ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު އެންމެ ބާރަށް ކުރިއަރާނެ ފަސް އިގްތިސާދުގެ ތެރޭގައި ރާއްޖެ ހިމެނޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

މިހިނގާ 2022 ވަނަ އަހަރުގެ ތެރޭގައި އެންމެ ބާރަށް ކުރިއަރާނެކަަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ލަފާކޮށްފައިވާ ފަސް އިގްތިސާދުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ތަފާސް ހިސާބު އެކުލަވައިލަން ފެށި ފަހުން ފެންނަ އެންމެބޮޑު އަދި ކުއްލި އަޑިގުޑަން ރެކޯޑު ކުރެވިފައިވަނީ 2020 ވަނަ އަހަރުކަމަށެވެ. އެގޮތުން، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު، އެ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 33.5 އިންސައްތައަށް ދަށަށްދިޔަކަމަށް ރައީސް ވިދާޅުވިއެވެ.

އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިނަމަ، އާންމު ދިވެހި ދިރިއުޅުން ދުވަހަކު ނުދާހާ ދަށަށް ސޮއްސާލާނެ ހާލަތަކަށް ރާއްޖެދިޔަކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން އެޅި ފިޔަވަޅުތަކާއި، އޭގެ ހެޔޮ ނަތީޖާ އަހަރެއްހާ ދުވަސް ނުވަނީސް ފެންނަން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ހުސްވި 2021 ވަނަ އަހަރު ނިމިދިޔައީ، ރާއްޖޭގެ ފަތުރުވެރިކަން ހިފި އަމާޒަށްވުރެވެސް މަތިން ހާސިލު ކުރެވިގެންކަމަށް ރައީސް ވިދާޅުވިއެވެ. 2021 ވަނަ އަހަރަށް އެއް މިލިއަން ފަތުރުވެރިންނަށް އަމާޒު ހިފިނަމަވެސް ނަމަވެސް، އެ އަހަރު ޖުމްލަ 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

2021 ވަނަ އަހަރުގެ އުފެއްދުންތެރިކަން ހުންނާނީ 31.6 އިންސައްތައާއި 38.5 އިންސައްތައާ ދެމެދުގައި ކަމަށް ބެލެވޭކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ވާރލްޑް ބޭންކާއި އައިއެމްއެފް ފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖެއާމެދު ލަފާކުރި މިންވަރަށްވުރެ އެތައް ތަނެއް މަތީ މިންވަރެއްކަމަށް ރައީސް ވިދާޅުވިއެވެ. އައިއެމްއެފްއިން ލަފާކުރާ ގޮތުގައި، މި ހިނގާ 2022 ވަނަ އަހަރުވެސް އެންމެ ބާރަށް ކުރިއަރާނެ ކަމަށް ބެލެވޭ މުޅި ދުނިޔޭގެ 5 އިގްތިސާދުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަމަށް ރައީސް ވިދާޅުވއިެވެ. އަދި ސަރުކާރުގެ އަންދާޒާއަކީ، މިހިނގާ 2022 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދުންކަމަށް ރައީސް އަންދާޒާކުރެއްވިއެވެ އަދި މި އަހަރު ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް ލަފާކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ ޖުލައި މަހު، ދައުލަތުގެ ރިޒަރވް މެނޭޖް ކުރުމަށް ރިޒަރވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ ވަނީ މިދިޔަ ޑިސެންބަރު މަހުގެ 29 ގައި ދައްކައި ނިމިފައިކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މި ސަރުކާރުން މިހާތަނަށް 447 މިލިއަން ޑޮލަރު ވަނީ ދައްކައި ނިންމާފައިކަމަށާއި 2021 ވަނަ އަހަރު ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒަރވްގެ ގޮތުގައި 791.2 މިލިއަން ޑޮލަރު ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

“ބޭރު ފައިސާގެ ތާށިކަން ޙައްލުކުރުމާއި، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް، ސަރުކާރުން މި އަހަރު އަޅަން ފަށާނެ. އަދި ބޭރު ފައިސާގެ ބާޒާރާ ގުޅޭ ޤާނޫނީ އޮނިގަނޑަށް ބަދަލުގެނެވޭނެ.” ރައީސް

މީގެ އިތުރުން ރައީސް ވަނީ ދައުލަތެއް ހިނގަނީ މާލީ ލޭންދޭނުތަކާވެސް އެކުގައިކަމަށް ވިދާޅުވެފައެވެ. އެގޮތުން، ހޯދަންޖެހޭ އެއްޗެއް ހޯދުމާއި، އަދާކުރަންޖެހޭ އެއްޗެއް އަދާކުރުމުގައި، އިގްތިސާދީ ދުޅަހެޔޮ ސިޔާސަތެއްގައި ދެމިތިބެވޭނެ ކަމުގެ އިތުބާރު ސަރުކާރަށް އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންދާޒާ ކުރެވިފައިވާ އިގްތިސާދީ އަމާޒު ހިފެހެއްޓުމަކީ ސަރުކާރުގެ އަޒުމްކަމަށާއި ކޮވިޑް-19ގެ ކުރިން އޮތް ހިސާބަށް އިގްތިސާދު އަނބުރާ ގެންދެވޭނެ ކަމުގެ ފާހަގަ ސަރުކާރުން ޖަހާ އަހަރަކީ 2023 ވަނަ އަހަރުކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: