ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއަށް އެތެރެކޮށް ދުއްވާ އުޅަނދުތަކުގެ ލިމިޓެއް ކަނޑައަޅަނީ!

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއަށް އެތެރެކޮށް ދުއްވާ އުޅަނދުތަކުގެ މުއްދަތުތައް ކަނޑައަޅައި، އޭގެ ހާލަތު ދެނެގަތުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލޭގެ ތޮއްޖެހުން ކުޑަ ކުރުމުގެ ގޮތުންނާއި، އުޅަނދުތައް ދުއްވުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް އޭޖް ލިމިޓެއް ކަނޑައެޅުމުގެ މަޝްވަރާތަކެއް ޓްރާންސްޕޯޓު މިނިސްޓްރީ އާއި ކުރީގެ ސިޓީ ކައުންސިލާއި ދެމެދު ވެސް ކުރިޔަށް ގެންދިޔަ އެވެ. އެހެން ނަމަވެސް އޭރު އެ މަޝްވަރާތަކުގައި ވަކި ގޮތެއް ނިންމާފައި ނުވީ ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވެސް ވަނީ، މާލޭގެ ޓްރެފިކަށް އޮތް ހައްލަކީ އޭޖް ލިމިޓު ކަނޑައެޅުންކަން ފާހަގަކޮށްފަ އެވެ.

ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންވާއިރު، ސިޓީ ކައުންސިލްގެ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މީޑިއާތަކާއި ބައްދަލު ކުރައްވާފަ އެވެ.

މާލެ ސިޓީއަށް އެތެރެ ކުރާ ވެހިކަލްތަކުގެ ޒިންމާ ކަނޑައެޅުން ސިޓީ ކައުންސިލާއި ގާނޫނުން މަތިކޮށްފައިވާއިރު، މާލޭގައި މިވަގުތު ވެހިކަލްތަކުގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ އިތުރުން ބޭނުން ނުކުރާ ގިނަ އަދަދެއްގެ ވެހިކަލްތައް މާލޭގެ އެކި މަގުތަކުގައި ޕާކުކޮށްފައިވުމާއި އެކު، ރޯޑްވާދިނެސް އަކާއި ނުލާ މީހުން އުޅަނދުތައް ދުއްވާކަމަށް މޭޔަރު ވިދާޅުވި އެވެ.

ޕާކު ކުރާނެ ޖާގަތަކުގެ މައްސަލަ އުފެދުމުގެ އެންމެ ބޮޑު އެއް މައްސަލައަކީ މިއީކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، މަޝްވަރާތަކެއް ކުރެވުމަށްފަހު އުޅަނދުތަކުގެ ލިމިޓު ކަނޑައެޅުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް ނިންމާފައިވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ ކަމާއި ބެހޭ އިދާރާތްތަކުން ބޭނުންވާ މައުލޫމާތުތައް އެއްކުރުމަށްފަހު، އެއާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.

“އެކަން ކުރުމަށްޓަކާ ހަތް ކައުންސިލަރުން ހިމެނޭ ކޮމިޓީއެއް މިއަދު ވަނީ ނެގިފައި. އެ ކޮމިޓީން މަސައްކަތް ކުރިޔަށް ގެންދާނެ، ކުރިޔަށް ގެންގޮސް އެ ކޮމިޓީއަށް ފާހަގަ ކުރެވޭކަންކަން ފާހަގަކުރުމަށްފަހު ދެ ހަފްތާގެ ތެރޭގައި އެ ކޮމިޓީގެ ފައިންޑިންސްތައް ކައުންސިލްގެ ރަސްމީ ބައްދަލުވުމަކަށް ހުށަހަޅާނެ” މުއިއްޒު

މޭޔަރު ވިދާޅުވީ، އެ ކޮމިޓީގެ ހޯދުންތައް ކައުންސިލަށް ހުށަހެޅުމުން މާލޭގައި ދުއްވޭނެ އުޅަނދުތަކުގެ އަދަދާއި، އަދި އޭގެ ހާލަތު ކަނޑައެޅުމަށްޓަކާ ނިންމަންޖެހޭ ފަހުގެ ނިންމުންތައް ނިންމާނެ ކަމަށެވެ.

މިއީ މާލޭގެ ޓްރެފިކަށް ލިބިގެންދާ ލުޔެއްގެ ގޮތުގައި މުއިއްޒު ފާހަގަ ކުރި އެވެ. އަދި ކިތަންމެ ގިނައިން މާލޭގައި ވެހިކަލްތައް ޕާކު ކުރުމުގެ ވަކި ސަރަހައްދުތަކެއް ކަނޑައެޅިޔަސް މާލޭގައި ދުއްވާ އުޅަނދުތަކުގެ އަދަދަށް ބަދަލެއް ނާންނަނީސް އެކަމުގެ ހައްލެއް އަންނާނެކަން ގަބޫލެއް ނުކުރާކަމަށް މޭޔަރުގެ ވާހަކައިގައި ވިދާޅުވި އެވެ.

މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ގެނައުމަށް، މުއިއްޒުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އޭގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމްތައް ގާއިމް ކުރެވުނެވެ. އަދި ނިމިދިޔަ ކައުންސިލުން ވެސް ވަނީ، ގިނަ އަދަދެއްގެ ޕާކިން އޭރިއާތަކެއް ގާއިމްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މޭލެ ތޮއްޖެހެނީ ހަމަ އެކަނި ދުއްވާއެއްޗެހިން ބާ؟ މީހުން ގިނަވީމަ އެނިސްބަތުން ހުރިހާ އެއްޗެއްވެސް ގިނަވާނެ! ޕަބްލިކް ޓްރާންސްޕޮޓޭޝަނެއް އޮތް ނަމަ މަގުތަކަށް މިހާރަށްވުރެ ލުއިވީސް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: