ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހޯރަފުށީގައި ރައީސް ސޯލިހު ދެއްކެވި ވާހަކައިން ސާބިތުވަނީ ފަންވަރު ދަށްކަމާއި، މަޤާމަށް ކުފޫ ހަމަނުވާކަން”

ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވާދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހ ުދެއްކެވި ވާހަކައިން ސާބިތުވަނީ އެމަނިކުފާނުގެ ފަންވަރު ދަށްކަމާއި، މަޤާމަށް ކުފޫ ހަމަނުވާކަން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް އިއްޔެ ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމަށް ރަށްތައް ދޫކޮށްފައިވަނީ ނުއަގުގައި ކަމަށެވެ. އެ ރަށްރަށް އިންވެސްޓަރުންނަށް ދީގެން ލިބުނު ފައިސާގައިވެސް އެމަނިކުފާނު ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ މިހާތަކުގެ ރައްދުގައި އިދިކޮޅު ކޯލިޝަނުން މިރޭ ނެރެނު ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީން އެއްވެސް ފައިސާއެއް ހިއްޕަވައިގެން އެއްވެސްތާކަށް ވަޑައިގެންކަމީ ކަނޑައެޅިގެން ދޮގު ވާހަކައެއްކަމަށެވެ. އަދި، ޝަރުއީ ދާއިރާއިން ރައީސް ޞާލިޙުގެ އަތްޕުޅު ނަންގަވާ ދުވަހެއް އައުމުން އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުއްލާނެ ކަމެއްކަމަށާއި، ޤައުމު ނުހިންގެވިގެން އުޅުއްވަނީ އަމިއްލަ ނުކުޅެދުންތެރިކަމުގެ ސަބަބުން ކަމަށް މި އިދިކޮޅުން ބުނެފައިވެއެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މިއަދު މިއޮތް ސަރުކާރުގައި ފަސާދަ އިންތިހާއަށް ބޮޑުވެފައިވުންކަމަށެވެ.

ރައީސް ޔާމީންގެ ޒަޢާމަތާއި ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ވާހަކަ ދައްކަން ރައީސް ޞާލިހު ލަދުފުޅު ގަންނަންވަން ޖެހޭކަމަށް އިދިކޮޅުން ބުނެއެވެ. ޤައުމު ދުށް އެންމެ ކުޅަދާނަ އިޤްތިޞާދީ މާހިރު ރައީސް ޔާމީންގެ 5 އަހަރުގައި، މުޅިން އަލަށް ރިސޯޓު ތަރައްޤީކުރުމަށް 35 ރަށެއްގައި މަސައްކަތްކުރެވައި، ގިނަ ރިސޯޓުތަކެއް ނިންމާ ހުޅުވާފައިވާކަމަށެވެ. އަދި، ބާކީ ހުރި ތަންތަން ނިމުމާ ގާތަށް ގެންދަވާފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި، 24000 އެނދުން 48000 އެނދަށް އެސިނާއަތުގައި ފުޅާކުރައްވާފައިވާކަމަށެވެ.

“ރައީސް ޞާލިޙު ވިދާޅުވީ ‘ކުރީ ސަރުކާރު ފޭބި އިރު އެއްވެސް ފައިސާއެއް ނެތް’ ކަމަށް. އެމަނިކުފާނާ މިޕާޓީން ވެރިކަން ޙަވާލުކުރި ދުވަހު، ރައީސް ޔާމީން ޤާއިމުކުރެއްވި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް ފައިސާ ހުންނާނެ. މިކަން އޮންނާނީ 22 ނޮވެމްބަރު 2018 ގައި އެމް.އެމް.އޭ ގެ އެއިރުގެ ގަވަރުނަރު އަޙްމަދު ނަޞީރު، ބަޖެޓް ދިރާސާގެ ތެރޭގައި ހާމަކުރައްވާ، އިޢްތިރާފުވެވަޑައިގެންފަ. އޭގެ އިތުރުން، 718 މިލިއަން ޑޮލަރު އެމް.އެމް.އޭ. ގެ ރަސްމީ ރިޒާވުގައި، ރައީސް ޔާމީންގެ ފުރަތަމަ ދައުރު ނިންމެވިއިރު، ރައްކާކޮށްފައި ހުންނާނެ. މިކަން ވަނީ އެމް.އެމް.އޭ. ގެ ވެބްސައިޓުގައިވެސް ޝާއިޣުކޮށްފަ.” ބަޔާނުގައި ވެއެވެ.

އިދިކޮޅުން ވަނީ ދަރަނީގެ ތަފާސް ހިސާބުވެސް މިބަޔާނުގައި ހިއްސާކޮށްފައެވެ. އެގޮތުން ރައީސް މައުމޫންގެ ޒަޢާމަތު ނިމުނުއިރު، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 51 އިންސައްތައިގައިކަމަށެވެ. ރައީސް ޞާލިޙުގެ އަޚް ނަޝީދުގެ ދެބައިކުޅައެއްބައި ވެރިކަން ނިމުމަކަށް ރައްޔިތުން ގެނައިއިރު، އެއަދަދު ހުރީ 60 އިންސައްތައިގައިކަމަށެވެ. ރައީސް ވަޙީދުގެ ކުރު ޒަޢާމަތު ނިމުނުއިރު، އެއަދަދު ހުރީ 64 އިންސައްތައިގައިކަމަށެވެ. ރައީސް ޔާމީންގެ ފުރިހަމަ ފަސް އަހަރުގެ ކާމިޔާބުވެރިކަމުގައި، އުމްރާނީގޮތުން އިންޤިލާބީ ކުރިއެރުންތަކެއް ޤައުމަށް ހޯއްދަވާދެއްވާ، ރައްޔިތުންގެ ފުދުންތެރިކަން ދެގުނައަށް އިތުރުކުރެއްވުމަށްފަހު، ރައީސް ޞާލިޙާ ޤައުމު ޙަވާލުކުރެއްވިއިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 74 އިންސައްތައިގައިކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

“ރައީސް ޞާލިޙަށް އެންމެ ދެ އަހަރު ވެރިކަން ކުރެއްވުނުއިރު، އެ އަދަދު ދުނިޔޭގެ ރެކޯޑު އަދަދަކަށް އިތުރުކުރައްވާ، ވަނީ 107 އިންސައްތައަށް އުފުއްލަވާލައްވާފަ. ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ލިބޭ އާމްދަނީއަށްވުރެ ދައްކަންއޮތް ދަރަނި ބޮޑު ކުރައްވާފަ. ރައްޔިތުންގެ ބޮލުގައި ދަރަނި އެޅުވުމުގައި ރައީސް ޞާލިޙު ވަރަށްވެސް ކުޅަދާނަވެފައި އަތްޕުޅުމަތި އަވަސްކަން މިއޮތީ ސާބިތުކުރައްވާފަ. ވެރިކަމަށް ވަޑައިގެން ފަހުން މިހާތަނަށް 45 ލޯނެއް ރައީސް ޞާލިޙު ނެންގެވިއުރު، އޭގެ ޖުމްލަ އަދަދަކީ 1.6 ބިލިއަން އެމެރިކާ ޑޮލަރު. ނުވަތަ 24.67 ބިލިއަން ދިވެހި ރުފިޔާ. މިއޮތީ އަނެއްކާވެސް ރެކޯޑެއް ހައްދަވާފަ. ރައްޔިތުން ލަދުވެތިވާފަދަ އިތުރު ރެކޯޑެއް.” ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

އިދިކޮޅުން ބުނެފައިވަނީ ލޯނު ނަންގަވައިގެން ކުރައްވަނީ ކޮންކަމެއްތޯ ރައްޔިތުންނަށް މިއަދު ހާމަވާންޖެހޭކަމަށެވެ. ޢާންމު އުޞޫލުން، ރައީސް ޞާލިހުގެ ކުރިން މިޤައުމުގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންވެސް ލޯނު ނަންގަވައިގެން ރިކަރަންޓް ޚަރަދު ކުރައްވާފައިވަނީ އެންމެ ބޮޑުވެގެންވެސް 15 އިންސައްތައިކަމަށާއި، ނަމަވެސް، ރައީސް ޞާލިޙު ނަންގަވާފައިވާ ފިތްކަނޑައިގެންދާހާ ގިނަ ލޯނުތަކުގެ 50 އިންސައްތައަށްވުރެ ބޮޑު އަދަދެއް ހޭދަކުރައްވަމުންގެންދަވަނީ ރިކަރަންޓް ޚަރަދަށް ކަމަށެވެ. މިފައިސާއިން ޚަރަދު ކުރަނީ ތިމާގެ މީހުންނާއި ޕާޓީ އެކްޓިވިސްޓުންނަށް މުސާރަ ދެއްވުމާއި، ޗުއްޓީ ދަތުރުފުޅުތައް ކުރެއްވުންފަދަ އިސްރާފުތަކަށް ކަމުގައެވެ.

އެހެންކަމުން، މިއަދު، ޕޯޑިއަމެއްގައި ހުންނަވައިގެން، މީހަކު ލިޔެފައި ކުރިމަތީގައި ބާއްވާފައި އޮންނަ އެއްޗެއް ވިދާޅުވުމުގައިވެސް، ބޮޑަށް ރަނގަޅުވާނީ އިޤްތިޞާދާއި މާލިއްޔަތު ނޫން ކޮންމެވެސް އެހެން މައުޟޫއުއެއް އިޚްތިޔާރުކުރެއްވުންކަމަށް އިދިކޮޅު ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: