ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސީމަކަށް ނުވި، އެންމެން ގޮވަނީ އިސްތިއުފާއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހަމަގައިމުވެސް ރޭގެ އަރާމު ނިދިން ރައްޔިތުންނަށް ހޭވެރިކަން ވިއިރު، ކަންފަތަށް އަޑުއިވި ލޮލަށް ފެނިގެން ދިޔައީ ވަރަށް ހިތާމެވެރި ހަބަރެކެވެ. ލޯބިވާ ދެމެފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު ނުރައްކާތެރި ކޮވިޑް 19 ވައިރަސް ޖެހިގެން ނިޔާވި ހަބަރެވެ. ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ކޮވިޑްގެ ބަލީގައި ނިޔާވި ހަބަަރަށްފަހު، މީސްމީޑިއާގައި ދެކުވުނު ވާހަކަތަކުން ހަމަގައިމުވެސް މިޝްކާގެ މަރުގައި ބަޔަކު އިހްމާލުވެފައިވާކަން އެނގިއްޖެއެވެ.

މިޝްކާގެ މަރުގެ ހާދިސާގައި ވީގޮތް ހަމަގައިމުވެސް އަޅުގަނޑު އަލިފުން ޔާއަށް ތިބޭފުޅުންނަށް ނުކިޔައިދިން ނަމަވެސް ވީގޮތް ނޭނގޭ ދިވެހި ރައްޔިތެއް ހަމަގައިމުވެސް މިހާރު މަދު ވާނެއެވެ. މިޝްކާގެ ހާލަތު ގޯސްވެގެން އާއިލާއިން ރޭ އެޗްޕީއޭ އަށް ގުޅައި އެންބިއުލާންސް އެއް ފޮނުވައިދިނުމަށް އެދި އާދެސްކޮށް ކޮށް ތިބިއިރު، އެމްބިއުލާންސް ފޮނުވީ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުންނެވެ. މިޝްކާގެ އާއިލާ މެމްބަރަކު ޓްވީޓާގައި އެޗްޕީއޭ އާއި އައިޖީއެމްއެޗް އިހްމާލުވި ގޮތް ކިޔައިދިން ހިސާބުން ރައްޔިތުން އެރީ ރަތަށެވެ. ފޭސްބުކާއި ޓްވީޓާގައި އަލިފާން ރޯނުވެ އޮތީ ހަމަ ކިރިޔާއެވެ. ގައުމުގެ ކަންކަން މިގޮތަށް ބޮއްސުން ލައިގެން ދާނަމަ އަދި އެތަންތަނުގައި ރައްޔިތުންގެ ރުޅިއާއި ނަފްރަތުން އަލިފާންވެސް ހިފާނެއެވެ.

މިހިސާބުން އަސްލު މައުޟޫއުއަށް ޖެހިލަމާ ހިނގާށެވެ.  ދައްކަން މިއުޅެނީ  ރައްޔިތުންގެ ކެތްތެރިކަމުގެ ވާހަކައެވެ. ކިޔައިދޭން މިއުޅެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ ފެއިލްވެފައިވާ ކަމުގެ ވާހަކައެވެ. އައިޖީއެމްއެޗްގެ ފަރުވާ ކުޑަކަމުގެ ވާހަކައެވެ. ކޮންމެވެސް ބައެއްގެ ދޯދިޔާ ކަމުން އެތައް ބައެއްގެ ލޯބިވާ އާއިލީ މެމްބަރުން މިދުނިޔެ ދޫކޮށްފައިދާ ވާހަކައެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ، ދައްކަން މިއުޅެނީ ހެލްތު މިނިސްޓްރީ އާއި، ސަރުކާރުގެ ހެލްތު މިނިސްޓަރ އަހުމަދު ނަސީމު ފެއިލްވެފައިވާ ވާހަކައެވެ. މިއީ އަޅުގަނޑު ދައްކާ ވާހަަކައެެއް ނޫނެވެ. މިއީ މިނިސްޓަރ ނަސީމު ހެލްތު މިނިސްޓަރު ކަމަށް އިސްވި ދުވަހުން ފެށިގެން ރައްޔިތުން އަޑަށް ބާރު ލާފައި ދައްކަމުން ދިޔަ ވާހަކައެވެެ.

