގެ ބިދޭސީން މުޒާހަރާ ފަށައި ހަމަނުޖެހުން ހިންގަނީ – DhiDaily
ހުޅުމާލޭގެ ހަމަނުޖެހުންތަކުގެ ތެރެއިން/ ފޮޓޯ: ސަންގު

ހުޅުމާލޭގައި، ސިފައިންނާއި ފުލުހުންގެ ފްލެޓުތައް އެޅުމުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް ވެސް މުސާރަ ނުދޭތާ 08 މަހަށް ވުރެ ގިނަވެފައިވާއިރު އެ މައްސަލައިގައި ވެސް ބިދޭސީން ވަނީ އަޑުއުފުލާފައެވެ. ނަމަވެސް، ބިދޭސީން ނިކުމެ ކުރި އިހުތިޖާޖު ކޮންޓްރޯލްއިން ނެއްޓި ފުލުހުންނާއި މެދު ކުރިމަތިލުމެއް ދިޔައެވެ. އަދި އެންމެ ފުރަތަމަ މަދު ބައެއް ނިކުމެ، އޭގެ ފަހުން ވެސް ނިކުންނާނެ ކަމަށް ބުނިއިރު، އެ ބިދޭސީންނައި ވަކިން ބައްދަލުކޮށް ބައެއް ނޫސްވެރިން ވާހަކަ ދެއްކިއެވެ. އޭގެ ތެރެއިން އެކަކަށް އަޅުގަނޑު ވެސް ވާނެއެވެ. އަދި އެ ހާދިސާ ހިނގައިދިޔަ ދެ ދުވަހު ވެސް ހުޅުމާލޭގައި އެ މީހުންނާއި ވާހަކަ ދެކެވުނެވެ.

މުސާރައިގެ މައްސަލައިގައި ބިދޭސިންތަކެއް ވަނީ ސަންގު އާއި އެ ބިދޭސީން ވަނީ ވާހަކަ ދައްކާފައެވެ. އަދި ބުނީ މުސާރަ ނުދޭތީ އެކަމާއި ވަރަށް ކަންބޮޑުވާކަމަށާއި، އާއިލާއަށް ފޮނުވާނެ އެއްޗެއް ވެސް ނެތް ކަމަށެވެ. ގައުމުގައި އެ މީހުންގެ މައިންބަފައިންނާއި، ދަރިން ތިބިއިރު އެ މީހުން ވެސް ތިބެން ޖެހެނީ ނުކައި ކަމަށް ބިދޭސީން ވަނީ ބުނެފައެވެ. މީ ވޭތުވެ ދިހަ ހަތް މަސް، އަށް މަސް ދުވަހުގެ ވެސް ހާލު ކަމަށާއި މުސާރަ ދިނުމަށް އެތައް ފަހަރަކު އެދިފައިވާނެ ކަމަށް ބިދޭސީން ބުންޏެވެ. މަހެއްގެ މައްޗަށް 400 ޑޮލަރު ދޭންޖެހޭއިރު ތަނުގައި ތިބި ގިނަ މީހުންނަކީ އަހަރު ދުވަސްވެފައިވާ މުވައްޒަފުން ކަމަށް ވެސް އެ މީހުން ބުންޏެވެ.

މާލޭގައި ބިދޭސީންގެ ދިރިއުޅުމުގެ ހާލަތަށް ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައި – ކޮވިޑާއި ގުޅިގެން ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން

އެ މީހުންނާއި ހަވާލުވެގެން ހުންނަ ބޮޑު މީހާ ކޮބާތޯ އާއި، އޭނާ އެއްވެސް ވާހަކައެއް ދެއްކިތޯ ސުވާލު ކުރުމުން ސަންގު އާއި ވާހަކަ ދެއްކުމަށް އެ މީހުން ގެނައީ އިތުރު ބިދޭސީއެކެވެ. އޭނާ ވެސް ދިނީ ހަމަ އެއް ޖަވާބެކެވެ. މުސާރަ ނުދޭ ވާހަކަ އާއި، އާއިލާއާއި ގުޅޭނެ ގޮތެއް ވެސް ނެތް ކަމެވެ. ވާހަކަ ދެއްކުމުގެ ތެރެއިން އެތަނަށް އައި އިތުރު ބިދޭސީއެއް އޭނާގެ އަތުގައި އޮތް ފޯނު ދެއްކުމަށްފަހު ބުނީ “އާއިލާއަށް ގުޅަން ފޯނަށް އަޅާނެ ލާރި ވެސް ނެތް” ކަމަށެވެ. އަދި އުޅެނީ ވަރަށް ދަތިކޮށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ނޫން ވެސް ގިނަ ކަންކަން ފާހަގަކުރެވެއެވެ. ބައެއް ބިދޭސީންނާއި ވާހަކަ ދެއްކުމުން އެ މީހުން ވަނީ އާއިލާއަށް ފައިސާ ފޮނުވޭނެ ގޮތެއް ނެތްކަމަށް ބުނެފައެވެ. އަދި ވަޒީފާއެއް ނެތުމާއި، އަދާކުރާ ވަޒީފާއިން ވެސް މުސާރަ ނުދިނުން ހިމެނެއެވެ.

“ރާއްޖޭގައި އަނިޔާތަކާއި ދެކޮޅަށް ބިދޭސީން ނުކުތުމުން ހައްޔަރުކޮށްފި” މިސުރުހީގެ ދަށުން ހިޔުމަން ރައިޓްސް ވޮޗްއިން ލިޔެފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ބިދޭސީންގެ ހާލަތު މިހާހިސާބަށް ދިޔަ ސަބަބު  ފޮރުވުމަށް މަސައްކަތްތަކެއްް ކުރާކަމަށެވެ. އަދި އެކަން ފޮރުވައި ބިދޭސީން އެ މީހުންގެ ހައްގުގައި ވަކާލާތު ކުރުން އެއީ ސަލާމަތަށް ހުރި ނުރައްކަލެއްކަން ދައްކަން މަސައްކަތްކުރާ ކަމަށް ވަނީ ބުނެފައެވެ. ހިޔުމަން ރައިޓްސް ވޮޗްގެ އެ ލިޔުމުގައި ބުނެފައިވަނީ ކޮވިޑް-19 ގެ އައުޓްބްރޭކާއެކު ރާއްޖޭގައި އުޅޭ ބިދޭސީން ޚާއްސަކޮށް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައްޖެ ކަމަށެވެ. އަދި މީގެ ކުރިން އެމީހުން އުޅެމުން ހާލަތު މިހާރު ވަކިން ބޮޑަށް ސާފުވާން ފަށާފައިވާ ކަަމަށެވެ.

ރާއްޖެ މިހާރު ވެސް އޮތީ ހިޔުމަންޓްރެފިކިން ރިޕޯޓުގެ ވޮޗްލިސްޓްގެ ޓަޔަރ 2ގައި ކަމަށްވެސް ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ. މިކަމުންވެސް ހާމަކޮށްދެނީ ރާއްޖޭގައި އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގަމުންދާ މިންވަރުކަމަށް ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.

ހަގީގީ މައްސަލައަކީ ރާއްޖޭގައި ބިދޭސީން އިތުރުވުމެއް ނޫނެވެ. ނުވަތަ މުސާރައިގެ މައްސަލައިގައި އިހުތިޖާޖެއް ކުރުމެއް ވެސް ނޫނެވެ. ރާއްޖެއަށް ބިދޭސީން ގެނެސް މަގުތަކަށް ދޫކޮށްލާ މީހުން ނުވަތަ ކުންފުނި ހޯދަން ޖެހެއެވެ. އެ ބަޔަކާއި މެދު ފިޔަވަޅު ވެސް އަޅަން ޖެހެއެވެ. އެހެން ނަމަވެސް ހަގީގަތަކީ މިހާތަނަށް އެޅުނު ފިޔަވަޅެއް ނެތް ކަމަށެވެ.

ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް ބޭފުޅުންނަށް އުނދަގޫވަނީ އެ ބޭފުޅުން ސަރުކާރުން ހިނގަންޖެހޭ ގޮތް ބުނެދޭން ނުޖެހޭނެކަމަށް މިނިސްޓަރަކު ވިދާޅުވުމުންނެވެ. ފަހަރަކު މެމްބަރަކަށް ޓްވީޓު ވެސް ކުރެވެއެވެ. އެހެން ނަމަވެސް ގައުމުގައި ހުރި މިފަދަ މައްސަލަތަކަށް މެމްބަރުން ވެސް ދެނީ ބީރު ކަންފަތެކެވެ. ދައްކަނީ ކޮންމެވެސް އެއް ސިޔާސީ ވާހަކައެކެވެ.

ރާއްޖޭގައި ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ހައްގުވާ މުސާރަ ނުދޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އަދި އެތައް މަސްތަކެއް ވަންދެން ވެސް މުސާރަ ނުދީ ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރުވައެވެ. މީގެ ތެރޭގައި ގިނައީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާއި، މަޝްހޫރު ބޮޑެތި ކުންފުނިތަކެވެ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މީހުންގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރާއްޖޭގައި ބިދޭސީންނާއި މެދު ގެންގުޅޭ ތަފާތު ކުރުން ތަކެވެ.

ގިނަ ބިދޭސީން ދިރިއުޅެން ހަމަޖައްސާފައިވާ އެކޮމޮޑޭޝަން ބްލޮކްތަކާއި، ކެއުމުގެ އިންތިޒާމުތަކަކީ އެންމެ ރަނގަޅަށް ވެސް ކުރެވޭ ކަންތަކެއް ނޫނެވެ.

ބަދަލު ނުކުރެވޭނެ އެއް ހަގީތަކީ، މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. ކޮންމެ ހަފްތާއަކު ވެސް މިނިސްޓްރީއިން ދަނީ ގައުމަށް އެނބުރި ދާން ބޭނުންވެފައި ތިބި ބިދޭސީން ގައުމަށް ފޮނުވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. އެމީހުންގެ ގައުމުން ޒިންމާވާންޖެހޭނީ
    ދިވެހިންގެ ދަކާޓެކްސް ފައިސާ އިން ހަރަދުކޮއްގެންނުވާނެ
    އައިގޮތަކަށް ދެވެންވެސްވާނެ
    ހަގީގަތަކީ މިބައިގަނޑު އެތެރެވަނީ ވެސް މިތަނުގެ އާޖުފަޖު އެނގިގެން އަންނަ ވަޒީފާއިން
    ރަންގަޅުމުސާރައެށް ނުލިބުނަސް ފިލައިގެން ވަގައް އެހެންމަސަތްކަތް ކޮށްގެން ގިނަރުފިޔާހޯދޭނެކަން އެނގިގެން
    އެއްވެސް ލިޔުމެއް ނުގެންގުޅޭނެ އަތުލައިގަތީމަ ބުނާނެ ބޮސްމުސަރާނުދެނީ ބޮސްނެންގޭ
    ލަރީނެތީ ކާނާނެތީ ގައުމަށްދާންބޭނުން ވާކަމައް ބުނާނެ އަސްލުދާކައް ބޭނުމެއްނުވާނެ

  2. ތިމާޔަކީ ކާކުކަން ތިމާޔަށް ނޭންގޭނަމަ އެއީ އިންސާނުން ލެވެލެއްނޫން
    މީހަމަ މަކަރުން މިތާވަޒަންވެރިވާން އުޅެބައިގަންޑެއް ދެދެއްނުހަދާނެ
    ދިވެހިރައްޔިތުންނަށް ވާން އެމީހުން ބޭނުންވަނީ

  3. މިއީ އެއްވެސް އެއްޗެއް އެނގިގެން ލިޔެފަ އޮތް ލިޔުމެއްނޫން. މުސާޜަ ނުދެވި ގިނަ ތަންތަން ހުރީ ސަރުކާޜުން އެފަރާތްތަކަށް ދޭންޖެހޭ ފައިސާތައް ނުދީގެން. ސަރުކާޜުގެ އިހުމާލް ނެތްކަން ދައްކަން ލިޔުންތެރިޔާ އުޅޭތަން ފެންނަނީ. ސަރުކާޜަކުން ހައްލުކުރަން ނޫޅޭ.
    ޥަރަށް ސަލާމް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: