ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޝްކާ މަރުގެ ރިވިއު ރިޕޯޓުން އަންގައިދެނީ ސިއްހީ ނިޒާމް ފެއިލްވެފައިވާ މިންވަރު: ހައިތަމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގައި ރާއްޖެއިން މަރުވި އުމުރުން 11 އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައިގައި ތައްޔާރުކުރި ރިވިއު ރިޕޯޓުން އަންގައިދެނީ ރާއްޖޭގެ ސިއްހީ ނިޒާމް ފެއިލްވެފައިވާ މިންވަރު ކަމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވެއްޖެއެވެ.

މިޝްކާގެ މަރުގެ މައްސަލައިގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަމަލުކޮށްފައިވާ ގޮތާއި ހަރަކާތްތެރިވެފައިވާ ގޮތް ދެނެގަތުމަށްފަހު އެކުލަވާލި ރިވިއު ރިޕޯޓުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުނުކުރުގެ އެތައް ކަމެއް ހިމެނޭކަން ވަނީ ފާހަގަ ކޮށްފައެވެ.

މިކަމާ ގުޅިގެން މެމްބަރު ހައިތަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ރިޕޯޓުން އެނގިގެން ދަނީ ސިއްހީ ނިޒާމު ރިފޯމް ކުރަން ޖެހިފައިވާ ކަން ކަމަށެވެ.

”އެންމެ ކަމެއް ނޫން. މުޅި ހެލްތު ކެއާ ސިސްޓަމް ވަނީ ފެއިލް ވެފައި. ދޯހަޅި ކަމާއި ފަރުވާކުޑަކަން ރިވިއު ރިޕޯޓުން ހާމަވޭ.” ހައިތަމް ވިދާޅުވިއެވެ.

ހައިތަމް ވަނީ ރިވިއު ރިޕޯޓު ތައްޔާރުކުރި ކަމަށްޓަކައި ހެލްތު މިނިސްޓަރު ނަސީމަށް ޝުކުރު އަދާ ކޮށްފައެވެ.

ރިވިއުގައި ބުނެފައިވަނީ މިޝްކާގެ ހާލަތު ގޯސްވުމާ ގުޅިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހުގެރޭ 9:06 ގައި މިޝްކާގެ ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅި ކަމަށާއި ހާލު ގޯސްވާހެން ހީވާ ކަމާއި، ނޭވާލާން އުނދަގޫވެ އަތްތަޅުވާ ހަދާ ކަމަށް ބުނެ، ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަން އެންގި ކަމަށެވެ.

އަދި އެރޭ 10:33 ގައި ޑީއާމްއާރުޓީގެ ޑޮކްޓަރު މިޝްކާގެ ބެލެނިވެރިޔާ އަށް ގުޅުމުން މިޝްކާގެ ހާލަތު ކިޔައިދިނުމުން ޑޮކްޓަރުން އެކަން ނޯޓުކޮށްފައިވާ ކަމަށާއި ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން މި މައުލޫމާތު ސީމެޓަށް ޑިއެމްއާރްޓީގެ ޑޮކްޓަރު ފޮނުވާފައިވާ ކަމަށް އެ ރިވިއުގައި ބުނެފައިވެއެވެ.

“އެމްބިއުލާންސް އެކްޓިވޭޓް ކުރުމަށް ކަނޑައެޅިފައިވާ ދެ ކްލަސްޓާ ކަމަށްވާ، ޑީއެމްއާރްޓީ އާއި ސީމެޓަށް ވެސް މި މައުލޫމާތު ހިއްސާކުރެވިފައިވީ ނަމަވެސް، އެމްބިއުލާންސް ދާން އަންގާފައެއް ނުވޭ” އެ ރިވިއުގައި ވެއެވެ.

ރިވިއުގައިވާ ގޮތުން އެރޭ 11:16 އިން 11:33 އާއި ދެމެދު ފަސް ފަހަރެއްގެ މަތިން މިޝްކާގެ ބެލެނިވެރިން ގުޅާފައިވާ ކަމަށާއި މިތަނުގައި އެއް ކޯލުގައި ކުއްޖާގެ ހާލު ދަށްވަމުންދާ ކަމާއި، ހޭނެތިފައިވާ ކަމާއި، ނޭފަތުން ލޭ އަންނަމުންދާ ކަމަށް ބުނެފައިވެއެވެ. މި ކޯލުތަކުގައި ކުއްޖާ ބަލާ ފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށާއި، ނަމަވެސް އެމްބިއުލާންސް އައިސްފައި ނުވާ ކަމާއި، އެމްބިއުލާންސް އައުން ލަސް ކަމަށްވެސް ބެލެނިވެރިޔާ ބުނެފައިވާ ކަމަށް އެ ރިވިއުގައި ވެއެވެ. އަދި އެމްބިއުލާންސް ފޮނުވިފައިވާ ކަމަށް ކޯލް ސެންޓަރުގެ ފަރާތުން ބުނެފައިވީ ނަމަވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައި ނުވާކަން އެ ރިވިއުގައި ފާހަގަކޮށްފައިވެއެވެ.

އަދި އެރޭ 11:27 ގައި އެމްބިއުލާންސް ދިޔުން ލަސްވެގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މަސައްކަތްތައް ކުރިއަށްގެންދާ ދަރުބާރުގެއަށް ބެލެނިވެރިޔާގެ ފަރާތުން މީހަކު އައިސް އެކަން އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ ފަސް މިނެޓްފަހުން އެމްބިއުލާންސެއް ބޭނުންވާ ކަމަށް އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމެންޓް ކްލަސްޓާ އިން އީއެމްއެސް އަށް އަންގާފައިވާ ކަމަށާއި އެކަން އެންގިތާ މިނެޓެއްފަހުން އީއެމްއެސް އިން ބެލެނިވެރިޔާ އަށް ގުޅައި އެމްބިއުލާންސް ދާނެކަން އެންގި ކަމަށްވެސް ބުނެފައިވެއެވެ.

ރިވިއުގައިވާ ގޮތުން މިޝްކާ ދިރިއުޅޭ ގެއަށް އެމްބިއުލާންސް ދިޔައީ އެރޭ 11:38 ގައެވެ. އެގޮތުން އެމްބިއުލާންސް ދިޔައިރު މިޝްކާގެ ހަރަކާތެއް ނެތް ކަމަށާއި އެއާއެކު ވަގުތުން ސީޕީއާރް ފެށި ކަމަށް ބުނެފައިވެއެވެ. އަދި އެރޭ 11:42 ގައި މިޝްކާ އައިޖީއެމްއެޗް އީއާރް އަށް ގެންދެވުނު ކަމަށްވެސް ބުނެފައިވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ރިވިއުއާ ގުޅިގެން ކޯލް ސެންޓަރަށް އަންނަ އިމަޖެންސީ ކޯލްތަކަށް އަވަސް މިނުގައި ހުރިހާ ކްލަސްޓާތަކުން ފިޔަވަޅު އަޅަމުންދޭތޯ މޮނީޓާ ކުރުމަށް ނިންމާފައިވާ ކަމަށާއި އަދި ކޯލް ސެންޓަރަށް އަންނަ ކޯލުތަކުގެ ތެރެއިން އިމަޖެންސީ ކޯލްތައް ރަނގަޅަށް ކެޓެގަރައިޒް ކުރެވޭނެ ނިޒާމު ހަރުދަނާ ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ފަރާތަކުން އިމަޖެންސީ ހާލަތުގައި އެމްބިއުލާންސް ހޯދުމަށް ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކަށް ގުޅައިފިނަމަ، އެތަނުން އެ ފަރާތެއް ބޭނުންވާ ސިއްހީ ހިދުމަތެއް ދިނުމަށްޓަކައި އެމްބިއުލާންސް ފޮނުވަންޖެހޭނެ ގޮތަށް އުސޫލު ކަނޑައެޅުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށް ހެލްތުން ބުނެއެވެ.

އަދި މި ރިވިއު އިން ފާހަގަކުރެވޭ ކަންކަމަށް ރިއާޔަތްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން ވެސް ހެލްތު މިނިސްޓްރީން ވަނީ އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: