ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގައި ރައީސް ނަޝީދަށް ދިން އަނިޔާ ދުނިޔޭގައި އެހެން މީހަކަށް ނުދޭ: އިލްޔާސް

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ރާއްޖޭގެ ޖަލުތަކުގައި ދިން އަނިޔާ ދުނިޔޭގައި އެހެން މީހަކަށް ނުދޭކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު އިލްޔާސް ވިދާޅުވީ ރައީސް ނަޝީދަކީ، ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް އެންމެ މުހިންމު ދައުރެއް އަދާކުރި ލީޑަރުކަމަށެވެ. ރައީސް ނަޝީދަކީ، ހުރިހާ ރައްޔިތުންވެސް ފަހުރުވެރިވާފަދަ ލީޑަރެއްކަމަށާއި އެމަނިކުފާނަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ސިޔާސީ ލީޑަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް 30 އަހަރުގެ ޚުދުމުހުތާރު ވެރިކަމެއް ޑިމޮކްރަސީގެ ރީތި ސިފަތަކުގެ ތެރެއިން ބަދަލުކޮށްލީ ރައީސް ނަޝީދު ކަމަށާއި ޚުދުމުހުތާރު ވެރިކަމެއް ބަދަލުކޮށްލާނެ ގޮތް އެމަނިކުފާނު މުޅި ދުނިޔެއަށް ދެއްކެވި ކަމަށް ވިދާޅުވިއެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށްފަހު ޒަމާނ،ީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ރައީސް ނަޝީދު ގެންނެވިކަމަށް ވިދާޅުވިއެވެ. އަދި އެކަންކަމަށް ކެތް ނުކުރެވިގެން، ބަޣާވަތަކުން ވެރިކަން ބަދަލުކުރެއްވިކަމަށް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، އެފަދަ ލީޑަރެއްގެ ފުރާނަ ދުއްވާލުމަށް މަސައްކަތްކުރަން ކެރޭ ފަދަ ބަޔަކު ރާއްޖޭގައި ތިބިކަމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި މިފަދަ މަދުބައެއްގެ ސަބަބުން މުޅި ގައުމު ނުރައްކަލަށް ހުށައެޅޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިވަގުތު ރައްޔިތުންގެ މަޖިލީހުންވެސް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ހުރިހާ މުއައްސަސާއެއް ގުޅިގެން މިފަދަ އަމަލުތައް ދިނުމުގައި ހިމެނޭ މީހުން ހޯދައި އެކަންކަމަށް ހިތްވަރުދީ އަދި ޚަރަދުކުރާ ބަޔަކު ތިބި ތަންތަން ހޯދުންކަމަށް ވިދާޅުވިއެވެ. އަދި އެފަދަ މީހުންނަށް ހައްގު އަދަބު ދީގެން ރާއްޖެއިން މިކަން ނެތިކޮށްލަންޖެހޭކަމަށާއި ދެވަނަ ފަހަރަށް މިފަދަ ކަމެއް ނުހިނގާނެކަން ޔަގީންކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، ރައީސް ނަޝީދުގެ އުމުރުފުޅުން އެންމެ 23 އަހަރުން ފެށިގެން އެކި އަނިޔާތައް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެހެންނަމަވެސް، ދުވަހަކުވެސް އެމަނިކުފާނުގެ ހިތްވަރަށް އެއްވެސް ކަހަލަ ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. ރައީސް ނަޝީދަކީ ފަހަތަށް ފިޔަވަޅު އަޅުއްވާ ބޭފުޅެއް ނޫންކަމަށާއި، މިފަހަރުވެސް އެނބުރި މާގަދަކޮށް އަންނާނެކަމަށް ވިދާޅުވިއެވެ. އުމުރުފުޅުން އެންމެ 23 އަހަރުން ފެށިގެން ރައީސް ނަޝީދަށް ރާއްޖޭގެ ޖަލުތަކުގައިވެސް އެކި ފަހަރުމަތިން އަނިޔާތަކާއި ކުރިމަތިލައްވަން ޖެހުނުކަމަށާއި އެމަނިކުފާނަށް ނުލިބޭ އަނިޔާއެއް މިދުނިޔޭގައި އެހެން މީހަކަށް ނުލިބޭނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

“ޖަލުގެ ކުޑަގޮޅިގައި އެކހެރިކޮށް އެތައް ދުވަހެއް ވަންދެން ބެހެއްޓި. ހިނގަ ހިނގާ ހުރި ޖަނަރޭޓަރުގައި ޗޭނު ޖަހާފައި ބެހެއްޓި. ހަކުރު ހޭކުމަށްފަހު ހިންޏަށް ކާން ދިނުމަށް ބެހެއްޓި، ބިއްލޫރި ކާންދީފައިވޭ. މިހެން ގޮސް، އެމަނިކުފާނަށް ނުދޭ އަނިޔާއެއް މިރާއްޖޭގައި، މިދުނިޔޭގައި އެހެން މީހަކަށް ދީފައެއް ނެތް” މެމްބަރު އިލްޔާސް

ޖަލުތަކުގައި ރައީސް ނަޝީދަށް ދިން އަނިޔާތަކަށް އިޝާރާތްކުރައްވައި، މެމްބަރު އިލްޔާސް ވިދާޅުވީ ރައީސް ނަޝީދަކީ މިއިން އެއްވެސް ކަމަކަށް ބައްލަވާނެ ބޭފުޅެއް ނޫންކަމަށާއި އަދި ކޮންމެ ފަހަރަކުވެސް އާ ހިތްވަރަކާއެކު ރައީސް ނަޝީދު މަސައްކަތްކުރައްވާ ކަމަށެވެ.

އިލްޔާސްގެ ވާހަކައިގައި މިފަދަ ހަމަލާތައް މީގެ ކުރިން އަމާޒުކުރެވުނު ބޭފުޅުންނަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޑރ އަފްރާޝީމް އަލީ، ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި ބްލޮގަރ ޔާމީން ރަޝީދުގެ ނަން ފާހަގަކުރެއްވިއެވެ.

ޓެރަރިޒްމްގެ ހަމަލާތައް ރާއްޖޭގައި އާންމުވެފައިވާ މިންވަރަށް އަލިއަޅުއްވާލައްވައި އިލްޔާސް ވަނީ ޓެރަރިޒަމަކީ ސިޔާސީ ޕާޓީ ދަންނަ އެއްޗަކަށް ވެގެންނުވާނެކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ މައްސަލާގައި ހައްޔަރުކުރެވޭ މީހުންނަކީ ކޮން ގައުމެއް ނުވަތަ ކޮން އުމުރެއްގެ މީހެއްތޯ ބަލަން ނުޖެހޭނެކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީީދު އަވަހާރަކޮށްލުމަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބުމުނު އިލްޔާސް އެކަން ވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަށް ދެއްވާފައެވެ. އެކަން ދެބޭފުޅުންވެސް ކަށަވަރުކޮށްދެއްވާފައިވާއިރު، މިކަން ފެންމަތިވީ މިނިސްޓަރ މާރިޔާ ރާއްޖޭގެ އޮންލައިން މީޑިޔާއަކަށް ދިން އިންޓަވިއުއެއްގެ ތެރެއިންނެވެ. މިކަމާއި ގުޅިގެން މެމްބަރު އިލްޔާސްގެ ނުރުހުން މިނިސްޓަރަށް އަމާޒުވެފައިވާއިރު،  ތަހުގީގު ހިނގަމުންދާ މައްސަލައެއްގެ އެފަދަ މައުލޫމާތުތަކަކީ އާންމުކޮށްގެންވާނެ މައުލޫމާތުތަކެއް ނޫންކަމަށް މެމްބަރު އިލްޔާސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: