ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ-އިންޑިއާ ކޯޅުމުގައި، ރާއްޖެއަށް “ބޮނޑިއެއް” ލިބިދާނެ!

އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި ބޭއްވި ހަރަކާތެއްގެ ތެރެއިން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އާއި ޗައިނާގެ އޮތް ވާދަވެރިކަމަށް ބަލައި، އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހެނީ ދެ ގައުމުގެ ހަނގުރާމައިގެ މައިދާނަކަށް ރާއްޖެވުމުގެ ފުރުސަތު އޮތުމުންކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި އުމަރު ވިދާޅުވީ، ބަލި މީހުން އުފުލުމުގެ ނަމުގައި އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ހެލިކޮޕްޓަރެއް ގެނައީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު 2010 ގައި ކަމަށެވެ. އޭރު އެގްރިމެންޓެއްގައި ސޮއިކޮށް ގެނައި ހެލިކޮޕްޓަރަށް ފަހު، އެމަނިކުފާނުގެ ވެރިކަން ބަދަލުވެ ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އެއްބަސްވީ ދެވަނަ ހެލިކޮޕްޓަރު ރާއްޖެ ގެންނަން ހުރިހާ ކަމެއް ހަމަޖެހި ތައްޔާރަށް އޮއްވައި އެންމެ ފަހު ވަގުތު ވަހީދު އެކަމަށް ދެކޮޅު ހެއްދެވިކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެ ހެލިކޮޕްޓަރު ދެން ރާއްޖެ ގެނައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކަމަށް އެއްބަސްވެ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ.

އުމަރު ވިދާޅުވީ އެ ހެލިކޮޕްޓަރު ގެނައުމަށް އެއްބަސްވެފައި ނުވާނެކަމަށް ރައީސް ޔާމިން ވިދާޅުވީ ނަމަވެސް ކަން ހިނގީ އެގޮތަކަށް ނޫން ކަމަށެވެ. އެމަނިކުފާނު އެކަމަށް އެއްބަސްވެ ހެލިކޮޕްޓަރު ގެނައުމަށްފަހު އޭގެ ފަހުން ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން އެ އަނބުރާ ފޮނުވާލުމަށް ނިންމިކަން ފާހަގަކޮށް އުމަރު ވިދާޅުވީ ބަދަލެއްގެ ގޮތުގައި ހުށަހެޅީ ބަލި މީހުން އުފުލުމަށް ޑޯނިއާރ ފްލައިޓެއް ދިނުމަށް ކަމަށެވެ.

“އޭރު އެއްގޮތަކަށް ވެސް އެދިފައި ނޯންނާނެ ބޯޓު ދުއްވަން އަންނާށޭ… އެ ހަދިޔާ ކުރަން އެކަނި އެދުނީ.. އެދުނީމާ މި މީހުން ހެދި ގޮތަކީ އާނ އެކޭ ކިޔާފާ އަނެއްކާ ތިން ވަނަ އެއްޗެއް ފޮނުވީ، އަނެއްކާވެސް އެ މީހުންގެ މީހުން (އިންޑިއާ މީހުން) ލާފައި… މި ވެރިކަމުގައި” އުމަރު

އުމަރު ވިދާޅުވީ ގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ލިޔުމުންނާއި އަދި އެ ނޫންވެސް ގޮތް ގޮތުން އެނގި އެވެ. ނަމަވެސް އެކަމަށް އަޑެއް ނޭހި ކަމަށާއި، މިއީ އިންޑިއާއިން އެއްގޮތަކަށް ވެސް އަމަލުކޮށްގެން ވާނެކަމެއް ނޫންކަމަށް އުމަރު ވިދާޅުވި އެވެ.

“އެހެންކަމުން މިއީ އިންޑިއާއިން ކުރި އެއްގޮތަކަށް ވެސްކޮށްގެން ވާނެކަމެއް ނޫން. އެއީ ދިވެހި ދައުލަތަކީ މިނިވަން މުސްތަގިއްލު އަމިއްލަ ދައުލަތެއް. މި ގައުމުގެ އިންތިހާބުކޮށްފައި އިން ވެރިއަކު އިންޑިއާ ސިފައިންނަށް ފައިބަން އެންގީމާ ނުފައިބާ ނުތިބެވޭނެ. އެއީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ބައިނަލްއަގުވާމީ ގޮތުން ވެސް… އެހެންވީމާ މިއީ އަޅުގަނޑުމެން އެންމެން ވެސް ޑިސްޓާބް ވާ ހިސާބަކީ” އުމަރު

މިއީ ރާއްޖޭގެ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށާއި، މިއީ ބައެއް ބޭފުޅުންނަށް ގަބޫލުކުރެވިފައިވާ ވަރަށްވުރެ ސީރިއަސް މައްސަލައެއްގެ ގޮތުގައި އުމަރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި އެހެން ގައުމުތަކުގެ މިލިޓަރީ ސިފައިން ތިބޭކަމަށް ވިދާޅުވިޔަސް، އަވަށްޓެރި އެއްވެސް ގައުމެއްގެ ސިފައިން ޖެހިގެން އޮންނަ ގައުމެއްގައި ނުތިބޭނެކަމަށެވެ.

“އަޅުގަނޑު މި ދަންނަވަނީ…. ޖެހިގެން އޮތް ގައުމުގެ މިލިޓަރީ ސިފައިން ތިބި އެއްވެސް ގައުމެއް ނޯންނާނެ.. އަބަދުވެސް ޖެހިގެން އޮންނަ ބާރުގަދަ ގައުމަކާއި ދޭތެރޭ ފާރަވެރިވެ އަނެއް ގައުމު މި އޮންނަނީ” އުމަރު

އުމަރު ވިދާޅުވީ ރާއްޖެއިން އިންޑިއާ ސިފައިން ދާން ޖެހޭނެ ކަމަށެވެ. ޖެހިގެން އޮތް ގައުމެއްގެ ސިފައިން އަނެއް ގައުމުގައި ނުތިބޭނެކަން އުމަރު ތަކުރާރު ކުރެއްވި އެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުން ދިމާވެދާނެ ނުރައްކަލަކީ ކޮބައިތޯ ނުވަތަ ހަގީގީ މައްސަލައަކީ ކޮބައިތޯ ސުވާލު ކުރުމުން އުމަރު ވިދާޅުވީ އޭގެ އަސްލު ކުލަ ފެންނާނީ ވާދަވެރި އިންޑިއާ އަދި ޗައިނާ “ކޯޅުމަކަށް” ނިކުންނަ ހިސާބުން ކަމަށެވެ. އޭރުން ރާއްޖެ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެ، އެ ބައެއްގެ ޓާގެޓަކަށް ވާނީ ރާއްޖެކަމަށް އުމަރު ވިދާޅުވި އެވެ. އަދި އިންޑިއާއިން މި ގައުމުގައި ތިބެގެން ކުރާ މައިގަނޑު މަސައްކަތަކީ ވެސް، ޖާސޫސްކޮށް ޗައިނާ އަދި ރަޝިއާއަށް ފާރަލުންކަމަށެވެ.

“އެހެންކަމުން އަޅުގަނޑުމެންގެ ގައުމުގައި އިންޑިއާ ސިފައިން ތިބުމުން، އިންޑިއާ އާއި ޗައިނާ ކޯޅުމެއް ހިނގާ ދުވަހަކުން މިތަނަށް ޗައިނާގެ ހަމަލާއެއް އެރުން އެއީ އެކަށީގެންވާ ކަމެއް. މިތަން ބަދަލުވާނީ ހަނގުރާމައިގެ މައިދާނަކަށް.” އުމަރު

އުމަރު ވިދާޅުވީ، އިންޑިއާ މީހުން ރާޑަރު ބެހެއްޓުމާއި އަދި އެ ނޫންވެސް ކަންކަމުގައި ރާއްޖޭގައި ތިބޭނަމަ އެ ދެ ގައުމު ހަމަނުޖެހުމަކަށް ދާ ދުވަހަކުން ޗައިނާގެ ހަމަލާއެއް މިތަނަށް ނައުން އެއީ ނުވެ ނުދާނެކަމެއް ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ރާއްޖެއަށް ދޭ ހަމަލާއެއް ނޫންކަމަށާއި، އެހެން ނަމަވެސް އެއީ އިންޑިއާ މީހުންނަށް އަމާޒުކުރާ ހަމަލަތަކެއްކަމުން އެންމެފަހުން އޭގައި “ބެދޭނީ” ރާއްޖެކަމަށް އުމަރު ވިދާޅުވި އެވެ.

“އެއީ އެއްގޮތަކަށް ވެސް ޗައިނާ ރާއްޖެއަށް ހަމަލާ ދޭކަށް ނޫން. ހަމަލާ ދޭނީ އިންޑިއާއަށް. އާހިރުގައި މަރުވެދާނީ އަޅުގަނޑުމެން. މީހުން މަރުވާނެ މާލެއިން ވެސް… ހަނިމާދޫގަ ވެސް، މީހުން މަރުވާނެ އައްޑުއިން ވެސް. އަދި ލާމު އަތޮޅުން ވެސް. މިއީ ޓާގެޓަކަށް ވާނެތަންތަން.” އުމަރު

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި ވަރަށް ބޮޑެތި ފާޑުކިއުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި އޭގެ ސަބަބަކީ، އެމްޑީޕީން ވެރިކަމަށް އައުމަށް ގައުމު “ކޮމްޕްރޮމައިޒް” ކުރުންކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި އިންޑިއާ މިލިޓަރީގެ ޕްރެޒެންސް އެބައޮތް ކަމަށް ބުނެ އާއްމުން ދަނީ “އިންޑިއާ އައުޓް” ގެ ނަމުގައި ހޭޝްޓެގް ކެމްޕެއިނެއް ކުރިޔަށް ގެންދަމުންނެވެ. ރާއްޖޭގެ މިނިވަންކަމަށް ބުރު އަރާފަދަ ގޮތަކަށް އިންޑިއާގެ އަސްކަރިއްޔާގެ އޮފިސަރުން ތިބިކަމުގެ ތުހުމަތުތައް ކުރެވޭތާ ވަނީ ދުވަސްތަކެއް ވެފައެވެ. އިންޑިއާ އާއި ރާއްޖެއާއި ދެމެދު 2010 ވަނަ އަހަރުގެ ތެރޭގައި ވީ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ގެނައި ހެލިކަޕްޓަރު ދުއްވުމަށް ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ތިބިއިރު ގިނަ އާއްމުން ނުރުހުން ފާޅުކުރަމުންދަނީ އެ ފުރުސަތު ދިވެހި އޮފިސަރުންނަށް ނުދޭތީ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އިންޑިއާ ސިފައިން ރުހުމުގައި ސަރކަރުން ނުބާލަ ކަމުގައި ވާނަމަ ސަރުކާރުގެ ނުރުހުމުގައި ވެސް އިންޑިއާ ސިފައިން ބޭލުމައް މަސައްކަޔް ކުރަންޖެހޭ އެކަމުގައި ދިވެހިން ގެ ބައެއްގެ ފުރާނަނަ އިން ގުރުބާން ވާން ޖެހުނަސް އިންޑިއާ ސިފައިން ބޭލުމައް ވީ އެންމެ އަވަހަކައް ހަތަކާތްތެރިވާން ޖެހޭ .. ދައްކާ ބިރަކައް ދިވެހިން ނުސިހޭނެ ކަން އިންޑިއާ އިން ވެސް ދަންނަންވާނެ.. ކިތަންމެ ބާރުގަދަ ވެގެން އުޅުނަސް މިގައުމުގެ ދާޚިލީ ކަންކަމާ ބެހުނު ދުވަހުން ފެށިގެން އިންޑިއާ އަކީ މި ގައުމުގެ ދުޝްމަނެއް ގޮތުގައިބަލަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: