ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޖާގެ މަރުގެ ރިޕޯޓެއް ގެނައުމުން އަވަސް އޮންލައިން ޖޫރިމަނާކޮށް، ވަގުތުއަށް އިންޒާރެއް!

ޖެންޑާރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ: ފޮޓޯ / ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، އަނިޔާތަކެއް ދީ އެ ކުއްޖާ މަރާލި މައްސަލައިގައި ގެނެސްދިން ރިޕޯޓެއްގައި ހިމެނި މައުލޫމާތަކާއި ގުޅިގެން ޖަވާބުދާރީވުމުގެ އެއްވެސް ފުރުސަތެއް ވެސް ނުދީ ޖެންޑާރ މިނިސްޓްރީއިން “އަވަސް” އޮންލައިން ޖޫރުމަނާކޮށް، “ވަގުތު” ނޫހަށް އިންޒާރު ދީފި އެވެ.

ޖެންޑާ މިނިސްޓްރީގެ ނައިބު، ފާތިމަތު ޔުމްނާ ސޮއި ކުރައްވާ، މައްސަލައިގައި އަވަސް އަދި ވަގުތުއަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ކުއްޖާ މަރާލި ހާދިސާގައި އެ މީޑިއާތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަމެއް އަންނާނެ ފަދަ މައުލޫމާތު ހާމަ ކޮށްފައިވާ ކަމަށެވެ.

“އަވަސް” ޖޫރިމަނާ ކުރީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާ އަދި 33 ވަނަ މާއްދާއާއި 53 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ. އެހެންވެ އެ ގަވައިދުގެ 18 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަމަބަރުގެ ދަށުން އަވަސް 2،000 ރުފިޔާއިން ޖޫރިމަނާ ކުރީ އެވެ. މީގެ އިތުރުން “ވަން އޮންލައިން” އާއި “އަދަދު” ނޫހަށް ވެސް ޖެންޑާއިން ސިޓީއެއް ފޮނުފާފައި ވެއެވެ.

މީޑިއާތަކަށް ފޮނުވި ސިޓީގައި މިކަން ތަކުރާރު ނުކުރުމަށް އަންގާފައި ވެއެވެ.

ކުއްޖާގެ މަރުގެ ރިޕޯޓުތައް ގެނެސްދިން ބައެއް މީޑިއާތަކުން ވަނީ ޒާތީ ބައެއް މައުލޫމާތުތައް ހިމަނައި ކުއްޖާގެ ވަނަވަރު އާއްމުކޮށްފަ އެވެ. އަދި ކުއްޖާ ފެނުނު އިރު އޮތް ހާލަތު ގެނެސްދީފައި ވެއެވެ. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން، މީޑިއާއެއް ޖޫރިމަނާކޮށް އިންޒާރުދިން ފުރަތަމަ ފަހަރެވެ.

ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް، އެއްވެސް ކުއްޖެއްގެ މައުލޫމާތެއް އާންމު ކުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މަނާވާނެ އެވެ. އަދި އެފަދަ އަމަލެއް ހިންގާ ބައެއްގެ މައްޗަށް ޖެންޑާއަށް ފިޔަވަޅު އެޅޭނެކަމަށް ބުނެފައި ވެއެވެ.

ޖެންޑާގެ ސިޓީގައި، ކުޑަކުދިންގެ ހައްގުތައް ރައްތެރިކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ކުއްޖާ ހެދި ބޮޑުވުމަށް ބެނުންވާ ރައްކާތެރިކަމާއި އަޅާލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި ކުއްޖާގެ އާއިލާގެ ފަރާތުންނާއި، މުޖުތަމައުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއްގެ ގޮތުގައި ބުނެފައި ވެއެވެ.

ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި އެ ކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ކަންކަމަށް ހިތްވަރު ދިނުމަކީ އެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނާ ކަމެއް ކަން ޖެންޑާއިން ފާހަގަ ކުރި އެވެ. އެފަދަ އަމަލެއް ހިންގާ ބަޔަކަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުން ޖެންޑާ މިނިސްޓަރަށް ވަނީ ދީފަ އެވެ.

ރާއްޖޭގައި މީޑިއާތަކުން ގެނެސްދޭ ވަކި ވަކި ހަބަރުތަކާއި، ރިޕޯޓުތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު ލިބިފައިވަނީ މީޑިއާތަކުގެ ބެލެނިވެރި ފަރާތް މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް އެ ކުއްޖާ މަރާލި މައްސަލައިގައި ބައެއް މީޑިއާތަކުން ހަބަރުތައް ގެނެސްދޭ ގޮތާއި މެދު ރައްޔިތުންގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެ މައްސަލައިގައި މީޑިއާ ކައުންސިލާއި އަދި ބްރޯޑްކޮމްއާއި ބައްދަލު ކުރުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މީޑިއާ ކައުންސިލްގެ ރައީސް ސަހުބާން ފަހުމީ ވިދާޅުވީ މީޑިއާތަކުން ގެނެސްދިން ހަބަރުތަކާއި ގުޅުވައި އެއްވެސް ސުވާލު ކުރުމެއް ނެތި ޖޫރުމަނާ ކުރުމުން ކަންބޮޑުވާ ކަމަށެވެ. އަދި ވިދާޅުވީ މީޑިއާތަށް ޖޫރިމަނާ ކުރުމަކީ ހައްލެއް ނޫން ކަމަށެވެ. ސަހުބާން ވަނީ މީޑިއާތަކުން ހަބަރު ގެނައުމުން އެކަމުގެ މަޝްވަރާއެއް މީޑިއާ ކައުންސިލާއި ކުރުމެއް ނެތި ޖޫރިމަނާ ކުރީތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޖެންޑަ މިނިސްޓްރީން މީޑިއާތަކާއި މެދު ފިޔަވަޅު އަޅަމުން ގެންދަނީ އެއްވެސް މީޑިއާއަކާ ސުވާލު ވެސް ކުރުމެއް ނެތިއެވެ.

13 އަހަރުގެ ފިރިހެން ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން އެ މައްސަލަ ބަލަމުން ދަނިކޮށެވެ. އެ ކުއްޖާ ފެނުނީ ހޯމަ ދުވަހުގެ ރޭ ދަންވަރު 02:30 ހާއިރު، ހުޅުމާލޭގެ ފޭސް ދޭއްގައި ފޮއްޓަކަށްލައި މޫދަށް ފައްތާފައި އޮއްވަ އެވެ. ކުއްޖާގެ މަރުގެ މައްސަައިގައި ނ. ލަންދޫ ބަގީޗާގޭ، އުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާން އާއި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ޒިހާންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރާއިރު އޭގެ ތެރޭގައި ޖިންސީ ގޯނާގެ ތުހުމަތު ވެސް ހިމެނެ އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، 17 އަހަރުގެ ކުއްޖާގެ ބަންދަށް ދީފައިވަނީ 15 ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 83%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބަލަގަ، މިދައިތަ އިސްތިއުފާ ދެނީ ކޮން ދަވަހަކުހޭ މަ މިއަހަނީ..!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: