ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 4 ގައި

މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 4ގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ބަޔާން އިއްވާ ދުވަހެެއްގެ ގޮތުގައި އަންނަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަސް ކަނޑައަޅައިފިއެވެ.

މިކަން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންވެސް ކަށަވަރުކޮށްދީފައެވެ.

2020 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ އެންމެ ފަހު ޖަލްސާ ބާއްވާފައިވަނީ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ތިން ދައުރަކަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައިރު، ފުރަތަމަ ދައުރުގައި 42 ޖަލްސާ، ދެވަނަ ދައުރުގައި 34 ޖަލްސާ އަދި ތިންވަނަ ދައުރުގައި 28 ޖަލްސާ ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހުސްވި އަހަރުގެ ތެރޭގަައި ދައުރުން ބޭރުންވެސް ވަނީ މަޖިލީހުގެ ޚާއްސަ ޖަލްސާތަކެއް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ފުރަތަމަ ދައުރަށްފަހު، ދައުރުން ބޭއްވި ޚާއްސަ ޖަލްސާތަކަކާއި ތިންވަނަ ދައުރަށްފަހު މިއަހަރު ފެށުނު ފަހުން ކުރިއަށް ގެންދިޔަ ޚާއްސަ ޖަލްސާތައް ހިމެނެއެވެ.

ފުރަތަމަ ދައުރަށްފަހު ދައުރުން ބޭރުން ޖަލްސާތައް ކުރިއަށް ގެންގޮސްފައިވަނީ ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ގާނޫނު އެކުލަވާލުމުގެ މަސައްކަތްތައް ކުރުމަށެވެ. އަދި މިއަހަރު ތެރޭގައި ދައުރުން ބޭރުން ޖަލްސާތައް ކުރިއަށް ގެންގޮސްފައިވަނީ ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތްތައް ކުރުމަށެވެ.

ހުސްވި އަހަރުގެ ތެރޭގައި މަޖިލީހުގެ ކުރެވުނު މަސައްކަތްތަކަކީ ފާހަގަކުރެވޭ މަސައްކަތްތަކެއްކަމަށް މަޖިލީހުގެ އިދާރާއިން ފާހަގަކުރެއެވެ. އެގޮތުން މަޖިލީހުގެ ތަޅުމުގައި ރިކޯޑް އަދަދަކަށް މަސައްކަތް ކުރެވުނުއިރު، މަޖިލީހުގެ ކޮމެޓީތަކުގައިވެސް ރިކޯޑް އަދަދަކަށް މަސައްކަތްކުރެވުނުކަމަށް އިދާރާއިން ފާހަގަކުރެއެވެ.

ހުސްވި އަހަރު ފާސްކުރެވުނު މުހިންމު ބައެއް ބިލުތަކަށް ބަލައިލާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު، ތައުލީމުގެ ބިލު، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލު އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށައެޅުނު އިސްލާހުތައް ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ހުސްވި އަހަރު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ. ހުސްވި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ތަރައްގީގެ އެކި މަޝްރޫއުތަކުގެ ޕްލޭންތައް ރައީސް ވަނީ ހިއްސާކުރައްވާފައެވެ. އެހެންނަމަވެސް، ކޮވިޑް-19ގެ ޕެންޑަމިކްގެ ސަބަބުން ގިނަ ކަންކަން ނުވެދާކަން ސަރުކާރުން އަންނަނީ ފާހަގަކުރަމުންނެވެ.

ހުސްވި އަހަރެކޭ އެއްފަދައިން މިއަހަރަކީވެސް އިގްތިސާދީގޮތުން ތަދު އަހަރަކަށްވާނެ ކަމަށް ލަފާކުރެވޭކަމަށް ސަރުކާރުން ފާހަގަކުރަމުންދާއިރު، މިއަހަރުގެ ރިޔާސީ ބަޔާން އަލިއަޅުވާލާނީ އިގްތިސާދީގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާނެ މަސައްކަތްތަކަށް ކަމަށް ބެލެވެއެވެ.

ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާ ފުރަތަމަ ދުވަހު ގައުމުގެ ހާލަތު ބަޔާންކޮށް އެއިރަކު ރައީސަކަށް ހުންނަވާ ބޭފުޅަކު ރިޔާސީ ބަޔާން އިއްވުމަކީ ގާނޫނު އަސާސީއިން ލާޒިމްކުރާ ކަމެކެވެ. އަދި އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އަންނަނީ ކަނޑައަޅަމުންނެވެ. މިއަހަރުގެ ރިޔާސީ ބަޔާން ވެގެންދާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތިންވަނަ ރިޔާސީ ބަޔާނަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: