ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލް ވަކި ކުރި މައްސަލަ: ދައުލަތުން ބުނީ މަޖިލީހުގެ ނިންމުމެއް ސައްހަތޯ ކޯޓަށް ނުބެލޭނެ ކަމަށް!

ނައިބް ރައީސްކަމުން ވަކި ކުރި މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންދިޔަ އަޑުއެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

2015 ވަނަ އަހަރު ގިނަ ތުހުމަތުތަކާއި އެކު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. ޖަމީލް އަހުމަދު މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓެއްގައިކަމުން، މައްސަލައިގައި ވަކިގޮތަކަށް އަމަލު ކުރުމަށް ކޯޓަށް ނޭންގޭނެކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ދައުލަތުން މިހެން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ޖަމީލް ހުންނަވަނިކޮށް 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރުކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ބުނެ ޖަމީލް ހުށަހެޅުއްވި މައްސަލައިގެ މިއަދުގެ އަޑުއެހުމުގަ އެވެ.

ޖަމީލް ވަކިކުރީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކުގެ ސައްހަ ކަމުގެ މައްސަލަ ކޯޓުތަކަށް ނުބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ވާތީ، ޖަމީލް ހުށަހަޅުއްވާފައިވާ މައްސަލަ ވެސް، ގާނޫނުއަސާސީގައި ބުނާ އިސްތިސްނާ ހާލަތެއްގައި ނޫނީ ކޯޓަށް ނުބެލޭނެ ކަމަށް ކުރީގެ އަޑުއެހުމުގައި ދައުލަތުން ވަނީ ބުނެފަ އެވެ. އެހެންވެ މިކަމުގައި ދެން އޮންނާނީ ކޮން ހައްލެއްތޯ ފަނޑިޔާރުންގެ ބެންޗުން، ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ދައުލަތާ ސުވާލުކުރައްވައިފަ އެވެ.

ދައުލަތުން މައްސަލައިގައި ބުނެފައިވަނީ ޑރ. ޖަމީލް ނައިބު ރައީސްކަމުން ވަކިކޮށްފައިވަނީ މަޖިލީހުގައި ނެގުނު ވޯޓެއްގައި ކަމަށެވެ. އަދި އެފަދަ ނިންމުންތަކަށް ކޯޓަށް ގޮތް ނުނިންމޭނެކަމަށް ގާނޫނު އަސާސީގައި ބުނެފައިވާކަން ދައުލަތުން ފާހަގަކުރިއެވެ. ގާނޫނު އަސާސީން ހައްލެއް ނެތް ހާލަތެއްގައި ވަކި ގޮތަކަށް އަމަލު ކުރަން ކޯޓަށް ނުބުނެވޭނެކަމަށް ދައުލަތުން ބުންޏެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައަކާއި އެކު ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރުމުގެ މަސައްކަތެއް ކުރިޔަށް ދާނަމަ، އެކަން ސުޕްރީމް ކޯޓަށް ބެލޭނެއެވެ. އެހެން ނަމަވެސް ނައިބް ރައީސް މަގާމުން ވަކި ކުރުމުން އުފެދޭ ސުވާލުތަކުގެ ހައްލު ސުޕްރީމް ކޯޓުން ހޯދޭނެ ކަމަށް ބުނެފައި ނުވެއެވެ. އެކަމަށް އިޝާރާތްކޮށް ދައުލަތުން ބުނެފައިވަނީ ނައިބް ރައީސްކަމުގައި އިންނެވި ބޭފުޅެއް މަގާމުން ވަކި ކުރާ މައްސަލައެއް ސުޕްރީމް ކޯޓަށް ބެލޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

މިސާލެއްގެ ގޮތުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދޭން ހުށަހެޅުމުން، ގާނޫނު އަސާސީގައި ހައްލެއް ނެތް މައްސަލައަކާއި ކުރިމަތިވެއްޖެނަމަ، އެކަމާއި ބެހޭ ގާނޫނެއް ހަދަން މަޖިލީހަށް ސުޕްރީމް ކޯޓުން ދެއްވި ލަފާ، ދައުލަތުން ފާހަގަކުރިއެވެ. އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ، ފަނޑިޔާރު ހުސްނުއްސުއޫދު ގެ ރައުޔާއި ހަވާލާދީ ދައުލަތުން ބުނީ، ސިޕްރީމް ކޯޓަށް އަމިއްލައިން ގާނޫނެއް ނެހެދޭނެ ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ، ގާނޫނު އަސާސީގެ 88 ވަނަ މާއްދާގައި އެފަދަ ހާލަތެއް ބަޔާންކޮށްފައި ނެތުމަކީ، އެއީ ވަކި ބާރެއްގެ ގޮތުގައި ކަޑައަޅާ އެ މާއްދާ މާނަ ކުރެވޭނެކަމަށް ނުދެކޭ ކަމަށެވެ. ދައުލަތުން ބުނެފައިވަނީ ގާނޫނު އަސާސީ އިސްލާހު ކުރެވޭނެގޮތް، ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން ކޯޓުތަކަށް ވުރެ، ބޮޑަށް މަޖިލީހަށް ލިބިގެންވާ އެ ބާރަށް، ގާނޫނީ ހައްލެއް ބޭނުންވެއްޖެ ހިނދެއްގައި އެކަމަށް އިސްލާހު ގެންނާނީ މަޖިލީހުން ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ވާހަކަތަކާއި އެކު، ފަނޑިޔާރު އަޒްމިރަލްދާ ސުވާލަކީ، މިހާލަތުގައި އޮތް ހައްލާއި ގުޅޭގޮތުންނެވެ. ޖަވާބުގައި ދައުލަތުން ބުނެފައިވަނީ، “ހައްލެއް ނެތުން އެއީ، ކޮންމެހެން ސުޕްރީމް ކޯޓުން ހައްލު ހޯދަންޖެހޭ” ކަމެއް ނޫން ކަމަށެވެ.

ދައުލަތުގެ ޖަވާބަށް ހިތްހަމަނުޖެހިވަޑައިގެން، ފަނޑިޔާރު އަނެއްކާވެސް ސުވާލު ތަކުރާރު ކުރެއްވިއެވެ. އަދި ވިދާޅުވީ، އެއްވެސް ހާލަތެއްގައި ސުޕްރީމް ކޯޓުން ހައްލު ހޯދާ ވާހަކައެއް ނުދައްކަވާ ކަމަށާއި ބޭނުންވަނީ މި ހާލަތަށް ބޭނުންވާ ހައްލު ކަމަށެވެ.

“ނޫން… ނޫން، އަޅުގަނޑުގެ ސުވާލަކީ މިހާލަތުގައި އޮތް ހައްލަކީ ކޮބައިތޯ. އެއްވެސް ހާލަތެއްގައި ސުޕްރީމް ކޯޓުން ހައްލެއް ހޯދައިދޭ ވާހަކައެއް ނޫން.. މިހާރު އެކޮޅުން އެބަ ވިދާޅުވޭ މައްސަލައެއް އެބައޮތޭ. އެ މައްސަލައަށް ދެން ހައްލެއް ހޯދަން އަމަލު ކުރާނީ ކިހިނެއްތޯ…. މިހާރު އެއްވެސް ވަރަކަށް ޗެލެންޖު ނުކުރެވޭނެކަމަށް ތިޔަ ވިދާޅުވަނީ. އެހެންކަމަށްވާނަމަ އޭގެ މާނައަކީ ރައްޔިތުންގެ މަޖިލީހުން ވެސް ގާނޫނު އަސާސީއާއި ހިލާފަށް އެއްވެސް ކަމެއް ކުރައްވައިފިއްޔާމު، އެއްވެސް ދިމާލަކުން ޗެލެންޖެއް ނުކުރެވޭނެއޭ… ސުވާލެއް ނުއުފެއްދޭނެ އޭ… އެހެންތޯ ތި ވިދާޅުވަނީ” އަޒްމިރަލްދާ

