ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚަރަދުތައް ކުޑަކުރެވޭނީ ވަކިވަރަކަށް، ނިކަމެތިން އިތުރަށް ނިކަމެތިވެދާނެ: ފިނޭންސް

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބަޖެޓުން ހަރަދުތައް ކުޑަކުރެވޭނީ ވަކި ވަރަކަށް ކަމަށާއި 2021 ވަނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށައަޅާފައިވާ ބަޖެޓަކީ ތަދު އަހަރަކަށް އެންމެ އެކަށީގެންވާ ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކްޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަރުވަޝް ވިދާޅުވީ، 2020 ވަނަ އަހަރާއި އަޅާ ބަލާއިރު 2021 ވަނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވާ ބަޖެޓު ކުޑަކަމަށެވެ. ފިނޭންސް މިނިސްޓްރީގެ އަމާޒަކަށްވީ، ވީވަރަކުން ޚަރަދުތައް ކުޑަކުރުމަށްފަހު ދައުލަތުން ފައިނޭންސް ކުރެވޭ ވަރުގެ ބަޖެޓެއް ހުށައެޅުންކަމަށް ވިދާޅުވިއެވެ.

2021 ވަނަ އަހަރަށް ބޮޑު ބަޖެޓެއް ހުށައެޅިނަމަ ތަންފީޒުކުރުމަށް އުނދަގޫވާނެ ކަމަށާއި މިހާރު ހުށައަޅާފައި އޮތް 34 ބިލިއަން ރުފިޔާގެ ބަޖެޓު ތަންފީޒުކުރުމަށްވެސް ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެހެންނަމަވެސް، މިހާރު ހުށައަޅާފައިވާ ބަޖެޓަކީ އެގޮންޖެހުންތަކުން އަރައިގަތުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބެލުމަށްފަހު ހުށައަޅާފައިވާ ބަޖެޓެއްކަމަށް ވިދާޅުވިއެވެ.

2020 ވަނަ އަހަރު ނިމިގެންދާއިރުވެސް ބަޖެޓުގެ ޑެފިސިޓް 15 ބިިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެހެންކަމުން ޚަރަދުތައް ކުޑަކުރުމަށް ސަމާލުކަމެއް ދިންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ކުއްލިއަކަަށް ރިކަރަންޓް ހަރަދުކުޑަކޮށްފިނަމަ، އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ވެދާނެކަމަށް ސަރުވަޝް ވިދާޅުވިއެވެ. ސަރުވަޝް ވިދާޅުވީ، ބަޖެޓް ކުޑަކުރުމަކީ ފަގީރުން އިތުރަށް ފަގީރުވެދާނެކަމެއްކަމަށެވެ. އެގޮތުން ސަބްސިޑީ ކުޑަކޮށްފިނަމަ، އެކަމުގެ ނުރަނގަޅު އަސަރު ސީދާ ގޮތެއްގައި ނިކަމެތިންނަށް ކުރާނެ ކަމަށެވެ. އަދި އޮފީސްތަކުގެ ބަޖެޓު ކުޑަކޮށްފިނަމަ، މުސާރަތައް ކުޑަވެ، ވިޔަފާރިތަކަށާއި މުވައްޒަފުންނަށް ގެއްލުންވާނެކަމަށެވެ.

ބަޖެޓާއި މެދު ކުރެވޭ ބަހުސަށް މަރުހަބާކިޔަން. ކައުުންޓަރސިކްލިކަލް ފިސްކަލް ޕޮލިސީއެއް މިދަނޑިވަޅުގައި ގެންގުޅެން މިޖެހެނީ. އެއީ މިދަނޑިވަޅުގައި އިގްތިސާދު ދެމެހެއްޓުމަށް އޮތް އެންމެ އެކަށީގެންވާ ފިސްކަލް ޕޮލިސީ. ދައުލަތުގެ ބަޖެޓަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އަދަދަށް ލިބޭނެތޯ މިއުފެދޭ ސުވާލި، ލިބޭނެ ކަމަށް އަންދާޒާކުރެވެނީ 17.7 ބިލިއަން ރުފިޔާ. މިއީ މުސްތަގްބަލަށް ވިސްނުމަށްފަހު، އަންދާޒާކޮށްފައިވާ އަދަދެއް. އާމްދަނީ ލިބޭނެ ކަމަށް މިބަލާ އިގްތިސާދީ ހާލަތަކީ ތިން ސިނާރިއޯއަކަށް ބެލުމަށްފަހު އޭގެން މެދުމިނުގެ ސިނާރިއޯއަށް ބެލުމަށްފަހު މިއަދަދު ކަނޑައެޅީ

މިއަހަރުގެ ރިވައިޒްޑް ބަޖެޓަށް އަލިއަޅުއްވާލަމުން ވިދާޅުވީ، ހަރަދުކުޑަކުރުމަށް ވިސްނައި 2020 ވަނަ އަހަރުގެ ބަޖެޓު 37 ބިލިއަން ރުފިޔާއިން 26 ބިލިއަން ރުފިޔާއަށް ކުޑަކުރިކަމަށެވެ.  ލޮކްޑައުންއަކަށް ދިޔުމާއެކު އޮފީސްތަކުގެ ބިލުތައް ކުޑަވުމުގެ ސަބަބުން ހަރަދުތައް ދަށްކޮށްލެވުނު ކަމަށާއި އެހެންނަމަވެސް ސިއްހީ ދާއިރާއަށް ކުރަންޖެހުނު އިންވެސްޓްމަންޓްތައް އިތުރުވިކަމަށެވެ، އެގޮތުން އައިސޮލޭޝަން ފެސިލިޓީތައް ގާއިމްކުރުމާއި، ޕީޕީއީ ހޯދުން ފަދަ ކަަންކަމަށް ބޮޑު ޚަރަދެއްދިޔަ ކަމަށެވެ. މީގެ އިތުރުން، އެކި އެކި ލޯން ސްކީމްތަކާއި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ފައިސާ ދޫކުރަމުން ދިޔުމާއެކު 26 ބިލިއަން ރުފިޔާއަށް ކުޑަކުރި ބަޖެޓް 31 ބިލިއަން ރުފިޔާއަށް އިތުރުވެގެންދިޔަ ކަމަށް ވިދާޅުވިއެވެ.

މެދުމިނުގެ ސިނާރިއޯގައި 604،000 ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭ. މިއަށްވުރެ އިތުރުވެއްޖެނަމަ އާމްދަނީ އިތުރުވާނެ، ދަށްވެއްޖެނަމަ އާމްދަނީ ދަށްވާނެ. ގަބޫލުކުރެވޭ މިހާރު މިފެންނަ ކަންކަމަށް ބެލުމަށްފަހު 604،000 ފަތުރުވެރިން ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށްވެސް އައިސްފާނެކަމަށް! ސަބަބަކީ ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިން މިހާރު އެބަ އިތުރުވޭ. ޖުލައި މަހު ދުވާލަކު އައީ 200އެއްހާ ފަތުރުވެރިން. މިޙާރު ދުވާލަކަށް 2000އެއްހާ ފަތުރުވެރިން އާދޭ! ޓްރެވަލް މާކެޓުން އުންމީދީ ބަދަލުތަކެއް އެބަފެނޭ

2021 ވަނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވާ ބަޖެޓަކީ ރިވައިޒް ކުރުމަށްފަހު ފާސްކުރި 31 ބިލިއަން ރުފިޔާއަށްވުރެ 3 ބިލިއަން ރުފިޔާ އިތުރު ބަޖެޓެއް ކަމަށް ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭ ފެށުމަށް ނިންމާފައިހުރި މަޝްރޫއުތައް ނުފަށާ މަޑުޖައްސާލިނަމަވެސް، އެމަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓުން ފެންނަން ހުންނާނެކަމަށް ވިދާޅުވިއެވެ. މިހުރިހާ ކަމެއް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ އަހަރު ފެށޭ ފުރަތަމަ ދުވަހު ހަމަނުޖެހޭނެކަމަށާއި އެހެންނަމަވެސް، މިމަޝްރޫއުތަކަކީ ސަރުކާރުން ކޮށްދޭނެކަމަށް ވައުދުވެވަޑައިގެންފައިވާ ކަންކަންކަމަށް ސަރުއަޝް ވިދާޅުވިއެވެ. އަދި އަހަރު ކުރިއަށްދާވަރަކުން، ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބެލުމަށްފަހު މިމަޝްރޫއުތައް ކުރިއަށް ގެންދެވޭނެކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދަައުލަތުން ހުށައަޅާފައިވަނީ 34 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ދަރަނި ބޮޑު ބަޖެޓެއްކަން ޚުދު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް އަންނަނީ ފާހަގަކުރައްވަމުންނެވެ. އެހެންނަމަވެސް، ކުޑަ ބަޖެޓެއް ހުށައެޅުމަކީ ތަރައްގީއަށް ވިސްނާއިރު ކުރުން ބުއްދިވެރިކަމެއްނޫންކަމަށް އަންނަނީ ވިދާޅުވަމުންނެވެ. ބަޖެޓާއި މެދު އިދިކޮޅުގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، ސަރުކާރު ނިސްބަތްވާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުންގެ މެދުގައިވެސް ބަޖެޓާއިމެދު ޚިޔާލު ތަފާތުވުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: