ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޒިމްއާއި ރިޔާޒު އިސްވެ، ނަފްރަތު ހުއްޓުވުމުގެ ބިލާއި ދެކޮޅަށް ބަޔާނެއް!

ބިލާއި ދެކޮޅަށް އާއްމުކުރި ބަޔާނުގައި ސޮއިކޮށްފައިވާ ބައެއް މެމްބަރުން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރިހަމަ މުސްލިމަކަށް އަމާޒުކޮށް އޭނާއަކީ “ކާފަރެއް” ނުވަތަ “ލާދީނީ” މީހެއްގެ ގޮތުގައި ސިފަ ކުރުން ކުށަކަށް ހެދުމަށްޓަކާ ގާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅަށް މަޖިލީހުގެ ބައެއް މެމްބަރުން ބަޔާނެއް އާމުކޮށްފި އެވެ.

10 މެމްބަރެއްގެ ސޮޔާއި އެކު އާއްމުކޮށްފައިވާ އެ ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ މީހަކަށް ކަށަވަރުކޮށްދީފައި ވާ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާނޭ ގޮތުގެ މަތިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ގާނޫނާއި މެދު، ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އަދި އެފަދަ ބިލަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ތާއީދުކޮށްގެން ނުވާނެކަމަށް ބުނެފައި ވެއެވެ.

މި ބަޔާނުގައި ސޮއިކުރައްވާފައިވާ މެމްބަރުންނަކީ، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ދަނގެތީ ދާއިރާގެ މެމްބަރުން ކާނަލް މުހައްމަދު ނާޒިމް، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު އާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ.

ރައްޔިތުންގެ މެދުގައި ބައެއް ފަރާތްތަކުން އުފައްދަމުންދާ ނަފުރަތުގެ އަމަލުތަކަކީ ހުއްޓުވަން ޖެހޭ އަމަލުތަކެއް ކަން ގަބޫލުކުރާކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ނަފުރަތުގެ އަމަލުތަކުގެ ސަބަބުން ދިވެހި އެތައް ރައްޔިތުންނަށް ބޮޑެތި އަނިޔާތަކާއި ގެއްލުންތަކެއް ލިބިފައިވާކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ. މިއީ ހައްލު ހޯދަންޖެހޭ މައްސަލައެއް ނަމަވެސް ގާނޫނުލްއުގޫބާތަށް މިވަގުތު ހުށަހަޅާފައިވާ އިސްލާހުތަކަކީ އޭގެ ހައްލެއްނޫންކަމަށް ބަޔާނުގައި މެމްބަރުން ބުންޏެވެ.

“ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް މިހާރު ހުށައަޅާފައިވާ އިސްލާހަކީ މިކަމުގެ ހައްލު ކަމަށް ނުވަތަ މިފަދަ ގާނޫނެއް ފާސްކުރުމުގެ މަގުސަދު ހާސިލުވާނެ ބިލެއް ކަަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަމެވެ،”

ބަޔާނުގައި ބުނެފައިވަނީ ކޮމިޓީ މަރުހަލާގައި އޮތް ބިލަށް، އެ މަރުހަލާގައި ގެނައި ބައެއް އިސްލާހުތަކުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އޭގެ އިތުރުން، ބިލުގެ ސަބަބުން ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލި، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އިތުރުވުމުގެ އޮންނާނެކަމަށް ވެއެވެ.

މެމްބަރުން ބުނެފައިވަނީ، އިސްލާމްދީނުގެ އަސްލުތަކާއި ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅޭ މިފަދަ ބިލުތަކަކީ އެއީ ވީހާވެސް ބޮޑަށް ރައްޔިތުންނާއި، ދީނީ އިލްމުވެރިން އަދި ކަމާގުޅުން ހުރި އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއި ލަފައާއެކު ޑްރާފްޓް ކުރެވި، ފާސްކުރަންޖެހޭ ބިލުތަކެއް ކަމަށެވެ. މިފަދަ މުހިންމު ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރިޔަށްގެންދިޔައިރު އެކަމުގެ އެއްވެސް މައުލޫމާތެއް ރައްޔިތުންނާއި ހިއްސާ ނުކުރުން އެއީ ކަންބޮޑުވާކަމެއްގެ ގޮތުގައި މެމްބަރުން ވިދާޅުވި އެވެ.

“އެހެންނަމަވެސް މިފަދަ މުހިންމު ބިލެއް އެކުލަވާލެވުނުއިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމިޓީން މި ބިލުގެ މަސައްކަތް ކުރެވުނުއިރު، ކަމާގުޅުންހުރި ގިނަ ފަރާތްތަކުގެ މަޝްވަރާ އެކަށީގެންވާ މިންވަރަށް ހޯދާފައި ނުވާކަން ފާހަގަކުރަމެވެ. އަދި މި ބިލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމެޓީން ކުރަމުންދިޔައިރު މި ބިލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ފަދަ އިދާރާތަކުން ހުށައަޅާފައިވާ ގިަނ އިސްލާހުތަކަށް ރިއާޔަތްނުކޮށް ކޮމެޓީން މި ބިލް ފާސްކޮށްފައިވާ ކަމީ އަޅުގަނޑުމެންގެ ކަންބޮޑުވުމެކެވެ”

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މެދުގައި މައްސަލައިގައި ފުޅާދާއިރާއެއްގައި ހިޔާލު ހޯދުން މުހިންމު ކަމަށެވެ. ދިވެހި ގައުމުގެ ހަމަޖެހުމާއި، އެއްބައިވަންތަކަން ގެއްލިގެންދާ މިފަދަ އެއްވެސް ބިލަކަށް ރައްޔިތުންގެ ހިދުމަތުގައި ތިބި މެމްބަރުންތަކެއް ވޯޓުދިނުން އެއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެކަމެއް ނޫންކަމަށް ބަޔާނުގައި ވެއެވެ.

“އަޅުގަނޑުމެންނަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ ހައްގުތައް ދެމެހެއްޓުމާއި ދިވެހި ގައުމަށް އިހުލާސްތެރިވުމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަަރުންގެ ގޮތުގައި އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުން މަތީ ދެމި ތިބުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ބައެއް ކަަމަށްވީހިނދު މިހާރު ހުށައަޅާފައިވާ ގޮތަށް މި ބިލް ފާސްކުރުމަކީ ދިވެހި ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލި ދިވެހި ގައުމު އިތުުރު ހަމަނުޖެހުންތަކެއްގެ ތެރެއަށް ދިއުމުގެ ފުުރުސަތު އޮތް ކަމެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ މިހާރު ހުށައަޅާފައިވާ ގޮތަށް މި ބިލް ފާސްކުރުމަށް އަޅުގަނޑުމެން ތާއިދު ނުކުރާނެ ވާހަކަ ދަންނަވަމެވެ”

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލަށް އެމްޑީޕީގެ ހަތަރު މެންބަރުން ވެސް ދެކޮޅު ހައްދަވާފައިވެ އެވެ. އެއީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އާއި، ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މުސްލިމުންނާ ދިމާލަށް ކާފަރުންނޭ ގޮވުމަކީ ހުއްދަކަމަކަށް ހަދަން މިމީހުން އުޅޭހެން ހީވަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: