ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކެއް ފެބްރުއަރީ އަމުރު: އަނެއްކާވެސް ބޮޑު ކޯޅުމަކަށް!

އެކެއް ފެބްރުއަރީގެ އަމުރު ބާތިލު ކުރި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވުމާއި އެކު ސޯޝަލް މީޑިއާގައި ބޮޑު ކޯޅުމެއް ފެށިއްޖެއެވެ.

މި މައްސަލައިގައި ސޯޝަލް މީޑިއާގައި ވަނީ ބޮޑު ބަހުސްއެއް ފެށިފައެވެ. އިންތިގާލީ އިންސާފުގެ ގާނޫނު ތަސްދީގު ކުރެވުމާއި އެކު، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މައްސަލަތަކުގެ ހަގީގަތް އެނގި، އެކަމަށް އިންސާފު ލިބިގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ދާދިފަހުން އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެ ގާނޫނަކީ އެޖެންޑާ-19 ގެ ވައުދެއް ކަމަށާއި، މި ގާނޫނުގެ ބޭނުނަކީ ރުޅިވެރިކަން ނައްތާލައި ސުލްހަމަސަލަސް ގާއިމް ކުރުން ކަމަށެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ހިނގައިދިޔަ މައްސަލަތައް ބެލުމުގެ ބާރު ލިބިދީފައިވާ ގާނޫނެކެވެ. އޭގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުން ހިމެނެއެވެ.

މާލެ ސިޓީގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހުމީ އެންމެ ފުރަތަމަ ޓްވީޓެއް ކުރައްވާ ވިދާޅުވެފައި ވަނީ މި ގާނޫނާއި އެކު އަލުން ބަލަން ޖެހޭ އެންމެ ބޮޑު ދެ މައްސަލައިގެ ތެރޭގައި ހިމެނެނީ ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު އަބްދުﷲ ގާޒީ ރައީސް ނަޝީދުގެ އަމުރަށް ހައްޔަރު ކުރި މައްސަލައާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ވަދެ، ދެ ފަނޑިޔާރަކު ހައްޔަރު ކުރި މައްސަލަ ކަމަށެވެ.

އަލްހާންގެ އެ ޓްވީޓާއި އެކު ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީންގެ އެންގުމަށް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރު ކުރި ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ބަލަން ޖެހޭ ހަގީގީ މައްސަލައަކީ، ގާއިމުވެ އޮތް ލެޖިޓިމެޓް ސަރުކާރު، ފަނޑިޔާރުންނާއި ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތު ކުރެވުނު މީހުން ނުވަތަ އެ ބައެއްގެ މައްސަލައެއް ކަމަށެވެ.

2018 ވަނަ އަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހުގެ ރޭ ދަންވަރު ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ “ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް” އަންގާ ނެރުނު އަމުރެކެވެ. ނަމަވެސް އަ އަމުރަކީ ޣައިރު ގާނޫނީ އަމުރެއްކަމަށް ބުނެ ރައީސް ޔާމީންގެ ސަރުކާރުން އެ އަމުރު ތަންފީޒުކޮށްފައި ނުވެއެވެ.

އެ އަމުރުގައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ހައްޔަރުކޮށްފައިވާ 13 ބޭފުޅަކު ދޫކޮށްލުމަށާއި، ފްލޯ ކްރޮސްކުރިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިގެއްލިފައިވާކަމަށް ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ބޮޑު ލޮޅުމެއް ގެނުވި ފެބްރުއަރީ އެކެއްގެ އަމުރު ނެރެފައިވަނީ އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި، އަބްދުﷲ އަތީފު، އަލީ ހަމީދު އާއި، އާދަމް މުހައްމަދުގެ އިތުރުން ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

އަމުރު ތަންފީޒު ނުކޮށް ރައީސް ޔާމީންގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އަބްދުﷲ ސައީދާއި، އަލީ ހަމީދު ހައްޔަރު ކުރިއެވެ. އަދި ހަމަ އެ މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދޭން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގައި އެ ތިން ބޭފުޅުންނަށް ވެސް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ.

ސިޔާސީ ކޯޅުންތައް ބޮޑުވެ، އެ އަމުރު ބާތިލުކުރެއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ އަބްދުﷲ ދީދީ އާއި، އާދަމް މުހައްމަދު އެވެ.

ރައީސް ޔާމީންގެ އަމުރަށް އެއްވެސް ފަނޑިޔާރަކު ހައްޔަރުކޮށްފައި ނުވާކަމަށް ވިދާޅުވުމުން ޑީޑީއަށް ރައްދި ދެއްވައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީ ގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫން ކަމަށެވެ. އަދި އަމުރު ނެރުނީ އޭރު އޮތް ފުލް ބެންޗުގެ އިއްތިފާގުން ކަމަށާއި، އަމުރު ނެރުމަށް އިއްތިފާގު ވި ފަސް ފަނޑިޔާރުންނާއި، އޭގެ ނަތީޖާއަށް ހުރިހާ ބޭފުޅުން ވެސް ޒިންމާވާން ޖެހޭނެ ކަމަށެވެ.

މުއިއްޒުގެ ޓްވީޓަށް ރައްދު ދެއްވައި ޑރ. ޑީޑީ ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރު ނެރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މުއިއްޒު ވިދާޅުވާފަދަ “އިންކޮންސިސްޓެންސީ” އެއް ވާނަމަ އެކަން ޗެލެންޖު ކުރެއްވުމުން އެ އަމުރު މުރާޖައާ ކުރުމުގެ ބާރު ލިބިގެންވަނީ ވެސް ހަމަ ސުޕްރީމް ކޯޓަށް ކަމަށެވެ. އަދި އަމުރު މުރާޖައާ ކުރެވިފައިވަނީ އެގޮތުގެ މަތީންކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ އަމުރު ނެރުމުގައި ބައެއް ފަނޑިޔާރުން ޖިނާއީ ޒިންމާ އުފުލަންޖެހޭފަދަ ކަމަކަށް އަރައިގަނެވިފައި ވާނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ވެސް ހަމަ އެ ފަނޑިޔާރުން ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

މުއިއްޒުގެ ޓްވީޓާއި ގުޅިގެން ކްރިމަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ހުކުމާއިމެދު ސުވާލު އުފެދުނީ ހުކުމުގައި ބައިވެރިވީ ދެ ފަނޑިޔާރަކާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް 2.4 މިލިއަން ޑޮލަރު، ހުކުމުގެ މަންފާ ސީދާ ގޮތުން ލިބޭ ފަރާތަކުން ދޭން ނިންމިކަމަށް ފުލުހުންނަށް އެނގުނު ހިސާބުން ކަމަށެވެ.

ހައިލަމް އެ ވާހަކަ ހަވާލާދެއްވީ، ގާނޫނީ ވެރިކަން ވައްޓާލަން އުޅުނުކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބުނެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށެވެ. 13 ފެބްރުއަރީ 2018 ގައި ބޭއްވި އެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ ރާއްޖޭގެ ބޮޑު ކުންފުންޏަކުން އަލީ ހަމީދަށް ދީފައިވާ 2.4 މިލިއަން ޑޮލަރުގެ ފައިދާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ލިބިފައިވާ ކަމަށެވެ. އަދި އެކަމުގެ ކިތާބީ ހެކި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ފައިސާ ބޭނުންކޮށްގެން ރާއްޖެއިން ބޭރުން ބޮޑު އަގުގައި މުދަލާ ގެދޮރު ގަންނަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭރު އެ ފައިސާ ދިންކަމަށް ތުހުމަތު ކުރެވިފައިވަނީ ވިލާ ކުންފުންޏަށް ނަމަވެސް، ފުލުހުން އެކަން ކަށަވަރުކޮށް ނުދެއެވެ.

ޑރ. ޑީޑީއަށް ބައެއް ފަރާތަކުން ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކުރިއިރު، ދެ އަހަރު ފަހުން އެ ވާހަކަ ދައްކަވަން ވީ އެއްވެސް ސަބަބެއް ނެތް ކަމަށް އިދިކޮޅުގެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއިން ކާމިޔާބު ކުރީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގިކަމަށް ވާހަކަ ދައްކަވައިގެން ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ޑރ. ޑީޑީއަކީ ވެސް އަމުރާއި ގުޅިގެން ޖަވާބުދާރީ ވާން ޖެހޭ ބޭފުޅެއް ކަމަށް ބައެއް ފަރާތަކުން ވަނީ ފާހަގަކޮށްފައެވެ.

“އެހެންވީމާ ފުރަތަމަ ބަލަން މި ޖެހުނީ މަނިކުފާނުގެ ސޮއި ފޯޖު ކުރި މައްސަލައެއް ނޫންތޯ؟ އެހެންނޫނީ ލެޖިޓިމެޓް ސަރުކާރު ވައްޓާލަން ރާވައިގެން ނެރުނު އަމުރުތަކުގައި ސޮއިކުރައްވާފައިވާ ބޭފުޅަކު އޮޅުންފިލުވާލަ ދެއްވާ” ޑރ. ޑީޑީއަށް ރައްދު ދެއްވި ބޭފުޅަކު ލިޔުއްވާފައި ވެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޑރ. ޑީޑީއަށް ރައްދު ދެއްވާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ޓިނު ނެގިކަމަށް ބުނެ ވާހަކަ ދައްކަނީ އެ ބަޣާވާތުގެ ޥާހަކަތައް އޮއްބާލުމަށް ކަމަށެވެ. އަދި ފެބްރުއަރީ އެކެއްގައި ރައީސް ޔާމީން ކުރެއްވިހާވެސް ކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ދެމެހެއްޓުން ކަމަށާއި، އެ ދުވަހު އެމަނިކުފާނު އަދާކުރެއްވީ “ގާޒީ” އެއްގެ ލަގަބު ހައްގު ގައުމީ ޒިންމާއެއް ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ އެ ދުވަހު ދިވެހި ސިފައިން ވެސް ދެއްކެވީ ގައުމަށް އިހުލާސްތެރިވުމުގެ މިސާލެއް ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެމްބަރުން ވެސް ވަނީ ޑރ. ޑީޑީއަށް ފާޑުވިދާޅުވެފައެވެ. އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ މަގާމާއި ކުއްލި ކުރިއެރުން ލިބުނު ގޮތް ވަރަށް ބޮޑަށް ސާފުވަމުން ދާ ކަމަށެވެ.

“މިއީ އުއްތަމަ ފަނޑިޔާރު ނަގާ އެއްލާލާފަ، ދެކޮޅުން ވެސް ކެއުމުގެ އިތުރުން މަގާމުވެސް ފޭރިގަތް އަނިޔާވެރި ޖާހިލު ބޭފުޅެއް ނޫން ތޯ” ނިހާދު ވިދާޅުވިއެވެ.

މީގެ އިތުރުން މާފަންދު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، އެ ހުކުމް ނެރުނީ ވެސް ޑރ. ޑީޑީގެ ސޮޔާއި އެކު ކަމަށެވެ. އަދި އޭގެ ޖެހިގެން އައި ދުވަހު ހަމަ އެ ހުކުމް ބަދަލު ކުރި ބޭފުޅަކީ ވެސް ޑރ. ޑީޑީ ކަމަށެވެ. އިންތި ވަނީ ޑރ. ޑީޑީ އުއްތަމަ ފަނޑިޔާރުކަން ހޯދުމަށް ރަހުމަތްތެރިނަނަށް ވެސް އޮޅުވާލިކަމުގެ ތުހުމަތު ކުރައްވާފައެވެ. އަދި ކޯޓު ތެރޭގައި ބަޣާވާތް ކުރެއްވިކަމަށް ވިދާޅުވިއެވެ.

އުނގޫފާރު ދާއިރަގެ މެމްބަރު މުހައްމަދު ވަހީދު ވެސް ވިދާޅުވީ ޑރ. ޑީޑީއަކީ ފުރާޅުން ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރު ދަމާ ނެރެ ހައްޔަރު ކުރުމުން ދެން އެ މަގާމަށް އައި ބޭފުޅާ ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް އެ މީހަކަށް މަގާމަށް އާދެވުނު ގޮތް ދިފާއު ކުރުމަށް އުޅޭނެކަމަށް ވައްޑެ ވިދާޅުވިއެވެ.

“ފުރާޅުން ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރު ދަމާނެރި ހައްޔަރުކުރުމަށް ފަހު ދެން އުއްތަމަ ފަނޑިޔާރުކަމަށް އައްޔަނުކުރި މީހާ ނުންތޯ ތިއީ؟ މީނާއަށް މަޤާމު ލިބުން ގޮތް މީނާ ދިފާއުކުރަން އުޅޭނެ ނުންތޯ؟” ވައްޑެ

ފެބްރުއަރީ އެކެއްގެ އަމުރުގެ މައްސަލައިގައި ސޯޝަލް މީޑިއާގައި ބޮޑު ބަހުސްތަކެއް ދަނީ ކުރިޔަށެވެ. އަދި 2018 ގެ އަމުރާއި އެކު ރައީސް ޔާމީންގެ މުޅި ސަރުކާރަށް ލޮޅުމެއް ގެނުވިއެވެ. އެހެން ނަމަވެސް ރާއްޖޭގައި ސްޓޭޓް އޮމް އިމަޖެންސީ އިއުލާނުކޮށް ރިޝްވަތުގެ ތުހުމަތުގައި އާއި، ޓެރަރިޒަމްގެ ތުހުމަތުގައި ގިނަ ބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.

ރައީސް ޔާމީން ވެސް އެކި ފަހަރު މަތީން ސުޕްރީމް ކޯޓުގެ އެ އަމުރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި ވެއެވެ. އެގޮތުން “ހިބަރުވަދު” ގެ ނަމުގައި އިދިކޮޅުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ޝަރުއީ ނިޒާމުގެ ނިމުމަކީ އެއީ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިހާރު “ހުރިހާ ހިބަރެއް ބާނައި ނިމިފައި” ވާ ކަމަށެވެ.

“ހުރިހާ ހިބަރު ބާނައި ނިންމައިފި. އަދި މި ހިބަރު ވަދު ތައްޔާރު ކޮށްދިން މީހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަންކަން އުނދަގޫ ވެގެން އެ ބޭފުޅުންގެ މަސްއޫލިއްޔަތު އުފުލަން ދަތިވެގެން އާދޭސް ކުރެއްވި. ކަހާތަން ހިރުވައިލާ މީހަކު ވެސް ނެތޭ. ކަހާތަން ހިރުވައިލި މީހަކު ވެސް ނެތޭ” 2019 ގައި ބެއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

ބަހުސްތައް ފެށިގެން އައީ، އިންތިގާލީ ގާނޫނު ތަންފީޒު ކުރެވުނު ހިސާބުންނެވެ. އިންސާފު އެއީ އެންމެނަށް ލިބެންޖެހޭ އެއްޗެށް ކަމަށް ވިދާޅުވެ ކުރީގެ ބައެއް ފަނޑިޔާރުކަން ކުރެއްވި ބޭފުޅުން އެހެން ނަމަވެސް މިހާރު ސިޔާސީ އެކި ޓްވީޓުތައް ކުރައްވާ ބޭފުޅުން ދަނީ ފެބްރުއަރީ އެކެއްގެ އަމުރުގެ މައްސަލައިގައި ތަފާތު އެކި ވާހަކަ ދައްކަވަމުންނެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: