ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ މިހާތަނަށް މަސްވެރިންނަށް 37 މިލިއަން ދޫކުރި: ފައުޒީ

ފެލިވަރުގައި މަސް ޕްރޮސެސިންގެ މަސައްކަތް ކުރިޔަށް ދާ ގޮތް ނޫސްވެރިންނަށް ދައްކާލުމުގެ ޕްރޮގްރާމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ފެލިވަރު ތަރައްގީކޮށް، މަސް ގަންނަ ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ފުރަމެންދުރު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ ފާއިތުވެދިޔަ ދެ އަހަރުގައި ރާއްޖޭގެ މަސްވެރިކަން ރަނގަޅު ކަމަށެވެ. އަދި މިފްކޯގެ ހާލަތު ރަނގަޅު ކުރުމަށް އެކި މަސައްކަތްތައް ކުރެވުނުކަމަށް ފައުޒީ ވިދާޅުވިއެވެ.

އޭގެ ތެރޭގައި ބޯޓުތަކުގެ ހާލަތަށް ގެނެވުނު ބަދަލުތައް ފައުޒީ ފާހަގަކުރެއްވިއެވެ. ފައުޒީ ވިދާޅުވީ 2020 ވަނަ އަހަރަކީ މިފްކޯގެ 14 އަހަރުގެ ތާރީހުގައި ވެސް އެންމެ ގިނައިން މަސް ގަނެފައިވާ އަހަރު ކަމަށެވެ. އެއީ 49،300 ޓަނުގެ މަހެވެ. އަދި އޭގެ ކުރީ އަހަރު ވެސް 48،000 އަށް ވުރެ ގިނަ ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 903 މިލިއަން ރުފިޔާ ދޫކުރެވުނު ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ  މިއަހަރުގެ މިހާތަނަށް އެކަނިވެސް މަސްވެރިންގެ އަތުން 2،400 ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 37 މިލިއަން ރުފިޔާ ދޫކުރެވުނު ކަމަށެވެ.

މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، ފެލިވަރުގައި ކިއުގައި ތިބެންޖެހުން ކަމުގައިވާއިރު، އެ ރަށަކީ ޕްރޮސެސިން ފެސިލިޓީއެއްކަމުން މާބޮޑު ސްޓޯރޭޖަކާއި، ފްރީޒިން ކެޕޭސިޓީއެއް ނުހުންނަ ކަމަށް ފައުޒީ ވިދާޅުވިއެވެ.

އެހެންވެ، މަސްތައް ގަންނަމުން ދިޔައީ މިފްކޯގެ “މަހާކަލަމިންޖާ” އާއި “މިފްކޯ 101” ގެ ފްރީޒިން ކެޕޭސިޓީ ބޭނުންކޮގެންކަން ފައުޒީ ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ފެލިވަރު ބަނދަރުން އެކަނި ވެސް 200 ޓަނުގެ މަސް ކަލެކްޓު ކުރެވޭ ކަމަށް ފައުޒީ ވިދާޅުވިއެވެ.

“މިފްކޯގެ ހަޔާތުގައި ވެސް އެންމެ ރަނގަޅަށް، ފެލިވަރު ބަންދަރަށް އެކަނި އަޅުގަނޑުމެން ބަލާކަމުގައި ވާނަމަވެސް އަޅުގަނޑުމެން ގަތިން 12،000 ވަރަކަށް ޓަނު. އެހެންވީމަ އެއީ، އަނެއްހެން ބަލަންޏާވެސް ވަރަށް ގިނަ މަސައްކަތް.” ފައުޒީ

މިފްކޯގެ ތަރައްގީއަށް ކުރުމަށް ހަމަޖެހިފައިވާ، މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ފައުޒީ ވިދާޅުވީ، ރާއްޖޭގެ އުތުރުގައި އައިސް ޕާލާންޓުތައް އިތުރަށް ގާސިމް ކުރުމާއި، މަސް ފިނި ކުރާ ޖާގާތަކުގެ ކެޕޭސިޓީ ބޮޑުކުރުމާއި، މަސް ޕްރޮސެސް ކުރާނެ ފެސިލިޓީތައް ގާއިމް ކުރުން ހިމެނޭ ކަމަށެވެ. އަދި ބްރައިން ފެސިލިޓީތައް އިތުރުކޮށް، މަސްވެރިންގެ އަތުން މަސް ގަނެ، މަހުން ރަނގަޅު ޕްރޮޑަކްޓެއް ނެރުމަށް ކުރާ މަސައްކަތްތައް ހިމަނާ ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނައުން ހިމެނޭ ކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފްކޯ އަކީ އަމިއްލަ ފައިމައްޗަށް ތެދުވާން ޖެހޭ ކުންފުންޏެއްކަން ފާހަގަކޮށް ފައުޒީ ވިދާޅުވީ، ބޭނުންވަނީ މިފްކޯއަކީ ރައްޔިތުން ބޭނުންވާކަހަލަ ކުންފުންޏަކަށް ހެދުން ކަމަށެވެ. އަދި އެންމެ ބޮޑު އަމާޒަކަށް ވެގެންދާނީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ކަމުގައި ފައުޒީ ވިދާޅުވިއެވެ. އޭގެ ފަހުން މިފްކޯއަކީ ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަސްތައް ނުކިރި، ކިއުގައި ތިބެންޖެހޭތީ ގިނަ ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އަދި މަސްވެރިން ބާނާ މަސް ހަމަ އަގުގައި މިފްކޯއަށް ނުގަނެވުމާއި އެކު، ފެލިވަރުގެ ފަޅުގައި ދޯނިފަހަރުތައް ތިބެންޖެހޭތީ ދާދިފަހުން މަސްވެރިން އިހުތިޖާޖުކޮށްފައި ވެއެވެ. އެހެން ނަމަވެސް އެކަމަށް ފައުޒީ ވިދާޅުވީ، ރާއްޖޭގައި މަސްވެރިންނަށް ރަނގަޅު އަގެއް ދޭ ކުންފުންޏަކީ މިފްކޯކަމަށެވެ.

ފައުޒީ ވިދާޅުވީ މިފްކޯގެ ތަރައްގީގެ މަސައްކަތްތަކާއި އެކު، ރާއްޖޭގެ އުތުރުގެ މަސްވެރިކަމަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ފެލިވަރު ތަރައްގީ ކުރެވިގެން އަންނައިރު 4000 ޓަނުގެ ސްޓޯރޭޖަކާއި، ފްރީޒިން ކެޕޭސިޓީއަށް 200 ޓަނުގެ މަސް ގެނެވެނެކަމަށެވެ. އަދި އާރުއެސްޑަބްލިއުގެ 80 ޓަނާއި އެކު، އާ ކޭނަރީގެ މަސައްކަތް ފެށޭއިރު 100 ޓަނު އިތުރު ކުރެވިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

“ގާތްގަނޑަކަށް 300 ޓަނަށް ވުރެ ވެސް އިތުރަށް އަޅުގަނޑުމެންނަށް ކަލެކްޓު ކުރެވެނެ” ފައުޒީ

މީގެ އިތުރުން ފައުޒީ ވިދާޅުވީ، ތަރައްގީގެ ޕްލޭންތައް ކުރިޔަށް ގެންދަނީ އުތުރުގެ މަސްވެރިކަމުގެ ބަނދަރުތަކަށް ވެސް ފެތޭނެހެން ކަމަށެވެ. ކޫއްޑޫ އާއި، އައްޑޫގެ ފެސިލިޓީއާއި ގުޅޭގޮތުން ފައުޒީ ވިދާޅުވީ ދެ ފެސިލިޓީގެ މަސައްކަތް ވެސް ރަނގަޅު ގޮތުގައި އޮޕަރޭޓު ކުރެވޭ ކަމަށެވެ.

ފައުޒީ ވިދާޅުވީ ކޫއްޑޫގައި 2000 ޓަނު، އަދި އައްޑޫ ހުޅުމީދޫގައި 1500 ޓަނުގެ ކެޕޭސިޓީ ހުންނަ ކަމަށެވެ. މަސްވެރިކަން ރަނގަޅު ދުވަސްތަކު ކޫއްޑޫއިން ވެސް 534 ޓަނުގެ މަސް ދުވާލެއްގެ މައްޗަށް ކަލެކްޓު ކުރެވޭ ކަމަށާއި، އައްޑޫއިން 100 ޓަނު އިތުރަށް ކަލެކްޓު ކުރެވޭ ކަމަށެވެ.

ފްރީޒިން ކެޕޭސިޓީ ތަރައްގީ ކުރާއިރު، ގދ. ތިނަދޫގައި 1000 ޓަނުގެ ސްޓޯރަކާއި އެކު، 100 ޓަނު ދުވާލަކަށް ގަނެވޭ ގޮތަށް މަސައްކަތް ކުރެވޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. އޭގެ އިތުރުން މ. މުލަކުގައި ސްޓޯރޭޖުގެ މަސައްކަތް ފަށާނީ 500 ޓަނުން ކަމަށް ފައުޒީ ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަކީ، ފަތުރުވެރިކަމާއި އެއްވަރުގެ ބޮޑު ދާއިރާއަކަށް ހެދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި ވަނީ، އެކަމުގެ ޔަގީންކަން މަސްވެރިންނަށް މިފްކޯގެ ފަރާތުން ދޭ ކަމަށާއި، އެ މަސައްކަތް ކުރެވޭނީ މަސްވެރިންގެ ވެސް އެއްބާރުލުން ލިބި، އެންމެން ގުޅިގެންކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: