ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްރަށަށް ފޮނުވުމުގެ އުސޫލު ފެބްރުއަރީގައި އާންމު ކުރާނެ: ޖެންޑަރ

ކޮވިޑާއެކު ގިނަ ބައެއްގެ ދިރިއުޅުން ރަށަށް ބަދަލުކުރި
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި އުޅޭ މީހުންގެ ތެރެއިން ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް ޚާއްސަ އުސޫލު ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ތެރޭގައި ގެޒެޓް ކުރެވޭނެކަމަށް ޖެންޑަރ މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ސަންގު ޓީވީއަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިޔުނިކޭޝަންސް އިބްރާހިމް މުހައްމަދު ވިދާޅުވީ މާލޭގައި ދިރިއުޅެމުންދާ އާއިލާތަކުގެ ތެރެއިން އަމިއްލަ ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އިބްރާހިމް ވިދާޅުވީ މިހާރު ކުރިޔަށް ދަނީ އުސޫލު އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

އިބްރާހިމް ވިދާޅުވީ ކޮވިޑް-19 ގެ ލޮކްޑައުންއާއެކު އިގްތިސާދީ ގޮތުން ގިނަ ގެއްލުންތަކެއް އާންމުންނަށް ވެގެންދިޔަ ކަމަށެވެ. އަދި ވަޒީފާ ގެއްލި، އާމްދަނީ ދަށްވެގެން ދިޔުމުގެ ސަބަބުން އިޖްތިމާއީ އެތައް މައްސަލަތަކެއް ފެންމަތިވެގެން އައި ކަމަށް ވިދާޅުވިއެވެ.

ލޮކްޑައުނާއާއި އެކު އިތުރު ގޮތެއް ނެތި އާއްމުން ރަށަށް ބަދަލުވާން މަޖުބޫރުވީ ނަމަވެސް، ގިނަ އަހަރުތަކެއް ވަންދެން މާލޭގައި ދިރިއުޅުން ބިނާ ކުރުމަށްފަހު އަލުން ރަށަށް ބަދަލުވުން އެއީ ފަސޭހަކަމެއް ނޫންކަން އިބްރާހިމް ފާހަގަ ކުރެއްވިއެވެ. ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް އެ އެހީތެރިކަން ފޯރުކޮށްދޭނެ އުސޫލާއި ގުޅޭގޮތުން އިބްރާހިމް ވިދާޅުވީ، އާއިލާތައް ރަށްރަށަށް ފޮނުވުމުގައި ގިނަ ކަންތައްތަކަކަށް ރިއާޔަތް ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ރަޖިސްޓްރީވާ އާއިލާތަކުގެ ތެރެއިން ފޮނުވާނެ އާއިލާތައް ކަނޑައެޅުމަށް ކަމާއި ގުޅޭ ވުޒާރާތަކާއި މުއައްސަސާތަކާއެކު ކޮމެޓީއެއް އެކުލަވާލާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އިބްރާހިމް ވިދާޅުވީ ގޮތުން އޭގެ ތެރޭގައި ޖެންޑަރ މިނިސްޓްރީގެ އިތުރުން ދައުލަތުގެ ގިނަ ވުޒާރާތަކާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ހިމެނެއެވެ.

“ޝަތުރު ހަމަވޭތޯ ބެލުމުގައި އެގެއެއްގައި ދިރިއުޅޭ އެންމެން ކުރާ މަސައްކަތާއި އާމްދަނީއަށް ބެލޭނެ. އާއިލާގައި ތިބީ ކިތައް މެމްބަރުންތޯއަދި އާއިލާ މެމްބަރުންގެ ޖިސްމާނީ، ނަފްސާނީ ދުޅަހެޔޮކަމަށް ބެލޭނެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހަކު އާއިލާގައި އުޅޭތޯވެސް ބެލޭނެ.” ޖެންޑާރ

މީގެ އިތުރަށް އިބްރާހިމް ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ވަކި ފަރުދަކު ރަށަށް ބަދަލުވާން ބޭނުންވެގެން ރަށަށް ފޮނުވައި ނުދެވޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، މި ޕްރޮގްރާމް ހަމައެކަނި އާއިލާތަކަށް ހާއްސަ ކުރެވިފައި ވުމެވެ.

ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަލާހައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި މާލެ ސަރަހައްދުގައި އުޅެމުންދާ ރައްޔިތުންގެ ތެރެއިން ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް އިބްރާހިމް ވިދާޅުވިއެވެ. އަދި ދެވަނަ މަރުހަލާގައި އާބާދީ ބޮޑެތި ރަށްތަކުގައި ދިރިއުޅެމުންދާ އާއިލާތަކުގެ ތެރެއިން އަމިއްލަ ރަށަށް އެނބުރި ދާން ބޭނުންވާ އާއިލާތަކަށް އެ ފުރުސަތު އޮންނާނެކަން އިބްރާހިމް ފާހަގަ ކުރެއްވިއެވެ.

ރަށަށް ބަދަލުވުމަށް ފަހު ކުރިމަތިވާނެ ދަތިތައް ހުންނާނެކަން ފާހަގަކުރައްވައި އިބްރާހިމް ވިދާޅުވީ، ބަދަލުވާ އާއިލާތަކަށް 20،000 ރުފިޔާއާއި ހަމައަށް ލޯން ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. މިލޯން ދޫކުރާނީ އެއް އަހަރުގެ ގްރޭސް ޕީރިއަޑަކާއިއެކު ކަމަށާއި ލޯން އަނބުރާ ދެއްކުމަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ދޭނެކަމަށް ވިދާޅުވިއެވެ. އަދި އިތުރު ތިން އަހަރު ބޭނުންވާނަމަ، ތިން އަހަރުގެ މުއްދަތެއް އިތުރަށް ފޯރުކޮށްދެވޭނެ ކަމަށާއި އެހެން ނަމަވެސް، އިތުރުކުރި ތިން އަހަރުގެ ތެރޭގައި ލޯން ދައްކާނަމަ، ފަސް އިންސައްތައިގެ އިންޓްރެސްޓެއް އިތުރު ކުރެވޭނެކަމަށް އިބްރާހިމް ވިދާޅުވިއެވެ.

“ފުރަތަމަ އިސްކަންދޭނީ މާލެ ސަރަހައްދުން ރަށްރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް” ޖެންޑާރ

މީގެ އިތުރަށް، ރަށުން ވަޒީފާ ބޭނުންވާ ފަރާތްތަކަށް ސިވިލް ސާވިސް ކޮމިޝަނާއި ގުޅިގެން ވަޒީފާ ފޯރުކޮށްދިނުމުގެ ފުރުސަތުވެސް ފަހިކޮށްދޭނެ ކަމަށް އިބްރާހިމް ވިދާޅުވިއެވެ. އަދި އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވާ މީހުންނަށް ބީއެމްއެލްގެ ލުއިލޯން މެދުވެރިކޮށް ލޯން ލިބޭނެ ގޮތްވެސް ފަހިކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ ރަށަށް ދިރިއުޅުން ބަދަލުކުރުމާއެކު، ސިއްހީ ފަރުވާގެ ކަންކަމަށް އަންނާނެ ބަދަލުތައް ފާހަގަކޮށް، އެރަށަކުން ފަރުވާ ނުލިބޭނެނަމަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އެހީތެރިކަމާއެކު އެންމެ ކައިރިން އެފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެކަމަށެވެ.

މިހުރިހާ ކަމަކަށް ޖުމްލަ 26.7 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވޭ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

ލޮކްޑައުންއާއި ގުޅިގެން ގިނަ އާއިލާތަަކުން މާލޭގެ ދިރިއުޅުން ދޫކޮށްލުމަށްފަހު، ރަށްރަށަށް ވަނީ ބަދަލުވެފައެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ގިނަ ބައެއްގެ ވަޒީފާ ގެއްލި، އާމްދަނީ ދަށްވުމާއި ގުޅިގެން ގޭގެ ކުލި އަދި ބިލުތައް ދެއްކުމަށް ދަތިވުން ހިމެނެއެވެ. މިފަދަ އެތައް ބަޔަކަށް ޖެންޑަރ މިނިސްޓްރީއިންނާއި ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: