ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން ދައުވާއަށް އިންކާރު، ޖަމީލް ވިދާޅުވީ ޔާމީން ވެރިކަން ކުރީ ގާނޫނާއި އެއްގޮތަށް ކަމަށް!

ހައިކޯޓުގެ އަޑުއެހުމަށް ރައީސް ޔާމީން ހާޒިރު ކުރި ދުވަހު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއަށް އެ މަނިކުފާނު މިއަދު އިންކާރު ކުރައްވައިިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓުގައި ފަށާފައިވައިރު، މައްސަލައިގައި މިއަދު ވެސް ކުރިޔަށް ގެންގޮސްފައިވަނީ އިބްތިދާއީ މަރުހަލާއެވެ. މަނީ ލޯންޑާރ ކުރެއްވުމާއި، އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުންތައް ފެށިތާ ދުވަސްތަކެއް ވަނީ ވެފައެވެ.

ދެ ދައުވާވެސް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ކުއްޔަށް ދޫކުރި ރ. ފުއްގިރި މައްސަލައިގައެވެ. މައްސަލައިގައި ދައުލަތުން ބުނެފައިވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގައި ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުން ކުރެއްވި ކަމަށެވެ. އަދި ފުއްގިރު ކުއްޔަށް ދޫކޮށް 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ފަށަލަކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައި ވެއެވެ.

މައްސަލައިގައި ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ އެންމެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ހިނގާފައި ނެތް ކުށެއް ކަމަށެވެ. އަދި މިއީ ސިޔާސީ ބޭނުމަކަށް ކުރާ ދައުވާތަކެއް ކަމަށާއި، މިއީ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ރައީސް ޔާމީނާއި މެދު ހަސަދައެއް ފިލުވާލުމުގެ ނިޔަތުގައި އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި، ސިޔާސީ ވާހަކަތާއި އަދި ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުގެ ވާހަކަތައް ހިއްސާކުރައްވާ ޑރ. ޖަމީލް ވިދާޅުވީ އެމަނިކުފާނަކީ ގާނޫނު އަސާސީއާއި އެއްގޮތަށް ވެރިކަން ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޔާމީން މަސައްކަތް ކުރެއްވީ ގައުމަށް ފުދުންތެރިކަން ގެނެސްދެއްވުމަށް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަނީ، ހިޔާނާތުގެ މައްސަލައިގައި އަސްލު ކުށް ކުރި މީހުންނަށް ދައުލަތުން ހާއްސަ އިނާޔަތްތަކެއް ދީ، ހެކިންގެ ގޮތުގައި ހަމަޖައްސައިގެން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އޭގެ ތެރޭގައި، ކުރީގެ ނައިބް ރައީސް އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި 19 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަހުމަދު އަދީބަށް ލުއިގޮތްތަކެއް ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދިނުމުގެ ހަދިޔާއެއްގެ ގޮތުގައި އަދީބު ހުންނެވީ ގޭ ބަންދުގައި ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވި ގޮތުގައި ފުއްގިރި މައްސަލައިގައި މުއާމަލާތް ހިންގި ބޭފުޅަކީ އަދީބެވެ. އަދި މި މައްސަލައިގައި ކްރިކް ރިޒާ އަދި ސަން ކުންފުނީގެ މައްޗަށް ދައުވާ އުފުލާ މައްސަލަ ކޯޓުގައި ކުރިޔަށްދާކަން ފާހަގަކޮށް ޑރ. ޖަމީލް ވިދާޅުވީ އެ މައްސަލައިގައި ގޮތެއް ކަނޑަނޭޅެނީސް މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ނުއުފުލޭނެ ކަމަށެވެ. އޭގެ ސަބަބަކީ ކްރިކް ރިޒާގެ މައްޗަށް ކުށް ސާބިތު ނުވާނަމަ، ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަސާސް ގެއްލިގެން ދިއުން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

އެ ވާހކަތަކަށް ރައްދު ދެއްވައި މައްސަލަ ބައްލަވާ، އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ އާއި އެ ފައިސާ ލޯންޑާރ ކުރިކަމުގެ ދައުވާ ލިބޭ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަންގެ މައްސަލަ މި ވަގުތު ވަކިވަކީން ކުރިއަށް ގެންދިޔަސް، ޝަރީއަތުގެ މަރުހަލާގައި ހުރިހާ މައްސަލަތަކެއް ވެސް ކުރިޔަށް ގެންދާނީ އެއްކޮށް ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ޝަރީއަތް މަޑުޖައްސާލަން އެދިފައި ވެއެވެ. އެއީ ލިޔެކިއުންތަކެއް ނުލިބޭކަމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވީ ނަމަވެސް މައްސަލަ ކުރިޔަށް ގެންދަން ގާޒީ ނިންމެވެމުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައިގައި އެދިފައިވަނީ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށެވެ. އޭނާ ވިދާޅުވީ ހައި ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާތީ އެކަން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރަން ހުށަހަޅާފައިވާނެ ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ނިމެންދެން ޝަރީއަތް މަޑުޖައްސާލަން އެދޭ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޖަވާބުގައި އިސް ގާޒީ ޝަކީލް ވިދާޅުވީ، ހައިކޯޓަށް މައްސަލަ ހުށަހެޅިކަމަށް ބުނާ ލިޔުން ފިޔަވައި އިތުރު ލިޔެކިއުމެއް ނެތް ކަމަށެވެ. ގާޒީ އެހެން ވިދާޅުވުމުން ޑރ. ޖަމީލް ވަނީ، މައްސަލައިގެ އިސްތިއުނާފު ކޯޓުގެ އީމެއިލްއަށް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް، ގާޒީ ވިދާޅުވީ އެކަން ސާބިތުވާނެ ރަސްމީ ލިޔުމެއް ގެނައުމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން، ގާޒީ ވިދާޅުވީ މައްސަލައިގައި އިތުރު އަޑުއެހުމެއް ފެބްރުއަރީ މަހު ބާއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: