އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތުހުމަތުކުރެވޭ ފަރާތްތަކާއެކު ދައުލަތުން އެއްބަސްވުން ހަދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ހެކިބަސް އުފެއްދުމަށްކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބް އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތާއެކު ޕީޖީ އޮފީހުން ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ބައިތުލްމާލަށް ގެއްލުންދިން ބަޔަކަށް އެފަދަ ބޮޑެތި ލުއިތަކެއް ދިނުމަކީ ބޮޑު ގޯހެއްކަމަށާއި، އިންޞާފު ޤާއިމްކުރަން ނޫޅޭކަން އެކަންކަމުން ޔަޤީންވާކަމަށެވެ. އަދި ނަމެއްގައި ދަޢުވާ އުފުލައި ހުކުމްކުރާއިރު، ޖަލު ހުކުމް ހޭދަކުރަނީ ކޮންތަނެއްގައިކަން އެނގެންޖެހޭކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
“މިއީ ޙީލަތްތެރި ގޮތެއްގައި، ދައުލަތުން ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް އުފެއްދުމަށް ކުރާ ކަމެއް. ޖިނާޢީ ޢަދުލުގެ ނިޒާމު ކިލަނބުވެ އިތުބާރު ގެއްލިފައިވާ މިންވަރު އަދީބާއި ޒިޔަތުގެ ޝަރީޢަތްތަކުން ހާމަވެގެން ހިނގައްޖެ.” ޖަމީލް ވިދާޅުވިއެވެ.
ރައްޔިތުންގެ ބައިތުލްމާލަށް ގެއްލުންދިން ބަޔަކަށް މިފަދަ ބޮޑެތި ލުއިތަކެއް ދިނުމަކީ ބޮޑު ގޯހެއް. އިންޞާފު ޤާއިމްކުރަން ނޫޅޭކަން މި ހުރިހާ ކަމަކުން ޔަޤީންވޭ. ނަމެއްގައި ދަޢުވާ އުފުލައި ހުކުމްކުރާއިރު، ޖަލު ހުކުމް ހޭދަކުރަނީ ކޮންތަނެއްގައިކަން އެބައެނގޭ. 1/2
— Mohamed Jameel Ahmed (@MJameelAhmed) December 1, 2020
އަދީބާއެކު ޕީޖީ އޮފީހުން ހެދި އެއްބަސްވުމާއެކު އަދީބު ވަނީ އެމްއެމްޕީއާރސީގެ ޚިޔާތުގެ ތުހުމަތުތަކަށް އެއްބަސްވެވަޑައިގެންފައެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެ އިއްވާފައިވާ 20 އަހަރު ދުވަހުގެ ޖަލުހުކުމް ތަންފީޒްކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ. އަދި ޒިޔަތާއެކުވެސް ޕީޖީ އޮފީހުން ހަދާފައިވާ އެއްބަސްވުމާއެކު ކުށަށް އިޢުތިރާފްވުމުން އޭނާގެ މައްޗަށް އަންނާނީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. މިމަހު ހުކުމް އިއްވުމަށް ހަމަޖެހިފައިވާއިރު، މިހާރުވެސް އޭނާގެ މައްޗަށް ކުރިން ސާބިތުވި ހުކުމް ތަންފީޒްކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.