ޖަވާބުގައި ދައުލަތުން ބުނެފައިވަނީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގައި ބުނާ އިބާރާތަށް ބަލާއިރު ދައުލަތުން ގަބޫލު ކުރަނީ، ގާނޫނު އަސާސީގައި އެކްސެޕްޝަންތަކެއް ނެތް ކަމުގައި ވާނަމަ ކޯޓަށް ގޮތް ނިންމުމުގެ ބާރު ލިބިގެން ނުވާ ކަމަށެވެ. އަދި ޔައުގޫބްގެ ގޮނޑީގެ މައްސަލައިގައި ފަނޑިޔާރު ސުއޫދު ވިދާޅުވެފައިވާ ގޮތަށް، ކޮންމެ މައްސަލައަކީ ދުސްތޫރީ ހަލެއް އޮންނާނެ މައްސަލައެއް ނޫންކަމަށް ދައުލަތުން ވެސް ދެކޭ ކަމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާ ދެން ސުވާލު ކުރެއްވީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ބެކްގްރައުންޑާއި ގުޅޭގޮތުންނެވެ. އަދި ޑްރާފްޓު ކުރެއްވި ބޭފުޅުންގެ ވިސްނުމަކީ ކޮބައިތޯ ދައުލަތާއި ސުވާލު ކުރިއެވެ. ޖަވާބުގައި ދައުލަތުން ބުނެފައިވަނީ، އެ މާއްދާ ފާސް ކުރިއިރު “ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު” އެ ބަސް ބޭނުންކޮށްފައި ނެތް ކަމަށެވެ.

“އެންމެ ފުރަތަމަ 88 ގެ (ށ) ޕާސް ކުރީ 299 ވަނަ ޖަލްސާގައި. އެއީ 17 ނޮވެމްބަރު 2007 ގައި ބޭއްވި ޖަލްސާގައި ނެތް އެ ފްރޭސިންއެއް ނުވަތަ އެ އިބާރާތެއް ބޭނުންކޮށްފައެއް. ހަމައެކަނި މި އޮންނަނީ، ދެން އޮންނަ ބައި، އެއީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކާ އެއްވެސް ކޯޓަށް މައްސަލައެއް ހުށައެއްނޭޅޭނެ އޭ” ދައުލަތް

ދައުލަތުން ބުނެފައިވަނީ މަޖިލީހުން ނިންމާ ނިންމުމަކަށް ކޯޓުން ބަހެއް ބުނާނަމަ، ވަރަށް ގިނަ މައްސަލަތައް ނިކުންނާނެ ކަމަށެވެ. އަދި ބަހުސް މަރުހަލާގައި ބައެއް މެމްބަރުން އެކަމަށް ސުވާލުކޮށް، އޭގެ ސަބަބުން ނިކުންނާނެ ނަތީޖާ އާއި ބެހޭ ގޮތުން ވާހަކަ ދެއްކިކަން ދައުލަތުން ފާހަގަކުރިއެވެ.

ދައުލަތުން ވަނީ، އެ ނުކުތާއަށް ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާ، އެގޮތަށް އެބުނާ ސަބަބަކީ ކޮބައިކަން ކިޔައިދީފައެވެ. ދައުލަތުން ވަނީ މަޖިލީހުން ނިންމާ ނިންމުމެއްގެ ސައްހަކަން ކޯޓުން ނުބެލޭނެ ފާސްކުރިއިރު، މަޖިލީހުގެ ޖަލްސާތަކުގައި ދެކެވުނު ވާހަކަތަކުގެ ޔައުމިއްޔާ އިން، ދައުލަތުގެ ވާހަކަތަށް ބާރު ލިބޭ ބައެއް ވާހަކަ ހިއްސާކުރައްވާފައެވެ.

ދައުލަތުގެ ވާހަކަތަކަށް ފަހު ދިން ފުރުސަތުގައި، ޑރ. ޖަމީލްގެ ވަކީލު، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވީ މިއީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށެވެ. އަދި އޭގެ ސަބަބަކީ މަގާމުން ވަކިކުރިއިރު، ގާނޫނު އަސާސީގައި ބަޔާން ކުރާ ހައްގެއް ނިގުޅައިގަތުން ކަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ. އެގޮތުން ޖަމީލުއަސް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދީފައި ނުވުމާއި،އިޖުރާއީ އެއްވެސް އަދުލުވެރިކަމެއް ވެސް މަޖިލީހުން ގެންގުޅެފައި ނެތުން މުއިއްޒު ފާހަގަ ކުރިއެވެ. ވަކީލު ވިދާޅުވީ އެއީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ނިގުޅައިގަތުން ކަމަށެވެ.

މުއިއްޒު ވަނީ ޑރ. ޖަމީލް މަގާމުން ވަކި ކުރުމުގައި އަމަލު ކުރި އުސޫލަށް ވެސް ސުވާލު އުފައްދާފައެވެ. އެގޮތުން ޖަމީލް ވަކި ކުރުމުގެ ބޭނުމަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެނައުމާއި އެކު، ޖަވާބުދާރީވާން ފުރުސަތު ދީފައިނުވުން ފާހަގަ ކުރިއެވެ.

މި މައްސަލަ ކުރިޔަށް ގެންދިޔައީ، ޖަމީލް ރާއްޖެއިން ބޭރުގައި ހުރުމުންކަމަށް ވެފައި ޖަމީލްގެ ބަދަލުގައި އޭނާގެ ވަކީލު ހާޒިރުވަން ވެސް ފުރުސަތު ނުދިން ކަމަށާއި އަދި ލިޔެކިއުމުން ވެސް ފުރުސަތު ނުދިނީ ހާޒިރުވާން ޖެހޭނީ އަމިއްލައިން ކަމަށް ބުނެ ކަމަށް ޖަމީލްގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ޖަމީލް އެދިފައި ވަނީ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށެވެ. އަދި ޖަމީލް މަގާމުން ވަކި ކުރީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށް ކަނޑައެޅުމަށެވެ.

ޖަމީލް މަގާމުން ވަކި ކުރި އިރު ވެސް ހުންނެވީ އިނގިރޭސިވިލާތުގައެވެ. އަދި މަގާމުން ވަކި ކުރުމުން ޖަމީލް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުގެ، ގިނަ ތުހުމަތުތަކެއް ވެސް އެމަނިކުފާނަށް އަމާޒު ކުރެއްވިއެވެ. އިނގިރޭސިވިލާތުގައި އަމިއްލައިން އަރުވާލެވިގެން ހުންނަވާ ޖަމީލް ފަހުން މަސައްކަތް ކުރީ “ޔުނައިޓެޑް އޮޕޮޒިޝަން” ނުވަތަ އޭރުގެ އިދިކޮޅާއި އެކުއެވެ. އަދި މި ސަރުކަރު ގެނައުމަށް ޖަމީލް ވަރަށް މަސައްކަތް ކުރެއްވިއެވެ.

ޖަމީލް ސަރުކާރަށް ނުރުހުން ފާޅުކޮށް ފާޑުވިދާޅުވާން ފެށީ، މަޖިލީސް އިންތިހާބުގެ ނާކާމިޔާބީ އާއި އެކުއެވެ. ޑރ. ޖަމީލް އަކީ މިހާރު ރައީސް ޔާމީންގެ އެންމެ އިސް ގާނޫނީ ވަކީލެވެ.

މިއަދުގެ އަޑުއެހުން ސުޕްރީމް ކޯޓުން ނިންމާލާފައިވަނީ ދެން އޮންނަ އަޑުއެހުމެއްގައި ދެ ފަރާތަށް ވެސް ފުރުސަތު ދެއްވާނެކަން އިއުލާނު ކުރެއްވުމަށް ފަހުއެވެ. މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: