ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުހިންމު ލިޔުމެއް ދައުލަތުން ހުށަނޭޅުމުން، ޖިންސީ ގޯނާގެ މައްސަލައެއް ހައިކޯޓުން ބޭރު!

ޖިންސީ ގޯނާއާއި ދެކޮޅަށް މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރެގެން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ދައުލަތުން ކޯޓަށް މުހިންމު ލިޔުމެއް ހުށަނާޅައި އޮތުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

މިއީ 2018 ވަނަ އަހަރުގެ ޖެނުއަރީ 02 ގައި ހުށެހެޅި މައްސަލައެކެވެ. މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްފައިވަނީ ޖިންސީ އަނިޔާ ލިބުނީ 18 އަހަރުން މަތީގެ މީހަކަށް ވެފައި، އެއީ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއްކަން ޝަރީއަތަށް ސާބިތުކޮށްދޭ ސަރުކާރުގެ ކަމާއި ބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާތީ އެވެ.

ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން އުމުރުން 18 އަހަރު ވެފައި ވިޔަސް، ބުއްދީގެ ތަސައްރަފު ނުފެދޭ މީހުންނަށް ޖިންސީ ގޯނާ ކުރުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުންގެ ގޮތުގައި އެ ގާނޫނުގައި ބުނެފައި ވެއެވެ. އެގޮތަށް ބަޔާންކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ހައްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައެވެ.

މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅި އެންމެ އިސްތިއުނާފީ ނުކުތާއެކެވެ. އެ ނުކުތާގައި ބުނެފައިވަނީ ގާނޫނުގައި ބުނާފަދައިން ޖިންސީ ގޯނާ ލިބިފައިވަނީ ބުއްދީގެ ތަސައްރަފު ނުފުދޭ ކުއްޖަކަށްކަން ސާބިތުކުރަން ސައިކޮލޮޖިކަލް ސާވިސަސް ޓްރެއިނިން އެންޑް ރީސާޗްއިން ތައްޔާރުކޮށްފައިވާ ސައިކޮލޮޖިކަލް ރިޕޯޓެއް ދައުލަތުން ހުށަހެޅި ކަމަށެވެ.

އެހެން ނަމަވެސް ކްރިމިނަލް ކޯޓުން، އެއީ ސަރުކާރުގެ ކަމާއި ބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއްކަން ނުވަތަ ސަރުކާރު ގަބޫލު ކުރާ ލިޔުމެއްކަން އެނގެން ނެތްކަމަށް ކަނޑައަޅާފައިވަނީ އެ ގާނޫނުގެ 60 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އެ ނުކުތާއަށް ރައްދުދީ މައްސަލައިގައި ތުހުމަތުވާ މީހާގެ ވަކީލު ބުނެފައިވަނީ އިސްތިއުނާފު ކުރެވިފައިވާ މައްސަލަ ދަށު ކޯޓުގައި ކުރިޔަށްދިޔައިރު، އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާއަށް 18 އަހަރުވެފައިވާ ކަމަށެވެ. އަދި އަނިޔާ ލިބުނު ކުއްޖާއަކީ ސިކުނޑީގެ އުނިކަން ހުންނަ މީހެއްކަން ކަނޑައަޅާނެ ގޮތް ހައިކޯޓުން ބުނެފައިވާ ކަމަށެވެ. އަދި އޭނާގެ ވަކީލު ބުނެފައިވަނީ، ހައިކޯޓުގެ އެ ގަޒިއްޔާއަށް ރިއާޔަތްކޮށް ބުދީގެ ތަސައްރަފު ނެތް ފަރާތެއްކަން ކަނޑައަޅާފައިވާ، ސަރުކާރުގެ ރަސްމީ އިދާރާއަކުން ނުވަތަ ގަބޫލު ކުރާ އެހެން އިދާރާއެއްގެ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ.

މައްސަލައިގައި ހައިކޯޓުން އިއްވި ހުކުމުގައި ވެސް ބުނެފައިވަނީ އަނިޔާ ލިބުނު މީހާއަކީ ސިކުނޑީގެ އުނިކަން ހުންނަ މީހެއް ކަން ސާބިތު ކުރަން ދައުލަތުން ރިޕޯޓެއް ހުށަހެޅިޔަސް، އެ ރިޕޯޓް ތައްޔާރުކުރީ އެކަން ކުރަން ސަރުކާރުން ރަސްމީކޮށް ބަލައިގެންފައިވާ އިދާރާއަކުން ކަން އެނގޭނެ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ.

އެހެންވުމުން އެ މީހަކީ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއް ކަން ސާބިތުވާ ފަދަ ލިޔުމެއް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލަށް ރިއާޔަތް ކުރާއިރު އެ މައްސަލާގައި ހުށަހަޅާފައި ނެތްކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ހައި ކޯޓުން ކުރިން އެގޮތަށް ކަނޑައެޅި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތްއިރު، އެ ނިންމުން ބާތިލުކޮށްފައި ނެތް ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ. އަދި ހައިކޯޓުގެ ނިންމުމަށް އަމަލު ނުކޮށް ދައުލަތަށް އެ ހުއްޖަތް ނުދެއްޖޭނެކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

އެއީ އެ ނިންމުމަށް ދައުލަތުން އަމަލު ނުކުރަން ދެއްކޭނެ ހުއްޖަތެއް ނޫނެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން މައްސަލައިގެ ނިންމި ނިންމުމަށް ހައިކޯޓުން ބަދަލެއް ގެންނަން ޖެހޭ އެއްވެސް ސަބަބެތް ނެތްކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

ދައުލަތުން އިސްތިއުނާފު ކުރި މި މައްސަލަ ހައި ކޯޓުގައި ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: