ކޮވިޑް-19އާ ގުޅިގެން މިހާތަނަށް ސަރުކާރުން ކުރި ހަރަދު 2.8 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ކޮވިޑާ ގުޅޭ ސިއްހީ ކަންކަމަށް 1.3 ބިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ. އެ ސެންޓަރުން 871.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ހެލްތު މިނިސްޓްރީން 246.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ޑިޒާސްޓާ މެނޭޖުމަންޓު ފަންޑުން މިހާތަނަށް 84.06 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު ޕްލޭނިން މިނިސްޓްރީން ވަނީ 37 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 29 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށެވެ. އެގޮތުން 555.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ވެންޓިލޭޓަރުތައް ހޯދުމަށާއި، ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައް ތަރައްޤީކުރުމަށް ވެސް ސަރުކާރުން ދަނީ ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް މިކަމަށްވަނީ 198.7 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.