މިޝްކާގެ އާއިލާއިން ވަނީ ހޮސްޕިޓަލަށް މިޝްކާ ގެންދަން އެމްބިއުލާސް ދިއުން ލަސްވެ އެތައް ވަގުތެއް ހޭދަ ކުރަން ޖެހުނު ކަމަށް ބުނެފައެވެ. ދެގަޑިއިރު ތެރޭގައި ކޮންމެ ފަހަރަކުވެސް ގުޅާލުމުން އެޗްޕީއޭއިން ބުނަނީ މެޑިކަލް ޓީމަށް އެކަން އަންގާފައިވާ ކަމަށާއި އިރުކޮޅެއްގެ ތެރޭގައި އެމްބިއުލާންސް ދާނެ ކަމަށެވެ. އާއިލާއިން ވަނީ އައިޖީއެމްއެޗް އަށް ގުޅައިގެން ވެސް އެމްބިއުލާންސް ގެނައުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ކޮވިޑަށް ޕޮޒިޓިވް މީހަކަށްވުމުން އައިޖީއެމްއެޗް އިން ވަނީ އެމްބިއުލާންސް އެއް ފޮނުވުމަށް ދެކޮޅު ހަދާފައި ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ކޮވިޑް 19 އަށް ސިއްހީ ދާއިރާ އޮތީ ތައްޔާރަށް ކަމަށްބުނެ ހެލްތު މިނިސްޓަރު ނަސީމު ދެއްކެވީ ހޮޅި ވާހަކަތަކުގެ ވާހަކައެވެ. ތައްޔާރުގައި އޮތް ސިއްހީ ނިޒާމަކުން މިފަދަ ބޮޑެތި ބާގަނޑުތަކެއް ހުރުމުން ތަކުރާރުކޮށް ރައްޔިތުންގެ ފާޑު ކިޔުން އިންތިހާއަށް ބޮޑުވެއްޖެއެވެ.

ކޮންމެ ކަމެއް ވެ ނިމުމުން މަތި އޮމާންކޮށްލާ އުސޫލަށް ރައްޔިތުން މިހާރު ހޭނިއްޖެއެވެ.

މިޝްކާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސް އައުން ލަސްވެގެން ހެލްތު މިނިސްޓަރު ވަނީ މިޝްކާގެ އާއިލާއަށް ގުޅުއްވައި މާއަފަށް އެދިވަޑައިގަންފައެވެ. ހަމަގައިމުވެސް ފަރުވާކުޑަކުރުމަށް ފަހު ވާކަމެއްވެ ނިމުމުން މާއަފަށް އެދުނަސް ރައްޔިތުންނަށް އެކަމެއް ގަބޫލެެއް ނުކުރެވޭނެއެވެ. މިނިސްޓަރު އަމިއްލައަށް ޓްވިޓާ ރަނގަޅަށް ބަލައިލުމުން އަޅުގަނޑު އެދެމެވެ. ދިވެހި ރައްޔިތުން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާ އަޑު ދަނީ އިތުރަށް ގަދަވަމުންނެވެ. ރައްޔިތުން ބުނަމުން ދަނީ މިނިސްޓަރ ނަސީމަށް ރަނގަޅަށް މަސައްކަތް ނުކުރެވޭނަމަ އިސްތިއުފާ ދެއްވުމަށެވެ. ކޮންމެ އިހްލާމަކީ އަނިޔާއެއް ކަމަށް ބުނެ ރައްޔިތުން ދަނީ މިހާރުން މިހާރަށް މިނިސްޓަރ ނަސީމު އިސްތިއުފާދެެއްވުމަށް ގޮވާލާމުންނެވެ.

މިނިސްޓަރު ނަސީމު އިސްތިއުފާ ދެއްވުމަށް ގޮވާލައި ރައްޔިތުން ކޮށްފައި ހުރި ބައެއް ޓްވީޓްތައް

ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިގެން ގޮސް، ރުޅި ފަޅައިގެން މިދިޔައީ ހަމައެކަނި ރޭގައި މިޝްކާ އަށް ދިމާވި ހާދިސާއަކުންނެއް ނޫނެވެ. މިނިސްޓަރ ނަސީމު މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ސިއްހީ ދާއިރާގެ ގިނަ ކަންކަން ދިޔައީ ބޮއްސުންލައިގެން އޮޅުން ބޮޅުން އަރައިގެންނެވެ. އެގޮތުން ކޮވިޑްގެ 19 ގެ ބިޔަ ރާޅެއް އަރައި މުޅި ގައުމު އެއްފުށުން އަނެއް ފުށަށް ޖަހަމުން ދާއިރު، މިނިސްޓަރު ނަސީމުގެ ހަބަރެއްވެސް ނުވެއެވެ. އެހެންނަމަވެސް ކޮވިޑް 19 ޖެހިގެން ކޮންމެ ދުވަހަކު އެތައް މީހަކު ނިޔާވަމުން ދާއިރި، އެތަކެއް އިހްމާލުތަކެއް ވެފައިވާ ކަމަށް، ނިޔާވި މީހުންގެ އާއިލާތަކުން ވަނީ ތަހުމަތުތަކެއް ކޮށްފައެވެ. މިޝްކާގެ މަރާއިއެކު ތިލަވެގެން ދިޔައީ، ވެފައި ހުރި އިހްމާލުތަކުގެ ތެރެއިން ހަމަ ވަރަށް ކުޑަ މިންވަރެކެވެ.

މީގެއިތުރުން އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރ ނަސީމް  ޗައިނާގެ އަތުން ކޮވިޑް ވެކްސިނެއް ކަމަށްވާ ސިނޮފާމު ވެކްސިން ގަތުމުގެ ވިސްނުމެއް ނެތް ކަމަށް ބުނުމުން ވެސް ރައްޔިތުން ވަނީ އެތަކެއް ސުވާލުތަކެއް އުފައްދާފައިއެވެ. މިނިސްޓަރު ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ވެސް ގިނަ ބަޔަކު ވަނީ ހެލްތު މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ. މީގެއިތުރުންވެސް މިނިސްޓަރު މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ރައްޔިތުންގެ ލޭ ކެކިގެންދާ ފަދަ އެތައް ކަމެއް ސިއްހީ ދާއިރާގައި ހިނގާފައެވެ.

މިހިސާބުން އުފެދިގެންދާ ސުވާލަކީ ރައްޔިތުން އެހާވަރަށް އަޑަށް ބާރުލާފައި މިނިސްޓަރު ނަސީމް މަގާމުން އިސްތިއުފާ ދިނުމަށް ގޮވަމުން ދާއިރުވެސް ކަމާއި ބެހޭ އިދާރާތަކުން ހަނު ތިބޭ ކީއްވެގެން ބާއޭ އެވެ، މިޝްކާގެ މައްސަލައިގަ އިހްމާލެއްވޭތޯ ރައްޔިތުންގެ މަޖިލީހުން ބަލާނެ ކަމަށް މިއަދު ވަނީ ބުނެފައެވެ. އެހެންނަމަވެސް ރައްޔިތުން އިންތިޒާރުގައި ތިބީ ހެލްތު މިނިސްޓަރު ނަސީމަށް ރަނގަޅަށް މަގާމުގެ ޒިންމާތައް އަދާނުކުރެވޭ މައްސަލަ މަޖިލީހުން ބަލާނެ ދުވަހަކަށެވެ.

އަމީން ހުންނެވިއިރުގައި މަޖިލިސް މެންބަރުންވެސް ހީވީ ފަޔަށް ހިނި އަރައިގެން އުޅުނު ހެންނެވެ. ފަހަރުގަ މާލޭގެ އާއިލާއަކަށް އަމީން ނިސްބަތްނުވާތީ ކަމަށްވެސް ވެދާނެއެވެ. ކެރަފާ ނަސީމު ދެކެ މަޖިލިސް މެންބަރުން ޖެހިލުން ވަނީކަމަށް ވެސް ވެދާނެ އެވެ.

ރައްޔިތުން ނަސީމު ވަކި ކުރަން އެވަރަށް ގޮވަމުންދާއިރުވެސް މަޖިލީހުން ބީރުކަންފަތެއް ދީގެން ތިއްބަވަނީ އަނެއްކާ، މިނިސްޓަރު ނަސީމަކީ އެމްޑީޕީގެ މީހަކަށްވެފައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބޭފުޅަށް ވީމަތޯއެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. ހައްތަހާވެސް ރައްޔިތުންގެ ސުވާލުތަކެވެ.

މިނިސްޓަރު ނަސީމުއެވެ. ރައްޔިތުން ބުނަނީ މިނިސްޓަރަށް ތިކަން ނުވާނެ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ މިނިސްޓަރު އިސްތިއުފާ ދެއްވުމަށެވެ. ރައްޔިތުން މިނިސްޓަރުގެ އިސްތިއުފާ އަށް ގޮވާ އަޑު ދަނީ ބާރުވަމުންނެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: