ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލު ވަކިކުރި މައްސަލައިގައި ވަކީލު: “ޖަމީލް ނާގާބިލުވިކަން މެމްބަރުންނަށް ނުނިންމޭނެ”!

ނައިބް ރައީސްކަމުން ވަކި ކުރި މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންދިޔަ އަޑުއެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބު ރައީސެއްގެ މަސްއޫލިއްޔަތުތަކާއި ބެހޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަކި މަސައްކަތްތަކެއް ކަނޑައަޅާފައި ނެތީސް ޒިންމާތަކަށް ނާގާބިލުވެފައިވާކަމަށް މަޖިލީހުގެ މެމްބަރުންނަށް ނުނިންމޭނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް އަހުމަދުގެ ގާނޫނީ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

2015 ވަނަ އަހަރު ގިނަ ތުހުމަތުތަކާއި އެކު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. ޖަމީލް އަހުމަދު މަގާމުން ވަކިކުރި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފައެވެ. ކޯޓަށް ޖަމީލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ވަނީ، މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރުކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ.

ޖަމީލް ވަކިކުރީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކުގެ ސައްހަ ކަމުގެ މައްސަލަ ކޯޓުތަކަށް ނުބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ވާތީ، ޖަމީލް ހުށަހަޅުއްވާފައިވާ މައްސަލަ ވެސް، ގާނޫނުއަސާސީގައި ބުނާ އިސްތިސްނާ ހާލަތެއްގައި ނޫނީ ކޯޓަށް ނުބެލޭނެ ކަމަށް ކުރީގެ އަޑުއެހުމުގައި ދައުލަތުން ވަނީ ބުނެފަ އެވެ.

ނައިބު ރައީސްކަމުން ވަކި ކުރި މައްސަލަ ޖަމީލްގެ ފަރާތުން ކޯޓަށް ހުށަހެޅުމުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވޯޓުން ނިންމާފައިވާ ނިންމުމެއް ކޯޓަށް ބެލިދާނެކަމާއި މެދު ސުވާލު އުފެއްދިއެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި އެކަމާއި ބެހޭ ނުކުތާތަށް ހުށަހަޅުއްވަމުން، ޑރ. ޖަމީލްގެ ގާނޫނީ ވަކީލް މުއިއްޒު ވިދާޅުވީ މަގާމުން ވަކި ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ދެމެދު ޤާނޫނު އަސާސީ ތަފާތެއް ނުކުރާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރުމުގައި ލިބިދޭންޖެހޭ ހިމާޔަތާއި، ރައްކާތެރިކަމާއި އެ އުސޫލުތައް ނައިބު ރައީސަކަށް ވެސް ލިބިދޭންޖެހޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ގަނޫނު އަސާސީގެ 100 ވަނަ މައްދާގައި ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުމާއި ބެހޭ ގޮތުން ދެ ބޭފުޅުންގެ ދެމެދުގައި ފަރަގުކޮށްފައި ނުވާކަމަށެވެ.

މި މައްސަލަ ކޯޓަށް ބެލެނޭ ސަބަބުތަކުގެ ގޮތުގައި މުއިއްޒު ފާހަގަކުރައްވާފައި ވަނީ މިއީ ދުސްތޫރީ މައްސަލައަކަށް ވުމާއި، އަދި މީހެއްގެ އަސާސީ ހައްގަކަށް އަރައިގެންފައި ވުމެވެ. އެއީ ވަކީލުންގެ އެހީ ހޯދުމުގެ ފުރުސަތެއް ނުދީ، މައްސަލަ ހިންގާފައިވުންކަމަށް ވަކީލު ވިދާޅުވިއެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައަކާއި އެކު ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރުމުގެ މަސައްކަތެއް ކުރިޔަށް ދާނަމަ، އެކަން ސުޕްރީމް ކޯޓަށް ބެލޭނެއެވެ. އެހެން ނަމަވެސް ނައިބް ރައީސް މަގާމުން ވަކި ކުރުމުން އުފެދޭ ސުވާލުތަކުގެ ހައްލު ސުޕްރީމް ކޯޓުން ހޯދޭނެ ކަމަށް ބުނެފައި ނުވެއެވެ. އެކަމަށް އިޝާރާތްކޮށް ދައުލަތުން ބުނެފައިވަނީ ނައިބް ރައީސްކަމުގައި އިންނެވި ބޭފުޅެއް މަގާމުން ވަކި ކުރާ މައްސަލައެއް ސުޕްރީމް ކޯޓަށް ބެލޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޑރ. ޖަމީލް މަގާމުން ވަކި ކުރިއިރު، ހިލާފުވެގެން އުޅެނީ ކޮން މަސްއޫލިއްޔަތަކާއި ކަމެއް ސާފެއް ނޫންކަމަށެވެ. ރައީސްގެ މަސައްކަތްތަކާއި، އަދި މަސްއޫލިއްޔަތުތައް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ނަމަވެސް ނައިބު ރައީސެއްގެ މަސްއޫލިއްޔަތުތަކަކީ ކޮބައިކަން ބުނެދީފައި ނެތް ކަމަށެވެ. އެހެންވެ ނައިބު ރައީސް މަސައްކަތް ކުރަންޖެހެނީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުތަކުގެ ދަށުން، އެ ފަރާތަކުން ހަވާލު ކުރާ މަސައްކަތްތަކެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

“އެހެންވެ ދެންނެވީ، ރައީސުލްޖުމްހޫރިއްޔާއަށޭ އެނގިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މަތި ކުރި މަސްއޫލިއްޔަތުތަކެއް. އެކަމާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އެންގެވުމެއް އަންގަވާފައި ނެތިއްޔާ، އިއުލާނެއް ކުރައްވާފައި ނެތިއްޔާ، އެކަން ކުރައްވާފައި ނެތިއްޔާ ކިހިނެއްތޯ އޭ ރައްޔިތުންގެ މަޖިލީސް މެމްބަރުން އެއްވެސް ތަހުގީގެއް ވެސް ހިންގެވުމެއް ނެތި ހަމަ ކުއްލިއަކަށް ނާގާވިލުވިކަން އެނގިވަޑައިގަންވާނީ. އެހެންމީހަކާއި ހަވާލު ކުރިކަމެއް އެކަށީގެންވާ ގޮތެއްގައި އެކަމުގެ ފެންވަރު ނެތްކަން އެކަމުގެ އިހުމާލު ނެތްކަން ބުނެވޭނީ އެކަން ހަވާލު ކުރި ފަރާތަކަށް.” މުއިއްޒު

މުއިއްޒު ވަނީ ޑރ. ޖަމީލް މަގާމުން ވަކި ކުރުމުގައި އަމަލު ކުރި އުސޫލަށް ވެސް ސުވާލު އުފައްދާފައެވެ. އެގޮތުން ޖަމީލް ވަކި ކުރުމުގެ ބޭނުމަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެނައުމާއި އެކު، ޖަވާބުދާރީވާން ފުރުސަތު ދީފައިނުވުން ފާހަގަ ކުރިއެވެ.

މި މައްސަލަ ކުރިޔަށް ގެންދިޔައީ، ޖަމީލް ރާއްޖެއިން ބޭރުގައި ހުރުމުންކަމަށް ވެފައި ޖަމީލްގެ ބަދަލުގައި އޭނާގެ ވަކީލު ހާޒިރުވަން ވެސް ފުރުސަތު ނުދިން ކަމަށާއި އަދި ލިޔެކިއުމުން ވެސް ފުރުސަތު ނުދިނީ ހާޒިރުވާން ޖެހޭނީ އަމިއްލައިން ކަމަށް ބުނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނެރުއްވި އެއްވެސް ބަޔާނެއްގައި ވެސް ޖަމީލްއަށް ތުހުމަތެއްކޮށް، ހިތްހަމަނުޖެހުމެއް އޮތްކަމަށް ވިދާޅުވެފައި ނެތް ކަމަށެވެ.

މި މައްސަލައިގައި ޖަމީލް އެދިފައި ވަނީ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށެވެ. އަދި ޖަމީލް މަގާމުން ވަކި ކުރީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށް ކަނޑައެޅުމަށެވެ.

ގާނޫނު އަސާސީގައި އިތުރު ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދެއްގައި ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމެއް ކޯޓަށް ބެލުމުގެ ބާރެއް ނެތްކަމަށް ހުށަހަޅާފައިވާ ނުކުތާ މިއަދު ވެސް ދައުލަތުން ވަނީ ތަކުރާރުކޮށްފަ އެވެ. ދައުލަތުން ބުނެފައިވަނީ ނައިބު ރައީސް ވަކި ކުރުމުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ސަބަބުތަކަކީ އެއީ އެކަމުގެ މައްޗަށް އިތުރު އެއްވެސް ފަރާތެއްގެ ބަހެއް އޮތުން ގާނޫނު އަސާސީން ހުއްދަ ނުކުރާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެމްބަރުން ނައިބް ރައީސް ވަކި ކުރުމަށް ނިންމުމުން އެހާ ހިސާބުން ރައީސުލްޖުމްހޫރިއްޔާގެ ބަހެއް ވެސް ހޯދަން ނުޖެހޭނެ ކަމަށެވެ.

ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށްފަހު މިއަދުގެ އަޑުއެހުން ނިންމާލީ، މައްސަލައިގެ އަޑުއެހުންތައް ނިމުނީކަން އިއުލާނު ކުރުމަށްފަހު އެވެ. އަދި އިތުރު އަޑުއެހުމެއް ބާއްވާނީ، ފަނޑިޔާރުންގެ ސުވާލުތަކެއް ނުވަތަ ސާފު ކުރުމަށް ބޭނުންވާނަމަ ކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: