ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގާލީ އިންސާފުގެ ގާނޫނުން ރުޅިވެރިކަން ނެތިގެން ދާނެ، އެއީ ރިޔާސީ ވައުދެއް: ނަޝީދު

އެމްޑީޕީގެ ރަށްވެހި ފަތިސް ޖަލްސާގެ ތެރެއިން. ރައީސް ނަޝީދާއި ރައީސް ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިގާލީ އިންސާފުގެ ގާނޫނާއި އެކު، ތެދު މައުލޫމާތުތައް ހާމަވެ ބައެއްގެ މެދުގައި އޮތް ރުޅިވެރިކަން ނެތިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި ބިލަކީ، މިދިޔަ މަހުގެ 29 ވި އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. އިންތިގާލީ އިންސާފުގެ ގާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ހިނގައިދިޔަ މައްސަލަތައް ބަލާ ގާނޫނެކެވެ. އޭގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުން ހިމެނެއެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އިއުލާނުވުމަށްފަހު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުމާ ހަމައަށް ހިނގައިދިިޔަ 65 އަހަރުގެ މުއްދަތުގެ ތެރޭ ދައުލަތުގެ މުއައްސަސާތަކާއި އިސް ވެރިން އިންސާނީ ހައްގާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގި ކަމަށް ބުނާ ކަންކަން ތަހުގީގު ކުރަން އެކުލަވާލި ގާނޫނު ތަސްދީގު ކުރުމާއި އެކު އެކަމަށް ބޭނުންވާ އޮމްބޮޑްސްމަން އޮފީސް ވަނީ ގާއިމްކޮށްފައެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއީ އެމްޑީޕީގެ އެޖެންޑާ-19 ގެ ވައުދެއް ކަމަށެވެ. އަދި ވައުދު، ވައުދެއްގެ ގޮތުގައި ފުއްދުމަށް ދައުލަތުގެ އިދާރާތްތަކުން މަސައްކަތް ކުރަމުންދާތީ އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މި ބިލްގެ ބޭނުމަކީ އެއް ބަޔަކު އަނެއް ބަޔަކަށް މައާފު ކުރުން ކަމަށެވެ. އަދި މައްސަލައެއްގެ ތެރޭ ކަން ހިނގައިދިޔަ ގޮތް ސާފު ކުރުން ކަމަށެވެ.

މީގެ ބޭނުމަކީ ސުލްހަމަސްލަސްކަން ގާއިމްކުރުމާއި، ރުޅިވެރިކަން ނައްތާލާ، ހަސަދަވެރިކަން ފިލުފާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިންތިގާލީ އިންސާފުގެ ނިޒާމަށް ރައްޔިތުން އަހުލުވެރިކުރުވައި، ތެދު ހާމަކޮށް މައާފުކުރުމުގެ ރޫހު އާލާކުރުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މީގެ ދަށުން ކުރިޔަށް ގެންދެވޭނެ ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ މެދުގައި އޮތް ރުޅިވެރިކަން ނައްތާލައި، ގައުމު މަސަލަސް ކުރުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ ބިލާއެކު އުފައްދާފައިވާ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލާ މައްސަލައެއްގައި، ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިއްޖެނަމަ އެ އަމަލުގެ ޝިކާރައަކަށްވި ފަރާތަށް ބަދަލު ލިބިދިނުމުގެ އިހްތިޔާރު އެ އޮފީހަށް މި ގާނޫނުގެ ދަށުން ލިބިދީފައިވެއެވެ. އަދި ބަދަލުގެ ގޮތުގައި މާލީ ބަދަލާއި މާލީ ނޫން ބަދަލު ނަގައިދެވޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ. މާލީ ބަދަލުގެ ގޮތުގައި އަނިޔާ ލިބުނު ފަރާތަށް ނަގައިދެވޭނީ ލިބުނު އަނިޔާގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ އެ ލިބުނު ގެއްލުމުގެ ބަދެލެވެ. އަދި ވަޒީފާއެއް އަދާކުރަމުން ދިޔަ މީހަކަށް ވެފައި، ލިބުނު އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، ވަޒީފާ އަދާނުކުރެވިދިޔަ މުއްދަތަށް ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލު، ނުވަތަ އެ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން ވަޒީފާ އަދާނުކުރެވިދާނެ މުއްދަތަށް ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލެއް ދެވިދާނެ ކަމަށް ގާނޫނު ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: